އިންގްލެންޑާއި ޖަރުމަނަކީ ދުނިޔޭގެ ފުޓްބޯޅައިގައި ވަރުގަދަ މެޗުތަކެއް މީގެ ކުރިން ކުޅެފައިވާ ދެ ގައުމެވެ. ބައިނަލްއަގުވާމީ މުބާރާތްތަކުގެ އިތުރުން ކޮލިފައިން ނޫނީ އެކުވެރިކަމުގެ މެޗެއްގައި އިންގްލެންޑާއި ޖަރުމަނު ކުޅުނަސް ދަނޑު ތެރެެއިންނާއި ދަނޑު ބޭރުން ފެންނަނީ ވާދަވެރިކަމުގެ އިންތިހާ އެވެ. މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ނޮކައުޓް މެޗެއްގައި އިނގިރޭސި ރަސްމީ ސްޓޭޑިއަމްގައި ޖަރުމަނާ ދެކޮޅަށް އިންގްލެންޑުން މިރޭ ކުޅޭއިރު، ކުރިން މި ދެ ޓީމުގެ ވަރުގަދަ ކުރިމަތިލުންތަކުގެ ހަނދާން ކުރީގެ ކުޅުންތެރިންނާއި ދެ ގައުމުގެ މީޑިއާ އަދި ސަޕޯޓަރުން އަންނަނީ އާ ކުރަމުންނެވެ.
މި ރިޕޯޓްގައި މި ބަލައިލަނީ ދުނިޔޭގެ ފުޓްބޯޅައިގެ ތާރީހުގައި ޖަރުމަނާއި އިންގްލެންޑްގެ އެންމެ ވަރުގަދަ ފަސް ކުރިމަތިލުމަށެވެ.
ވޯލްޑް ކަޕް ފައިނަލް، 1966: ވެސްޓް ޖަރުމަނު 2-4 އިންގްލެންޑް
ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އިންގްލެންޑުން ހޯދި ހަމައެކަނި ފަހަރަކީ 1966 ވަނަ އަހަރު އަމިއްލަ ދަނޑުގައި ކުޅުނުއިރު އެވެ. އެ ފަހަރުގެ ފައިނަލުގައި އިންގްލެންޑުން ބަލިކުރީ އޭރު ވެސްޓް ޖަރުމަނުގެ ނަމުގައި ކުޅުނު ޖަރުމަނުގެ ޓީމެވެ.

1966 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގެ ތެރެއިން: އިންގްލެންޑުން ޖެހި މައްސަލަ ބޮޑުވި ގޯލު.
ދެ ވަނަ ބޮޑު ހަނގުރާމަ ނިމުނުތާ 21 އަހަރު ފަހުން ކުޅުނު ފުރަތަމަ ފައިނަލުގައި ވެމްބްލީ ސްޓޭޑިއަމް އޮތީ ސަޕޯޓަރުން ވަދެ ފުރިފަ އެވެ. ގާތްގަނޑަކަށް 97،000 މީހުން އެ މެޗު ބަލަން ދަނޑަށް ވަނެވެ.
ހެލްމަޓް ހޯލާގެ ގޯލުން ޖަރުމަނު ލީޑުނަގާފައިވަނިކޮށް އިންގްލެންޑަށް އެއްވަރުކޮށްދިނީ ޖިއޮފް ހާސްޓް އެވެ. އިންގްލެންޑުން މާޓިން ޕީޓާސްގެ ގޯލުން ފުރަތަމަ ފަހަރަށް ލީޑުނެގިއިރު، ވުލްފްގެންގް ވެބާ ޖަރުމަނަށް އެއްވަރުކޮށްދިނެވެ. މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި އިންގްލެންޑަށް އަލުން ލީޑުނަގައިދިން ގޯލު ހާސްޓް ޖެހިއިރު، އެ ބޯޅަ ގޯލު ރޮނގު ހުރަސްކުރި ކަމަށް ރެފްރީ ނިންމުމުން މިއަދާ ހަމައަށް ވެސް އެ ކަމަށް ފާޑުކިޔުން އަމާޒުވެ އެެވެ. ހާސްޓް ވަނީ އިތުރު ވަގުތުގެ ފަހު މިނިޓްގައި އިތުރު ގޯލެއް ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.
