ބްރެޒިލްގެ ކްލަބް ފްލުމިނެންސް ދޫކޮށް 2009 ވަނަ އަހަރު ޒުވާން އުމުރުގައި ތިއާގޯ ސިލްވާ އިޓަލީގެ ގަދަބާރު އޭސީ މިލާނަށް ސޮއިކުރި އަހަރަކީ އޭރު އެ ޓީމަށް ކުޅެމުން އައި އުމުރުން 41 އަހަރުގެ އިޓަލީ ލެޖެންޑަރީ ޑިފެންޑަރު ޕައޮލޯ މަލްޑިނީ ފުޓްބޯޅަ އިން ރިޓަޔާކުރި އަހަރެވެ. އޭގެ 12 އަހަރު ފަހުން މިއަދު ތިއާގޯ ސިލްވާ، އުމުރުން 36 އަހަރުގައި އަޒުމު ކަނޑައަޅައިގެން ހުރީ މަލްޑިނީ ގޮތަށް 41 އަހަރު ވަންދެން ކެރިއަރު ކުރިއަށްގެންދާށެވެ.
މިހާރު ކުރިއަށް ދާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި މިރޭ ޗިލީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތިއާގޯ ސިލްވާ ބުނީ މަލްޑިނީގެ ކެރިއަރުން މިސާލު ނަގަން ބޭނުންވާ ކަމަށެވެ.
"އަދި ވަރަށް ދުވަސް އެބައޮތް އަހަރެންގެ ކެރިއަރު ނިންމާލަން. އެކަމަކު އެއީ އަހަރެންގެ ކޮންޓްރޯލްގައި އޮތް ކަމެއް ނޫން. އަހަރެން ބޭނުން މަލްޑިނީ އޭސީ މިލާނަށް ކުޅުނު ގޮތަށް 40، 41 އަހަރު ވަންދެން ޕްރޮފެޝަނަލީ އެންމެ ޓޮޕް ލެވަލްގައި ކުޅެން. އަހަރެން އަމިއްލަ ނަފްސު ތައްޔާރުކުރަނީ އެ ގޮތަށް. އެންމެ މަތީ ލެވަލްގައި ކުޅެވޭތީ ވަރަށް އުފާވޭ،" ތިއާގޯ ސިލްވާ ބުންޏެވެ.
ފްރާންސްގެ ޕީއެސްޖީ ދޫކޮށް ތިއާގޯ ސިލްވާ މިދިޔަ އަހަރު ބަދަލުވީ ހިލޭ ޓްރާންސްފާއެއްގައި އިނގިރޭސި ކްލަބް ޗެލްސީ އަށެވެ. އޭނާ ވަނީ އެ ޓީމާ އެކު މި އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. އެ ކާމިޔާބީ އަށް ފަހު އިތުރު އެއް އަހަރަށް ޗެލްސީގެ ކޮންޓްރެކްޓް އާ ކުރި އެވެ.
"މިހާރު ކޮންމެ ސީޒަނެއްގައި ދިމާވާ ޗެލެންޖްތަކާ ކުރިމަތިލަމުން މި އަންނަނީ. އަހަންނަށް އެނގޭ މިހާރު އަހަރެންގެ ފިޓްނަސް އެ ހުރީ މީގެ ތިން އަހަރު ކުރިން ހުރި ލެވަލްގައެއް ނޫން ކަން. ޗެމްޕިއަންސް ލީގު ފައިނަލްގައި އަނިޔާވުމުން އަހަރެން ހީކުރީ މި ފަހަރުގެ ކޮޕަ އެމެރިކާގައި ނުކުޅެވޭނެ ކަމަށް. އެކަމަކު ހިތްވަރު ކޮށްގެން މި ހުރީ (ބްރެޒިލް) ޓީމުގައި. އަހަރެންގެ އުއްމީދަކީ އަންނަ އަހަރުގެ ވޯލްޑް ކަޕްގައި ވެސް ކުޅުން،" ބްރެޒިލް އިން 2019 ވަނަ އަަހަރުގެ ކޮޕަ އެމެރިކާ ކާމިޔާބުކުރި ޓީމުގައި ހިމެނުނު ތިއާގޯ ސިލްވާ ބުންޏެވެ.

ބްރެޒިލްގެ މެޗެއްގެ ތެރެއިން ތިއާގޯ ސިލްވާ ބޯޅަ ހިފައިގެން.
