ސެވިލް (ޖޫން 26) - ސްޕެއިނުގެ ފޯވާޑް އަލްވާރޯ މޮރާޓާ އާއި އޭނާގެ އާއިލާ އަށް ގިނަ އިންޒާރުތަކެއް މި ފަހަރުގެ ޔޫރޯ ތެރޭގައި ކުރިމަތިލާން ޖެހިފައިވާ ކަމަށް އޭނާ ބުނެފި އެވެ.
އުމުރުން 28 އަހަރުގެ މޮރާޓާ އަތުން މި ފަހަރުގެ ޔޫރޯގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ވަނީ ގެއްލިފަ އެވެ. އެ ގޮތުން ސްޕެއިން އިން މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ސްވިޑެންއާ ދެކޮޅަށް މޮރާޓާ އަށް ރަނގަޅު ފުރުސަތުތަކެއް ލިބި ގޯލެއް ނުޖެހުނުއިރު، ދެ ވަނަ މެޗުގައި ޕޮލެންޑް ކޮޅަށް ސްޕެއިނުގެ ހަމައެކަނި ގޯލު ޖެހީ މޮރާޓާ އެވެ. އެކަމަކު ސްލޮވާކިއާއާ ދެކޮޅަށް ސްޕެއިން ކުޅުނު މެޗުގައި މޮރާޓާ އަތުން ވަނީ ޕެނަލްޓީއެއް ބޭކާރުވެފަ އެވެ.
ސްޕެއިނުގެ ރޭޑިއޯ އަކަށް ދިން އިންޓަވިއުއެއްގައި މޮރާޓާ ބުނީ މަރުގެ އިންޒާރުތަކާއި ނަފްރަތުގެ މެސެޖުތައް ލިބެނީ އޭނާގެ އިތުރުން އާއިލާ އަށް ކަަމަށެވެ. އަދި އެކަން އޮންލައިންކޮށް ލިބޭ މެސެޖުތަކުންނާއި އޭނާގެ އާއިލާ ކުރިމަތީގައި ވެސް ހިނގާ ކަމަށް މޮރާޓާ ބުންޏެވެ.
"މީހުން އެބަ ބުނޭ އަހަރެންގެ ދަރިން މަރުވިއްޔާ ރަނގަޅޭ. އަހަރެން ބޭނުން އަހަރެން ހުރި މަގާމަށް އެ މީހުން އައިސް ހުއްޓައި އެ ގޮތަށް އެހެން މީހުން ބުނުމުން ވާނެ ގޮތް ބަލާލަން. އަމިއްލަ ނަފްސާއި އާއިލާ އަށް މި ގޮތަށް އިންޒާރު އައުމަކީ އެއްވެސް މީހަކަށް ފަސޭހަވާނެ ކަމެއް ނޫން،" އިޓަލީގެ ޔުވެންޓަސް އަށް ކުޅެމުން އަންނަ މޮރާޓާ ބުންޏެވެ.
"ސެވިލްގެ ސްޓޭޑިއަމަށް އަހަރެންގެ އަންހެނުންނާއި ދަރިން މޮރާޓާ ޖަހާފައިވާ ޖޯޒީ ލައިގެން ސްޕެއިންގެ މެޗު ބަލަން އައީމަ އެ މީހުންނާ ދިމާލަށް ވެސް ބައެއް މީހުން ނަފްރަތުގެ ބަސްތައް ބުނެ ހަޅޭލަވާ. އަހަންނަށް ކިތަންމެ ކަމެއް ސަޕޯޓަރުން ކުރިކަމަށް ވިޔަސް އެއީ މާ ބޮޑު ކަމަކަށް ނުވިޔަސް އެކަން އާއިލާއާ ހަމައަށް ދިއުން ރަނގަޅެއް ނޫން. ކޮންމެ ކަމެއްގެ ވެސް ހައްދެއް އޮންނަން ވާނެ،"
ހުރިހާ ގޮންޖެހުންތަކުގެ ތެރެއިން ވެސް މޮރާޓާ ވަނީ ޓީމުގެ ކުޅުންތެރިންނާއި ކޯޗު ލުއިސް އެންރީކޭގެ ފަރާތުން ލިބޭ ސަޕޯޓަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ސްޕެއިންގެ ކުރީގެ ކެޕްޓަން އަދި ލެޖެންޑަރީ ގޯލްކީޕަރު އިކާ ކަސިއަސް ވެސް ވަނީ މޮރާޓާ އަށް ގުޅުމަށް ފަހު އޭނާ އަށް ހިތްވަރު ދީ އެހެން އަމާޒުވާ ފާޑުކިޔުންތަކަށް މާ ބޮޑު ސަމާލުކަމެއް ނުދޭން އެދިފަ އެވެ.
"މީގެ ކުރިން ނަމަ އަހަރެން މި ފަދަ ހާލަތެއްގައި (ފާޑުކިޔުމާއި އިންޒާރުތައް ލިބޭއިރު) އިތުރަށް ހިތްވަރު ގެއްލޭނީ. މި ވަގުތު މި އޮތް ޓީމުން ދޭ ސަޕޯޓުން ކަންކަން ރަނގަޅުކުރަން އަހަންނަށް ހިތްވަރު ލިބޭ،" މޮރާޓާ ބުންޏެވެ.
ސްޕެއިން އިން މި ފަހަރުގެ މުބާރާތުގެ ދެ ވަނަ ބުުރުގައި ކުޅޭނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ އަންނަ ހޯމަ ދުވަހު އެވެ.












