ލަންޑަން (ޖުލައި 6) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި މިރޭ މޮޅަށް ކުޅެގެން އިޓަލީން ސްޕެއިން ބަލިކޮށްފިނަމަ ފައިނަލުގައި އިޓަލީ އަށް ސަޕޯޓްކުރާނެ ކަމަށް ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.
އިޓަލީން މި ފަހަރުގެ ޔޫރޯގައި ބޯޅަ ހިފަހައްޓައިގެން މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅޭ ފުޓްބޯޅަ ކުޅޭތީ ގިނަ ބަޔަކު އަންނަނީ އެ ޓީމަށް ތައުރީފު ކުރަމުންނެވެ. ސްޕެއިނުން ވެސް ކުޅެނީ ބޯޅަ ހިފަހައްޓައިގެން ކުުޅޭ ޕާސިން ސްޓައިލުގެ ފުޓްބޯޅައެކެވެ. އެންރީކޭ ވަނީ ފައިނަލުގައި އިޓަލީ އަށް ސަޕޯޓްކުރާނެ ހާލަތެއް އެބައޮތް ކަމަށް ބުނެފަ އެެވެ.
"މެޗު ޑޮމިނޭޓްކުރުމަކީ ދަނޑުމަތީގައި މި މެޗުގައި ހިނގާނެ ހަނގުރާމައެއް. ހަނދާން ނައްތާލައިގެން ނުވާނެ ބޯޅަ ނެތި ވެސް އިޓަލީން މި ފަހަރުގެ މުބާރާތުގައި ވަރަށް ރަނގަޅަށް ޓެކްޓިކްސް ހިފަހައްޓައިގެން ކުޅޭ. އަހަރެމެން މޮޅުވިއްޔާ ވަރަށް ރަނގަޅު. އެކަމަކު، މި މެޗުން އިޓަލީ ރަނގަޅަށް މޮޅަށް ކުޅެގެން މޮޅުވިއްޔާ އަހަރެން ފައިނަލުގައި ސަޕޯޓްކުރާނީ އިޓަލީ އަށް،" މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެންރީކޭ ބުންޏެވެ.
އިޓަލީގެ ދެ ޑިފެންޑަރުން ކަމަށްވާ ލިއޮނާޑޯ ބޮނޫޗީ އާއި ޖިިއޮޖިއޯ ކިއެލީނީ އަށް އެންރީކޭ ވަނީ ތައުރީފުކޮށްފަ އެވެ. އަދި އިޓަލީން ކޮންމެ ކުޅުންތެރިއަކު ދަނޑުމައްޗަށް ނެރުނު ކަމުގައި ވިޔަސް ޓީމު ރޫހުގައި މޮޅަށް ކުޅޭ ކަމަށް އެންރީކޭ ވަނީ ބުނެފަ އެވެ.
ބަދަލު ހިފުމުގެ ރޫހެއް ނެތް: އެންރީކޭ
މިރޭގެ މެޗަކީ އެންރީކޭ އަށް އިޓަލީގެ ކިބައިން ދެ ކަމަކަށް ބަދަލު ހިފަން ލިބޭ ފުރުސަތެއް އޮތް މެޗެއްގެ ގޮތުގައި ވެސް ބައެއް މީޑިއާތަކުންވަނީ ސިފަކޮށްފަ އެވެ.
ފުރަތަމަ ކަމަކީ 1994 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުން އިޓަލީ އަތުން 2-1 އިން ސްޕެއިން ބަލިވި ފަހުން، އޭރު ކުޅުންތެރިއަކަށް ހުރި އެންރިކޭ، އިޓަލީއާ ދެކޮޅަށް ނުކުންނަ ފުރަތަމަ މެޗަށް ވުމެވެ. އެ މެޗުގައި އިޓަލީގެ ޑިފެންޑަރު މައުރޯ ޓަސޮއްޓީ އުޅަބޮށިން ޖަހައި އެންރިކޭގެ ނޭފަތް މަތި ފަޅާލި އެވެ. ނޭފަތުން އޮހޮރެމުން ދިޔަ ލޭތަކާ އެކު، އެންރިކޭ ރެފްރީ ގާތަށް ގޮސް ބުނީ އެއީ ޓަސޮއްޓީ ގަސްދުގައި ކުރި ކަމެއް ކަމަށެވެ. އެކަމަކު ރެފްރީ އަށް އެ މަންޒަރު ނުފެންނާތީ ޓަސޮއްޓީ އަށް ކާޑެއް ނުދައްކަ އެވެ.
