އިއްޔެ ރާއްޖެ ގެނައި ކޮވިޝީލްޑްގެ ޝިޕްމެންޓަކީ ހެޔޮއެދޭ ފަރާތަކުން ރާއްޖެއަށް ހަދިޔާކުރި ޝިޕްމެންޓެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޕޮއިންޓްމެންޓް ދީގެން ކޮވިޝީލްޑްގެ ދެވަނަ ޑޯޒު ދޭން ވަނީ ފަށާފަ އެވެ. ވެކްސިން ޖެހުމަށް އެޕޮއިންޓް ދޭން ނިންމާފައިވަނީ ފުރަތަމަ ޑޯޒް ޖެހި ތަރުތީބުން ކުރިން ޖެހި މީހުންނަށް އިސްކަންދީގެންނެވެ.
އެގޮތުން ފެބްރުއަރީ މަހު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް ގުޅާނެ އެވެ.
ހެލްތު މިނިސްޓްރީގެ ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާނު "އަދަދު" އަށް ވިދާޅުވީ ލިބުނު އާ ޝިޕްމެންޓާއެކު ވެކްސިން ޖެހުން މެދުކެނޑުމެއް ނެތި ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެކްސިން ލިބެމުންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެ ޝިޕްމެންޓުގައި ލިބިފައި ވަނީ ކިހާ އަދަދެއްގެ ވެކްސިނެއް ކަމެއް ހާމައެއް ނުކުރެ އެވެ.

މީގެ އިތުރުން އޭނާ ސަރުކާރުން ގެނައުމަށް އެއްބަސްވެފައިވާ ވެކްސިން ވަރަށް އަވަހަށް ލިބޭނެ ކަމަށާއި އެކަމާ މަޝްވަރާތައް ކުރެވެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ވެކްސިން ޕްރޮގްރާމް ފެށީ އިންޑިއާ އިން ހަދިޔާކުރީ 200،000 ޑޯޒުންނެވެ. ގިނަ ބަޔަކު ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒު ޖަހައި، ދެވަނަ ޑޯޒުގެ އިންތިޒާރުގައި ތިއްބައި ވެކްސިން ނެތިގެން ދެވަނަ ޑޯޒު ޖެހުން މެދުކަނޑާލި އެވެ. އޭރު ގިނަ ބަޔަކު ފުރަތަމަ ޑޯޒު ޖެހިތާ އަށް ހަފުތާ އޮތީ ވެފަ އެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ކޮވިޝީލްޑް ޖަހަން ފެށުމަށް ފަހު ދެ ވަނަ ޑޯޒުގެ މުއްދަތެއްގެ ގޮތުގައި ދިނީ އަށް ހަފުތާ އެވެ. ނަމަވެސް ފަހުން އެޗްއީއޯސީން ބުނެފައި ވަނީ ފުރަތަމަ ޑޯޒު ޖެހިތާ، 12 ހަފުތާ ފަހުން ދެ ވަނަ ޑޯޒު ޖެހުމަކުން މައްސަލައެއް ދިމައެއް ނުވާނެ ކަމަށެވެ.













