ސެވިލް (ޖޫން 28) - ސްޕެއިނުގެ ފޯވާޑް އަލްވާރޯ މޮރާޓާ އާއި އޭނާގެ އާއިލާ އަށް މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތެރޭގައި މަރުގެ އިންޒާރުތަކަކާ ކުރިމަތިލާން ޖެހިފައިވާއިރު މިއީ ސްޕެއިނުގެ ފުލުހުން ބަލަން ޖެހޭ މައްސަލައެއް ކަމަށް ސްޕެއިން ޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.
މި ފަހަރުގެ މުބާރާތުގައި ސްޕެއިނުގެ މީޑިއާ އާއި ސަޕޯޓަރުންގެ ނުރުހުން މޮރާޓާ އަށް އަންނަނީ އަމާޒުވަމުންނެވެ. މޮރާޓާ އަތުން މި މުބާރާތުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ވަނީ ގެއްލިފަ އެވެ. އެ ގޮތުން ސްޕެއިން އިން މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ސްވިޑެންއާ ދެކޮޅަށް މޮރާޓާ އަށް ރަނގަޅު ފުރުސަތުތަކެއް ލިބި ގޯލެއް ނުޖެހުނުއިރު، ސްލޮވާކިއާއާ ދެކޮޅަށް ސްޕެއިން ކުޅުނު މެޗުގައި މޮރާޓާ އަތުން ވަނީ ޕެނަލްޓީއެއް ބޭކާރުވެފަ އެވެ.
ސްޕެއިނުގެ ރޭޑިއޯ އަކަށް ދިން އިންޓަވިއުއެއްގައި މޮރާޓާ ބުނީ ތަކުރާރުކޮށް މަރުގެ އިންޒާރުތަކާއި ނަފްރަތުގެ މެސެޖުތައް ލިބެނީ އޭނާގެ އިތުރުން އާއިލާ އަށް ކަަމަށެވެ. އަދި އެކަން އޮންލައިންކޮށް ލިބޭ މެސެޖުތަކުންނާއި އޭނާގެ އާއިލާ ދަނޑަށް މެޗު ބަލަން އަންނައިރު ކުރިމަތީގައި ވެސް ހިނގާ ކަމަށް މޮރާޓާ ބުންޏެވެ.
އުމުރުން 28 އަހަރުގެ މޮރާޓާގެ ހާލަތާ މެދު ސުވާލުކުރުމުން ހިތްހަމަނުޖެހިފައި ހުރެ އެންރީކޭ ބުނީ މޮރާޓާ އަށް ލިބިފައިވާ އިންޒާރުތަކަކީ ހަގީގަތުގައި ސީރިއަސް މައްސަލައެއް ކަމަށެވެ.
"މިއީ ހިނގަން ޖެހޭ ކަހަލަ ކަންތައްތަކެއް ނޫން. މިއީ ވަރަށް ސީރިއަސް މައްސަލައެއް. އަހަރެން ދެކޭ ގޮތުގައި މި މައްސަލަ ފުލުހުން ބަލަން ޖެހޭ. މިއީ ފުލުހުން ކުރަންޖެހޭނެ ކަމެއް،" އެންރީކޭ ބުންޏެވެ.
އެންރީކޭ ބުނީ މިއީ އޭނާ ވާހަކަ ދައްކައިގެން ހައްލު ކުރެވޭނެ ކަމަކަށް ވުރެ ބޮޑަށް އިންސާފުވެރިކޮށް މި ފަދަ ކަންކަން ހައްލުކުރުމުގެ ޒިންމާއާ ހަވާލުވެތިބި، އިދާރާތަކުގެ އަތުގައި އޮތް ކަމެއް ކަމަށެވެ.
މޮރާޓާ އަށް ރަނގަޅަށް ނުކުޅެވޭއިރު، ސްޕެއިން ޓީމުން އޭނާ އަށް ފުރަަތަމަ އެގާރައިގައި ފުރުސަތު ދޭތީ އެންރީކޭ އަށް ވެސް ފާޑުކިޔުން އަމާޒުވެ އެވެ. އެންރީކޭ ވަނީ މީގެ ކުރިން ވެސް މޮރާޓާ ދިފާއުކޮށް ވާހަކަ ދައްކައިފަ އެވެ. މި ފަހަރުގެ މުބާރާތުގައި ޕޮލެންޑް ކޮޅަށް ސްޕެއިނުގެ ލަނޑު ޖެހުމަށް ފަހު މޮރާޓާ އުފާފާޅުކުރީ އެންރީކޭ ގައިގައި ބައްދާލައިގެންނެވެ.












