ކަނޑޫފާތަކުގެ ހާލަތު އިތުރަށް ގޯސް، ދެވަނަ އެސެސްމެންޓަކަށް ތައްޔާރުވަނީ

ހދ. ވައިކަރަދޫ ކަނޑޫފާ މަތިން ނަގާފައިވާ ފޮޓޯއެއް: ބޮޑެތި ގަސްތައް ދަނީ މަރުވަމުން - ފޮޓޯ: އަބްދުﷲ ޒަމީރު

ހދ. ވައިކަރަދޫ ކަނޑޫފާ މަތިން ނަގާފައިވާ ފޮޓޯއެއް: ބޮޑެތި ގަސްތައް ދަނީ މަރުވަމުން - ފޮޓޯ: އަބްދުﷲ ޒަމީރު

ރާއްޖޭގައި ހުރި ބޮޑެތި ކަނޑޫފާތަކުގައި ގަސްތައް މަރުވެ، ނެތިދިއުމުގެ މައްސަލައަށް ހައްލެއް ނުލިބި، އިތުރަށް ހާލަތު ގޯސްވެއްޖެ އެވެ.

ކަނޑޫފާތައް މަރުވުމުގެ މައްސަލަ ދިމާވާން ފެށީ މިދިޔަ އަހަރުގެ ތެރޭ އެވެ. އެއާއެކު، އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި ފިޝަރީޒް މިނިސްޓްރީއާ ގުޅިގެން އެސެސްމެންޓެއް ހަދައި، ބައެއް ސާމްޕަލްތައް އިންޑިއާއަށް ފޮނުވި އެވެ.

އެ ސާމްޕަލްތައް ނަގައި އިންޑިއާއަށް ފޮނުވިތާ މިހާރު ހަ މަހަށް ވުރެ ވެސް ގިނަ ދުވަސްވެފައިވާއިރު، އޭގެއިން ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށް އިއްޔެ އެންވަޔަރަމެންޓް މިނިސްޓްރީން ބުންޏެވެ.

"އެ މައުލޫމާތުތައް މި ހަފުތާ ފަހުކޮޅު މީޑިއާއަށް ވެސް ހާމަކުރާނަން،" މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ކަނޑޫފާތަކުގެ މައްސަލަ އަނެއްކާވެސް ސަމާލުކަމަށް އައީ އިއްޔެ ހދ. ކޭލަކުނުގެ ފޮޓޯތަކެއް އާންމުވުމުންނެވެ.

ބޮޑިމިނުގައި 80.23 ހެކްޓަރު ހުންނަ ކޭލަކުނަކީ ރާއްޖޭގައި ހަމައެކަނި "ޓްރޫ ފޮރެސްޓް"، ނުވަތަ ފޮރެސްޓެއްގައި ހުންނަ ހުރިހާ ޝަރުތުތަކެއް ފުރިހަމަވާ ހަމައެކަނި ރަށެވެ. ބޮޑު ކަނޑުފަލެއް، އެތައް ބައިވަރު ގަސްތަކާއެކު އޮންނަ އެ ރަށުގެ ޗަކަބިމުގެ ނިސްބަތް ވަރަށް ބޮޑެވެ. ރަށުގެ ފެހިކަމާއި ޗާލަކަމަކީ އެތައް ބަޔަކު ހިތްކިޔާ ކަމެކެވެ.

ނަމަވެސް، ކޭލަކުނުން އިއްޔެ ނަގާފައިވާ ފޮޓޯތައް ފެނުނީ މުޅިން އެހެން މަންޒަރެކެވެ.

ތިމާވެށީގެ އެކްޓްވިސްޓް އަބްދުﷲ އާދަމް (އެޑަމް) ވަނީ ސޯޝަލް މީޑިއާގައި ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ފެހިކަން ގަދަކޮށް އޮތް އެ ރަށުގެ ކަނޑޫގަސްތައް ވަނީ ހިކި، މަރުވެފަ އެވެ.

"ކޭލަކުނުގެ ހާލަތު އަލަށް މިހާ ގޯސް މިވީ،" އެޑަމް ބުންޏެވެ.

އެޑަމް ބުނި ގޮތުގައި، ކަނޑޫގަސްތަކުގެ މޫތައް ވަނީ ވަރަށް ބޮޑަށް ފާވެ، ހަލާކުވެފަ އެވެ. އޭގެ ސަބަބުން ކަނޑޫގަސްތައް މަރުވެ، އެހެން ދިރުންތައް ވެސް ނެތިދަނީ އެވެ.

