ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނިންމަން ބޭނުންވާ މީހުންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހޯމް އިމްޕްރޫވްމަންޓް ލޯނާއި އިސްލާމިކް ފައިނޭންސިން ޕްރޮޑަކްޓެއް ތައާރަފުކޮށްފި އެވެ.
ހިޔާގެ ފިނިޝިން މަސައްކަތް ނިންމަން ބޭންކުން މިއަދު ތައާރަފުކުރި ހޯމް އިމްޕްރޫވްމަންޓް ލޯނަކީ ޝޯޝަލް ހައުސިން ޕްރޮޖެކްޓްތަކުގެ ތެރެއިން ފްލެޓް ލިބޭ މީހުންނަށް އިތުރު ރަހުނަކާ ނުލާ ފިނިޝިން މަސައްކަތަށް ދޫކުރާ ލޯނެކެވެ.
މި ލޯނު ނަގާ ކަސްޓަމަރުންނަށް 25،000ރ. އިން ފެށިގެން 125،000ރ. އާ ހަމައަށް ލޯނު ލިބޭނެ އެވެ. މި ލޯނުތައް ދައްކަން އަނބުރާ ފަސް އަހަރު ލިބެ އެވެ. އަދި ލޯނުގެ އިންޓްރެސްޓް ރޭޓަކީ 12 ޕަސެންޓެވެ. އެހެންކަމުން މި ލޯން ނަގާ މީހުން ގިނަވެގެން މަހަކު ދައްކަން ޖެހޭނީ 3،337ރ. އެވެ.

ބީއެމްއެލް އިސްލާމިކް ހޯމް އިމްޕްރޫވްމަންޓް ލޯނުގެ ޕޯސްޓަރު --
ބީއެމްއެލްއިން ވަނީ ހޯމް އިމްޕްރޫވްމަންޓް ލޯނުގެ ޝަރުތުތަކާ އެއްގޮތް އިސްލާމިކް ފައިނޭންސިން ޕްރޮޑަކްޓެއް ވެސް ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ތައާރަފުކޮށްފަ އެވެ.
ހޯމް އިމްޕްރޫވްމަންޓް ލޯން ޕްލަސް
ބީއެމްއެލްއިން މިއަދު ތައާރަފުކުރި އަނެއް ލޯނަކީ ހޯމް އިމްޕްރޫވްމަންޓް ޕްލަސް ލޯނެވެ. މި ލޯނަކީ ފްލެޓް އަދި ރޯހައުސް ގަނެފައިވާ ބޭންކުގެ ކަސްޓަމަރުންނަށް ހާއްސަކޮށް ގޭގެ ފިނިޝިން މަސައްކަތް ނިންމުމަށާއި ގެޔަށް ބޭނުންވާ ފަރުނީޗަރު ގަންނަން ތައާރަފުކުރި ލޯނެކެވެ.
މިއީ ވެސް ރަހުނަކާ ނުލާ 25،000ރ. އިން ފެށިގެން 300،000ރ. އާ ހަމައަށް ލޯނު ލިބޭ، 12 ޕަސެންޓް އިންޓްރެސްޓް ރޭޓުގައި ދޫކުރާ ލޯނެކެވެ. އަދި ލޯނު އަނބުރާ ދައްކަން ފަސް އަހަރު ލިބެ އެވެ. މި ލޯން ނަގާ މީހުން ގިނަވެގެން މަހަކު ދައްކަން ޖެހޭނީ 6،673ރ. އެވެ.

ބޭންކުގެ ހޯމް އިމްޕްރޫވްމަންޓް ލޯން ޕްލަސްގެ ޕޯސްޓަރު --
ހޯމް އިމްޕްރޫވްމަންޓް ލޯނެކޭ އެއްފަދައިން ބީއެމްއެލް އިސްލާމިކް ކަސްޓަމަރުންނަށް މި ޝަރުތުތަކާ އެއްގޮތް އިސްލާމިކް ފައިނޭންސް ޕްރޮޑަކްޓެއް ވެސް ބޭންކުން ވަނީ ތައާރަފުކޮށްފަ އެވެ.
މި ދެ ލޯނުގެ މައިގަނޑު ތަފާތަކީ ހޯމް އިމްޕްރޫވްމަންޓް ލޯން ސޯޝަލް ހައުސިން ކެޓެގަރީއަށް ހާއްސަ ވުމެވެ. ހޯމް އިމްޕްރޫވްމަންޓް ޕްލަސް ލޯން ހާއްސަ ވަނީ އެ ނޫން ހައުސިން މަޝްރޫއުތަކުން ގަންނަ ފްލެޓްތަކާއި ރޯހައުސްތަކަށެވެ.
ބީއެމްއެލްއިން އަލަށް ތައާރަފުކުރި ލޯން ޕްރޮޑަކްޓްތަކާއި ގުޅިގެން ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މިއީ ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކަށް އިތުރު ހަރަދެއް ކުރަން ނުޖެހި ފްލެޓް މަސައްކަތް ނިންމާލަން ފަހިކޮށްދިން ފުރުސަތެއް ކަމަށެވެ.
"މި ބަލިމަޑުކަމުގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކާ އެކު ވެސް މިއަދު ތައާރަފް ކުރެވޭ ފައިނޭންސިންގެ ފުރުސަތުތަކަކީ ހިޔާ ފްލެޓް ލިބުނު ފަރާތްތަަކަށް ލިބޭނެ އުފާވެރި ހަބަރެއް." ޓިމް ސޯޔާ ވިދާޅުވި އެވެ.
ބީއެމްއެލްއިން މައުލޫމާތު ދީފައިވާ ގޮތުގައި މިއަދުން ފެށިގެން މި ލޯން ޕްރޮޑަކްޓްތަކަށް އެދެން ބޭނުންވާ ކަސްޓަމަރުންނަށް އެކަމަށް އެދި ހުށައެޅޭނެ ކަމަށެވެ. އަދި މީގެ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓުން ލިބޭނެ ކަމަށް ބުންޏެވެ.










