ނަފްރަތުގެ ބިލް މާނަކުރުމުގެ ކަންބޮޑުވުންތަކަށް ގާނޫނުއަސާސީގައި ހައްލު އެބައޮތް: ސިރާޖް

ނަފުރަތުގެ ބިލު ދިރާސާކުރި ޖުޑީޝަރީ ކޮމިޓީގެ ނައިބު މުގައްރިރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު މަޖިލީހުގެ ޖަލްސާއެއްގައި. -ފޮޓޯ: މަޖިލިސް

ނަފުރަތުގެ ބިލު ދިރާސާކުރި ޖުޑީޝަރީ ކޮމިޓީގެ ނައިބު މުގައްރިރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު މަޖިލީހުގެ ޖަލްސާއެއްގައި. -ފޮޓޯ: މަޖިލިސް

އާއްމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ފަދަ ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތު އިސްލާހުކުރަން ސަރުކާރުން ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް މަޖިލީހުގެ ކޮމިޓީން ގެނައި ބަދަލުތަކަށް އަމާޒުވެފައިވާ ފާޑުކިޔުންތަކަށް ކޮމިޓީގެ ނައިބު މުގައްރިރު މޫސާ ސިރާޖް މިއަދު ރައްދު ދެއްވައިފި އެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި އިސްލާހުގައި ވަނީ ގާނޫނުލްއުގޫބާތަށް ނަފްރަތުގެ އަމަލު ހިންގުމުގެ ކުށުގެ މާއްދާއެއް އިތުރުކުރަން ހުށަހަޅައިފަ އެވެ.

އެ ބިލާ މެދު ދީނީ އިލްމުވެރިންގެ އިތުރުން އާއްމުންގެ މެދުގައި ވެސް އުފެދިފައިވާ ހިޔާލުތަފާތުވުންތައް ބޮޑެވެ. އިލްމުވެރިން ބުނަނީ އެ ބިލް އޮތްގޮތުން ދީނާދެކޮޅު ކަންތައްތަކަށް ފުރުސަތު ލިބޭ ކަމަށެވެ.

އެ ބިލަށް އިސްލާމިކް މިނިސްޓްރީ އާއި ހިއުމަން ރައިޓްސް ކޮމިޝަނުގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ހިޔާލު ކޮމިޓީން ވަނީ ހޯދައިފަ އެވެ. އޭގެ އިތުރުން، އެ ބިލަށް އާއްމުންގެ ހިޔާލު ހޯދަން ހުޅުވާލުމުން، ގިނަ ބަޔަކު ވަނީ ހިޔާލު ހުށަހަޅައިފަ އެވެ.

އެ ހިޔާލުތަކަށް ރިއާއަތްކޮށް، އެ ބިލު ދިރާސާކުރި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ އެ ބިލަށް ބޮޑެތި އިސްލާހުތައް ގެނެސްފަ އެވެ.

އެގޮތުން، އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ، އެ ބިލުގެ 124 ވަނަ މާއްދާގެ (ހ) ގެ އެއް ވަނަ ނަންބަރުގެ ފުރަތަމަ މާއްދާގައި ފުރަތަމަ އޮތް ގޮތާމެދު އެވެ.

އެއާއެކު އާއްމު ތަނެއްގައި، ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް ނޫނީ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުން އެއީ ކުށެއްގެ ގޮތުގައި ބަޔާން ކޮށްފައިވާ މާއްދާ ވަނީ މުޅިން އިސްލާހުކޮށްފަ އެވެ.

titledesc

އެކަމަކު އެ މާއްދާ ރަނގަޅުކުރުމުގެ ނިޔަތުގައި ކޮމިޓީން ގެނައި އިސްލާހާމެދު ބޮޑެތި ކަންބޮޑުވުންތަކެއް ދަނީ ފާޅުކުރަމުންނެވެ.

އެގޮތުން، އިސްލާމްދީނުގައި އިލްމުވެރިންގެ މެދުގައި ހިޔާލުތަފާތުވާ ގިނަ ކަންކަން ހުންނައިރު، ވަކި ރައުޔުއެއްގެ މައްޗަށް ބިނާކޮށް ރާއްޖޭގައި އޮތް އިސްލާމްދީނުގެ އަސްލުތަކާ ހިލާފަށް އަމަލުކޮށް ބަސްބުނުމުގެ ޖާގަ ލިބޭ ކަމަށް އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވަނީ ވިދާޅުވެފަ އެވެ.

