މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަކީ އޭނާ ގައުމީ ޓީމަށް ކުޅުނު ފަހު މުބާރާތެއް ވުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެކަމަކު ރިޓަޔާކުރާ ވާހަކަ ދައްކަން އަދި ބޭނުމެއް ނުވާ ކަމަށް ތަޖުރިބާކާރު މިޑްފީލްޑަރު ލޫކަ މޮޑްރިޗް ބުނެފި އެވެ. މި މުބާރާތުގައި ވެސް އެއް ފެންވަރެއްގައި ކުޅުން ދެމެހެއްޓި މަދު ކުޅުންތެރިންގެ ތެރޭގައި މޮޑްރިޗް ހިމެނެ އެވެ.
އުމުރުން 35 އަހަރުގެ މޮޑްރިޗް މި ފަހަރުގެ ޔޫރޯގައި ކުޅުނު ފަހު މެޗަކީ ދެ ވަނަ ބުރުގައި ސްޕެއިނާ ދެކޮޅަށް ކުޅުނު މެޗެވެ. ޑެންމާކުގެ ކޯޕެންހާގެންގައި ކުޅުނު އެ މެޗުގައި މޮޑްރިޗް ބަދަލުކުރި ވަގުތު ދަނޑަށް ވަދެ ތިބި ސްޕެއިނާއި ކްރޮއޭޝިއާގެ ސަޕޯޓަރުން ވަނީ ކޮޅަށް ތެދުވެ، މޮޑްރިޗަށް ހޫނު ތަރުހީބެއް ދީފަ އެވެ. އެ މަންޒަރު ސިފަކޮށްދީ ގިނަ މީޑިއާތަކަކުން ވަނީ މިއީ މޮޑްރިޗް ގައުމީ ޓީމަށް ކުޅުނު ފަހު މެޗަށް ވެދާނެތޯ ސުވާލު އުފައްދައިފަ އެވެ.
މޮޑްރިޗް، ކްރޮއޭޝިއާގެ ޓީވީ އަކަށް ބުނީ ރިޓަޔާކުރާ ވާހަކަ ދައްކަން އަދި ބޭނުމެއްނުވާ ކަމަށެވެ.
"އަހަރެމެންނަކީ ވަރަށް ކުޑަ ކުޑަ ގައުމެއް. ވަރަށް ބޮޑު ހިތެއް ކޮންމެ މީހެއްގެ ވެސް އޮންނަނީ. އަހަރެން ޖެހިލުންވޭ މިއީ އަަހަރެން ގައުމީ ޓީމަށް ކުޅެދިން ފަހު މުބާރާތޭ ބުނަން. ރިޓަޔާކުރާ ވާހަކަ ދައްކަން ބޭނުމެއް ނޫން. އަހަންނަށް އަބަދު ވެސް އޮންނާނެ ހިތްހަމަޖެހުމަކީ ގައުމީ ޖޯޒީ ލައިގެން ސަޕޯޓަރުން މާޔޫސްކޮށްލާފައެއް ނޯންނާނެ. ކުރިއަށް އޮތްތަނުގައި ވެސް އެގޮތަށް އެދެނީ،" މޮޑްރިޗް ބުންޏެވެ.

ސްޕެއިނާ ދެކޮޅަށް ކުޅުނު މެޗެެއްގެ ތެރެއިން މޮޑްރިޗް (ކ) ބޯޅަ ހިފައިގެންދެވޭތޯ މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ
މޮޑްރިޗް ވަނީ މި ފަހަރުގެ ޔޫރޯގެ ކުރިން އޭނާ ކުޅެމުން އަންނަ ރެއާލް މެޑްރިޑާ އެކު ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އާ ކޮށްފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން މޮޑްރިޗްގެ ވިސްނުމަކީ އަންނަ އަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލާށެވެ. އަދި ރަސްމީކޮށް ކްލަބް ލެވަލްގައި ކުޅުން ހުއްޓާލުމުގެ ކުރިން މޮޑްރިޗް ބޭނުންވާ އެއް ކަމަކީ އޭނާ ކެރިއަރު ފެށި ކްރޮއޭޝިއާގެ ޑިނަމޯ ޒަަގްރެބަށް އެއް ސީޒަން ކުޅެދިނުން ކަމަށް ކްރޮއޭޝިއާގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
މޮޑްރިޗަކީ ޔޫރޯ ތާރީހުގައި ކްރޮއޭޝިއާ އަށް ގޯލެއް ޖަހައިދިން އެންމެ ޒުވާން އަދި އެންމެ ދުވަސްވީ ކުޅުންތެރިޔާ އެވެ. މޮޑްރިޗް 2008 ވަނަ އަހަރުގެ ޔޫރޯގައި ކްރޮއޭޝިއާ އަށް ގޯލެއް ޖަހައިދިންއިރު އުމުރަކީ 22 އަހަރާއި 273 ދުވަހެވެ. މި ފަހަރުގެ ޔޫރޯގައި ސްކޮޓްލެންޑް ކޮޅަށް ގޯލު ޖެހިއިރު މޮޑްރިޗްގެ އުމުރަކީ 35 އަހަރާއި 286 ދުވަހެވެ. އަދި އޭނާ އަކީ ތަފާތު ތިން ޔޫރޯއެއްގައި ކްރޮއޭޝިއާ އަށް ގޯލެއް ޖަހައިދިން ފުރަތަމަ ކުޅުންތެރިޔާ އެވެ.
ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގެ ފައިނަލަށް ކްރޮއޭޝިއާ ގެންގޮސްދިނުމުގައި މޮޑްރިޗްގެ ދައުރު ބޮޑެވެ. އޭނާ ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާގެ ޓްރޮފީ އާއި އެ އަހަރު ފީފާ އިން ހޮވި ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.
މޮޑްރިޗަކީ ކްރޮއޭޝިއާ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާ އެވެ. ކްރޮއޭޝިއާ ގައުމީ ޓީމަށް 2006 ވަނަ އަހަރު ފުރަތަމަ މެޗެއް ކުޅުނު މޮޑްރިޗް ވަނީ މިހާތަނަށް ގައުމީ ޓީމަށް 142 މެޗު ކުޅެދީފަ އެވެ. އަދި އެ މެޗުތަކުގައި 18 ގޯލު ޖެހި އެވެ.












