ފޯނުކޮށްގެން އެޕޮއިންޓްމަންޓް ހަމަޖެއްސުމުގެ އިތުރުން ޓޯކެން ނަންބަރު ދޫކޮށްގެން ކޮވިޝީލްޑުގެ ދެވަނަ ޑޯޒް ޖަހައިދޭ ގޮތަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.
އެންމެ ފުރަތަމަ އިއުލާންކުރީ ފޯނުން ގުޅައިގެން އެޕޮއިންޓްމަންޓް ދޭ މީހުންނަށް އެކަނި ކޮވިޝީލްޑުގެ ދެ ވަނަ ޑޯޒު ޖަހާށެވެ. އެކަމަކު ފެބުރުއަރީ 1 އިން މާޗް 15 އާ ދެމެދު ކޮވިޝީލްޑުގެ ފުރަތަމަ ޑޯޒު ޖެހި މީހުންނަށް ކިއުބީ މެދުވެރިކޮށް ޓޯކެން ދޫކުރާގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
އެޗްޕީއޭ އިން ބުނިގޮތުގައި އެއްވެސް ސެންޓަރެއްގައި އާއްމުކޮށް ހުޅުވާލައިގެން ކޮވިޝީލްޑް ވެކްސިން ޖެހުން ކުރިއަށް ގެންދަން އަދި ހަމަޖެހިފައެއް ނުވެ އެވެ. މިވަގުތަށް އިސްކަންދެނީ، އެޗްޕީއޭ އިން އިސްވެ ފޯނުކޮށްގެން ނުވަތަ ޓޯކެން ދޫކުރާ މީހުންނަށް އެކަނި ވެކްސިން ކުރިއަށް ގެންދަން ކަމަށް ބުންޏެވެ.
ކޮވިޝީލްޑްގެ ލިބުނު އާ ޝިޕްމެންޓަކީ ހެޔޮއެދޭ ފަރާތަކުން ރާއްޖެއަށް ހަދިޔާކުރި ޝިޕްމެންޓެއް ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. އެ ވެކްސިން ޝިޕްމެންޓާއެކު ވެކްސިން ޖެހުން މެދުކެނޑުމެއް ނެތި ކުރިއަށް ގެންދެވޭނެ ކަމަށް ބުނެފައިވާ ނަމަވެސް ލިބިފައި ވަނީ ކިހާ އަދަދެއްގެ ވެކްސިނެއް ކަމެއް ހާމައެއް ނުކުރެ އެވެ.

ވެކްސިން ޖަހަން ކިއުބީ މެދުވެރިކޮށް ޓޯކެން ދޫކުރަން ނިންމާފައި ވަނީ ދެ ދަންފަޅިއަކަށެވެ. އެއީ ހެނދުނާއި މެންދުރެވެ. ހަތަރު ސެންޓަރެއްގައި ވެކްސިން ޖެހުން ކުރިއަށް ގެންދަން ހަމަޖައްސާފައިވެ އެވެ.
- ސޯޝަލް ސެންޓަރު: (ހެނދުނު 200 ޓޯކެން, މެންދުރު 200 ޓޯކެން)
- އިސްލާމިކް ސެންޓަރު: (ހެނދުނު 200 ޓޯކެން, މެންދުރު 200 ޓޯކެން)
- ނޭޝަނަލް އާޓް ގެލަރީ: (ހެނދުނު 70 ޓޯކެން, މެންދުރު 70 ޓޯކެން)
- ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރު: (ހެނދުނު 120 ޓޯކެން, މެންދުރު 120 ޓޯކެން)
ރާއްޖޭގެ ވެކްސިން ޕްރޮގްރާމް ފެށީ އިންޑިއާ އިން ހަދިޔާކުރީ 200،000 ޑޯޒުންނެވެ. ގިނަ ބަޔަކު ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒު ޖަހައި، ދެވަނަ ޑޯޒުގެ އިންތިޒާރުގައި ތިއްބައި ވެކްސިން ނެތިގެން ދެވަނަ ޑޯޒު ޖެހުން މެދުކަނޑާލި އެވެ. އޭރު ގިނަ ބަޔަކު ފުރަތަމަ ޑޯޒު ޖެހިތާ އަށް ހަފުތާ އޮތީ ވެފަ އެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ކޮވިޝީލްޑް ޖަހަން ފެށުމަށް ފަހު ދެ ވަނަ ޑޯޒުގެ މުއްދަތެއްގެ ގޮތުގައި ދިނީ އަށް ހަފުތާ އެވެ. ނަމަވެސް ފަހުން އެޗްއީއޯސީން ބުނެފައި ވަނީ ފުރަތަމަ ޑޯޒު ޖެހިތާ، 12 ހަފުތާ ފަހުން ދެ ވަނަ ޑޯޒު ޖެހުމަކުން މައްސަލައެއް ދިމައެއް ނުވާނެ ކަމަށެވެ.