ކަނޑޫފާތަކުގެ ހާލަތު ގޯސް، އެއްވެސް ފިޔަވަޅެއް ނެތް

ކޭލަކުނުގެ ބޮޑު ފޮރެސްޓް ނެތިދިއުމުގެ ބިރު އޮތްއިރު މިދިޔަ އަހަރު މަރުވާން ފެށި އެހެން ރަށްރަށުގެ ކަނޑޫފާތަކުގެ ހާލަތު ވެސް މިހާރު ވަނީ އިތުރަށް ގޯސްވެފަ އެވެ.

ވަރަށް ރީތި ކަނޑުފަލެއް އޮންނަ ހއ. ކެލާ ކައުންސިލްގެ ރައީސް އަބްދުﷲ އިންފާޒު ވިދާޅުވި ގޮތުގައި، އެ ރަށުގެ ކަނޑޫފަލުގެ ހާލަތު މިހާރު ކުރިއަށްވުރެން ވެސް ގޯހެވެ.

ގިނަ ގަސްތަކެއް މަރުވަމުންދާތީ މި އަހަރު ކުރީކޮޅު ވެސް އެކަން މިނިސްޓްރީގެ ސަމާލުކަމަށް ގެންނެވިކަން އޭނާ ފާހަގަކުރެއްވި އެވެ. ނަމަވެސް، ކަނޑޫފަލުން މިދިޔަ އަހަރުގެ ތެރޭ ސާމްޕަލްތައް ނެގުމަށްފަހު ކަނޑޫފާތަކާ ގުޅޭ ގޮތުން ކައުންސިލާ، މިނިސްޓްރީން އެއްވެސް ކަމެއް ހިއްސާކޮށްފައިނުވާ ކަމަށް އިންފާޒު ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާ އޮންނަ ހދ. ނޭކުރެެންދޫ ކައުންސިލްގެ ރައީސް އަލީ ސިރާޖު ވެސް ވިދާޅުވި ގޮތުގައި، މިނިސްޓްރީން އެ ރަށުގެ ކަނޑޫފަލުން ސާމްޕަލް ގެންދިޔަ ފަހުން އެއްވެސް މުއާމަލާތެއް ކައުންސިލާ ކޮށްފައެއް ނުވެ އެވެ.

ނަމަވެސް، ނޭކުރެންދޫ ކަނޑޫފަލުގެ ހާލަތު އޮތީ ހަމަ ކުރިން ވެސް އޮތް ގޮތަށް ކަމާއި ކުރިއެރުމެއް ލިބިފައިނުވާކަން ސިރާޖު ފާހަގަ ކުރެއްވި އެވެ.

އެ އަތޮޅު ވައިކަރަދޫ ކައުންސިލްގެ ރައީސް އަބްދުﷲ ޒާމިރު ވެސް ފާހަގަ ކުރެއްވީ ހަމަ އެ ކަންބޮޑުވުމެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ރަށުގެ ކަނޑޫފަލުގައި ހުރި ބޮޑެތި ކަނޑޫ ގަސްތައް ވަނީ ވަރަށް ބޮޑަށް މަރުވެފަ އެވެ.

އެ ކަނޑޫފާ، އެ ހާލަތަށް މިދިޔައީ އަލަށް ކަމަށާއި އެކަން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް ޒާމިރު ވިދާޅުވި އެވެ.

ދެ ވަނަ އެސެސްމެންޓަކަށް ތައްޔާރުވަނީ

އެންވަޔަރަމެންޓް މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވި ގޮތުގައި، އިންޑިއާއަށް ސާމްޕަލް ފޮނުވައިގެން ހެދި އެސެސްމެންޓަށްފަހު އެޅޭނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން އަންނަނީ މަޝްވަރާކުރަމުންނެވެ.

އެ އެސެސްމެންޓުން ހޯދުނު ކުރިއެރުންތަކާ އެކު ދެވަނަ އެސެސްމެންޓެއް ހެދުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި ދެވަނަ އެސެސްމެންޓް ހަދާއިރު، އެހެން ރަށްތަކުގެ އިތުރުން ކޭލަކުނުގައި ވެސް ސާވޭ ކުރިއަށް ގެންދާނެ އެވެ.

ފުރަތަމަ އެސެސްމެންޓް ހެދިއިރު ކޭލަކުނަށް އެ މައްސަލަ ދިމާވެފައެއް ނުވެ އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި ކަނޑޫފާތައް މަރުވާ މައްސަލާގައި މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަނީ ކައުންސިލްތަކާ ވަރަށް ބޮޑަށް ގުޅިގެންނެވެ. އެގޮތުން އޮންލައިންކޮށް ޓްރެއިނިންތައް ވެސް ކައުންސިލްތަކަށް ދީފައިވާނެ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް، ފުރަތަމަ އެސެސްމެންޓް ކުރިއަށް ގެންދިޔައިރު ބައެއް ކައުންސިލްތަކުން އެންމެ އެކަށީގެންވާ ގޮތެއްގައި އެއްބާރުލުން ނުލިބުނުކަން ފާހަގަ ކުރެއްވި އެވެ. އެގޮތުން، ނޭކުރެންދޫ ކައުންސިލުން ކަނޑޫފަލުން ސާމްޕަލްތައް ނެގުމުގައި އެކަށީގެންވާ ގޮތަކަށް އެއްބާރުލުން ނުލިބުމުން އެކަމުގައި އިތުރު ހަރަދުތަކެއް ކުރަން ޖެހުނު ކަމަށް ވިދާޅުވި އެވެ.