ތިއާގޯ ސިލްވާގެ ބަދަލުގައި ބްރެޒިލްގެ ކޯޗު ޓީޓޭ ފަހަކަށް އައިސް ގިނަ މެޗުތަކުގައި ބޭނުންކުރަމުން އަންނަ ދެ ޑިފެންޑަރުންނަކީ ރެއާލް މެޑްރިޑްގެ އެޑާ މިލިޓާއޯ އާއި ޕީއެސްޖީގެ މާކުއީނިއޯސް އެވެ. އެކަމަކު، މުހިއްމު މެޗުތަކުގައި އަދިވެސް ޓީޓޭ އަންނަނީ ތިއާގޯ ސިލްވާ އަށް ފުރުސަތު ދެމުންނެވެ.
"މި ޓީމުގައި ތިއާގޯ ސިލްވާ ހުރުން މުހިއްމުވާ އެއް ސަބަބު. އޭނާ އަކީ ލީޑަރެއް. އެ ފަދަ ދެ ވަނައެއް ނެތް ފަދަ ޓީމު ރޫހު ދަމަހައްޓާ ކުޅުންތެރިއެއް،" ޓީޓޭ ބުންޏެވެ.
ކޮޕަ އެމެރިކާގެ ކުއާޓާ ފައިނަލުގައި މިރޭ ޗިލީއާ ދެކޮޅަށް ކުޅޭއިރު އެ ޓީމަކީ 2015 އާއި 2016 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހަނދާނުން ފޮހެލައިގެން ނުވާނެ ކަމަށް ޓީޓޭ ވަނީ ބުނެފަ އެވެ. ޗިލީ މި ފަހަރުގެ މުބާރާތުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވީ އެއް މެޗުން ކަމުގައި ވިޔަސް ޓީޓޭގެ ނަޒަރުގައި ކުއާޓާ ފައިނަލަކީ ނޮކައުޓް މެޗެއްވުމުން ޗިލީ ނުކުންނާނީ ފުރިހަަމަ އަށް ތައްޔާރުވެގެންނެވެ.
"މިހާ ހިސާބަށް އަހަރެމެންގެ ތައްޔާރީ ރަނގަޅު. ގްރޫޕްގެ އެއް ވަނައިގެ ގޮތުގައި ގިނަ ކުޅުންތެރިންތަކަކަށް ކުޅުމުގެ ފުރުސަތު ދީގެން މި ހިސާބުގައި މި އޮތީ. ރަނގަޅު ލެވަލެއްގައި ކޮންފިޑެންސް ވެސް ހުރީ. އެ ހުރިހާ ކަމަކަށް ބަލާއިރު މެޗު އެނބުރިދާނެ ހުރިހާ ހާލަތަކަށް ތައްޔާރުވެގެން ބްރެޒިލުން ހުންނަން ޖެހޭ. ޗިލީ ފަސޭހައެކޭ ނުބުނާނަން،" ޓީޓޭ ބުންޏެވެ.
ގްރޫޕް ސްޓޭޖު ފަހު މެޗުން އެކުއެޑޯއާ އެއްވަރުވިއިރު، އެ ނަތީޖާއާ އެކު ބްރެޒިލުން ދަމަހައްޓަމުން އައި މޮޅުވުމުގެ ރެކޯޑަށް ވަނީ 10 މެޗަށް ފަހު ނިމުން އައިސްފަ އެވެ. އެ މެޗަށް ނުކުތްއިރު ވެސް ބްރެޒިލަށް އޮތީ ގްރޫޕްގެ އެއް ވަނަ ކަށަވަރުވެފަ އެވެ.
ޓީޓޭ ބުނީ އެކުއެޑޯ މެޗުގައި ބްރެޒިލުން ބޭނުންކުރީ ފުރަތަމަ އެގާރައިގައި އާންމުކޮށް ބޭނުންނުކުރާ ކުޅުންތެރިން ކަމަށެވެ. އެ ކުޅުންތެރިން ޓީމުގައި ހިމަނައިގެން ހާސިލްކުރަން ބޭނުންވި ނަތީޖާ އަކީ މެޗުން މޮޅެއް ހޯދުމުގެ ވިސްނުމަށް ވުރެ، އެ ކުޅުންތެރިންނަށް މެޗެއް ކުޅެލުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.
ބްރެޒިލާއި ޗިލީ ކުޅޭ މެޗު ފަށާނީ މިރޭ ފަތިހު ރާއްޖެ ގަޑިން 5 ޖަހާއިރު އެވެ.