އިންގްލެންޑުން ވޯލްޑް ކަޕް ހޯދި ހަމައެކަނި ފަހަރު އެ ގޮތަށް ތަށި ހޯދުމުން އެތައް އަހަރެން ވަންދެން ޖަރުމަނު ފުޓްބޯޅަ ސަޕޯޓަރުން ބުނަމުން އަންނަ އެއް ވާހަކަ އަކީ އިންގްލެންޑުން ދުނިޔޭގެ ޗެމްޕިއަންކަން ހޯދީ ނާއިންސާފުން ކަމަށެވެ. އިންގްލެންޑުން ދެނީ އެ ވާހަކަތަކަށް ބީރު ކަންފަތެކެވެ.
ވޯލްޑް ކަޕް ކުއާޓާ ފައިނަލް، 1970: ވެސްޓް ޖަރުމަނު 3-2 އިންގްލެންޑް
އިންގްލެންޑުން 1966 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލުގައި ވެސްޓް ޖަރުމަނު (ޖަރުމަނު) ބަލިކުރުމުގެ ބަދަލު ހިފަން އެ ޓީމަށް ލިބުނު ފުރުސަތުގެ ބޭނުން އޭގެ ހަތަރު އަހަރު ފަހުން ވަރަށް ރަނގަޅަށް ހިފި އެވެ. މެކްސިކޯގައި ކުރިއަށް ދިޔަ އެ ފަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ވެސްޓް ޖަރުމަނުން ވަނީ ފޯރިގަދަ ކުރިމަތިލުމަކަށް ފަހު އިންގްލެންޑް ބަލިކޮށްފަ އެވެ.

1970 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އިންގްލެންޑާއި ވެސްޓް ޖަރުމަނު ކުޅުނު މެޗުގެ ތެރެއިން.
އެ މެޗު ފެށިގެން ދިޔައީ ވެސްޓް ޖަރުމަނުން އެންމެ ބޭނުންވި ގޮތަކަށް ނޫނެވެ. އިންގްލެންޑް އިން ފުރަތަމަ ދެ ގޯލުގެ ލީޑެއް ނަގައި ވެސްޓް ޖަރުމަނު ހާސްކޮށްލި އެވެ. ލަނޑުތައް ޖެހީ އެލަން މުލަރީ އާއި މާޓިން ޕީޓާސް އެވެ. ވެސްޓް ޖަރުމަނުން މެޗުގެ ފުރިހަމަ ވަގުތު ނިމުމުގެ ކުރިން ނަތީޖާ ހަަމަހަމަ ކުރީ ފްރެންޒް ބެކެންބާއު އާއި އުވީ ސީލާ ޖެހި ގޯލުތަކުންނެވެ. އަދި އިތުރު ވަގުތުގެ ދެ ހާފް ނަތީޖާ ނެރެން ކުޅުނުއިރު، ޖަރުމަނު މޮޅުކޮށްދިން ގޯލު ޖެހީ ލެޖެންޑަރީ ފޯވާޑް ގާޑް މުލާ އެވެ. މިއީ ގާޑް މުލާގެ ކެރިއަރުގެ ހާއްސަ ގޯލެކެވެ.
އެ ފަހަރުގެ މުބާރާތުގެ ފައިނަލުން ފުރުސަތު ނުލިބި ތިން ވަނަ ޖަރުމަނަށް ލިބުނު ނަމަވެސް އެ ގައުމުގެ ފުޓްބޯޅަ ސަޕޯޓަރުން އުފާފާޅުކުރި އެއް ސަބަބަކީ އިންގްލެންޑް ކަޓުވާލެވުމުންނެވެ. އިންގްލެންޑުން ވަނީ ޖަރުމަނަށް ތަށި ނުހޯދުމުން މަލާމަތްކޮށްފަ އެވެ.
