ފެނާއި ކަރަންޓު އަދި ނަރުދަމާގެ ހިދުމަތްތަކެކޭ އެއް ފަދައިން، ކުނި މެނޭޖުކުރުމުގެ ހިދުމަތުން ވެސް މުދަލާއި ހިދުމަތުން ނެގޭ ޓެކްސް ނުވަތަ ޖީއެސްޓީ އިސްތިސްނާކޮށްދޭން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެ އެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކުރަމުންދާ މަޖިލީހުގެ އިގުތިސޯދީ ކޮމިޓީއަށް ވެމްކޯ އިން ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ޖީއެސްޓީ އިސްތިސްނާ ހިދުމަތްތަކުގެ ތެރޭގައި ފެނާއި ކަރަންޓު އަދި ނަރުދަމާ ހިމެނިގެންވާ ކަމަށެވެ.
ނަމަވެސް، ޔުޓިލިޓީ އޮތޯރިޓީގެ ގާނޫނުގައި ފެނާއި ކަރަންޓު އަދި ނަރުދަމާގެ އިތުރުން ކުނި މެނޭޖުކުރުން ވެސް ގިންތި ކޮށްފައިވަނީ އާއްމު ބޭނުންތަކުގެ ހިދުމަތުގެ ގޮތުގައި އެ ސިޓީގައި ފާހަގަކޮށްފައި ވެ އެވެ.
ކަން އެހެން އޮތް ނަމަވެސް، ވެމްކޯއިން ބުނި ގޮތުގައި، އާއްމު ބޭނުންތަކުގެ ހިދުމަތްތަކުގެ ގޮތުގައި ގިންތި ކޮށްފައިވާ ހިދުމަތްތަކުގެ ތެރެއިން ޖީއެސްޓީ ނަގާ ހަމައެކަނި ހިދުމަތަކީ ކުނި މެނޭޖުކުރުން ކަމަށެވެ.
އެހެންކަމުން ކޮމިޓީން މިހާރު ދިރާސާކުރަމުންދާ ބިލުގެ މަސައްކަތުގެ ތެރެއިން، އާއްމު ބޭނުންތަކުގެ އެހެން ހިދުމަތްތަކެކޭ އެއް ފަދައިން ޖީއެސްޓީ ނެގުމުން އިސްތިސްނާވާ ހިދުމަތްތަކުގެ ތެރޭގައި ކުނި މެނޭޖުރުކުރުމުގެ ހިދުމަތް ވެސް ހިމަނައި ދިނުމަށް ވެމްކޯއިން ވަނީ އެދިފަ އެވެ.

ވެމްކޯއިން އެހެން އެދުނު ނަމަވެސް، ކޮމިޓީން ދިރާސާކުރަމުންދަނީ އާމްދަނީ ޓެކްސް ނެގުމާބެހޭ ގާނޫނަށް ގެނެވޭ އިސްލާހުތަކެއް ކަމަށާއި، ޖީއެސްޓީއަށް އިސްތިސްނާއެއް ހިމެނޭނީ މުދަލާއި ހިދުމަތުން ޓެކްސް ނެގުމުގެ ގާނޫނު އިސްލާހުކޮށްގެން ކަމަށް މަޖިލީހުގެ އިދާރާއިން ކޮމިޓީއަށް ވަނީ ލަފާދީފަ އެވެ.
ކުނި މެނޭޖް ކުރަން ހާއްސަ ކޮށްގެން ވެމްކޯ އުފެއްދީ 2009 ވަނަ އަހަރުގެ ތެރޭގައި އެވެ.
ނަމަވެސް، މުޅި ރާއްޖޭގައި ކުނި ނައްތާލުމުގެ ހާއްސަ މެންޑޭޓަކާއެކު އެ ކުންފުނީގެ ހަގީގީ މަސައްކަތްތައް ފަށާފައިވަނީ 2015 ވަނަ އަހަރެވެ.
މާލޭ ސަރަހައްދުގައި ކުނި މެނޭޖް ކުރުމުގެ މަސައްކަތާ އެ ކުންފުނިން ހަވާލުވެފައި ވަނީ 2016 ވަނަ އަހަރުން ފެށިގެންނެވެ.