މިނިސްޓްރީގެ މި ވާހަކަތައް ނޭކުރެންދޫ ކައުންސިލުން ދޮގުކުރެ އެވެ.

ކުރިން އެ ކައުންސިލްގެ ރައީސް ކަމުގައި ހުންނެވި، މިހާރުގެ ނައިބު ރައީސް އަލީ އާދަމް ވިދާޅުވި ގޮތުގައި ނޭކުރެންދޫ ކަނޑޫފާ މަރުވެ ހަލާކުވަމުންދާތީ އެންމެ ފުރަތަމަ ވެސް ކައުންސިލުން އެކަމުގައި އިސްނަގައިގެން މަސައްކަތްތަކެއްކުރި އެވެ. އެގޮތުން "ސޭވް މޯލްޑިވްސް"އާއެކު އެތަނުން ސާމްޕަލް ނަގައި، ދިމާވެފައިވާ މައްސަލަ ދެނެގަތުމަށް މަސައްކަތްކުރި އެވެ.

އޭގެފަހުން މިނިސްޓްރީގެ ސަމާލުކަމަށް އެކަން އައިސް، ކައުންސިލާއެކު މަޝްވަރާތަކެއް ކުރުމަށްފަހު އެސެސްމެންޓެއް ހެދުމަށް ޓީމެއް އެ ރަށަށް ފޮނުވި ކަމަށާއި އެ ޓީމަށް ކައުންސިލުން ފުރިހަމަ އެއްބާރުލުންދިން ކަމަށް އަލީ އާދަމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ފަރާތުން ލިބެންޖެހޭ ހުރިހާ އެއްބާރުލުމެއް ލިބިފައި ވާނީ، ޓީމު ގޮވައިގެން ވެސް އަޅުގަނޑުމެން ހަރަކާތްތެރިވިން، ދެން މިނިސްޓްރީން އެހެން އެ ވިދާޅުވާ ސަބަބެއް ނޭނގޭ،" އޭނާ ވިދާޅުވި އެވެ.

އެ ސާވޭ ޓީމު ރަށުން ދިޔަ ފަހުން އެކަމާ ގުޅޭ ގޮތުން ކައުންސިލާއެކު މިނިސްޓްރީން އެއްވެސް މުއާމަލާތެއް ކޮށްފައިނުވާކަން އަލީ އާދަމް ވެސް ފާހަގަ ކުރެއްވި އެވެ.

ވައިކަރަދޫ ކަނޑޫފާ: ބޮޑެތި ގަސްތައް ވަނީ މަރުވެފައި
ވައިކަރަދޫ ކަނޑޫފާ: ބޮޑެތި ގަސްތައް ވަނީ މަރުވެފައި

ވައިކަރަދޫ ކަނޑޫފާ: ބޮޑެތި ގަސްތައް ވަނީ މަރުވެފައި

މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަނީ މައްސަލައަށް ހައްލެއް ހޯދޭތޯ ކަމަށާއި ދެވަނަ އެސެސްމެންޓްގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.

ދެވަނަ އެސެސްމެންޓް ހެދުމަށް ތައްޔާރުވަމުންދާ ކަމަށް މިނިސްޓްރީން ހާމަކުރި ނަމަވެސް، ކެލޭ އަދި ވައިކަރަދޫ ކައުންސިލްގެ ރައީސް ވެސް ވިދާޅުވި ގޮތުގައި، އެކަން އަދި މިހާތަނަށް އެ ކައުންސިލްތަކާ ހިއްސާކޮށްފައެއް އެވެ.

ތަޖުރިބާރުކާރުން ލަފާ ގޮތުގައި، ކަނޑޫފާތައް މަރުވާން ދިމާވެފައިވަނީ މޫސުމީ ބަދަލުގެ ސަބަބުން ނުވަތަ ފަނިފަކުސާއެއްގެ ސަބަބުންނެވެ. ފުރަތަމަ އެސެސްމެންޓުން ވެސް އެކަން ފާހަގަކުރެވުނެވެ. ނަމަވެސް، ހަގީގީ ސަބަބު އަދި ދެނެގަނެވިފައެއް ނުވެ އެވެ. އަދި، އެކަމަށް އެޅޭނެ ފިޔަވަޅުތަކެއް ވެސް ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox