ލިވަޕޫލް (ޖުލައި 1) - މީގެ 14 އަހަރު ކުރިން އެވަޓަން އަކީ ކުޑަ ކްލަބެކޭ ބުނެވުމަކީ އޮޅުމެއް ކަމަށް އެ ޓީމާ އިއްޔެ ހަވާލުވި ސްޕެއިންގެ ކޯޗު ރަފައެލް ބެނިޓޭޒް ބުނެފި އެވެ.
އެވަޓަންގެ އަވައްޓެރި ކްލަބް ލިވަޕޫލަށް ހަ އަހަރު ކޯޗުކޮށްދިން ބެނިޓޭޒް ވަނީ 2007 ވަނަ އަހަރު އެވަޓަން އަކީ ކުޑަ ކްލަބެއް ކަމަށް ބުނެފަ އެވެ. އޭރު ޑޭވިޑް މޮއިސްގެ ކޯޗުކަމުގައި ކުޅެމުން އައި އެވަޓަންއާ ދިމާލަށް ބެނިޓޭޒް ކުޑަ ކްލަބެއް ކަމަށް ބުނެވުނު ގޮތް އިއްޔެ ވަނީ އޮޅުުންފިލުވައިދީފަ އެވެ.
"އަހަންނަށް ހެދުނީ ގޯހެއް. އެވަޓަން އަކީ ކުޑަ ކްލަބެކޭ ބުނީ އެ މާނައިގައި އެއް ނޫން. އެއީ އަހަރެން އޭރުގެ އެވަޓަންގައި އޮތް ޓީމާ ދިމާލަށް ބުނި އެއްޗެއް. އެއީ އަހަރެން ހަނދާންވާ ގޮތުގައި ލިވަޕޫލާ ދެކޮޅަށް އެވަޓަން ކުޅުނު މެޗެއްގައި އެ ޓީމަށް ލިބުނީ އެންމެ ފުރުސަތެއް ވީމަ ބުނެވުނު އެއްޗެއް،" ތިން އަހަރުގެ ކޮންޓްރެކްޓެއްގައި އެވަޓަންއާ އެކު ސޮއިކުރުމަށް ފަހު އިއްޔެ ބެނިޓޭޒް ބުންޏެވެ.
އަހަރެން އެ ގޮތަށް (އެވަޓަން އަކީ ކުޑަ ކްލަބެކޭ) ބުނީމަ ލިވަޕޫލް ސަޕޯޓަރުން ވަރަށް އުފާވި. އެވަޓަން ސަޕޯޓަރުން ތިބީ ވަރަށް ހިތްހަަމަނުޖެހިފައި. އަހަރެން އޭރު ބުނީ އެވަޓަންގައި އޮތީ ކުޑަ ޓީމެކޭ - ބެނިޓޭޒް
އެވަޓަންގެ ވެރިޔާ ފަރުހާދު މޮޝިރީ ވަނީ ބެނިޓޭޒަކީ އެ ކްލަބް އަނެއް ހަރުފަތަށް ގެންދެވޭނެ އަދި ސަޕޯޓަރުންގެ ލޯބި ހޯދޭނެ ކޯޗެއް ކަމަށް ވިދާޅުވެފަ އެވެ.

އެވަޓަން އަށް ސޮއިކުރުމަށް ފަހު ބެނިޓޭޒް އެ ޓީމުގެ ސްޓޭޑިއަމްގައި.
އެވަޓަން އިން ބެނިޓޭޒް އެ ޓީމުގެ ކޯޗަކަށް ހަމަޖައްސަން އުޅޭތީ އެ ޓީމާއި ލިވަޕޫލްގެ ބައެއް ސަޕޯޓަރުން އެކަމާ ހިތްހަމަ ނުޖެހުނެވެ. އަދި ލިވަޕޫލްގައި ބެނިޓޭޒް އުޅެން ހަމަޖެހިފައިވާ ގޭގެ ބޭރުގައި ބެނިޓޭޒަށް ރައްދުކޮށް ހުތުރު މެސެޖެއް ލިޔެފައިވާ ބެނާއެއް ވެސް ވަނީ ހަރުކޮށްފަ އެވެ. އެ ބެނާގައި ލިޔެފައިވަނީ ބެނިޓޭޒް އެވަޓަން އަށް ސޮއިނުކުރާށެވެ. ލިވަޕޫލް ސަރަހައްދުގެ ޕޮލިހުން އަންނަނީ މި ބެނާގެ މައްސަލަ ބަލަމުންނެވެ.
