ލަންޑަން (ޖޫން 29) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ޖަރުމަނު އަތުން 2-0 އިން މޮޅުވެ، އިންގްލެންޑުން މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
މި މެޗުގެ ކުރިން ބޮޑު މުބާރާތެއްގެ ނޮކައުޓް ބުރުގައި ޖަރުމަނު އަތުން އިންގްލެންޑް މޮޅުވީ މީގެ 55 އަހަރު ކުރިން 1966 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފައިނަލުގަ އެވެ. އެ މެޗު ވެސް ކުޅުނީ މިރޭގެ މެޗު ކުޅުނު ވެމްބްލީގަ އެވެ. އެ މެޗުގެ ފަހުން ފަހުން ބޮޑު މުބާރާތްތަކުގައި މި ދެ ޓީމު ކުޅުނު ހަތަރު މެޗުން ވެސް މޮޅުވީ ޖަރުމަނެވެ. މިއީ ޖަރުމަނުން 1996 ވަނަ އަހަރުގެ ޔޫރޯ ސެމީ ފައިނަލުގައި އިންގްލެންޑް ކަޓުވާލުމުގެ ރަނގަޅު ބަދަލު ހިފުމެކެވެ.
ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން ޖަރުމަނުން މެޗުގެ ފުރަތަމަ ދިހަ ވަރަކަށް މިނިޓްގައި ބޯޅަ ހިފަަހައްޓައިގެން ކުޅުނު ނަމަވެސް ގޯލާ ސީދާކޮށް ފުރަތަމަ ހަމަލާ ފޮނުވާލީ އިންގްލެންޑުންނެވެ. އިންގްލެންޑްގެ މި ފަހަރުގެ މުބާރާތުގައި މި މެޗުގެ ކުރިން އިންގްލެންޑްގެ ދެ ގޯލު ވެސް ޖެހި ރަހީމް ސްޓާލިން އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ޖަރުމަނުގެ ގޯލްކީޕަރު މެނުއަލް ނޯޔާ ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން އިންގްލެންޑްގެ ހެރީ މެގުއާ އަށް ބޮލުން ޖަހަން ލިބުނު ދެ ފުރުސަތުން ވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.
ފުރަތަމަ ހާފުގައި ޖަރުމަނަށް ގޯލެއް ޖަހައިދޭން އެންމެ ހުސް ފުރުސަތެއް ލިބުނީ ޓިމޯ ވާނާ އަށެވެ. ކައި ހަވާޓްޒް ހުސްކޮށްލާފައި ދިން ބޯޅަ އޭރިއާތެެރެއިން ވާނާ ގޯލުގެ ދުރު ކަނަށް ފޮނުވާލަން ޖެހި ބޯޅަ އިނގިރޭސި ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މަތަކޮށްފަ އެވެ.

ވާނާ ފޮނުވާލި ބޯޅަ ކީޕަރު ޕިކްފޯޑް މަތަކުރަނީ.-- ފޮޓޯ: އޭއެފްޕީ
އިންގްލެންޑަށް ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ލަނޑު ޖަހައިދޭން ހެރީ ކޭން އަށް ލިބުނު ބޯޅަ އޭނާ އަށް ރަނގަޅަށް ގޯލަށް ފޮނުވާލަން ފުރުސަތު ލިބުމުގެ ކުރިން ޖަރުމަނުގެ ތަޖުރިބާކާރު ޑިފެންޑަރު މެޓް ހަމެލްސް ވަނީ ސަލާމަތްކޮށްފަ އެވެ.
ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ތިން މިނިޓް ތެރޭ އިންގްލެންޑް އޭރިއާތެރެއިން ހަވާޓްޒް ޖެހި ބާރު ޝޮޓް ކީޕަރު ޕިކްފޯޑް ވަނީ މަތަކޮށްފަ އެވެ.
މެޗުގެ ފަހު 20 މިނިޓަށް އިންގްލެންޑާއި ޖަރުމަނުން ވެސް ވަނީ ބަދަލެއް ގެނެސްފަ އެވެ. އިންގްލެންޑުން ބުކާޔޯ ސަކާގެ ބަދަލުގައި ޖެކް ގްރީލިޝް ކުޅެން އެރުވިއިރު، ޖަރުމަނުން ވަނީ ވާނާގެ ބަދަލުގައި ސާޖް ގްނަބްރީ ކުޅެން އަރުވައިފަ އެވެ. ގްރީލިޝް އެ ވަގުތު ކުޅެން އެރުވުމަކީ މި މެޗު އިންގްލެންޑް ކޮޅަށް އެނބުރުނު އެއް ސަބަބެވެ.
