ލަންޑަން (ޖޫން 29) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ޖަރުމަނާ ދެކޮޅަށް ނުކުންނައިރު، އިންގްލެންޑުން ވިސްނާނީ މާޒީގައި ވެފައި ހުރި ކަންތައްތަކުގެ ބަދަލުހިފުމުގެ ރޫހު އިސްކުރުމަށް ވުރެ، ތާރީހީ ކާމިޔާބެއް ހޯދުމަށް ކަމަށް އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް ބުނެފި އެވެ.
އިންގްލެންޑުން ވަނީ 1996 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ޖަރުމަނު އަތުން މޮޅުވެފަ އެވެ. އެކަމަކު އޭގެ ފަހުން ހަަތަރު ފަހަރެއްގެ މަތިން ބޮޑު މުބާރާތްތަކުގެ ނޮކައުޓް ބުރުގައި ވަނީ ޖަރުމަނު އަތުން ބަލިވެފަ އެވެ. އެ ގޮތުން 1970 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި އިތުރު ވަގުތު ކުޅެގެން 3-2 އިން އިންގްލެންޑް އަތުން ޖަރުމަނު މޮޅުވި އެވެ. އިޓަލީގައި 1990 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ސެމީ ފައިނަލުން އިންގްލެންޑް ކެޓީ ޕެނަލްޓީގައި ޖަރުމަނު އަތުން ބަލިވެގެންނެވެ.
އިންގްލެންޑްގެ ދަނޑު ވެމްބްލީގައި މިހާތަނަށް މުބާރާތެއްގެ މެޗަކުން އެ ޓީމު ބަލިވީ ޖަރުމަނު އަތުން އެކަންޏެވެ. އެއީ 1996 ވަނަ އަހަރުގެ ޔޫރޯ ސެމީ ފައިނަލުންނެވެ. އިންގްލެންޑްގެ ކޯޗަކަށް މިހާރު ހުރި ގަރެތު ސައުތުގޭޓް އަތުން ބޭކާރުވި ޕެނަލްޓީއާ އެކު، ޕެނަލްޓީ ޖަހައިގެން އެ މެޗުން ޖަރުމަނު މޮޅުވި އެވެ.
އެންމެ ފަހުން ބޮޑު މުބާރާތެއްގެ ނޮކައުޓް ބުރުގައި ޖަރުމަނާއި އިންގްލެންޑުން ކުޅުނީ 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕްގަ އެވެ. އެ ފަހަރު ގަދަ 16 ޓީމުގެ ބުރުގައި ޖަރުމަނުން ވަނީ އިންގްލެންޑް 4-1 އިން ބަލިކޮށްފަ އެވެ. އެ މެޗުގައި ޖަރުމަނު ޓީމަށް ކުޅުނު ބައެއް ކުޅުންތެރިން މި ވަގުތު ވެސް އެ ޓީމުގައި ހިމެނެ އެވެ.
ޔޫރޯ ނޮކައުޓް ބުރެއްގައި މިހާތަނަށް އިންގްލެންޑަށް ހޯދުނީ އެންމެ މޮޅެކެވެ. އެއީ 1996 ވަނަ އަހަރުގެ ކުއާޓާ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ސްޕެއިން އަތުންނެވެ. މިރޭ ޖަރުމަނާ ދެކޮޅަށް ކުޅޭއިރު، ޔޫރޯގެ ނޮކައުޓް ބުރުގައި އިންގްލެންޑްގެ ރެކޯޑް ދަށްވުމަކީ ސައުތުގޭޓަށް އޮތް ކޮންމެ ވެސް ވަރެއްގެ ކަންބޮޑުވުމެކެވެ.
"ތި ބުނާ ރެކޯޑް ތިހެން އޮތުމަކީ އަހަރެމެންގެ (އިނގިރޭސި) ފުޓްބޯޅަ އަށް ކަންބޮޑުވުމެއް. އެކަމަކު އަހަރެން އަބަދުވެސް ބުނަމުން އަންނަ ވާހަކައެއް މިހާރު އޮތް އިންގްލެންޑްގެ ޓީމަކީ ކުރިން މާޒީގައި ވެފައި ހުރި ކަންތައްތަކެއް ކޮނޑުގައި އަޅައިގެން އަންނަ ޓީމެއް ނޫނޭ. އަހަރެމެން ޓީމުގައި އެބަތިބި 2000 ވަނަ އަހަރުގެ ފަހުން ވެސް އުފަންވި ކުޅުންތެރިން. އެހެންވީމަ ކުރީގެ ވިސްނުންތަކެއް އަލުން ގެންނާކަށް ބޭނުމެއް ނޫން،" މިރޭގެ މެޗުގެ ކުރިން ސައުތުގޭޓް ބުންޏެވެ.
