ފޮރިން ސާވިސް ބިލު އަންނަ ދައުރުގައި ނިންމާ ގޮތަށް ކަނޑައަޅައިފި

ފޮރިން މިނިސްޓްރީގެ ބައެއް އިސްވެރިން މިދިޔަ އަހަރު ރައީސާ ބޭއްވި ބައްދަލުވުމެއްގައި: ފޮރިން ސާވިސް ވަކި ހިދުމަތަކަށް ހަދަން ސަރުކާރުން ވަނީ ބިލެއް ހުށަހަޅާފައި. -ފޮޓޯ: ރައީސް އޮފީސް

ފޮރިން މިނިސްޓްރީގެ ބައެއް އިސްވެރިން މިދިޔަ އަހަރު ރައީސާ ބޭއްވި ބައްދަލުވުމެއްގައި: ފޮރިން ސާވިސް ވަކި ހިދުމަތަކަށް ހަދަން ސަރުކާރުން ވަނީ ބިލެއް ހުށަހަޅާފައި. -ފޮޓޯ: ރައީސް އޮފީސް

ސިވިލް ސާވިސް އާ ވަކިކޮށް، ފޮރިން ސާވިސްގެ ނަމުގައި ވަކި ހިދުމަތެއް ގާއިމުކުރަން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ އަންނަ ދައުރުގެ ތެރޭގައި ނިންމަން މަޖިލީހުގެ ކޮމިޓީން އިއްޔެ ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ހުށަހަޅުއްވާފައި ފޮރިން ސާވިސްގެ ބިލުގެ ބޭނުމަކީ، ރާއްޖޭގެ ހާރިޖީ ސިޔާސަތު ހަރުދަނާކޮށް، ބައިނަލްއަގުވާމީ ގޮތުން ފެންވަރު ރަނގަޅު މިންގަނޑަކަށް ފެއްތުމަށްޓަކައި ބޭނުންވާ ހާއްސަ ތަމްރީނާއި ހުނަރާއި ތަޖުރިބާ ލިބިފައިވާ ޕްރޮފެޝަނަލް ފޮރިން ސާވިސްއެއް ބިނާކުރުމަށް ފޮރިން ސާވިސްގެ ނަމުގައި ވަކި ހިދުމަތެއް ގާއިމްކުރުން ކަމަށް ބުނެފައި ވެ އެވެ.

އަދި އެ ހިދުމަތް ރޭވިފައިވާ ގޮތާއި އެ ސާވިސް ހިންގުމާ ގުޅޭ އުސޫލުތަކާއި އެ ސާވިސްގެ މުވައްޒަފުންނާ ގުޅޭ އެންމެހާ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ގަނޫނީ އޮނިގަނޑު އެ ބިލު ގާނޫނަކަށް ވުމުން އެކުލަވާލެވޭނެ ކަމަށް ބަޔާންކޮށްފައި ވެ އެވެ.

އެ ބިލު މަޖިލީހަށް ބަލައިގެންފައިވާއިރު، އެ ބިލު ދިރާސާކުރަން ހަވާލުކޮށްފައިވާ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ހުށަހެޅުއްވީ އަންނަ އާދިއްތަ ދުވަހާ ހަމައަށް އެ ބިލު އާއްމުންގެ ހިޔާލަށް ހުޅުވާލުމަށެވެ.

އެ ކަމަށް ތާއީދު ކުރައްވަމުން، ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ އެ ބިލަކީ ވަރަށް ބޮޑު ބިލެއް ކަމަށްވެފައި، އެކަށީގެންވާ ގޮތެއްގައި ދިރާސާކުރުމަށް ވަގުތު ބޭނުންވާ ކަމަށެވެ.

އެގޮތުން، އަންނަ ބުރާސްފަތި ދުވަހު މަޖިލީހުގެ މި ހިނގާ ދެ ވަނަ ދައުރު ނިމި މަޖިލިސް ޗުއްޓީއަށް ދާން ހަމަޖެހިފައިވާތީ، އޭނާ ހުށަހެޅުއްވީ ދެން ފެށޭ ތިން ވަނަ ދައުރުގެ ތެރޭގައި ބިލުގެ މަސައްކަތް ނިންމުމަށް އެ ބިލުގެ ސުންގަނޑި އަންނަ އޯގަސްޓު މަހުގެ 15 ވަނަ ދުވަހަށް ކަނޑައެޅުމަށެވެ.

