ސިވިލް ސާވިސް އާ ވަކިކޮށް، ފޮރިން ސާވިސްގެ ނަމުގައި ވަކި ހިދުމަތެއް ގާއިމުކުރަން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފި އެވެ.
ސަރުކާރުގެ ފަރާތުން، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ހުށަހަޅުއްވާފައި ފޮރިން ސާވިސްގެ ބިލުގެ ބޭނުމަކީ، ރާއްޖޭގެ ހާރިޖީ ސިޔާސަތު ހަރުދަނާކޮށް، ބައިނަލްއަގުވާމީ ގޮތުން ފެންވަރު ރަނގަޅު މިންގަނޑަކަށް ފެއްތުމަށްޓަކައި ބޭނުންވާ ހާއްސަ ތަމްރީނާއި ހުނަރާއި ތަޖުރިބާ ލިބިފައިވާ ޕްރޮފެޝަނަލް ފޮރިން ސާވިސްއެއް ބިނާކުރުމަށް ފޮރިން ސާވިސްގެ ނަމުގައި ވަކި ހިދުމަތެއް ގާއިމްކުރުން ކަމަށް ބުނެފައި ވެ އެވެ.
އަދި އެ ހިދުމަތް ރޭވިފައިވާ ގޮތާއި އެ ސާވިސް ހިންގުމާ ގުޅޭ އުސޫލުތަކާއި އެ ސާވިސްގެ މުވައްޒަފުންނާ ގުޅޭ އެންމެހާ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ގަނޫނީ އޮނިގަނޑު އެ ބިލު ގާނޫނަކަށް ވުމުން އެކުލަވާލެވޭނެ ކަމަށް ބަޔާންކޮށްފައި ވެ އެވެ.
އެ ބިލުގެ އިބްތިދާއީ ބަހުސް މިއަދުގެ ޖަލްސާގައި ނިންމާލުމަށްފަހު، އެ ބިލު މަޖިލީހަށް ބަލައިގެންފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 53 މެމްބަރުންގެ އިއްތިފާގުންނެވެ.

އެ ބިލު ބަލައިގަތުމާއެކު، އިތުރަށް ދިރާސާކުރަން ރިޔާސަތުން ވަނީ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީއަށް ފޮނުއްވައިފަ އެވެ.
އެ ބިލުގެ އިބްތިދާއީ ބަހުސްގައި ގިނަ މެމްބަރުން ވަނީ ފޮރިން ސާވިސް ވަކި ހިދުމަތެއްގެ ގޮތުގައި ހަދަން ތާއީދުކުރައްވާކަން ހާމަކުރައްވައިފަ އެވެ.
ނަމަވެސް، އެ ބިލު މިހާރު އޮތް ގޮތަށް ކޮމިޓީ މަރުހަލާގައި ބައެއް އިސްލާހުތައް ގެންނަންޖެހޭ ކަމަށް ބައެއް މެމްބަރުން ވަނީ ފާހަގަކުރައްވައިފަ އެވެ.
ފޮރިން ސާވިސް ބިލުގެ މުހިއްމު ބައިތައް
ސަރުކާރުން ހުށަހަޅާފައިވާ އެ ބިލު އެ ބިލު ތަސްދީގުކުރާތާ 90 ދުވަހުގެ ތެރޭގައި ފޮރިން ސާވިސްގެ ހިދުމަތް ގާއިމުކުރަންޖެހޭއިރު، އެ ހިދުމަތުގެ އެންމެ އިސް މުވައްޒަފުގެ ގޮތުގައި ހުންނާނީ ފޮރިން ސެކްރެޓަރީ އެވެ.
އެ މަގާމަށް މިނިސްޓަރުގެ ލަފާޔާއެކު ރައީސުލްޖުމްހޫރިއްޔާ ބޭފުޅަކު އައްޔަނުކުރަން ޖެހިވަޑައިގަންނަވާއިރު، އެ މަގާމުގެ މުއްދަތަކީ ގިނަވެގެން ތިން އަހަރުގެ ދެ ދައުރުކަމަށް ބުނެފައިވެ އެވެ.
ނަމަވެސް، އެ މަގާމަށް އައްޔަނުކުރެވޭ ފަރާތަކީ މިނިސްޓްރީގައި މަދުވެގެން 15 އަހަރު މަސައްކަތްކޮށް، ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހޭނެ ކަމަށް ބިލުގައި ވަނީ ކަނޑައަޅައިފަ އެވެ.
އެ ބިލު ފާސްވެ ގާނޫނަކަށް ވުމުން މުވައްޒަފުން ތަމްރީންކުރުމަށް ފޮރިން އިންސްޓްޓިއުޓެއް ވެސް ގާއިމްކުރަން ޖެހޭނެ ކަމަށް ބުނެފައި ވެ އެވެ.