އިންގްލެންޑުން ގޯލު ޖެހީ މެޗުގެ 75 ވަނަ މިނިޓްގަ އެވެ. ގްރީލިޝް ދިން ބޯޅައަކުން ލޫކް ޝޯ އޭރިއާތެެރެއަށް ނަގައިދިން ހުރަހުން ސްޓާލިން ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. ސްޓާލިން ރަނގަޅު ވަގުތުގައި ހުސްވުމަކީ މި ގޯލު ޖަހަން ފަސޭހަވި ސަބަބެވެ.
ޖަރުމަނަށް އެއްވަރުކޮށްދޭން މެޗުގެ 80 ވަނަ މިނިޓްގައި މުލާ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ހަވާޓްޒް ހުސްކޮށްލާފައި މުލާ އަށް ދިން ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ އޭނާ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.
ޖަރުމަނަށް ލިބުނު ފުރުސަތު ގެއްލުވާލުމުގެ ނަތީޖާ އަކަށްވީ އިންގްލެންޑުން އިތުރު ގޯލެއް ޖެހުމެވެ. އިންގްލެންޑްގެ ދެ ވަަނަ ގޯލު ޖެހީ މެޗުގެ 87 ވަނަ މިނިޓްގައި ކޭން އެވެ. ގްރީލިޝް ނަގައިދިން ހުރަަހަކުން ކޭން މި ގޯލު ޖެހީ ބޮލުންނެވެ. މިިއީ މި ފަހަރުގެ މުބާރާތުގައި ކޭން ޖެހި ފުރަތަމަ ގޯލެވެ.
މިއީ ޔޫރޯގެ ނޮކައުޓް މެޗެއްގައި އިންގްލެންޑް މޮޅުވި ދެ ވަނަ ފަހަރެވެ. މީގެ ކުރިން އިންގްލެންޑުން ޔޫރޯގައި މޮޅުވި ހަމައެކަނި ނޮކައުޓް މެޗަކީ 1996 ވަނަ އަހަރުގެ ޔޫރޯގެ ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިން ސްޕެއިން އަތުންނެވެ.
މިއީ ޖަރުމަނުގެ ކޯޗު ޔަކީމް ލޯ އެ ޓީމަށް އިރުޝާދުދިން ފަހު މެޗެވެ. ލޯ ވަނީ މި ފަހަރުގެ ޔޫރޯ އަށް ފަހު އެ ޓީމު ދޫކޮށްލާނެކަން މުބާރާތުގެ ކުރިން ވެސް އިއުލާނުކޮށްފަ އެވެ. ލޯ ވަނީ 15 އަހަރު ޖަރުމަނަށް ކޯޗުކޮށްދީފަ އެވެ.
މިރޭގެ މޮޅާ އެކު އެންމެ ހިތްހަމަ ޖެހުމެއް ލިބޭނެ އެކަކަކީ އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓަށެވެ. އިންްގްލެންޑުން 1996 ވަނަ އަހަރުގެ ޔޫރޯގެ ސެމީ ފައިނަލުގައި ޖަރުމަނު އަތުން ބަލިވީ ސައުތުގޭޓް ފޮނުވާލި ޕެނަލްޓީ ނާކާމިޔާބުވުމުންނެވެ. އޭގެ 25 އަހަރު ފަހުން ޖަރުމަނު އަތުން މި ލިބުނު މޮޅާ އެކު ސައުތުގޭޓަށް ހަމަޖެހިލެވޭނެ އެވެ.
ކުއާޓާ ފައިނަލުގައި އިންގްލެންޑް ކުޅެން ޖެހޭނީ މިރޭ ދެ ވަނަ ބުރުގެ ފަހު މެޗުގައި ސްވިޑެން އާއި ޔޫކްރެއިން ކުޅެގެން މޮޅުވާ ޓީމަކާ އެވެ. ކުއާޓާގައި އިންގްލެންޑް ކުޅޭ މެޗު އޮންނާނީ އިޓަލީގެ ރޯމްގަ އެވެ.












