ލަންޑަން (ޖޫން 25) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ އިނގިރޭސި ޓީމަށް ގްރޫޕް ސްޓޭޖަށް ފަހު ބުދަ ދުވަސް ޗުއްޓީއެއްގެ ގޮތުގައި ހަމަޖައްސައި މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝީރަންގެ ޕްރައިވެޓް ސެޝަނެއް (ގިގެއް) ކުރިއަށް ގެންގޮސްފި އެވެ.
އުމުރުން 30 އަހަރުގެ މަޝްހޫރު ލަވަކިޔުންތެރިޔާ، އެޑް ޝީރަން އަކީ ފުޓްބޯޅައިގެ ބޮޑު ސަޕޯޓެއްގެ އިތުރުން އިނގިރޭސި ކްލަބް އިސްޕްވިޗް ޓައުންގެ ސްޕޮންސަރެކެވެ. ގަވާއިދުން އިސްޕިޗް ޓައުން މެޗުތައް ބަލަން ވެސް ދާ އެޑް ޝީރަން އަކީ މި ފަހަރުގެ ޔޫރޯގެ ސްޕޮންސަރެއްގެ ގޮތުގައި ހަމަޖައްސާފައިވާ ސޯޝަލް މިޑިއާ ޕްލެޓްފޯމް "ޓިކްޓޮކް" އާ އެކު ޔޫރޯ ވާޗުއަލް ޝޯގެ ވެސް ޕާޓްނަރެކެވެ.
އިނގިރޭސި ޓީމަށް އެޑް ޝީރަންގެ ޕްރައިވެޓް ޝޯއެއް ކުރިއަށް ގެންދިޔައީ އިނގިރޭސި ޓީމު ކޭމްޕް ކޮށްފައިތިބި ސެއިން ޖޯޖް ޕާކުގައި ހުރި ޓީމު ހޮޓަލްގަ އެވެ. އެޑް ޝީރަން އަށް އިނގިރޭސި ޓީމުގެ ބަބްލް ތެރެއަށް ވަންނަން ހުއްދަ ދިނީ ސަލާމަތީ ގޮތުން ބަލަންޖެހޭ ހުރިހާ ކަމެއް ކަށަވަރުކޮށްފައި ކަމަށް އިނގިރޭސި އެފްއޭ އިން ވަނީ ބުނެފަ އެެވެ. އެޑް ޝީރަންގެ އިވެންޓް ކުރިއަށް ގެންދިޔައީ ޔުއެފާގެ ފަރާތުން ނަގަން ޖެހޭ ހުރިހާ ހުއްދަތައް ވެސް ލިބުމަށް ފަހު އެވެ.
އިންގްލެންޑް ޓީމު މި ފަހަރު ޔޫރޯގެ ގްރޫޕް ސްޓޭޖު ތިން މެޗު ވެސް ކުޅުނީ އަމިއްލަ ގައުމުގަ އެވެ. އާންމު ގޮތެއްގައި ބޮޑު މުބާރާތެއްގަައި އަމިއްލަ ގައުމުގައި މެޗުތައް ކުޅޭ ޓީމުތަކަށް ގްރޫޕް ސްޓޭޖަށް ފަހު ލިބޭ ހުސް ދުވަހުގައި އާއިލާގެ މެމްބަރުންނާ އެކު ވަގުތުތަކެއް ހޭދަކުރަން ފުރުސަތު ދެ އެވެ. އެކަމަކު މި ފަހަރު ކޮވިޑް-19 ގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން އެ ފުރުސަތެއް ނެތެވެ. އެހެންވެ، އިނގިރޭސި ޓީމުގެ މެނޭޖްމަންޓުން ނިންމީ އެޑް ޝީރަން ގެނެސްގެން ކުޅުންތެރިން ހިތްހަމަޖައްސައިދޭން ލަވަކިޔުންތެރިއެއްގެ އިވެންޓެއް ކުރިއަށް ގެންދިއުމަށެވެ.
އިނގިރޭސި ޓީމު ޔޫރޯ ދެ ވަނަ ބުރުގައި އަންނަ އަންގާރަ ދުވަހު ކުޅޭނީ ޖަރުމަނާ ދެކޮޅަށެވެ. އެ މެޗު ވެސް ކުޅޭނީ އިނގިރޭސި ރަސްމީ ސްޓޭޑިއަމް ވެމްބްލީގަ އެވެ.
މި ފަހަރު ޔޫރޯގެ ސްޕޮންސަރެއް ކަމަށްވާ ޓިކްޓޮކްގެ ފަރާތުން މުބާރާތުގެ ތެރޭގައި ޓިކްޓޮކް އެޕް މެދުވެރިކޮށް ލައިވްކޮށް މަޝްހޫރު ލަވަކިޔުންތެރިން ލައްވައި ސެޝަންތަކެއް ކުރިއަށް ގެންދާނެ އެވެ. ވާޗުއަލްކޮށް ގެންދާ ޓިކްޓޮކް މި އިވެންޓުގައި އެޑް ޝީރަން ޕާފޯމްކުރާނީ މިއަދު އެވެ.