ނަމަވެސް، އެކަމަށް އިއުތިރާޒު ކުރައްވައި، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ އޯގަސްޓު 15 އަކީ މަޖިލީހުގެ ތިން ވަނަ ދައުރު ފެށޭ ދުވަސް ކަމަށްވާތީ ޗުއްޓީގެ ތެރޭގައި ބިލުގެ މަސައްކަތް ނިންމަން ދަތިވާނެ ކަމަށެވެ.

އަދި އާއްމުންގެ ހިޔާލަށް ވެސް އެކަށީގެންވާ ވަގުތު ދޭންޖެހޭނެ ކަމަށް ގަބޫލުކުރެއްވޭތީ، އޭނާ ހުށަހެޅުއްވީ އޯގަސްޓް މަހުގެ 23 ވަނަ ދުވަހު ބިލުގެ ސުންގަނޑި ކަނޑައެޅުމުގެ އިތުރުން މިއަދުން ފެށިގެން ޖުލައި 15 އާ ހަމައަށް އާއްމުންގެ ހިޔާލަށް ހުޅުވާލުމަށެވެ.

އެއާއެކު، އިއްޔެގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުން ވަނީ އުޝާމްގެ ހުށަހެޅުމަށް ތާއީދުކުރައްވައިފަ އެވެ.

އާއްމުންގެ ހިޔާލު ހޯދުމުގެ އިތުރުން، އެ ބިލަށް ފޮރިން މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ، އެޓާނީ ޖެނެރަލްގެ އޮފީސް އަދި ސިވިލް ސާވިސް ކޮމިޝަންގެ ހިޔާލު ހޯދުމަށްވެސް ކޮމިޓީން އިއްޔެ ނިންމި އެވެ.

އެ ބިލު މަޖިލީހަށް ބަލައިގަތުމުގެ ކުރިން، އިބްތިދާއީ ބަހުސްގައި ގިނަ މެމްބަރުން ވަނީ ފޮރިން ސާވިސް ވަކި ހިދުމަތެއްގެ ގޮތުގައި ހަދަން ތާއީދުކުރައްވާކަން ހާމަކުރައްވައިފަ އެވެ.

ނަމަވެސް، އެ ބިލު މިހާރު އޮތް ގޮތަށް ކޮމިޓީ މަރުހަލާގައި ބައެއް އިސްލާހުތައް ގެންނަންޖެހޭ ކަމަށް ބައެއް މެމްބަރުން ވަނީ ފާހަގަކުރައްވައިފަ އެވެ.

ފޮރިން ސާވިސް ބިލުގެ މުހިއްމު ބައިތައް

ސަރުކާރުން ހުށަހަޅާފައިވާ އެ ބިލު އެ ބިލު ތަސްދީގުކުރާތާ 90 ދުވަހުގެ ތެރޭގައި ފޮރިން ސާވިސްގެ ހިދުމަތް ގާއިމުކުރަންޖެހޭއިރު، އެ ހިދުމަތުގެ އެންމެ އިސް މުވައްޒަފުގެ ގޮތުގައި ހުންނާނީ ފޮރިން ސެކްރެޓަރީ އެވެ.

އެ މަގާމަށް މިނިސްޓަރުގެ ލަފާޔާއެކު ރައީސުލްޖުމްހޫރިއްޔާ ބޭފުޅަކު އައްޔަނުކުރަން ޖެހިވަޑައިގަންނަވާއިރު، އެ މަގާމުގެ މުއްދަތަކީ ގިނަވެގެން ތިން އަހަރުގެ ދެ ދައުރުކަމަށް ބުނެފައިވެ އެވެ.

ނަމަވެސް، އެ މަގާމަށް އައްޔަނުކުރެވޭ ފަރާތަކީ މިނިސްޓްރީގައި މަދުވެގެން 15 އަހަރު މަސައްކަތްކޮށް، ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހޭނެ ކަމަށް ބިލުގައި ވަނީ ކަނޑައަޅައިފަ އެވެ.

އެ ބިލު ފާސްވެ ގާނޫނަކަށް ވުމުން މުވައްޒަފުން ތަމްރީންކުރުމަށް ފޮރިން އިންސްޓްޓިއުޓެއް ވެސް ގާއިމްކުރަން ޖެހޭނެ ކަމަށް ބުނެފައި ވެ އެވެ.