ވޯލްޑް ކަޕް ސެމީ ފައިނަލް، 1990: ވެސްޓް ޖަރުމަނު 1-1 އިންގްލެންޑް (ޕެނަލްޓީ، ވެސްޓް ޖަރުމަނު 4-3 އިންގްލެންޑް)
މެޗަކުން ބަލިނުވެ އިންގްލެންޑުން 1990 ވަނަ އަހަރު އިޓަލީގައި ބޭއްވި ވޯލްޑް ކަޕްގެ ސެމީން ފުރުސަތު ހޯދުމާ އެކު ގިނަ ބަޔަކަށް ބެލެވުނީ އިންގްލެންޑުން 1966 ވަނަ އަހަރަށް ފަހު ފުރަތަމަ ފަަހަރަށް ވޯލްޑް ކަޕްގެ ފައިނަލުގައި ކުޅޭނެ ކަމަށެވެ. އަށްޑިހައިގެ އަހަރުތަކުގެ ތެރޭގައި ޔުއެފާއާ އުފެދުނު ހިޔާލު ތަފާތުވުންތަކަށް ފަހު އިންގްލެންޑުން 1990 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅުނީ ވަރަށް ރަނގަޅު ޓީމެއް ގޮވައިގެންނެވެ. އެކަމަކު އެ ޓީމަށް ހުރަސް އެޅީ ސެމީ ފައިނަލުގައި ބައްދަލުކުރި ޒަމާންވީ ވާދަވެރިޔާ ވެސްޓް ޖަރުމަނުންނެވެ. ސެމީ ފައިނަލަށް ވެސްޓް ޖަރުމަނު ވެސް ދިޔައީ މެޗަކުން ބަލިނުވެ އެވެ.

ވެސްޓް ޖަރުމަނާއި އިންގްލެންޑުން 1990 ވަނަ އަހަރު ކުޅުނު ސެމީ ފައިނަލްް މެޗުގެ ތެރެއިން.
ލޯތާ މަތައިސް އާއި ޔާގެން ކްލިސްމަން ފަދަ ވެސްޓް ޖަރުމަނުގެ ތަރިންގެ ވިދުން ގަދަވަމުން އައި އެ ދުވަސްވަރު ކުޅުނު ވޯލްޑް ކަޕްގައި އެ ޓީމުން ތަފާތު ދެއްކި އެވެ. ވެސްޓް ޖަރުމަނާއި އިންގްލެންޑް ކުޅުނު ސެމީ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. އެންޑީ ބްރެމޭ ވެސްޓް ޖަރުމަނަށް ލީޑުނަގައިދީފައި ވަނިކޮށް އިންގްލެންޑަށް އެއްވަރުކޮށްދިނީ މަޝްހޫރު ފޯވާޑް ގެރީ ލިނެކާ އެވެ.
ޕެނަލްޓީ ޖަހައިގެން ވެސްޓް ޖަރުމަނު މޮޅުވީ 4-3 އިންނެވެ. ވެސްޓް ޖަރުމަނުން ވަނީ ފޮނުވާލި ހަތަރު ޕެނަލްޓީ ވެސް ކާމިޔާބުކޮށްފަ އެވެ. އިންގްލެންޑުން ފޮނުވާލި ފަސް ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވީ ފަހު ދެ ޕެނަލްޓީ އެވެ. ނާކާމިޔާބުވި ދެ ޕެނަލްޓީ ފޮނުވާލީ މިހާރު ކޯޗިންގައި މަސައްކަތް ކުރަމުން އަންނަ ސްޓުއާޓް ޕިއާސް އާއި ކްރިސްޓޮފާ ވަޑްލް އެެވެ.
ޔޫރޯ ސެމީ ފައިނަލް، 1996: ވެސްޓް ޖަރުމަނު 1-1 އިންގްލެންޑް (ޕެނަލްޓީ، އިންގްލެންޑް 5-6 ވެސްޓް ޖަރުމަނު)
މިއީ މި ފަހަރުގެ ޔޫރޯގެ މެޗުތަކުގެ ކުރިން އެންމެ ފަހުން އިންގްލެންޑުގައި ހޯސްޓްކުރި ބައިނަލްއަގުވާމީ ބޮޑު މުބާރާތެވެ. އިންގްލެންޑުން އެ ފަހަރު ޔޫރަޕްގެ ޗެމްޕިއަންކަން އަމިއްލަ ފަސް ގަނޑުގައި ހޯދަން ކުރި މަސައްކަތަށް ހުރަސްއެޅީ ކުރިން ވެސްޓް ޖަރުމަނުގެ ގޮތުގައި ކުޅެމުން އައި އަދި އެ މުބާރާތުގައި ޖަރުމަނުގެ ނަމުގައި ކުޅެން ފެށި ޓީމުންނެވެ.