އޭގެ އިތުރުން، އެ މާއްދާގައި ދީނީ އިލްމުވެރިންނަކީ ކޮބައިކަން ސާފުކޮށް ބަޔާންކޮށްފައިނުވާތީ، ދީނީ އިލްމުވެރިންގެ މެދުގައި އޮތް ހުރިހާ ހިލާފުތަކަށް ވެސް ގާނޫނީ ހައިސިއްޔަތު ލިބޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފަ އެވެ.

އަދި ހަރުކަށި ވިސްނުން އާއްމުގޮތެއްގައި ބިނާވެފަ ހުންނަނީ އެމީހުން ގަބޫލުކުރާ ވަކިވަކި އިލްމުވެރިންގެ ބަހަށް ކަމަށްވާއިރު، ބިލުގެ އެ މާއްދާ އޮތް ގޮތުން ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ވިސްނުމަށް ވެސް ހިމާޔަތްލިބޭ ކަމަށް ޝަހީމް ވިދާޅުވެ އެވެ.

ރާއްޖެއަކީ ސުންނީ މުސްލިމު ގައުމެއް

ނަމަވެސް، އެ ކޮމިޓީގެ ނައިބު މުގައްރިރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖުގެ ވިސްނުން ތަފާތެވެ.

އޭނާ ވިދާޅުވާ ގޮތުގައި، ކޮމިޓީން އެ ބިލަށް އިސްލާހުތައް ގެނައީ އިސްލާމިކް މިނިސްޓްރީން ވެސް ދިން ލަފާގެ މައްޗަށެވެ. އަދި މުޅި ބިލު މިހާރު އޮތް ގޮތުން ކުރިން ހުރި ހުރިހާ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެވިފައިވާ ކަމަށެވެ.

އެކަމަށް ބާރު ދެއްވަން ސިރާޖު ވަނީ މިސާލެއް ނަންގަވައިފަ އެވެ.

"ގައިދުރުކޮށްގެން ޖަމާއަތުގައި ނަމާދުކުރުމާ މެދު ދީނީ އިލްމުވެރިންގެ މެދުގައި ހިޔާލުތަފާތު. އެއް ކޮޅުން މި ބުނަނީ ގައިދުރުކޮށްގެން ޖަމާއަތުގައި ނަމާދު ނުކުރެވޭނެކަމަށް. އަނެއް ކޮޅުން މި ބުނަނީ އެއީ ސައްހަ ކަމެއް ކަމަށް. އަޅުގަނޑުމެން މި ބުނަނީ އޭގެން ވަކި ރައުޔުއަކަށް އަމަލުކުރާ މީހަކާ ދިމާއަށް ތިއީ އިސްލާމްދީނާ ހިލާފު މީހެކޭ ނުބުނެވޭނެއޭ،" ސިރާޖު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ މާއްދާ އިސްލާހުކުރުމުގައި ވެސް ކޮމިޓީން ގެންގުޅުނު މައިގަނޑު އަސާސަކީ ވެސް އެއީ ކަމަށެވެ.

ދީނީ އިލްމުވެރިންގެ މެދުގައި އޮތް ހުރިހާ ހިލާފުތަކަށް ވެސް ގާނޫނީ ހައިސިއްޔަތު ލިބޭ ކަމަށް ބުނެ ފާޅުކުރާ ކަންބޮޑުވުންތަކަށް ވެސް ސިރާޖު ރައްދު ދެއްވި އެވެ.

އޭނާ ވިދާޅުވާ ގޮތުގައި ރާއްޖޭގައި އޮންނަނީ ސުންނީ ޖުމްހޫރިއްޔަތެކެވެ. އެކަން ގާނޫނުއަސާސީގައި ވެސް ސާފުކޮށް ބަޔާންކޮށްފައި އޮންނައިރު، ސުންނީ އިލްމުވެރިންގެ މެދުގައި އެބުނާ ބޮޑެތި ހިލާފުތަކެއް ނުހުންނަކަން އޭނާ ފާހަގަކުރައްވަ އެވެ.

