އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތައް ހޯސްޓްކުރަން ބިޑް ކުރުމުގެ މުއްދަތު ހަމަވާން ކައިރިވެފައިވަނިކޮށް ބަންގްލަދޭޝް އިން ވެސް މުބާރާތް ބާއްވަން ބިޑްކޮށްފި އެވެ.
މި ފަހަރުގެ އޭއެފްސީ ކަޕް ކެންސަލްނުކޮށް ކުރިއަށް ގެންދަން ކުރެވޭ މަސައްކަތުގެ ތެރެއިން ނުނިމި ހުރި ގްރޫޕްތަކުގެ މެޗުތައް ފުރިހަމަ ކުރަން ބަލާއިރު، މެޗުތައް ހޯސްޓްކުރަން ކުރާނެ ގައުމެއް ނުލިބޭ ގްރޫޕްތަކުގެ މެޗުތައް ކެންސަލްކުރަން ޖެހިދާނެ ކަމަށް އޭއެފްސީން އިއްޔެ ވަނީ ބުނެފަ އެެވެ.
އެހެންވެ، އިއްޔެ ބަންގްލަދޭޝްގެ އިތުރުން ރާއްޖޭން ވެސް ވަނީ ދެކުނު އޭޝިއާ ގްރޫޕްގެ މެޗުތައް އަންނަ މަހު ހޯސްޓްކުރަން ބިޑްކޮށްފަ އެވެ. އިންޑިއާ އިން ބިޑްކުރިކަމުގެ ރަސްމީ މައުލޫމާތެއް ލިބިފައިނުވެ އެވެ.
އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގައި މި ވަގުތު އޮތީ ރާއްޖޭގެ މާޒިޔާ އާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އެވެ. އެ ގްރޫޕްގެ ފަހު ޖާގަ ލިބޭނީ ޕްލޭއޮފްބުރުގައި އޮތް ރާއްޖޭގެ އީގަލްސް ނޫނީ އިންޑިއާގެ ބެންގަލޫރަށެވެ.
މިހާރު އޮތްގޮތުން އޭއެފްސީން ނިންމާފައިވާ ތާރީހުތަކަކީ އަންނަ މަހުގެ 15 ވަނަ ދުވަހު އީގަލްސް އާއި ބެންގަލޫރު ބައްދަލުކުރާ ޕްލޭއޮފް މެޗު ކުޅޭށެވެ. އަދި ގްރޫޕް ސްޓޭޖުގެ މެޗުތައް އަންނަ މަހު 18 އިން 24 އަށް ކުރިއަށްގެންދާށެވެ.
ބަޝުންދުރާ ކިންގްސް އިން ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނުގައި އިއްޔެ އެދުނީ ސިލްހެޓް ސިޓީގައި މެޗުތައް ކުޅޭ ގޮތަށް އޭއެފްސީ ކަޕް މެޗުތައް ހޯސްޓްކުރަން ބިޑް ކުރުމަށެވެ.
ސިލްހެޓްގައި ކުޅެން ނިންމި އެންމެ ބޮޑު ސަބަބަކީ ޑާކާގެ ބަންގުބަންދު ސްޓޭޑިއަމްގައި މަރާމާތުގެ މަސައްކަތްތަކެއް ކުރަން ނިންމާފައިވާތީ އެވެ. އަދި ބަންގްލަދޭޝްގައި ކޮވިޑްގެ ހާލަތު މި ވަގުތު ގޯސްކޮށް އޮތީ ޑާކާގައި ކަމަށްވެފައި ސިލްހެޓްގައި ބަބްލްއެއްގެ ތެރޭގައި މެޗުތައް ކުރިއަށް ގެންދަން ފަސޭހަވާނެތީއާ ވެސް އެކު ބަޝުންދުރާ އިން އެ ސަރަހައްދުގައި މެޗުތައް ކުޅެން ބޭނުންވީ އެެވެ.
މިދިޔަ މެއި މަހު ރާއްޖޭގައި ބާއްވަން މަސައްކަތްކޮށް ފަހު ވަގުތު ފަސްކުރަން ޖެހުނު އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގެ މެޗުތައް އަލުން އެންމެ ފުރަތަމަ ބާއްވަން ބެލީ މިދިޔަ ހަފްތާ އާއި މި ހަފްތާގަ އެވެ. އެކަމަކު، އެއްވެސް ގައުމަކުން މި މުއްދަތުގައި މެޗުތައް ބާއްވަން ބިޑްނުކުރާތީ އޭއެފްސީ އަށް ޖެހުނީ އަންނަ މަހަށް މެޗުތައް ފަސް ކުރާށެވެ.
ބަޝުންދުރާ ކިންގްސް އިން މީގެ ކުރިން ވަނީ ބަންގްލަދޭޝްގެ ލީގު ނިމުމުން އަންނަ މަހު އޭއެފްސީ ކަޕް މެޗުތައް ޝެޑިއުލްކުރަން ކުރަން އޭއެފްސީ ކިބައިން އެދިފަ އެވެ. އަދި އެ ގޮތަށް އޭއެފްސީން ކަންތައްތައް ކޮށްދީފިނަމަ ބަޝުންދުރާ އިން އޭއެފްސީ ކަޕްގެ މެޗުތައް އެ ގައުމުގައި ހޯސްޓްކުރަން މަސައްކަތްކުރާނެ ކަމަށް އެ ކްލަބްގެ ރައީސް އިމްރުލް ހަސަން ވަނީ މިދިޔަ މަހު އެ ގައުމުގެ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނެފަ އެވެ.
މެއި މަހު ރާއްޖޭގައި އޭއެފްސީ ކަޕްގެ މެޗުތައް ކުޅެން ފުރަތަމަ ރޭވިއިރު، މެޗުތައް އޭރު ނުކުޅެވި ފަސްކުރަން ޖެހުނީ މެޗުތަކަށް މާލެ އައި ބެންގަލޫރުގެ ކުޅުންތެރިން ޕްރޮޓޮކޯލާ ހިލާފުވެ, މަގުމައްޗަށް ނުކުތުމުންނެވެ. އެ ކަމާހެދި އާންމުންގެ ހިތްހަމަނުޖެހުން ބޮޑުވެ, ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ބެންގަލޫރު ޓީމު ވަގުތުން އެނބުރި ގައުމަށް ދާން އެންގެވިއެވެ. އޭރު މުބާރާތް ނުބާއްވަން އާންމުން ވެސް ދިޔައީ ޕްރެޝަރު ކުރަމުންނެވެ.













