ރޯމް (ޖުލައި 4) - އިންގްލެންޑްގައި މިހާރު އޮތް ޖީލަށް އެ ގައުމުގެ ފުޓްބޯޅަ ތާރީހު ބަދަލުކޮށްލެވޭފަދަ ކާމިޔާބެއް ހޯދިދާނެ ކަމަށް އެ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް ބުނެފި އެވެ.
އިންގްލެންޑްގެ ތާރީހުގައި އެ ޓީމުން މި ވަނީ ދެ ފަހަރެއްގެ މަތިން ޖެހިޖެހިގެން ބޮޑު ދެ މުބާރާތެއްގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. އިންގްލެންޑުން 1966 ވަަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރުމަށް ފަހު 1968 ގެ ޔޫރޯގެ ސެމީގައި ކުޅުނެވެ. އަދި އިންގްލެންޑުން މި ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ސެމީ ފައިނަލުގައި ކުޅުމަށް ފަހު މި ފަހަރުގެ ޔޫރޯގެ ސެމީ ފައިނަލުން ވެސް ފުރުސަތު ހޯދައިފަ އެވެ.
ޔުއެފާ އިން މީގެ ތިން އަހަރު ކުރިން ފެށި ނޭޝަންސް ލީގު ހިމަނާނަމަ މިއީ އިންގްލެންޑުން ޖެހިޖެހިގެން ކުޅޭ ބައިނަލްއަަގުވާމީ ތިން ވަނަ ސެމީ ފައިނަލް އެވެ. އެންމެ ފަހުން ދެ ސެމީގައި އިންގްލެންޑް ވީ ބައްޔެވެ. އެއީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކްރޮއޭޝިއާ އަތުންނާއި 2019 ވަަނަ އަހަރުގެ ނޭޝަންސް ލީގުގައި ނެދަލެންޑްސް އަތުންނެވެ.
މި ފަހަރުގެ ޔޫރޯގެ ކުއާޓާ ފައިނަލުގައި ރޭ 4-0 އިން ޔޫކްރެއިން އަތުން މޮޅުވި މެޗަކީ ބޮޑު މުބާރާތެއްގެ ނޮކައުޓް މެޗެއްގައި އިންގްލެންޑުން ހޯދި އެންމެ ބޮޑު މޮޅެވެ. ސައުތުގޭޓް ބުނީ މިހާރު އިންގްލެންޑްގައި މި އޮތް ޖީލަށް ތާރީހު ބަދަލުކޮށްލެވިދާނެ ކަމަށެެވެ.
"އަހަރެމެން މި ހިސާބުން ފުއްދާލައިގެން ތިބީ އެއް ނޫން. އަހަރެމެން މި މެޗު ނިމުމާ ހަމައިން އަނެއްކާ ވެސް އަނެއް ޗެލެންޖް ފުރިހަމަ ކުރަން އަމާޒުހިފައިފިން. އަހަރެމެން މީގެ ކުރިން ދުވަހަކު ވެސް ޔޫރޯގެ ފައިނަލެއްގައި ނުކުޅެން. އެކަން ހާސިލްކޮށް ތާރީހު ލިޔެވޭފަދަ ކާމިޔާބެއް ހޯދަން ބޭނުން،" ސައުތުގޭޓް ބުންޏެވެ.
ޔޫރޯގެ ސެމީ ފައިނަލުގައި އިންގްލެންޑް ކުޅޭނީ ޑެންމާކާ ދެކޮޅަށެވެ. ޑެންމާކް ސެމީގެ ފުރުސަތު ހޯދީ ރޭ ޗެކް ރިޕަަބްލިކް ބަލިކުރުމަށް ފަހު އެވެ.
އަހަރެން އަބަދުވެސް ބުނާ ވާހަކައެއް އެއީ (އިންގްލެންޑް)ގެ މި ޖީލަށް ތާރީހު ބަދަލުކޮށްލެވިދާނެއޭ - ސައުތުގޭޓް
އިންގްލެންޑުން މި ފަހަރުގެ ޔޫރޯ ސެމީ ފައިނަލުން ފުރުސަތު ހޯދިއިރު، މި ފަހަރުގެ މުބާރާތުގައި ކުޅުނު ފަސް މެޗުން ވެސް އެ ޓީމު ކޮޅަށް ގޯލެއް ނުވަދެ އެވެ. މިއީ ޔޫރޯގައި ސެމީ ފައިނަލަށް އައި ޓީމެއްގެ އެންމެ ރަނގަޅު ޑިފެންސިވް ރެކޯޑެވެ.
ސައުތުގޭޓް ބުނީ އިންގްލެންޑަށް އެންމެ ރަނގަޅަށް ޑިފެންސް ކުރެވޭ އެއް ސަބަބަކީ އެޓޭކްގައި ތިބޭ ކުޅުންތެރިން ވެސް ޑިފެންސް ކުރުމުގައި ބައިވެރިވާތީ ކަމަށާއި މިއީ ޓީމެއް އެކުވެގެން ކުރެވޭ މަސައްކަތް ކަމަށެވެ.
ރޭގެ މެޗަކީ އިންގްލެންޑުން މި ފަހަރުގެ ޔޫރޯގައި ރަށުންބޭރުގައި ކުޅުނު ފުރަތަމަ މެޗެވެ. ފުރަތަމަ ހަތަރު މެޗު އިންގްލެންޑުން ކުޅުނީ އަމިއްލަ ގައުމުގައި ސަޕޯޓަރުން ކުރިމަތީ ވެމްބްލީ ސްޓޭޑިއަމްގަ އެވެ. ސެމީ ފައިނަލްގައި އިންގްލެންޑް ކުޅޭ މެޗު އޮންނާނީ ވެސް އެ ދަނޑުގަ އެވެ.
އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ބުނީ ތާރީހީ ކާމިޔާބެއް ހޯދަން ބަލާއިރު އިންގްލެންޑަށް މި މެޗުތައް އަމިއްލަ ދަނޑުގައި ކުޅެން ލިބުމަކީ ޓީމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.












