ތި ފެންނަނީ ޕެންޑެމިކްގެ "ރަހުމްކުޑަ" ލޮކްޑައުނުން އުފެއްދި ދިލަ އުދާހުން މިލައި މޯޅިކޮށްލި އެންމެ ރީތި ހެޔޮ ހިނިތުންވުމެވެ. މައުސޫމްކަމާއި ހިތްހެޔޮކަމާއި ލޯތްބާއި ކުލުނާއި ގުނަ ނުކުރެވޭ ތަޖުރިބާގެ ވިދުން އެންމެ ގަދަ ހިނިތުންވުމެވެ. "ހަރުކަށި" ލޮކްޑައުން އިން ފަރުދާ ކޮށްލި މި ރީތި ހިނިތުންވުންތައް މި ޕެންޑެމިކެއް ނިމުމުގެ ކުރިން ހަނދާނެއްގައި "ގައިދު" ކޮށްލަން 26 އަހަރުގެ އިބްރާހިމް ނަޒީހު މަސައްކަތްކުރީ މި ހުރިހާ އިހުސާސަކާ އެކުގަ އެވެ.
"މާސްކް އަޅާތާ ދުވަސްތަކެއް މިހާރު މިވަނީ. މިހާރު މާމަ ކައިރިއަށް ގޮއްސަ ހީލިޔަސް މާމަގެ ހިނިތުންވުން ނުއެއް ފެނޭ. އެކަމަކު ހަގީގަތުގައި ކުޑަކުއްޖެއްގެ ހިނިތުންވުމަށް ވުރެ ވެސް މާ ރީތި، މާ ހިތްހަމަޖެހޭ އުމުރުން ދުވަސްވީ މީހަކު ހީލީމަ،" ބ. އޭދަފުއްޓަށް އުފަން ފޮޓޯގްރާފަރު ބުންޏެވެ.
"އެހެންވެ ބޭނުންވީ މި ދުވަސްކޮޅު ފާއިތު ނުވަނީސް މިހާރު މިސްވެފަ ހުރި މި ރީތި ހިނިތުންވުންތައް ދައްކާލަން،"

ފޮޓޯ: ރަޔާން ފޮޓޯގްރަފީ

މި އަލްބަމަކަށް ތައްޔާރުވެގެން ކެމެރާ ހިފައިގެން ހަވީރު ފިނި ޖެހުނު ވަގުތު ނަޒީހު ނިކުތީ އޭދަފުށީގެ މަގުމައްޗަށެވެ. ފިނިކޮށްލަން ގޭ ބޭރު ޖޯލި ފަތިތަކުގަ އާއި ހޮޅުއަށި ތަކުގައި ތިބި ދުވަސްވީ މީހުންނާއި ބައްދަލުކޮށްލައި އެމީހުންގެ ހިނިތުންވުން ކެމެރާއަށް ނަގަން ކުރީ، މީގެ ކުރިން ދުވަހަކުވެސް ނުކުރާ ތަފާތު މަސައްކަތެއް ކަމަށް އޭނާ ބުންޏެވެެ.

"ކޮންމެވެސް ވަރަކަށް ފެނިދެނި ވިޔަސް، ދުވަހަކު ވެސް ވާހަކަ ނުދައްކާ މީހުން ވެސް މި ފޮޓޯތަކުގައި އެބަ ހުރި. ކޮންމެ މީހަކު ވެސް ފޮޓޯ އެއް ނަގާލަން ބޭނުމޭ ބުނީމަ ވަރަށް ލަދުން ފުރަތަމަ އިންނާނީ. އެކަމަކު ފޮޓޯ ނަގާލަން ބޭނުންވާ ސަބަބު ބުނެލީމަ ވަރަށް އުފަލުން ފޮޓޯ އަށް ހީލާ،" ނަޒީހު ބުންޏެވެ.
އޭނާ ބުނީ މިއީ މިހާތަނަށް ކުރެވުނު އެންމެ ތަފާތު، އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނު މަސައްކަތް ކަމަށެވެ. އަލްބަމް އޭނާގެ ފޭސްބުކް ޕޭޖް، "ރަޔާން ފޮޓޯގްރަފީ" ގައި ޖެހުމާ އެކު ގިނަ ބަޔަކު ކުރި ތައުރީފުން ހިތް ފުރިފައި ހުރި ކަމަށް ބުންޏެވެ.

ނަޒީހުގެ މި އަލްބަމް ގައި ހިމަނާފައި އެވަނީ އޭދަފުށީގައި މިވަގުތު ތިބި އެންމެ މުސްކުޅި ފުރައިގެ މީހުންނެވެ. އޭނާ ބުނީ، އަލްބަމަށް އެހާ ގިނަ މީހުންގެ "ލޯބި" ފޮޓޯތަކެއް ލިބުމުން މިހާރު ބޭނުން ވަނީ، އެއިން ކޮންމެ ފޮޓޯއެއް ބޮޑުކޮށް ޕްރިންޓް ކުރުމަށްފަހު އާއިލާ ތަކަށް ހަދިޔާކުރަން ކަމަށެވެ. އޭރުން އޭނާގެ މި ޕްރޮޖެކްޓެއްގެ ހުރިހާ މަގްސަދެއް ހާސިލުވީ ކަމަށް އޭނާ ބުންޏެވެ.
"މީގެ ހަގީގީ އުފާވެރިކަން އަދި ލިބޭނީ ފޮޓޯތައް އާއިލާ ތަކާއި ހަވާލުކޮށްލެވުނީ. ގިނަ މާމަ މެންގެ ތީރި ފޮޓޯއެއް މިގޮތަށް ރީނަގައިނުލެވޭ. އެހެންވީމަ، މި ފޮޓޯތައް ވާނެ އާއިލާ އަށް ވަރަށް ހާއްސަ ފޮޓޯ ތަކަކަށް،" ނަޒީހު ބުންޏެވެ.

ނާޒިހް ބުނީ ރަނގަޅަށެވެ. ޕެންޑެމިކާއެކު ގެއްލުނީ ހަމައެކަނި ގެއިން ނިކުމެ އުޅުމުގެ މިނިވަންކަމެއް ނޫނެވެ. އެކުވެރި އަދި ބީރައްޓެހި ހިނިތުންވުންތަކަކީ މިދިޔަ ދެ އަހަރު މިސްވި އެންމެ ހިތްގައިމު މަންޒަރުތަކުގެ ތެރޭން ބައެކެވެ.







