ލަންޑަން (ޖޫން 30) - މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރެވޭނެ ފެންވަރު އިންގްލެންޑް ޓީމުގެ އެބަހުރި ކަމަށް އެ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް ބުނެފި އެވެ.
އިންގްލެންޑުން ރޭ ވަނީ މި ފަހަރުގެ މުބާރާތުގެ ދެ ވަނަ ބުރުގައި ޖަރުމަނު 2-0 އިން ބަލިކޮށް ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. ޖަރުމަނު އަތުން އިންގްލެންޑަށް ލިބުނީ ތާރީހީ ކާމިޔާބެކެވެ. މިއީ 1966 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ޖަރުމަނު އަތުން މޮޅުވި ފަހުން، ބޮޑު މުބާރާތެއްގެ ނޮކައުޓް ބުރުގައި އެ ޓީމު އަތުން އިންގްލެންޑަށް ލިބުނު ފުރަތަމަ މޮޅެވެ.
ފަންސާސް ފަސް އަހަރު ތެރޭ ޖަރުމަނު އަތުން މުބާރާތެއްގައި ލިބުނު ފުރަތަމަ މޮޅު އިންގްލެންޑަށް ހާއްސަވާ އަނެއް ސަބަބަކީ 1996 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޔޫރޯގެ ނޮކައުޓް މެޗަކުން މޮޅެއް ލިބުމުންނެވެ. ރޭގެ މެޗުގެ ކުރިން އިންގްލެންޑް އިން ޔޫރަޕްގެ ނޮކައުޓް މެޗަކުން މޮޅުވީ އެންމެ ފަހަރަކު އެވެ. އެއީ 1996 ވަނަ އަހަރުގެ ކުއާޓާގައި ޕެނަލްޓީ ޖަހައިގެން ސްޕެއިން އަތުންނެވެ.
ޖަރުމަނު އަތުން ހޯދުނު މޮޅާ އެކު އިންގްލެންޑަށް މި ފަހަރުގެ ޔޫރޯ ކާމިޔާބު ކުރެވިދާނެތޯ ނޫސްވެރިއަކު ސުވާލުކުރުމުން ސައުތުގޭޓް ބުނީ މި ވަގުތު ފޯކަސް ހުރީ ހޮނިހިރު ދުވަހު ކުއާޓާ ފައިނަލުގައި ކުޅެން ޖެހޭ މެޗަށް ކަމަށެވެ. މުބާރާތް ކާމިޔާބު ކުރެވިދާނެ ފެންވަރު ހުރިތޯ ތަކުރާރުކޮށް ނޫސްވެރިން އެހުމުން ސައުތުގޭޓް ވަނީ ޖަވާބެއް ދީފަ އެެވެ.
"މި ކުޅުންތެރިންގެ އެބަހުރި (މުބާރާތް ކާމިޔާބު ކުރެވޭނެ) ފެންވަރު. މި ޓީމުގައި ވެސް އެބަހުރި ފެންވަރު،" ސައުތުގޭޓް ބުންޏެވެ.
އިންގްލެންޑުން ވޯލްޑް ކަޕްގެ ފައިނަލުގައި 1966 ވަނަ އަހަރު ކުޅުމަށް ފަހު ޖެހިގެން އައި މުބާރާތުގެ ކުއާޓާ ފައިނަލުގައި ކުޅުނެވެ. މިއީ އޭގެ ފަހުން އިންގްލެންޑުން ވޯލްޑް ކަޕެއްގެ ސެމީ ފައިނަލެއް ކުޅުމަށް ފަހު (2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީގައި އިންގްލެންޑް ވަނީ ކުޅެފައި) ޖެހިގެން އައި ބޮޑު މުބާރާތެއްގައި ކުއާޓާ ފައިނަލް ކުޅޭނެ ފުރަތަމަ ފަހަރެެވެ.
ސައުތުގޭޓް ބުނީ އިނގިރޭސި ޓީމުގައި މިހާރު އޮތް ސްކޮޑަކީ ތާރީހު ލިޔެވޭނެ ގިނަ ކަންތައްތަކެއް ހާސިލްކުރެވިދާނެ ޓީމެއް ކަމަށެވެ.
"މި ކުޅުންތެރިން މި އަންނަނީ ގިނަ ތާރީހީ ކާމިޔާބީތަކެއް ހާސިލްކުރަމުން. އަދިވެސް އިތުރު ކަންތައްތައް ހާސިލްކުރެވޭނެ ފެންވަރު ހުރި ޓީމެއް މި އޮތީ. ދެން އަހަރެމެން ވިސްނަން ޖެހޭ އަނެއް ކަމަކީ މި ފެންވަރުގައި ފަރުވާ ކުޑަކޮށްނުލައި ކުރިއަށް ދެވޭނެ ގޮތެއް ހޯދުން،" ސައުތުގޭޓް ބުންޏެވެ.
މި ފަހަރުގެ މުބާރާތުގައި މިހާތަނަށް އިންގްލެންޑް ކުޅުނު ހަތަރު މެޗުގައި ވެސް އެ ޓީމު ކޮޅަށް ގޯލެއް ނުވަދެ އެވެ. މި ފަހަރުގެ ޔޫރޯގައި ގޯލެއް ނުވަދެ މިހާރު އޮތް ހަމައެކަނި ޓީމަކީ ވެސް އިންގްލެންޑް އެވެ. ރޭގެ މެޗުގައި އިންގްލެންޑުން ޖަރުމަނު ލަނޑެއް ޖެހިޔަނުދީ ހިފެހެއްޓިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކީ އިންގްލެންޑްގެ ފަހަތުގައި މޮޅު ކުޅުމެއް ދެއްކި ހެރީ މެގުއާ އެވެ.
މެގުއާ ބުނީ އިންގްލެންޑުން ރޭ ފޯމޭޝަނަށް ބަދަލެއް ގެނެސްގެން ކުޅުނީ ޖަރުމަނުގެ ފެންވަރު އެނގޭތީ ކަމަށާއި އޭގެ ފައިދާ ޓީމަށް ކުރިކަން ނަތީޖާއިން ފެންނަން އޮތް ކަމަށެވެ.
އިންގްލެންޑުން މި ފަހަރުގެ މުބާރާތުގައި މިހާތަނަށް ކުޅުނު ހަތަރު މެޗު ވެސް ކުޅުނީ އަމިއްލަ ގައުމުގަ އެވެ. އެކަމަކު ހޮނިހިރު ދުވަހު ކުޅޭ ކުއާޓާ ފައިނަލް މެޗުގައި ޔޫކްރެއިނާ ދެކޮޅަށް ނުކުންނާނީ އިޓަލީގެ ރޯމުގެ އޮލިމްޕިކް ސްޓޭޑިއަމްގަ އެވެ. އެ މެޗުން އިންގްލެންޑް މޮޅުވެއްޖެނަމަ ދެން ސެމީ ފައިނަލް ކުޅެން ޖެހޭނީ އަނެއްކާ ވެސް އަމިއްލަ ދަނޑުގަ އެވެ. އަދި ފައިނަލް މެޗު ވެސް އޮތީ އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމްގަ އެވެ.