އިނގިރޭސި ރަސްމީ ސްޓޭޑިއަމް ވެމްބްލީގައި 40،000 އަށް ވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި މިރޭގެ މެޗު ކުޅޭއިރު، ވެމްބްލީގައި އިންގްލެންޑަށް އެންމެ ނަތީޖާ ނެރެން ވެސް އުނދަގުލީ ޖަރުމަނާ ދެކޮޅަށެވެ. މިއީ ވެމްބްލީގައި އިންގްލެންޑާއި ޖަރުމަނު ކުޅޭ 13 ވަނަ މެޗެވެ. ވެމްްބްލީގައި އެންމެ ފަހުން ކުޅުނު ހަތް މެޗުން ވެސް އިންގްލެންޑަށް ޖަރުމަނު ބަލިކުރެވިފައި ނުވެ އެވެ.
"ފާއިތުވި އަހަރުތަކުގައި އިންގްލެންޑްގައި މިހާރު އޮތް ޓީމުން ވަނީ ވަރަށް ތާރީހީ ކާމިޔާބީތަކެއް ހޯދާފައި. އިނގިރޭސި ފުޓްބޯޅައިގެ ތާރީހީ ސޮފުހާތަކެއް ލިޔެފައި. އެ ވިސްނުމުގައި އެ މީހުން ނުކުމެއްޖެނަމަ މިއީ އަނެއްކާ ވެސް ތާރީހީ ކާމިޔާބެއް ހޯދިދާނެ މެޗެއް،" އިންގްލެންޑަށް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިދިން ކޯޗު ސައުތުގޭޓް ބުންޏެވެ.
މި މެޗަށް ނުކުންނައިރު، ސައުތުގޭޓަށް އޮތް އެއް ހިތްހަމަޖެހުމަކީ އައިސޮލޭޝަނުގައި ހުރި އިންގްލެންޑްގެ ދެ ކުޅުންތެރިން ކަމަށްވާ މޭސަން މައުންޓާއި ބެން ޗިލްވެލް އަށް ޓީމަށް އެނބުރި އަންނަން ފުރުސަތު ލިބުމެވެ. ޗިލްވެލް އާއި މައުންޓް އައިސޮލޭޓް (އެކަހެރި) ވާން ޖެހުނީ ކޮވިޑަށް ޕޮޒިޓިވްވި ސްކޮޓްލެންޑްގެ ބިލީ ގިލްމޯއާ ކޮންޓެކްޓް ވުމުންނެވެ.
ބޮޑު މުބާރާތެއްގައި އިންގްލެންޑަށް ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރެވިފައި އޮތީ މަދު ފަހަރަކު ކަމަށްވާތީ މިރޭ ޖަރުމަނާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އިންގްލެންޑުން ވަނީ ޕެނަލްޓީ ޖަހަން ފަރިތަކުރަން ވެސް ޕްރެކްޓިސް ސެޝަނެއް ބާއްވައިފަ އެވެ.
މިރޭގެ މެޗަކީ ވެމްބްލީ ސްޓޭޑިއަމްގައި އިންގްލެންޑުން ކުޅޭނެ 300 ވަނަ މެޗެވެ. އަދި މަރާމާތަށް ފަހު 2007 ވަނަ އަހަރު އަލުން ވެމްބްލީ ހުޅުވި ފަހުން އެ ދަނޑުގައި އިންގްލެންޑުުން ކުޅޭ 77 ވަނަ މެޗެވެ. އިންގްލެންޑާއި ޖަރުމަނު އެންމެ ފަހުން ބައްދަލުކުރީ އެކުވެރިކަމުގެ މެޗެއްގައި 2017 ވަނަ އަހަރު ނޮވެމްބަރު މަހު އެވެ. އެ ދުވަހު ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.
މިރޭ އިންގްލެންޑާއި ޖަރުމަނު ވެމްބްލީގައި ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 21:00 ގަ އެވެ.












