އިންޑިއާގައި ކުރިއަށްދިޔަ އިންޓަ ސްޓޭޓްސް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަންހެން ރިލޭ ޓީމުގައި ހިމެނިގެން އިންޑިއާގެ އެތުލީޓަކު ރާއްޖެ ތަމްސީލްކޮށްފައިވާ ކަމަށް ބުނެ ދެކެވެނީ ހަގީގަތާ ހިލާފު ދޮގު ވާހަކައެއް ކަމަށް އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އޭއޭއެމް) އިން ބުނެފި އެވެ.
މި މަހު 25 އިން 29 އަށް އިންޑިއާގައި ކުރިއަށްދިޔަ ސްޓޭޓް ޗެމްޕިއަންޝިޕްގައި ގިނަ ގައުމުތަކެއްގެ އެތުލީޓުން ވާދަކުރިއިރު، އަންހެނުންގެ ހަތަރެއް ގުނަ 100 ގެ ރިލޭގައި ރާއްޖޭގެ ޓީމުގައި ހިމެނޭ ކުޅުންތެރިން ވާދަކުރީ އިންޑިއާ އެތުލީޓަކު ވެސް ޓީމުގައި ހިމަނައިގެންނެވެ.
އެތުލެޓިކްސް އެސޯސިއޭޝަން އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ޖޯޒީގައި އިންޑިއާ އެތުލީޓަކު ރާއްޖެ ތަމްސީލްކޮށްފައިވާ ކަމަށް ބުނެ، މީޑިއާތަކުގައި ރިޕޯޓްކޮށްފައިވަނީ ހަގީގަތާ ހިލާފު ދޮގު ވާހަކައެއް ކަމަށެވެ. ބައިނަލްއަގުވާމީ ގޮތުން އެ ގައުމެއްގެ ރަށްވެހިކަން ނޯންނަ އެތުލީޓަކަށް ގައުމެއް ތަމްސީލްކުރުމުގެ ފުރުސަތެއް ނޯންނަ ކަމަށާއި އެ ފަދަ އުސޫލާ ހިލާފުކަމެއް އެތުލެޓިކްސް އެސޯސިއޭޝަންގެ ފަރާތުން ނުކުރާނެ ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.
"އިންޑިއާ އެތުލީޓަކު ރާއްޖެ ތަމްސީލް ކޮށްފައެއް ނުވޭ. އެ ގައުމެއްގެ ރަށްވެހިކަން ނޯންނަ އެތުލީޓަކަށް ގައުމެއް ތަމްސީލްކުރުމުގެ ފުރުސަތެއް ނޯންނާނެ،" އެތުލެޓިކްސް އެސޯސިއޭޝަނުގެ ބަޔާނުގައިވެ އެވެ.
އިންޑިއާގެ މުބާރާތުގައި ވާދަކުރަން އެތުލެޓިކްސް އެސޯސިއޭޝަނުން ސްކޮޑު އެކުލަވާލިއިރު، އަންހެން އަދި ފިރިހެން ރިލޭ ޓީމުގެ ބޮޑު ސްކޮޑެއް އިއުލާނުކުރި އެވެ. އެ ސްކޮޑުގައިވާ ގޮތުން އަންހެން ޓީމުގައި ފަސް ކުޅުންތެރިން ހިމެނެ އެވެ.
އެކަމަކު، އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަހްމަދު މުންތަގިމް، އިންޑިއާގައި ހުންނަވައި މިއަދު "އަދަދު" އަށް ވިދާޅުވީ ރާއްޖޭން މުބާރާތުގައި ވާދަކުރުމަށް ފުރަން ހަ ގަޑިއިރަށް ވެފައި ވަނިކޮށް ގައުމީ އެތުލެޓިކްސް ޓީމުގެ ޕީސީއާރް ޓެސްޓްތަކުގެ ނަތީޖާ ލިބުނުއިރު، އަންހެން ރިލޭ ޓީމުގެ އެއް އެތުލީޓަކު ކޮވިޑް-19 އަށް ޕޮޒިޓިވް ކަމަށެވެ. އަދި އިތުރު އެތުލީޓަކުގެ އާއިލާއާ ވާހަކަ ދެއްކުމަށް ފަހު އެ އެތުލީޓަށް ވެސް ދެވޭނެ ގޮތް ނުވުމުން އަންހެން ރިލޭ ޓީމު ހަަމަވުމުގައި ވެސް ދަތިތަކެއް ކުރިމަތިވެ، ގޮތްތަކެއް ހޯދަން ޖެހުނީ ކަމަށް ވިދާޅުވި އެވެ.