ބެނިޓޭޒް ބުނީ ލިވަޕޫލް ސިޓީ އަކީ އޭނާ ކޮންމެ ކްލަބެއްގައި ހުއްޓަސް ހާއްސަވާނެ ސަރަހައްދެއް ކަމަށާއި މީގެ އޭނަ ހުންނަ ބެންޗެއްގެ ގޮތުން މޮޅުވެގެން ކާމިޔާބު ހޯދަން ކުރާ މަސައްކަތަށް ތަފާތެއް ނާންނާނެ ކަމަށެވެ.
އެވަޓަންގެ ކޯޗުގެ މަގާމު ހުސްވީ މިދިޔަ ސީޒަނުގައި އެ ޓީމަށް އިރުޝާދުދިން އިޓަލީގެ މަޝްހޫރު ކާލޯ އަންޗެލޮޓީ ސްޕެއިނުގެ ގަދަބާރު ރެއާލް މެޑްރިޑާ ހަވާލުވުމުންނެވެ.
އެވަޓަން އަކީ އިނގިރޭސި ޕްރިމިއާ ލީގުގައި ބެނިޓޭޒް ކޯޗުކޮށްދޭ ހަތަރު ވަނަ ކްލަބް އެވެ. އޭނާ އެންމެ ފުރަތަމަ ކޯޗުކޮށްދިނީ 2004 އިން 2010 އަށް ލިވަޕޫލަށެވެ. ދެން ވަގުތީ ކޯޗެއްގެ ގޮތުގައި 2012-2013 ޗެލްސީ އަށް ކޯޗުކޮށްދިނެވެ. އަދި އޭނާ އެންމެ ފަހުން އިނގިރޭސި ކްލަބެއްގައި މަސައްކަތްކުރީ ނިއުކާސަލް ޔުނައިޓެޑްގަ އެވެ. އެ ޓީމަށް 2016 އިން 2019 އަށް ކޯޗުކޮށްދިނެވެ.
ހަތަރު ގައުމެއްގައި ކޯޗިންގެ މަސައްކަތްކޮށްފައިވާ އުމުރުން 61 އަހަރުގެ ބެނިޓޭޒް ކޯޗުކޮށްދިން މަޝްހޫރު އެހެން ޓީމުތަކަށް ބަލާއިރު، ރެއާލް މެޑްރިޑާއި އިންޓަ މިލާން، ނަޕޯލީ އަދި ވެލެންސިއާ ހިމެނެ އެވެ. އޭނާ އެންމެ ފަހުން ހުރީ ޗައިނާގެ ޑާލިއަން ޕްރޮފެޝަނަލްގަ އެވެ.
ކޯޗިން ކެރިއަރުގައި ބެނިޓޭޒްގެ ކާމިޔާބީތަކަށް ބަލާއިރު، ވެލެންސިއާ އަށް ދެ ފަހަރު ސްޕެނިޝް ލީގާއި ޔުއެފާ ކަޕް (ޔޫރޮޕާ ލީގު) ކާމިޔާބުކޮށްދިނެވެ. ލިވަޕޫލަށް އެފްއޭ ކަޕާއި ޗެމްޕިއަންސް ލީގު އަދި ޔުއެފާ ސުޕަ ކަޕް ކާމިޔާބުކޮށްދިނުމުގެ އިތުރުން އިންޓަ މިލާނާ އެކު އިޓާލިއަން ސުޕަ ކަޕް އަދި ކްލަބް ވޯލްޑް ކަޕްގެ ތަށި އުފުލާލި އެވެ. ޗެލްސީ އަށް ޔޫރޮޕާ ލީގު ހޯދައިދިނުމުގެ އިތުރުން ނަޕޯލީއާ އެކު އިޓާލިއަން ކަޕާއި ސުޕަ ކަޕް ކާމިޔާބުކުރި އެވެ. އަދި ނިއުކާސަލް އަށް އިނގިރޭސި ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައިދީ އެ ޓީމަށް އަލުން ޕްރިމިއާ ލީގުގެ ޖާގަ ހޯދައިދިނެވެ.