އެ އިންސްޓްޓިއުޓަކީ ގާނޫނުގެ ދަށުން ބާރުލިބޭ ތަނަކަށް ވާއިރު، އެ އިންސްޓްޓިއުޓްގެ މެންޑޭޓްގެ ތެރޭގައި ފޮރިން ސާވިސްގައި މަސައްކަތް ކުރާ އެންމެހާ މުވައްޒަފުންނަކީ ފޮރިން ސާވިސްގެ މަގުސަދުތައް ހާސިލުކުރެވޭފަދަ ހާއްސަ ތަމްރީނާއި ހުނަރާއި ތަޖުރިބާ ލިބިގެންވާ ބަޔަކަށް ހެދުމަށް ތަމްރީން ދިނުން ހިމެނެ އެވެ.
އެ އިންސްޓިޓިއުޓްގެ އިތުރުން، ރާއްޖޭގެ ހާރިޖީ ސިޔާސަތާ ގުޅޭ މަސައްކަތްތައް ހަރުދަނާ ކުރުމަށް ބޭނުންވާ ލަފާ ދިނުމަށްޓަކައި ފޮރިން ސާވިސް އެޑްވައިޒަރީ ބޯޑެއް ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އެކުލަވާލަންޖެހޭނެ ކަމަށް ބުނެފައި ވެ އެވެ.
ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އެ ބޯޑަށް މެމްބަރުން އައްޔަނުކުރުމާއި ވަކި ކުރުމުގެ ބާރު ފޮރިން މިނިސްޓަރަށް ދީފައިވާއިރު، އެ ބޯޑުގައި ތިއްބަވާނީ ފޮރިން ސެކްރެޓަރީ އާއި ފޮރިން ސާވިސް އިންސްޓިޓިއުޓްގެ އިސްވެރިޔާގެ އިތުރުން، މުވައްޒަފުންގެ ތިން ގިންތިއެއް ތަމްސީލުވާ ގޮތަށެވެ.
އެ ބިލުގައި ރާއްޖޭން ބޭރުގައި ގާއިމުކުރާ މިޝަންތަކަށް ސަފީރުން އައްޔަނުކުރުމުގެ އުސޫލުތައް ވެސް ހިމަނާފައި ވެ އެވެ.
އެގޮތުން، ސަފީރުކަމަށް ފޮރިން ސާވިސްގެ މުވައްޒަފުންނާއި ފޮރިން ސާވިސްއިން ބޭރުން ވެސް މީހުން އައްޔަނުކުރެވޭއިރު، އެއް ގައުމަކަށް ކަނޑައަޅާފައި ބެހެއްޓޭނީ ގިނަ ވެގެން ހަތަރު އަހަރުގެ މުއްދަތަށް ކަމަށް ބުނެފައި ވެ އެވެ.
ފޮރިން ސާވިސްއިން ބޭރުން އައްޔަނުކުރާ ސަފީރުން، ވެރިކަން ބަދަލުވާ ހާލަތެއްގައި އިސްތިއުފާ ދޭން ޖެހޭނެކަމަށް ބަޔާންކޮށްފައި ވެ އެވެ.
ސަފީރު ކަމުގައި ހުންނެވީ ފޮރިން ސާވިސްގެ ބޭފުޅެއް ނަމަ، ސަފީރުކަން ގެއްލޭ ނުވަތަ ދޫކޮށްލާ ހިސާބުން، ފޮރިން ސާވިސްގައި އެ ފަރާތުން އަދާކުރަމުންދިއަ ވަޒީފާ ދެމި އޮންނާނެ ކަމަށް ބިލުގައި ވެ އެވެ.
މީގެ އިތުރުން، އެ ހިދުމަތަށް އައްޔަނުކުރާ މުވައްޒަފުންގެ ގިންތިތަކާއި، އުސޫލުތަކާއި، މަސްއޫލިއްޔަތުތައް އެ ބިލުގައި ވަނީ ހިމަނައިފަ އެވެ.
އަދި ބޭރުގައި ގާއިމުކޮށްފައިވަނީ މިޝަންތަކަށް މުވައްޒަފުން ފޮނުވުމާއި އަނބުރާ ގެނައުން ފަދަ ގިނަ ގަވައިދުތައް، އެ ބިލު ގާނޫނަކަށްވުމާއެކު ވަކި މުއްދަތުތަކެއްގެ ތެރޭގައި ހަދަންޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
ފޮރިން ސާވިސްގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ފިނޭންސް މިނިސްޓްރީގެ ލަފާގެ މަތިން ރައީސް އޮފީހުން އެކުލަވާލާ ގޮތަށް ބިލު ވަނީ ފަރުމާކޮށްފަ އެވެ.