އެންރީކޭ ވަނީ 2011 ވަނަ އަހަރު އިޓަލީގެ ރޯމާގެ ކޯޗަކަށް ހުރިއިރު، އޭރު އޭސީ މިލާނުގެ އެސިސްޓަންޓް ކޯޗަކަށް ހުރި ޓަސޮއްޓީއާ ސަލާމްކޮށްފަ އެވެ. އެކަމަކު އަދިވެސް އިޓަލީ އަތުން އެކަމުގެ ބަދަލު ހިފަން އެންރީކޭ ބޭނުންވާނެ ކަމަށް ސްޕެއިނުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ދެ ވަނަ ކަމަކީ މީގެ ނުވަ އަހަރު ކުރިން ރޯމާގެ ކޯޗުކަން އެންރީކޭ އަށް ގެއްލުނީ އެ ޓީމުގައި އޭރު ތިބި ސީިނިއާ ކުޅުންތެރިންނާ މައްސަލަ ޖެހިގެންނެވެ. އޭގެ ތެރޭގައި އޭރު ރޯމާ އަށް ކުޅުނު އަދި މި ވަގުތު އިޓަލީ ގައުމީ ޓީމުގެ ޓެކްނިކަލް ޓީމުގައި މަސައްކަތް ކުރަމުން އަންނަ ޑަނިއެލޭ ޑި ރޮސީ ހިމެނެ އެވެ. އެހެންވެ، އެކަމުގެ ބަދަލު ހިފުމުގެ ރޫހު ވެސް އެންރީކޭގެ އޮންނާނެ ކަމަށް ވާހަކަ ދެކެވެ އެވެ.
"ތި ދެ ކަމަކީ ވެސް ވަރަށް ކުރިން ވެފައި ހުރި ކަންތައް. ބަދަލު ހިފުމުގެ ރޫހެއް ނެތް. ޓަސޮއްޓީގެ ކަންތައްތައް އެއީ ކުޅުމުގެ ކެރިއަރުގައި ހިނގި ކަމެއް. ދަނޑުން ފޭބުމަށް ފަހު އެކަން ނިމުނީ. ދެން ރޯމާ އިން ވަކިވުމަކީ އަަހަރެންގެ އަމިއްލަ ނިންމުމެއް. އެ މީހުން އަހަރެެން ބަހައްޓަން ބޭނުންވި. އެހެންވީމަ މީގެ ނެތް ބަދަލު ހިފަންޖެހޭ ކަމެއް،" އެންރީކޭ ބުންޏެވެ.
އިޓަލީ އެކޭ އެއްގޮތަށް ސްޕެއިނުން ވެސް މި ފަހަރުގެ ޔޫރޯގެ ގިނަ މެޗުތައް ކުޅުނީ އެ ޓީމުގެ ސަޕޯޓަރުންގެ ކުރިމަތީގައި އަމިއްލަ ގައުމުގަ އެވެ. އެކަމަކު ސެމީ ފައިނަލް އަމިއްލަ ސަޕޯޓަރުންތައް މަދުން ތިބި ދަނޑެއްގައި ކުޅެން ޖެހުމަކީ އެންރީކޭ އަށް އޮތް ކަންބޮޑުވުމެކެވެ. އެއީ އިނގިރޭސި ސަރުކާރުން ނިންމި ނިންމުމުގެ ސަބަބުން ކަރަންޓީނު ވުމެއްނެތި ސެމީ އާއި ފައިނަލް ބަލަން އެހެން ގައުމެއްގެ ސަޕޯޓަރުންނަށް މެޗުތަކަށް ނުވަދެވޭ ގޮތަށް އޮތުމުންނެވެ.
ސްޕެއިނާ އެކު އެންރީކޭ ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު އެވެ. އެންރީކޭ ބުނީ މި ފަހަރުގެ ޔޫރޯގައި ސްޕެއިނުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަންގެ ސަޕޯޓް އޭނާ އަށް އެބައޮތް ކަމަށެވެ.
ޔޫރޯގެ ސެމީ ފައިނަލަށް ސްޕެއިން އެންމެ ފަހުން ދަތުރުކުރި ދެ ފަަހަރު ވެސް ވަނީ މުބާރާތް ކާމިޔާބުކޮށްފަ އެވެ. އެއީ 2008 އާއި 2012 ވަނަ އަހަރު އެވެ. އެ ދެ ފަހަރު ވެސް ވަނީ އިޓަލީ ބަލިކޮށްފަ އެވެ. އެ ގޮތުން 2008 ވަނަ އަހަރު ސްޕެއިން ވަނީ ކުއާޓާ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން އިޓަލީ ކަޓުވާލައިފަ އެވެ. އަދި 2012 ވަނަ އަހަރުގެ ފައިނަލުުގައި އިޓަލީ އަތުން މޮޅުވެ، ތިން ވަނަ ފަހަރަށް ސްޕެއިނުން ޔޫރޯ ކާމިޔާބުކުރި އެވެ. އެހެން ނަމަވެސް މީގެ ފަސް އަހަރު ކުރިން 2016 ވަނަ އަހަރުގެ ޔޫރޯގެ ދެ ވަނަ ބުރުގައި އިޓަލީ އަތުން ބަލިވެ ސްޕެއިން ކެޓީ އެވެ.
މިރޭ ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައި ސްޕެއިނާއި އިޓަލީ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 00:00 ގަ އެވެ.












