ކޯޕެންހާގެން، ޑެންމާކް (ޖޫން 28) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ އިތުރު ވަގުތުގެ ދެ ހާފް ކުޅެގެން 5-3 އިން ކްރޮއޭޝިއާ ބަލިކޮށް ސްޕެއިން ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
ސްޕެއިނުން 2012 ވަަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފަހުން ކުޅުނު ބޮޑު ތިން މުބާރާތުން ވެސް ކެޓީ ކުއާޓާ ފައިނަލުން ފުރުސަތު ނުލިބި އެވެ. ބްރެޒިލްގައި 2014 ވަނަަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓިއިރު، ފްރާންސްގައި 2016 ވަނަ އަހަރު ކުރިިއަށްދިޔަ ޔޫރޯގެ ދެ ވަނަ ބުރުން ކެޓީ އިޓަލީ އަތުންނެވެ. އަދި މީގެ ތިން އަހަރު ކުރިން ބޭއްވި ވޯލްޑް ކަޕްގެ ދެ ވަނަ ބުރުން ކެޓީ މުބާރާތުގެ ހޯސްޓް ރަޝިއާ އަތުން ޕެނަލްޓީ ޖަހައިގެންނެވެ.
ކުއާޓާ ފައިނަލުގައި ސްޕެއިން ކުޅެން ޖެހޭނީ މިރޭ ދެ ވަނަ ބުރުގައި ސްވިޒަލެންޑާއި ފްރާންސް ކުޅޭ މެޗުން މޮޅުވާ ޓީމަކާ އެވެ.
މެޗަށް ނުކުތްއިރު ކްރޮއޭޝިއާގެ މުހިއްމު ކުޅުންތެރިޔާ އިވާން ޕެރިސިޗް ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ އޭނާ ޓީމުގައި ނުހިމެނެ އެވެ. އަނެއް ކޮޅުން ޖޯޑީ އަލްބާގެ ބަދަލުގައި ސްޕެއިނުގެ ވާތުބެކަށް ލާފައިވަނީ ހޯސޭ ގާޔާ އެވެ.
ޑެންމާކްގެ މަޝްހޫރު ޕާކެން ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން ސްޕެއިނުން ދިޔައީ މެދުތެރެއިން ކޮންޓްރޯލް ނަގައިގެން ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. މެޗުގެ 15 ވަނަ މިނިޓްގައި ސްޕެއިން ލީޑުނަގަން ރަނުގެ ފުރުސަތެއް ލިބުނެވެ. މެދުތެރެއިން މުޅިން ހުސްކޮށްލާފައި ސްޕެއިންގެ ޕެޑްރީ ގޮންޒާލޭޒް އޭރިއާތެރެއަށް ދިން ބޯޅަ ކޯކޭ ފޮނުވާލީ ކްރޮއޭޝިއާގެ ކީޕަރު ޑޮމިނިކް ލިވާކޮވިކާ ދިމާލަށެވެ. އޭގެ ތިން މިނިޓް ފަހުން ސްޕެއިންގެ ފެރާން ޓޮރޭޒް ހުސްކޮށްލާފައި ނަަގައިދިން ހުރަހަކުން ގޯލު ކުރިމަތިން އަލްވާރޯ މޮރާޓާ ބޮލުން ފޮނުވާލީ ކްރޮއޭޝިއާގެ ޑިފެންޑަރު ޑޮމަގޯއި ވީޑާއާ ދިމާލަށެވެ.

ސްޕެއިން ކޮޅަށް ގޯލު ވަނުމުން ކީޕަރު ސިމޯން ހުއްޓިގެން.-- ފޮޓޯ: އޭއެފްޕީ
ސްޕެއިނުން ރަނގަޅަށް ކުޅެމުން ދަނިކޮށް ކްރޮއޭޝިއާ އިން ލީޑުނެގީ މެޗުގެ 20 ވަނަ މިނިޓްގައި ސްޕެއިންގެ ކީޕަރު އުނައި ސިމޯން އަތުން ހެދުނު ގޯހަކުންނެވެ. ހާފުގެ މެދަކާ ހަަމައިން ޕެޑްރީ ފަހަތަށް ޖައްސާލި ބޯޅަ ކޮންޓްރޯލް ކުރަން ސިމޯން ނެގި ފައިގައި ޖެހިފައި ބޯޅަ ގޮސް ވަނީ ބައިކޮޅަށެވެ. މިއީ މި ފަހަރުގެ މުބާރާތުގައި ބައިކޮޅަށް ވަން ނުވަ ވަނަ ގޯލެވެ. މިއީ ޔޫރޯ ތާރީހުގައި އެންމެ ބައި ގޯލު ގިނަ ފަަހަރެވެ.