ވާދަކުރީ ރާއްޖޭގެ އެތުލީޓުން، ރާއްޖޭގެ އަންހެން ރިލޭ ޓީމެއް ނޫން
މުބާރާތަށް ދިޔައީ ރާއްޖޭގެ އަންހެން ރިލޭ ޓީމުގެ ޖުމްލަ ތިން އެތުލީޓުންނެވެ. ރާއްޖޭގެ އަންހެން ޓީމު ތިން އެތުލީޓުންނަށް ވުރެ މަދުވުމުން މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު އަންހެން ޓީމަށް ވަނީ ގެއްލިފަ އެވެ. މިހެންވެ، މި މުބާރާތުގައި ރާއްޖޭގެ ގައުމީ އަންހެން ރިލޭ ޓީމު ވާދަކޮށްފައިނުވާ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެހެން ނަމަވެސް އިންޑިއާ އަށް ގޮސް މުބާރާތުގައި ވާދަނުކޮށް އެނބުރި އައުމުގެ ބަދަލުގައި އެތުލީޓުންނަށް ތަޖުރިބާގެ ފުރުސަތެއް ހޯދައިދިނުމުގެ ބޭނުމުގައި އިންޑިއާ އެތުލީޓަކު ހިމަނައިގެން ރިލޭ އިވެންޓްގައި ވާދަކުރަން އެސޯސިއޭޝަނުން ނިންމީ އެވެ. އެއީ ފާއިތުވި ދެ އަހަރެއްހާ ދުވަހު ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ނުލިބި ހުރެފައި މި މުބާރާތުން ފުރުސަތު ލިބިފައި އޮއްވައި ފަހު ވަގުތު އެ ގެއްލެން އެތުލީޓުން ވެސް ބޭނުންނުވާތީ އެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ ކުރެވުނު މަސައްކަތުން މުބާރާތް އިންތިޒާމްކުރާ ފަރާތުން ރާއްޖޭގެ ތިން އަންހެން އެތުލީޓުންނަށް ފުރުސަތު ދޭން ނިންމީ އިންޑިއާގެ އެތުލީޓަކު ހިމަނައިގެން ވާދަކުރެވޭ ގޮތަށް ކަމަށާއި އޭގެ ބޭނުން ހިފަން އެސޯސިއޭޝަނުން ނިންމީ ކަމަށެވެ. މިއީ ރާއްޖޭގެ ގައުމީ އަންހެން ރިލޭ ޓީމަށް ލިބުނު ފުރުސަތެއް ނޫން ކަމަށާއި މިއީ އެ އެތުލީޓުންނަށް ދިން ފުރުސަތެއް ކަމަށް އެސޯސިއޭޝަނުން ބުނެފައިވެ އެވެ.
"އެ އިވެންޓުގައި ބައިވެރިވުމަށް ތިން އެތުލީޓުންނަށް ލިބުނު ފުރުސަތުގެ ބޭނުން އެސޯސިއޭޝަނުން ހިފާފައިވަނީ ތަމްރީން އަދި ތަޖުރިބާގެ އިވެންޓެއްގެ ގޮތުގަ އެވެ. ރިލޭ އިވެންޓްގައި ރާއްޖޭގެ ތިން އެތުލީޓުންނާއި އިންޑިއާގެ އެތުލީޓު ދުވުނުއިރު، ބޭނުންކޮށްފައިވަނީ ރާއްޖޭގެ ގައުމީ ޓީމު ދުވާއިރު، ބޭނުންކުރާ ކިޓެއް ނޫނެވެ. ނަމަވެސް ރިލޭގައި ވާދަކުރާ ހުރިހާ އެތުލީޓުން ވެސް ތިބެން ޖެހެނީ އެއްވައްތަރެއްގެ ހެދުމެއްގައި ކަމުން، 4 އެތުލީޓުން ވެސް އިވެންޓްގައި ބޭނުންކޮށްފައިވަނީ އެތުލެޓިކްސް އިން ޓްރެއިނިންގައި ބޭނުންކުރާ ޓީޝާޓެވެ.،" އެސޯސިއޭޝަނުން ނެރުނު ބަޔާނުގައިވެ އެވެ.
އިންޑިއާ އެތުލީޓު ލައިގެން މި ފަހަރުގެ މުބާރާތުގައި ތިން ފަހަރު ދުވުނުއިރު، އޭގެ ތެރެއިން އެއް ފަހަރު ގައުމީ ރެކޯޑަށް ވުރެ އަވަސް ޓައިމިންއެއްގައި ނިންމާފައިވެ އެވެ. އެކަމަކު އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ މިއީ ރާއްޖޭގެ ގައުމީ ޓީމު ވާދަކުރި އިވެންޓެއް ކަމަށް ނުވާތީ އެއީ ރާއްޖޭގެ ރެކޯޑް ޓައިމިން ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ވެސް އަދި ދުނިޔޭގެ ފެޑެރޭޝަނުން ވެސް ބަލައިނުގަންނާނެ ކަމަށެވެ.
މީގެ ކުރިން ރާއްޖޭން މި މުބާރާތުގައި ވާދަކޮށްފައިވަނީ 2014 އާއި 2019 ވަނަ އަހަރުގަ އެވެ. މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ ފިރިހެން ރިލޭ ޓީމު ވެސް ވަނީ ވާދަކޮށްފަ އެވެ.
ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރަން ރާއްޖެ ޓީމުގެ އެތުލީޓުންނަށް ޓްރެއިނިން ކޭމްޕްތައް ފުރިހަމަކުރުމުގެ ފުރުސަތު ވެސް އިންޑިއާ އިން ދެ އެވެ. މި ފަހަރުގެ އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލްކުރާ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އަންނަނީ އެ މުބާރާތުގައި ވާދަކުރުމުގެ ކުރިން އިންޑިއާގައި ތަމްރީންތަކެއް ފުރިހަމަކުރަމުންނެވެ.













