ސަލްޒްބާގް (ޖުލައި 4) - މި ފަހަރުގެ ޔޫރޯ ކާމިޔާބު ކުރުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތް ޓީމަކީ އިންގްލެންޑް ކަމަށް ޗެލްސީ އަށް ކުޅޭ ޖަރުމަނުގެ ފޯވާޑް ޓިމޯ ވާނާ ބުނެފި އެވެ.
އޮސްޓްރިއަން ގްރޭންޑް ޕްރީގައި ސްކައިސްޕޯޓްސް އިން ކުރިއަށްގެންދިޔަ ކަވަރޭޖްގައި ވާނާ ބައިވެރިވިއިރު، އޭނާ ތައާރަފްކުުރުމުގެ ގޮތުން ކަވަރޭޖްގެ ހޯސްޓަށް ބުނެވުނީ ވާނާ އަކީ ޗެލްސީ އާއި ޖަރުމަނުގެ ގޯލްކީޕަރެއް ކަމަށެވެ. އެކަމަކު، ފަހުން ވަނީ އެ ކުށް އިސްލާހުކޮށް ވާނާ އަކީ ހުނަރުވެރި ފޯވާޑެއް ކަމަށް ބުނެފަ އެވެ.
އިންގްލެންޑުން މީގެ ކުރިން ދުވަަހަކު ވެސް ޔޫރޯ ކާމިޔާބު ކޮށްފައިނުވި ނަމަވެސް އެ ޓީމަށް މި ފަހަރުގެ މުބާރާތް ކާމިޔާބު ކުރެވިދާނެ ކަމަށް ވާނާ ވަނީ ބުނެފަ އެވެ.
"އަހަރެން ދެކޭ ގޮތުގައި އެ މީހުންނަށް (އިންގްލެންޑަށް) ޗެމްޕިއަންކަން ހޯދިދާނެ،" ވާނާ ބުންޏެވެ.
ވާނާ އަކީ މިދިޔަ ސީޒަނުގައި ޗެލްސީން ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޓީމުގައި ހިމެނޭ ކުޅުންތެރިއެކެވެ. ޗެލްސީ އަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ޓީމުގައި ހިމެނޭ މޭސަން މައުންޓާއި ރީސް ޖޭމްސް އަދި ބެން ޗިލްވެލް މި ފަހަރުގެ ޔޫރޯގައި ވާދަކުރާ އިންގްލެންޑް ޓީމުގައި ހިމެނެ އެވެ.
އިންގްލެންޑުން ވަނީ ދެ ވަނަ ބުރުގައި ޖަރުމަނު ކަޓުވާލައިފަ އެވެ. މިއީ 1966 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ބޮޑު މުބާރާތެއްގެ ނޮކައުޓް މެޗަކުން ޖަރުމަނު އަތުން އިންގްލެންޑަށް ލިބުނު ފުރަތަމަ މޮޅެވެ. ވާނާ ބުނީ އިންގްލެންޑަށް އެ މެޗުން މޮޅެއް ހައްގުވާ ކަމަށެވެ.
"ޔޫކްރެއިނާ ދެކޮޅަށް ވެސް އިންގްލެންޑް ފެނުނީ ތަފާތުކޮށް. ޖަރުމަނާ ދެކޮޅަށް ވެސް އިންގްލެންޑަށް ލިބުނީ ހައްގު މޮޅެއް،" ވާނާ ބުންޏެވެ.
"އަހަރެންގެ ނަޒަރުގައި އަމިއްލަ ދަނޑުގައި (ފަހު މެޗުތައް) ކުޅޭތީ އިންގްލެންޑަށް މި މުބާރާތް ކާމިޔާބު ކުރެވުމުގެ ފުރުސަތު އެބައޮތް،"
ޔޫރޯގެ ސެމީ ފައިނަލުގައި އިންގްލެންޑް ކުޅޭނީ ޑެންމާކާ ދެކޮޅަށެވެ. އަދި އެ މެޗުން މޮޅުވެއްޖެނަމަ އިންގްލެންޑުން ފައިނަލުގައި ބައްދަލުކުރަން ޖެހޭނީ އިޓަލީ ނޫނީ ސްޕެއިން ކުޅެގެން މޮޅުވާ ޓީމަކާ އެވެ.












