ކަނޑޫފާތަކާއި ޗަސްބިމުގެ އެވަރުގެ ދެވަނައެއް ނެތް ހދ. ކޭލަކުނުގެ ރީތިކަމާއި ހިތްގައިމު ކަމަށް ވެސް އެންމެފަހުން އަސަރުކުރީ އެވެ؛
ބޮޑިމިނުގައި 80.23 ހެކްޓަރު ހުންނަ ކޭލަކުނަކީ ރާއްޖޭގައި ހަމައެކަނި "ޓްރޫ ފޮރެސްޓް"، ނުވަތަ ފޮރެސްޓެއްގައި ހުންނަ ހުރިހާ ޝަރުތުތަކެއް ފުރިހަމަވާ ހަމައެކަނި ރަށެވެ.
ބޮޑު ކަނޑުފަލެއް، އެތައް ބައިވަރު ގަސްތަކާއެކު އޮންނަ އެ ރަށުގެ ޗަކަބިމުގެ ނިސްބަތް ވަރަށް ބޮޑެވެ. ރަށުގެ ފެހިކަމާއި ޗާލަކަމަކީ އެތައް ބަޔަކު ހިތްކިޔާ ކަމެކެވެ.
ނަމަވެސް، ކޭލަކުނުން އިއްޔެ ނަގާފައިވާ ފޮޓޯތައް ފެނުނީ މުޅިން އެހެން މަންޒަރެކެވެ.

ތިމާވެށީގެ އެކްޓްވިސްޓް އަބްދުﷲ އާދަމް (އެޑަމް) ވަނީ ސޯޝަލް މީޑިއާގައި ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ފެހިކަން ގަދަކޮށް އޮތް އެ ރަށުގެ ކަނޑޫގަސްތައް ވަނީ ހިކި، މަރުވެފަ އެވެ.
"ކޭލަކުނުގެ ހާލަތު އަލަށް މިހާ ގޯސް މިވީ،" އެޑަމް ބުންޏެވެ.
އެޑަމް ބުނި ގޮތުގައި، ކަނޑޫގަސްތަކުގެ މޫތައް ވަނީ ވަރަށް ބޮޑަށް ފާވެ، ހަލާކުވެފަ އެވެ. އޭގެ ސަބަބުން ކަނޑޫގަސްތައް މަރުވެ، އެހެން ދިރުންތައް ވެސް ނެތިދަނީ އެވެ.
އޭނާ ލަފާ ކުރާ ގޮތުގައި އެކަމަކީ، ފަނިފަކްސާއެއްގެ ސަބަބުން ކުރިމަތިވާ ކަމަކަށްވުން ގާތެވެ. މީހުން ދިރިއުޅޭ ރަށްރަށުގެ ކަނޑޫފާތަކަށް ކުރިމަތިވި މައްސަލަ އެންމެފަހުން ވަކިން އޮތް ކޭލަކުނާ ހަމައަަށް ވެސް ފޯރީ ކަމަށް އޭނާއަށް ބެލެވެ އެވެ.
ހދ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ސިރާޖު ވެސް ވަނީ އެއީ، އެ އަތޮޅުގެ ރަށްތަކުގެ ކަނޑޫފާތަކަށް ކުރިމަތިވެފައި އޮތް ކަމެއްކަން ފާހަގަ ކުރައްވައި ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ކަނޑޫފާތަކަށް ދިމާވަމުންދާ މައްސަލަތަކާ ގުޅިގެން މިނިސްޓްރީން މަސައްކަތްތަކެއް ކުރަމުންދާކަން މައުލޫމާތު ލިބެ އެވެ.
ނަމަވެސް، މިފަހުން މަގާމާ ހަވާލުވެވަޑައިގެންނެވި ސިރާޖުގެ ދައުރު ފެށުނު ފަހުން މިނިސްޓްރީއާ އެކަމުގައި އެއްވެސް މުއާލަމާތެއް ކުރެވިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އުތުރުގެ ގިނަ ރަށްތަކެއްގެ ކަނޑޫފާތައް މަރުވެ، ނެތިދިޔުމުގެ ބިރު މިދިޔަ އަހަރު ވަރަށް ބޮޑުވި އެވެ. އޭގެ ތެރޭގައި އެންމެ ބޮޑު ކަނޑުފަލެއް އޮންނަ، ހދ. ނޭކުރެންދޫ އާއި ރީތި ކަނޑުފަލެއް އޮންނަ ހއ. ކެލޭ ހިމެނެ އެވެ. އޭގެއިތުރުން ހދ. ވައިކަރަދޫ ކަނޑޫފާ ވެސް ވަރަށް ބޮޑަށް ވަނީ މަރުވެފަ އެވެ.
މި މައްސަލަ އުތުރުގެ ކަނޑޫފާތަކަށް ކުރިމަތިވާތީ، އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި ފިޝަރީޒް މިނިސްޓްރީ ގުޅިގެން ދިރާސާއެއް ވެސް ކުރި އެވެ. އެ ދިރާސާތަކުން ގިނަ އަދަދެއްގެ ސާމްޕަލް ނަގައި އިންޑިއާއަށް ފޮނުވި އެވެ.
މިހާތަނަށް އެ ސާމްޕަލްތަކުގެ ނަތިޖާއިން ހޯދުނު ކަންކަމެއް ހާމައެއް ނުކުރެ އެވެ.
އެކަމަކު، މިނިސްޓްރީން މިއަދު ބުނި ގޮތުގައި ނަތީޖާތަކުން ވަނީ ކުރިއެރުންތަކެއް ލިބިފަ އެވެ. އެކަމާ ގުޅޭ މައުލޫމާތުތައް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ނޭކުރެންދޫ ކައުންސިލްގެ ރައީސް އަލީ ސިރާޖު ވިދާޅުވި ގޮތުގައި، މިނިސްޓްރީން އެ ރަށުގެ ކަނޑޫފަލުން ސާމްޕަލް ގެންދިޔަ ފަހުން އެއްވެސް މުއާމަލާތެއް ކައުންސިލާ ކޮށްފައެއް ނުވެ އެވެ.
ނަމަވެސް، ނޭކުރެންދޫ ކަނޑޫފަލުގެ ހާލަތު އޮތީ ހަމަ ކުރިން ވެސް އޮތް ގޮތަށް ކަމާއި ކުރިއެރުމެއް ލިބިފައިނުވާކަން ސިރާޖު ފާހަގަ ކުރެއްވި އެވެ.