އެ ފަހަރުގެ ޔޫރޯގައި އިންގްލެންޑަށް ކުރިމަތިވި ކަންތައްތަކުގެ ވާހަކަ އަކީ މި ފަަހަރުގެ ޔޫރޯ އަށް ނުކުތްއިރު ވެސް އެންމެ ގަދަ އަށް ދެކެވުނު އެއް ވާހަކަ އެވެ. ޖަރުމަނާއި އިންގްލެންޑުން މި ފަހަރުގެ ޔޫރޯގައި ހާއްސަކޮށް ވެމްބްލީގައި މެޗެއް ކުޅެން ޖެހުމަކީ ދެ ގައުުމުގެ ފުޓްބޯޅަ ސަޕޯޓަރުން ވެސް އެދި އެދި ހުރި ކަމެކެވެ. އެކަން މިރޭ ހާސިލްވާނެ އެވެ.
އިންގްލެންޑާއި ޖަރުމަނު އެ ފަހަރުގެ މުބާރާތުގެ ސެމީ ފައިނަލަށް އައީ ވަރަށް ރަނގަޅު ފޯމެއްގައި އޮވެ އެވެ. ދެ ޓީމުން ވެސް ނަތީޖާ ނެރެން ކެތްމަދުވެފައި ހުރި މެޗަކަށް ނުކުމެ، ރަނގަޅު ކުޅުމެއް ދެއްކި އެވެ. އިންގްލެންޑުން މެޗުގެ ތިން ވަނަ މިނިޓްގައި އެލަން ޝިއަރާގެ ގޯލުން ލީޑުނެގި އެވެ. އިންގްލެންޑުން ލީޑުނެގިތާ 13 މިނިޓް ފަހުން ޖަރުމަނުގެ ފޯވާޑް ސްޓެފަން ކަންޓްޒް ވަނީ އެ ޓީމަށް އެއްވަރު ކޮށްދީފަ އެވެ. ދެން އެ މެޗުގައި ގޯލެއް ނުފެނި ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.

1996 ވަނަ އަހަރުގެ ސެމީ ފައިނަލްގައި ސައުތުގޭޓް ޕެނަލްޓީ ނާކާމިޔާބުވުމުން ބޮލުގައި އަތްއަޅައިގެން.
ޖަރުމަނުން ފޮނުވާލި ހަ ޕެނަލްޓީ ވެސް ކާމިޔާބުކުރި އެވެ. އިންގްލެންޑުން ފޮނުވާލި ހަ ވަނަ ޕެނަލްޓީ ގަރެތު ސައުތުގޭޓް އަތުން ބޭކާރުވެ، އިންގްލެންޑް ކެޓީ އެވެ.
އިންގްލެންޑްގެ ކޯޗަކަށް މި ވަގުތު ހުރި ސައުތުގޭޓަށް މި ފަހަރުގެ ޔޫރޯގެ ކޮންމެ މެޗެއްގެ ކުރިން އޮންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އަމާޒުވާ އެއް ސުވާލަކީ 1996 ވަނަ އަހަރުގެ ސެމީ ފައިނަލުގައި އެ ބޭކާރުވި ޕެނަލްޓީން އަރައިގަންނަން މި ފަހަރުގެ ޔޫރޯގައި ޖަރުމަނާ ޖެހިއްޖެނަމަ ވާނެ ގޮތާ ގުޅޭ ސުވާލުތަކެވެ. މިރޭ މި ދެ ޓީމު މި ފަހަރުގެ ޔޫރޯގެ ދެ ވަނަ ބުރުގައި ކުޅޭއިރު، ސައުތުގޭޓަށް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓޭނެ އެވެ.
ޖަރުމަނުން ވަނީ އެ ފަހަރު އިންގްލެންޑް ކަޓުވާލުމަށް ފަހު ފައިނަލުގައި ޗެކް ރިޕަބްލިކް ބަލިކޮށް ޔޫރަޕްގެ ޗެމްޕިއަންކަން އިނގިރޭސި ފަސް ގަނޑުގައި ކުޅެގެން ހޯދައިފަ އެވެ. މިއީ ޖަރުމަނުގެ ފުޓްބޯޅައިގައި "ރަން" ކަމެއްގެ ގޮތުގައި އެ މީހުން ސިފަކުރާ ކަމެކެވެ. އަދި 26 ޖޫންގައި އޭގެ އުފާފާޅުކުރުންތައް އަބަދު ވެސް ބާއްވަ އެވެ.
