"ކީއް ކުރަން މާ ބައިވަރު ޖޯޒީ ތި ގެންދަނީ؟"
މިއީ މި ފަހަރު ވިމްބަލްޑަން ޓެނިސް މުބާރާތުގައި ވާދަކުރަން ބަބްލްތެރެއަށް ވަންނަން ކޭމްޕަށް ދިއުމުގެ ކުރިން އުމުުރުން 18 އަހަރުގެ އިނގިރޭސި ޓެނިސް ކުޅުންތެރިޔާ އެމާ ރަޑުކާނީ ދަބަހަށް އެއްޗެހި އަޅަމުންދިޔައިރު، އޭނާގެ އާއިލާގެ މެމްބަރުން ސަމާސާއެއް ކުރުމުގެ ގޮތުން ބުނި ވާހަކަ އެކެވެ. އެއީ އޭ ލެވަލް އިމްތިހާނު ނިންމާލުމަށް ފަހު އާއިލާއާ އެކު ވަގުތު ހޭދަނުކޮށް ބޮޑު މުބާރާތެއްގައި ކުޅެން އެމާ ދާތީ ބުނި އެއްޗެކެވެ. އާއިލާ އިން ކުރި އެ ސަމާސާ އަކީ އެމާ އަށް މުބާރާތުގައި މާ ދުރަށް ނުދެވޭނެ ކަމަށް ހީވާތީ ބުނި ވާހަކަ އެކެވެ.
ދަށް ރޭންކްގެ ކުޅުންތެރިންނަށް ލިބޭ ފުރުސަތުތަކުގެ ތެރެއިން ޖާގައެއްގައި މުބާރާތުގައި ވާދަކުރާ އެމާ އަށް ތިން ވަނަ ބުރުން ޖާގަ ލިބުނީ ތަޖުރިބާގެ ގޮތުން ބަލާއިރު ރަނގަޅު ދެ ކުޅުންތެރިން ކަމަށްވާ ރަޝިއާގެ ވިޓާލިއާ ޑިއަޗެންކޯ އާއި ޗެކް ރިޕަބްލިކްގެ މާކެތާ ވޮންްދްރޯސޯވާ ބަލިކޮށްފަ އެވެ. މިއީ 2002 ވަނަ އަހަރަށް ފަހު ވިމްބަލްޑަން ޓެނިސް މުބާރާތުގެ ތިން ވަނަ ބުުރުން އުމުރުން 18 އަހަރުގެ ކުޅުންތެރިއަކަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.

މުބާރާތުގެ މެޗެެއްގެ ތެރެއިން އެމާ ސާވިސްއެއް ކުރަނީ.-- ފޮޓޯ: އޭއެފްޕީ
އެމާ، އިއްޔެ ވަނީ ދުނިޔޭގެ 45 ވަނައިގައި އޮތް ރުމޭނިއާގެ ސޮރާނާ ސިރްސިޓިއާ ބަލިކޮށް ވިމްބަލްޑަންގެ ހަތަރު ވަނަ ބުުރުން (ގަދަ 16 ކުޅުންތެރިންގެ) ފުރުސަތު ހޯދައި އަލަތު މުބާރާތުގައި މިހާތަނަށް ވެސް ތާރީހީ ކާމިޔާބެއް ހޯދައިފަ އެވެ.
އިއްޔެ ސޮރާނާ ބަލިކުރުމަށް ފަހު ދިން އިންޓަވިއުގައި ދުނިޔޭގެ ރޭންކިންގެ 338 ވަނައިގައި އޮތް އެމާ ވަނީ އާއިލާ އިން މުބާރާތުގެ ކުރިން ދެއްކި އެ ވާހަކަ އަށް މަޖާޒީ ގޮތަކަށް ޖަވާބެއް ދީފަ އެެވެ.
"އަހަންނަށް ހީވަނީ އަހަރެން ޖޯޒީ ދޮންނަން މަސައްކަތްތަކެއް ކުރަން ޖެހިފައި މި އޮތީ،" މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމުގެ އަމާޒުގައި ހުރި އެމާ ބުންޏެވެ.
އެމާ އަކީ އަލަތު މުބާރާތުގައި ގްރޭންޑް ސްލޭމަކަށް (ޓެނިހުގެ ބޮޑު މުބާރާތަކަށް) ނުކުމެ ގަދަ 16 ކުޅުންތެރިންގެ ތެރެއިން ފުރުސަތު ހޯދި އިންގްލެންޑަށް އުފަން އެންމެ ހަގު އަންހެން ކުޅުންތެރިޔާ އެވެ. އެމާ ބުނީ މިއީ އޭނާ ދުވަހަކު ވެސް އުއްމީދުކުރި ވަރުގެ ކާމިޔާބީއެއް ނޫން ކަމަށެވެ.
"މިއީ އަހަރެން މިހާތަނަށް ކުޅުނު އެންމެ ބޮޑު (ޓެނިސް) ކޯޓު. ފުރަތަމަ މެޗުތަކުގައި ހާސްވެގެން އުނދަގޫތަކެއް ދިމާވި. މިހާރު މި އަންނަނީ މި މާހައުލަށް ހޭނެމުން،" އެމާ ބުންޏެވެ.
ފުރަތަމަ ފަހަރަށް ޓެނިހުގެ ގްރޭންޑްސްލޭމް މުބާރާތެއްގައި ވާދަކޮށް އެމާގެ ފަރާތުން ފެންނަ ކުޅުމަށް ޓެނިހުގެ ލެޖެންޑުން އަންނަނީ ތައުރީފު ކުރަމުންނެވެ. އަދި ރަނގަޅަށް ކެރިއަރަށް ފޯކަސް ކޮށްފިނަމަ އެމާ އަށް މޮޅު ކުޅުންތެރިއަކަށް ވެވޭނެ ކަމަށް ޓެނިހުގެ ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ.
ގަދަ 16 ކުޅުންތެރިންގެ ބުރުގައި އެމާ މާދަމާ ނުކުންނާނީ އޮސްޓްރޭލިއާގެ އައިލާ ޓޮމިއާނޮވިޗާ ދެކޮޅަށެވެ. މީގެ ދެ އަހަރު ކުރިން ދުނިޔޭގެ ރޭންކިންގެ 39 ވަނަ އަށް އެރި އައިލާ މި ވަގުތު އޮތީ ދުނިޔޭގެ 78 ވަނައިގަ އެވެ.