ލީޑުނެގުމަށް ފަހު ކްރޮއޭޝިއާ އިން ކުޅުން ކުރިއަށް ވުރެ ރަނގަޅުކުރި އެވެ. މެޗުގެ 23 ވަނަ މިނިޓްގައި އޭރިއާބޭރުން ކްރޮއޭޝިއާގެ މަޓެއޯ ކޮވަސިޗް ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑި މަތިންނެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ސްޕެއިނުން ނަތީޖާ ހަަމަހަމަ ކުރަން ކުރި މަސައްކަތް ކާމިޔާބުކުރި އެވެ. މި ގޯލު ޖެހީ ޕަބްލޯ ސަރާބިއާ އެވެ. މެޗުގެ 38 ވަނަ މިނިޓްގައި ސްޕެއިނުގެ ވާތު ބެކް ހޯސޭ ގާޔާ ފޮނުވާލި ބާރު ބޯޅަ ކީޕަރު ލިވަކޮވިޗް އަތުގައި ޖެހިފައި ރީބައުންސް ވެގެން ސަރާބިއާ އަށް ލިބުނު ބޯޅަ އޭނާ ވަނީ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ.
ސްޕެއިނުން ދެ ވަނަ ހާފް ފެށިގެން ލީޑުނަގަން ގިނަ އެޓޭކްތަކެއް ކުރި އެވެ. ނަތީޖާއަކަށްވީ އޭގެއިން ފުރުސަތެއްގައި އެ ޓީމުން މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނެގުމެވެ. މެޗުގެ 57 ވަނަ މިނިޓްގައި ސްޕެއިންގެ ގޯލު ޖެހީ ކަނާތު ބެކް ސެޒާ އަޒްޕިލިކުއޭޓާ އެވެ. ޓޮރޭޒް ހުސްކޮށްލާފައި ނަގައިިދިން ބޯޅަ އަޒްޕިލިކުއޭޓާ ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. މިއީ ގައުމީ ޓީމަށް އޭނާ ޖަހައިދިން ފުރަތަމަ ގޯލެވެ. އަދި އުމުުރުން 31 އަހަރުގެ އަޒްޕިލިކުއޭޓާ އަކީ ޔޫރޯގައި ސްޕެއިނަށް ގޯލެއް ޖަހައިދިން އެންމެ ދުވަސްވީ ކުޅުންތެރިޔާ އެވެ.

ލަނޑު ޖެހުމަށް ފަހު ސްޕެއިންގެ އަޒްޕިލިކުއޭޓާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ކްރޮއޭޝިއާ އިން ނަތީޖާ ހަމަހަމަކުރަން މެޗުގެ 68 ވަަނަ މިނިޓްގައި ރަނގަޅު ހަމަލާއެއް ފޮނުވާލި އެވެ. އޭރިއާތެރެއިން ޖޮސްކޯ ގްވާޑިއޯލް ޖެހި ބޯޅަ ސްޕެއިނުގެ ކީޕަރު ސިމޯން ވަނީ މަތަކޮށްފަ އެވެ.
ސްޕެއިނުން ވަނީ މެޗުގެ 76 ވަނަ މިނިޓްގައި ތިން ވަނަ ގޯލެއް ޖަހައިފަ އެވެ. މި ގޯލު ކާމިޔާބުކުރީ ޓޮރޭޒް އެވެ. އަވަސް ހިލޭ ޖެހުމަކުން މަތިން ޓޮރޭޒް އަށް ދިން ބޯޅަ ހިފައިގެން ވަދެ އޭނާ ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
ހިތްވަރު އެލުވާނުލައި ބަދަލުތައް ގެނެސްގެން ކްރޮއޭޝިއާ އިން ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތުގެ ތެރެއިން މެޗުގެ 85 ވަނަ މިނިޓްގައި ލަނޑެއް ޖެހި އެވެ. އޭރިއާތެރެއިން ކްރޮއޭޝިއާގެ ކެޕްޓަން ލޫކަ މޮޑްރިޗް ހުރަސްކޮށްލި ބޯޅަ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މިސްލާވް އޮރްސިޗް ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އޭނާ ޖެހި ބޯޅަ ގޯލުގެ ރޮނގު ހުރަސްކޮށް އެތެރެވި ކަމަށް ކަނޑައެޅީ ގޯލްލައިން ޓެކްނޮލޮޖީ އިން ބަލައިފަ އެވެ.