އެ އިންސްޓްޓިއުޓަކީ ގާނޫނުގެ ދަށުން ބާރުލިބޭ ތަނަކަށް ވާއިރު، އެ އިންސްޓްޓިއުޓްގެ މެންޑޭޓްގެ ތެރޭގައި ފޮރިން ސާވިސްގައި މަސައްކަތް ކުރާ އެންމެހާ މުވައްޒަފުންނަކީ ފޮރިން ސާވިސްގެ މަގުސަދުތައް ހާސިލުކުރެވޭފަދަ ހާއްސަ ތަމްރީނާއި ހުނަރާއި ތަޖުރިބާ ލިބިގެންވާ ބަޔަކަށް ހެދުމަށް ތަމްރީން ދިނުން ހިމެނެ އެވެ.

އެ އިންސްޓިޓިއުޓްގެ އިތުރުން، ރާއްޖޭގެ ހާރިޖީ ސިޔާސަތާ ގުޅޭ މަސައްކަތްތައް ހަރުދަނާ ކުރުމަށް ބޭނުންވާ ލަފާ ދިނުމަށްޓަކައި ފޮރިން ސާވިސް އެޑްވައިޒަރީ ބޯޑެއް ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އެކުލަވާލަންޖެހޭނެ ކަމަށް ބުނެފައި ވެ އެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އެ ބޯޑަށް މެމްބަރުން އައްޔަނުކުރުމާއި ވަކި ކުރުމުގެ ބާރު ފޮރިން މިނިސްޓަރަށް ދީފައިވާއިރު، އެ ބޯޑުގައި ތިއްބަވާނީ ފޮރިން ސެކްރެޓަރީ އާއި ފޮރިން ސާވިސް އިންސްޓިޓިއުޓްގެ އިސްވެރިޔާގެ އިތުރުން، މުވައްޒަފުންގެ ތިން ގިންތިއެއް ތަމްސީލުވާ ގޮތަށެވެ.

އެ ބިލުގައި ރާއްޖޭން ބޭރުގައި ގާއިމުކުރާ މިޝަންތަކަށް ސަފީރުން އައްޔަނުކުރުމުގެ އުސޫލުތައް ވެސް ހިމަނާފައި ވެ އެވެ.

އެގޮތުން، ސަފީރުކަމަށް ފޮރިން ސާވިސްގެ މުވައްޒަފުންނާއި ފޮރިން ސާވިސްއިން ބޭރުން ވެސް މީހުން އައްޔަނުކުރެވޭއިރު، އެއް ގައުމަކަށް ކަނޑައަޅާފައި ބެހެއްޓޭނީ ގިނަ ވެގެން ހަތަރު އަހަރުގެ މުއްދަތަށް ކަމަށް ބުނެފައި ވެ އެވެ.

ފޮރިން ސާވިސްއިން ބޭރުން އައްޔަނުކުރާ ސަފީރުން، ވެރިކަން ބަދަލުވާ ހާލަތެއްގައި އިސްތިއުފާ ދޭން ޖެހޭނެކަމަށް ބަޔާންކޮށްފައި ވެ އެވެ.

ސަފީރު ކަމުގައި ހުންނެވީ ފޮރިން ސާވިސްގެ ބޭފުޅެއް ނަމަ، ސަފީރުކަން ގެއްލޭ ނުވަތަ ދޫކޮށްލާ ހިސާބުން، ފޮރިން ސާވިސްގައި އެ ފަރާތުން އަދާކުރަމުންދިއަ ވަޒީފާ ދެމި އޮންނާނެ ކަމަށް ބިލުގައި ވެ އެވެ.

މީގެ އިތުރުން، އެ ހިދުމަތަށް އައްޔަނުކުރާ މުވައްޒަފުންގެ ގިންތިތަކާއި، އުސޫލުތަކާއި، މަސްއޫލިއްޔަތުތައް އެ ބިލުގައި ވަނީ ހިމަނައިފަ އެވެ.

އަދި ބޭރުގައި ގާއިމުކޮށްފައިވަނީ މިޝަންތަކަށް މުވައްޒަފުން ފޮނުވުމާއި އަނބުރާ ގެނައުން ފަދަ ގިނަ ގަވައިދުތައް، އެ ބިލު ގާނޫނަކަށްވުމާއެކު ވަކި މުއްދަތުތަކެއްގެ ތެރޭގައި ހަދަންޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

ފޮރިން ސާވިސްގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ފިނޭންސް މިނިސްޓްރީގެ ލަފާގެ މަތިން ރައީސް އޮފީހުން އެކުލަވާލާ ގޮތަށް ބިލު ވަނީ ފަރުމާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox