މި ފަހަރުގެ ޔޫރޯ އިން ޖަރުމަނު ވަނީ ކަޓައިފަ އެވެ. ކުރިން ނިންމާފައިވާ ގޮތަށް ޖަރުމަނުގެ ކޯޗަކަށް ހުރި ޔަކީމް ލޯ ވަނީ 15 އަހަރަށް ފަހު މަގާމުން ދުރުވެފަ އެވެ. އެ މަގާމާ އަލަށް ހަވާލުވާ ހަންސީ ފްލިކް ޓީމުގެ ބައެއް ކަންކަމަށް ބަދަލުތަކެއް ގެންނަން ޖެހޭކަން ގިނަ ބަޔަކު ވަނީ މިހާތަނަށް ވެސް ފާހަގަކޮށްފަ އެވެ. އެއީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓިއިރު، މި ފަހަރުގެ ޔޫރޯގެ ދެ ވަނަ ބުރުން ކެޓުމުން އަންނަ އަހަރުގެ ވޯލްޑް ކަޕަށް ދުރާލާ ތައްޔާރުވުމުގެ ގޮތުންނެވެ.
ޖަރުމަނު ޓީމަށް ގެންނަން ޖެހޭ ބަދަލުތަކުގެ ތެރެއިން އެންމެ ތަފާތު ހިޔާލެއް ދިނީ ކުރީގެ ކެޕްޓަން މައިކަލް ބަލަކް އެވެ.
ބަލަކް ވަނީ މިއީ ޓީމުގެ ކެޕްޓަން ބަދަލުކުރަން އެންމެ ރަނގަޅު ވަގުތު ކަަމަށް ވެދާނެ ކަމަށް ބުނެފަ އެވެ. މެނުއަލް ނޯޔާ އަތުން ކެޕްޓަން ބޭންޑް ނެގުމަށް ފަހު އަރަމުން އަންނަ ޒުވާން ކުޅުންތެރިޔާ ޔޯސުއާ ކިމިކަށް ދިނުމަކީ ރަނގަޅު ވިސްނުމަކަށް ވެދާނެ ކަމަށް ބަލަކް ބުނެފައިވެ އެވެ.
"ތަފާތު ކަމެއް ގެނެސް ޓީމު ތެރޭގައި އާ ލީޑަރުން ކުރިއެރުވުން އެއީ ފްލިކަށް ކުރެވިދާނެ ކަމެއް. އަހަރެންގެ ނަޒަރުގައި އެ ވިސްނުމުގައި ކިމިކަށް ޖަރުމަނުގެ ކެޕްޓަންކަން ދޭންވީ. މީގެ ކުރިން ވެސް އެ ފަދަ ކަންކަން ހިނގާފައި އެބަހުރި. މިސާލަކަށް އަހަރެން ޖަރުމަނުގެ ކެޕްޓަނަކަށް ހެދީ އޮލިވާ ހާން އަތުން ބޭންޑް ނަގާފައި. އެއީ އަހަންނަށް ކެރިއަރުގައި ލީޑަރެއްގެ ގޮތުގައި ކުރިއަށްދާން ލިބުނު ފުރުސަތަކީ،" ޖަރުމަނުގެ ނޫހަކަށް ބަލަކް ބުންޏެވެ.

ޖަރުމަނުގެ މެޗެއްގެ ތެރެއިން ކިމިކް (ކ) އާއި ނޯޔާ.- ފޮޓޯ: އޭއެފްޕީ
ކިމިކް، 26، ވަނީ ޖަރުމަނުގެ އުމުރުފުރާ ގައުމީ ޓީމުތަކުގައި ކެޕްޓަންކަން ކޮށްފަ އެވެ. އޭނާ އެންމެ ފުރަތަމަ 2016 ވަަނަ އަހަރު ޖަރުމަނުގެ ސީނިއަ ގައުމީ ޓީމަށް ކުޅުނުއިރު، އެ ފަހަރު ޔޫރޯގައި ކުޅެ މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނުނެވެ.
ޖަރުމަނުގެ ކުރީގެ ކެޕްޓަން ފިލިޕް ލާމް އަށް ފަހު އެ ގައުމުގެ ފުޓްބޯޅައިގައި އެއް ލެވަލަކަށް ފަހަތުގެ ކޮންމެ މަގާމަކާއި ޑިފެންސިވް މިޑްފީލްޑަރު އަދި ސެންޓަ މިޑްފީލްޑަރަކަށް ވެސް ކުޅެން އެންމެ ފަރިތަ ކުޅުންތެރިއަކަށް ފެނުނީ ކިމިކް އެވެ. ބަޔާން މިއުނިކުން ކިމިކް ގެނައީ ވެސް ލާމްގެ މަގާމަށެވެ.
ޖަރުމަނުގެ ފުޓްބޯޅަ ތަޖުރިބާކާރުން ދެކޭ ގޮތުގައި ބަލަކްގެ ވިސްނުމާ އެއްގޮތަށް ނޯޔާ އަތުން ކެޕްޓަން ބޭންޑް ނަގައިފިނަމަ ޓީމުގައި މި ވަގުތަށް އިތުރު މައްސަލަތަކެއް ކުރިމަތިވެދާނެ އެވެ. އަދި ކުރީގެ ބައެއް ކުޅުންތެރިން ވެސް ވަނީ ކެޕްޓަން ބަދަލުކުރުން މި ވަގުތަށް ރަނގަޅުނުވާނެ ކަމަށް ބުނެފަ އެވެ. އެ ކުޅުންތެރިންގެ ތެރޭގައި ލޯތާ މަތައިސް އާއި ބަސްޓިއަން ޝްވައިންސްޓައިގާ ހިމެނެ އެވެ.
މަތައިސް ބުނީ ކުރިއަށް އޮތްތަނުގައި ކިިމިކަށް ކެޕްޓަންކަން ދޭންވި ކަމަށާއި އެކަމަކު ކޯޗުކަމާ ފްލިކް ހަވާލުވާ ގޮތަށް ކެޕްޓަން ބަދަލުކުރުމަކީ އޭނާ އަށް ޓީމާ އެކު ކުރިއަށްދިއުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ.
ޝްވައިންސްޓައިގާ ދެކޭގޮތުގައި މި ވަގުތު ކެޕްޓަން ބޭންޑް ދިނުމަށް ވުރެ، ކިމިކްގެ ބޭނުން ގައުމީ ޓީމަށް ހިފޭނެ މާ ރަނގަޅު ގޮތެއް އެބައޮތެވެ. އެއީ މިޑްފީލްޑަރެއްގެ މަގާމުގައި ކިމިކް ބޭނުން ކޮށްގެންނެވެ. އާންމު ގޮތެއްގައި ޖަރުމަނު ޓީމުގައި ކިމިކް ބޭނުންކޮށްފައި ހުރީ ފުލްބެކެއްގެ ގޮތުގަ އެވެ. ޖަރުމަނު ޓީމަށް މި ފަހަރުގެ ޔޫރޯ އަށް ފަހު ޓޯނީ ކްރޫސް ކުޅުން ހުއްޓާލާފައިވާއިރު، ދެން އެތަނަށް ކުޅުވަން އެންމެ ރަނގަޅީ ކިމިކް ކަމަށް ޝްވައިންސްޓައިގާ ވަނީ ބުނެފަ އެވެ.












