ލަންޑަން (ޖުލައި 6) - ގިނަ ބަޔަކު ހައިރާންކޮށްލުމަށް ފަހު ވިމްބަލްޑަން ޓެނިސް މުބާރާތުގެ ގަދަ 16 ކުޅުންތެރިންގެ ބުރުން ފުރުސަތު ހޯދި އުމުރުން 18 އަހަރުގެ އެމާ ރަޑުކާނޫ، ހަތަރު ވަނަ ބުރުގެ މެޗުގެ ތެރެއިން ނޭވާލާން އުނދަގޫވުމުން މެޗު ދޫކޮށްލަން ޖެހިއްޖެ އެވެ.
އިއްޔެ ކުޅުނު ވިމްބަލްޑަންގެ ހަތަރު ވަނަ ބުރުގެ މެޗު ހުއްޓާލަން ޖެހުނުއިރު، އޮސްޓްރޭލިއާގެ އައިލާ ޓޮމިއާނޮވިޗާ ދެކޮޅަށް އެމާ އޮތީ 4-6 0-3 އިން ފަހަތުގަ އެވެ. ކުއްލިއަކަށް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓުނީ އޭމާ އަށް ނޭވާލާން އުނދަގޫވެ، ޓްރެއިނަރަށް ގޮވާލި ހިސާބުންނެވެ.
ގޮނޑީގައި ބައިންދައިގެން އެމާ އަށް ފަރުވާ ދިނުމަށް ފަހު އިރުކޮޅެއް ފަހުން ޓްރެއިނަރާ ވެސް މަޝްވަރާކުރުމަށް ފަހު އެމާ ނިންމީ އޭނާ އަށް ދެން މެޗު ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

މެޗުގެ ތެރެއިން އެމާ (ކ) އާއި މެޑިކަލް ސްޓާފް އަދި ޓްރެއިނަރު މަޝްވަރާކުރަނީ.-- ފޮޓޯ: އޭއެފްޕީ
އެމާއާ ދެކޮޅަށް ކުޅުނު ޓޮމިއާނޮވިޗް ބުނީ މެޗު ދިޔަ ގޮތުން އެމާ އަށް ދިމާވީ ވަރަށް ދެރަ ގޮތެއް ކަމަށާއި އުއްމީދު ކުރަނީ ވަރަށް އަވަހަށް އޭނާ މުބާރާތް ތަކުން ފެނުން ކަމަށެވެ.
ދާދި ފަހުން އޭ ލެވެލް އިމްތިހާނު ނިންމުމަށް ފަހު އެމާ މި ފަހަރުގެ ވިމްބަލްޑަން ކުޅެން ފުރުސަތު ހޯދީ ވައިލްޑްކާޑް އެންޓްރީއެއްގަ އެވެ. މިއީ އޭނާ ވާދަކުރި މި ލެވަލްގެ ފުރަތަަމަ ޕްރޮފެޝަނަލް ޓެނިސް މުބާރާތެވެ. އޭނާ ވަނީ ގަދަ 16 ކުޅުންތެރިންގެ ބުރަށް އައުމުގެ ކުރިން ގިނަ ރެކޯޑްތަކެއް ހަަދައިފަ އެވެ.
ދުނިޔޭގެ ރޭންކިންގެ 338 ވަނައިގައި އޮތް އެމާ އަކީ އަލަތު މުބާރާތެއްގެ ގޮތުގައި ގްރޭންޑް ސްލޭމަކަށް (ޓެނިހުގެ ބޮޑު މުބާރާތަކަށް) ނުކުމެ ގަދަ 16 ކުޅުންތެރިންގެ ތެރެއިން ފުރުސަތު ހޯދި އިންގްލެންޑަށް އުފަން އެންމެ ހަގު އަންހެން ކުޅުންތެރިޔާ އެވެ. އަނެއް ކޮޅުން މިއީ 2002 ވަނަ އަހަރަށް ފަހު ވިމްބަލްޑަން ޓެނިސް މުބާރާތުގެ ހަތަރު ވަނަ ބުުރުން އުމުރުން 18 އަހަރުގެ ކުޅުންތެރިއަކަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.
ދިމާވި ކުއްލި ހާދިސާއެއްގެ ސަބަބުން އެމާ އަށް މުބާރާތުން ވަކިވާން ޖެހުނު ނަމަވެސް އޭނާ އަށް ބޮޑު ކުރިއެރުމެއް ލިބޭނެ އެވެ. މި މުބާރާތަށް ފަހު ދެން އިއުލާނުކުރާ ދުނިޔޭގެ ރޭންކިން އިން އެމާ އަށް ގަދަ 100 ކުޅުންތެރިންގެ ތެރެއިން ފުރުސަތު ލިބުމުގެ ފުރުސަތު ބޮޑެވެ. އަދި މި ފަހަރުގެ ވިމްބަލްޑަންގެ ތިން މެޗަކުން މޮޅުވެފައިވާތީ ފައިސާ އިނާމުގެ ގޮތުގައި އެމާ އަށް 250,000 ޑޮލަރު ލިބޭނެ އެވެ.