ވޯލްޑް ކަޕް ގަދަ 16 ޓީމުގެ ބުރު، 2010: ޖަރުމަނު 4-1 އިންގްލެންޑް
އެކާވީސް ވަނަ ގަރުނުގެ ކުރީކޮޅު އިންގްލެންޑުން ވަނީ 2001 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިން މެޗެއްގައި ޖަރުމަނުގައި އެ ގައުމު އަތުން 5-1 އިން މޮޅުވެފަ އެވެ. މިއީ ޖަރުމަނުގެ ގިނަ ސަޕޯޓަރުންގެ ހިތްހަމަނުޖެހުން އެ ޓީމަށް އަމާޒުވި މެޗެކެވެ. ހާއްސަގޮތެއްގައި ޖަރުމަނުގައި ކުޅެގެން އިންގްލެންޑުން އެ ފަދަ ތަފާތު ބޮޑު މޮޅެއް ރަސްމީ މެޗެއްގައި ހޯދުމުންނެވެ.
އޭގެ ނުވަ އަހަރު ފަހުން ޖަރުމަނުން ވަނީ އިންގްލެންްޑްގެ ކިބައިން ބަދަލު ހިފައި ސަޕޯޓަރުންނަށް ބޮޑު އުފަލެއް ހޯދައިދީފަ އެވެ. އެއީ 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕްގެ ދެ ވަނަ ބުރުގަ އެވެ. އިންގްލެންޑާއި ޖަރުމަނު ވޯލްޑް ކަޕެއްގައި އަނެއްކާ ވެސް ކުޅެން ޖެހުމުން ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓުނު މި މެޗުގައި ޖަރުމަނުން ވަނީ އިންގްލެންޑް ކޮޅަށް ފުރިހަަމަ މޮޅެއް ހޯދައިފަ އެވެ.
މިރޮސްލާވް ކްލޯސާ އާއި ލޫކަސް ޕޮޑޯލްސްކީ ޖަރުމަނަށް ދެ ގޯލުގެ ލީޑެއް ނަގައިދީފައިވަނިކޮށް މެތިއު އަޕްސަން ވަނީ އިންގްލެންޑަށް ލަނޑެއް ޖަހައިދީ އުއްމީދެއް ހޯދައިދީފަ އެވެ. އިންގްލެންޑުން ނަތީޖާ ހަމަހަމަ ކުރަން ފްރޭންކް ލަމްޕާޑް ފޮނުވާލި ބޯޅަ ގޯލުގެ ހުރަސްދަނޑީގައި ޖެހިފައި ގޯލު ރޮނގު އެތެރޭގައި ބޯޅަ ޖެހިފައި ނުކުތް ނަމަވެސް ރެފްރީ އާއި ލައިންސްމަނަށް ނުފެންނާތީ އެ ގޯލު ބަލައެއް ނުގަތެވެ. އެ ނިންމުމާ މެދު ގިނަ ފާޑުކިޔުންތަކެއް އަމާޒުވި އެެވެ. ޖަރުމަނުން ވަނީ ދެ ވަނަ ހާފްގައި ތޯމަސް މުލާ ޖެހި ދެ ގޯލާ އެކު 4-1 އިން އިންގްލެންޑް އެ މެޗުން ބަލިކޮށްފަ އެވެ.

2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ލަމްޕާޑް ޖެހި ބޯޅަ ހުރަސްދަނޑީގައި ޖެހިފައި ގޯލު ރޮނގުގެ އެތެރޭގައި ޖެހެނީ.
ލަމްޕާޑް ޖެހި ގޯލު ބަލައިނުގަންނަން ނިންމި ނިންމުމަށް ފާޑުކިޔައި އިނގިރޭސި ނޫސްތަކުން ލިޔުނު ރިޕޯޓްތަކަށް ޖަރުމަނު މީޑިއާ އިން ވަނީ ރައްދުދީފަ އެވެ. ޖަރުމަނު މީޑިއާ އިން ބުނީ އިންގްލެންޑުން 1966 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި މެޗުގައި ވެސް ޖެހި އެއް ގޯލަކީ ގޯލުގެ ރޮނގު ހުރަސް ނުކުރާ ބޯޅައެއް ކަމަށާއި އެހެންވެ، އޭގެ 44 އަހަރު ފަހުން ވޯލްޑް ކަޕެއްގައި ކޮންމެ ވެސް ގޮތަކަށް އިންގްލެންޑަށް ގެއްލުމެއް ލިބުނީ ކަމަށެެވެ.