ކްރޮއޭޝިއާގެ މި ގޯލާ އެކު މެޗުގެ މަންޒަރު ބަދަލުވެގެން ދިޔަ އެވެ. ސްޕެއިންގެ ފަހަތަށް ބާރުބޮޑުވި އެވެ. ކްރޮއޭޝިއާ އިން ހިތްވަރާ އެކު ކުޅެ ނަތީޖާ ހަަމަހަމަކުރަން ކުރި މަސައްކަތް ކާމިޔާބުކުރީ އިތުރު ވަގުތުގަ އެވެ. މި ގޯލު ޖެހީ އޮރްސިޗް ނަގައިިދިން ބޯޅައަކުން މާރިއޯ ޕަސަލިޗް އެވެ. އޮރްސިޗް ނަގައިދިން މޮޅު ހުރަހަކުން ޕަސަލިޗް މި ގޯލު ޖެހީ ބޮލުންނެވެ.
ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފްގެ ތެރެއިން ފުރަތަމަ ހާފުގައި ކްރޮއޭޝިއާ އަށް ލީޑުނަގައިދޭން ސްޕެއިންގެ އޭރިއާތެރެއިން އަންދްރޭ ކްރަމަރިޗް ޖެހި ބޯޅަ ކީޕަރު ސިމޯން ވަނީ މަތަކޮށްފަ އެވެ.
ކްރޮއޭޝިއާ އިން ލިބުނު ފުރުސަތު ނަގާލިއިރު، ސްޕެއިނުން ވަނީ ލިބުނު ފުރުސަތުގެ ބޭނުން ހިފައި އަލުން ލީޑުނަގައިފަ އެވެ. މެޗުގެ 100 ވަނަ މިނިޓްގައި ޑެނީ އޮލްމޯ ނަގައިދިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު މޮރާޓާ ވަނީ ގޯލުގެ މަތީ ދާގަނޑަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. އޭގެ ތިން މިނިޓް ފަހުން އޮލްމޯ ދިން ބޯޅައަކުން ސްޕެއިންގެ ފަސް ވަނަ ގޯލު ޖެހީ މިކޭލް އޮޔާޒަބާލް އެވެ. އޮޔާޒަބާލް ކުޅެން އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.
ސްޕެއިނަށް ހަ ވަނަ ގޯލެއް ޖަހައިދޭން މެޗުގެ ފަހު މިނިޓްގައި އޮލްމޯ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެެވެ. މިއީ އޮޔާޒަބާލް ދިން ބޯޅައަކުން އޮލްމޯ ޖެހި ޝޮޓެކެވެ.
މި މެޗުގައި ސްޕެއިނުން ފަސް ގޯލު ޖެހިއިރު، އެ ޓީމަކީ ޔޫރޯ ތާރީހުގައި ޖެހިޖެހިގެން ދެ މެޗުގައި ފަސް ގޯލު ޖެހި ފުރަތަމަ ޓީމެވެ. ސްޕެއިނުން ގްރޫޕް ސްޓޭޖު ފަހު މެޗުގައި ސްލޮވާކިއާ ބަލިކުރީ 5-0 އިންނެވެ. މިރޭގެ މެޗަކީ ޔޫރޯ ތާރީހުގައި ފެނުނު ދެ ވަނަ އަށް އެންމެ ބޮޑު ސްކޯ އެވެ. އެންމެ ގިނަ ގޯލު ފެނިގެންދިޔަ މެޗަކީ 1960 ވަނަ އަހަރުގެ ޔޫރޯގެ ސެމީ ފައިނަލްގައި ޔޫގޯސްލާވިއާ އާއި ފްރާންސް ކުޅުނު މެޗުގަ އެވެ. އެ މެޗު ނިމުނީ 5-4 އިން ޔޫގޯސްލާވިއާ މޮޅުވެގެންނެވެ.