އޭގެ ސަބަބުން، އެ ބިލުގެ މާއްދާ މާނަކުރުމާމެދު އޮޅުމެއް އަރައިފިނަމަ، ގާނޫނުއަސާސީގައި އެކަން މާނަކޮށްފައިވާ އޮތް ގޮތަށް ރިއާއަތްކުރެވޭނެ ކަމަށް ގާނޫނީ ވަކީލުކަން ވެސް ކުރައްވާ ސިރާޖު ވިދާޅުވި އެވެ.

titledesc

"ދެން ލޯހިރީ ފަދަ އެހެން މަޒުހަބުތަކުގައި ގެންގުޅޭ ރައުޔުތަކެއް މީގެ ތެރެއަކަށް ނުގެނެވޭނެ. އިސްލާމީ ޝަރީއަތަކީ ކޮބައިކަން އެބައޮތް ގާނޫނުއަސާސީގަ. ދެން ގުރުއާނާއި ސައްހަ ސުންނަތްތަކާ ހިލާފަށް އޮންނަ ރައުޔުތައް މި ބިލުގެ ތެރެއަށް ނުވެއްދޭނެ،" ސިރާޖު ވިދާޅުވި އެވެ.

ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ފިކުރަށް މި ބިލުން ހިމާޔަތްލިބޭ ކަމުގެ ކަންބޮޑުވުންތަކަށް ވެސް އޭނާ ސާފުކޮށް އިންކާރު ކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިސްލާމްދީނުގައި ހަރުކަށި ފިކުރެއް ނޯންނާ އެވެ. އެހެންކަމުން މިއީ މި ބިލުގެ ތެރެއިން ބަހުސް ވެސް ކުރަންނުޖެހޭ ކަމެއް ކަމަށް ސިރާޖު ތަކުރާރުކޮށް ވިދާޅުވި އެވެ.

"ދެން މި ބިލުގެ ކޮންމެ ކަމެއް ވެސް މި ފެންނަނީ ޓްވިސްޓު ކޮށްގެން ކޮންމެވެސް އެހެން މާނައެއް ނެރުމަށް މަސައްކަތް ކުރަމުންދާތަން،" އޭނާ ތުހުމަތުކުރެއްވި އެވެ.

ނަމަވެސް، މި ބިލު އެކީގައި ކިޔައިފި ކޮންމެ މީހަކަށް، ކުރިން ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދިފައިވާކަން އެނގޭނެކަމަށް ވިދާޅުވި އެވެ.

އޭގެ ދަށުން އަންނަ ބައެއް މާއްދާތަކަށް ވެސް ކޮމިޓީން ވަނީ ކުދިކުދި ބަދަލުތައް ގެނެސްފަ އެވެ.

އެގޮތުން، ސިޔާސީ ފިކުރަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި ބައިވެރިވުމާއި އެފަދަ ކަމެއް ރޭވުމަށް ވަކިން އިން ބައި މީހެއްގެ ނަސްލަށާއި، އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމުގެ މާއްދާ އެއްކޮށްލައި، ތަރުތީބަށާއި އިބާރާތްތަކަށް ބައެއް ބަދަލުތައް ގެނެސްފައިވެ އެވެ.

އެ ބިލުގައި ހިމަނާފައިވާ ކުށްތަކުގެ އަދަބުތައް ކަނޑައަޅާފައިވަނީ އެއް އަހަރުގެ ދުވަހާއި 15 އަހަރާ ދެމެދު ޖަލު ހުކުމެއް އަންނަ ގޮތަށެވެ.

ނަމަވެސް، އެ ކުރާ ކުށަކުން މީހެއްގެ ފުރާނަ ގެއްލިއްޖެ ނަމަ، އެ މީހަކަށް މަރުގެ އަދަބު ނޫނީ އުމުރަށް ޖަލަށް ލުމުގެ އަދަބު އެ އިސްލާހުގައި ވަނީ ކަނޑައަޅައިފަ އެވެ.

އެ ބަޔަށް އެއްވެސް ބަދަލެއް ނުގެނެސް މުޅި ބިލަށް ގެނައި އިސްލާހުތައް ކޮމިޓީގެ އަގުލަބިއްޔަތުން ރޭ ވަނީ ފާސްކޮށް އަނބުރާ ތަޅުމަށް ފޮނުވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox