ޔޫރޯގެ ތަށި ތިން ފަހަރު އުފުލާލާފައިވާ ސްޕެއިން އަދި މި ފަަހަރުގެ މުބާރާތުގެ މެޗަކުން ބަލިނުވެ އެވެ. އެކަމަކު ގްރޫޕް ސްޓޭޖުގެ ތިން މެޗު ނިންމާލައި ނޮކައުޓް ބުރަށް ތައްޔާރުވާން ބަލާއިރު، ސްޕެއިން ޓީމުން ވަނީ ބޭނުންނުވާ "ރެކޯޑެއް" ގާއިމްކޮށްފަ އެވެ. އެއީ ޖެހިޖެހިގެން އެންމެ ގިނަ ޕެނަލްޓީ ނާކާމިޔާބުވުމުގެ ރެކޯޑެވެ. މި ވަގުތަށް ބަލާއިރު ސްޕެއިނުގެ ޕެނަލްޓީ ނާކާމިޔާބީ އޮތީ ސިލްސިލާ އަކަށް ވެފަ އެވެ.
މި ފަހަރުގެ މުބާރާތަށް ސްޕެއިން ނުކުތްއިރު އެ ޓީމުން އެންމެ ފަހުން ކުޅުނު މެޗުތަކުގައި އޮތީ ތިން ޕެނަލްޓީ ނާކާމިޔާބުވެފަ އެވެ. މިދިޔަ ނޮވެމްބަރު މަހު ޔުއެފާ ނޭޝަންސް ލީގުގައި ސްވިޒަލެންޑާ ދެކޮޅަށް ސްޕެއިން 1-1 އިން އެއްވަރުވިއިރު، އެ މެޗުގައި ލިބުނު ދެ ޕެނަލްޓީ ސްޕެއިނުގެ އޭރުގެ ކެޕްޓަން ސާޖިއޯ ރާމޯސް އަތުން ވަނީ ބޭކާރުވެފަ އެވެ. މި އަހަރު މާޗް މަހު ލިތުއޭނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ޒުވާން ފޯވާޑް އަބެލް ރުއިޒް އަތުން ވަނީ ޕެނަލްޓީ ނާކާމިޔާބުވެފަ އެވެ.
އޭގެ ފަހުން މި ފަހަރުގެ މުބާރާތުގައި ސްޕެއިން ކުޅުނު ދެ ވަނަ މެޗުގައި ޕޮލެންޑާ އެއްވަރުވިއިރު، އެ މެޗުގެ ދެ ވަނަ ހާފްގައި އަލުން ލީޑުނަގަން ސްޕެއިންގެ ފޯވާޑް ޖެރާޑް މޮރޭނޯ ޖެހި ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އަދި ސްޕެއިންގެ ފަހު މެޗުގައި އަލްވާރޯ މޮރާޓާ ފޮނުވާލި ޕެނަލްޓީ ސްލޮވާކިއާގެ ކީޕަރު މާޓިން ޑުބްރާވްކާ ވަނީ މަތަކޮށްފަ އެވެ. މިއާ އެކު ޖެހިޖެހިގެން ފަސް ޕެނަލްޓީ ސްޕެއިން އަތުން ބޭކާރުވެ، ބޭނުންނުވާ ސިލްސިލާއެއްގައި ދެމި އޮވެ އިތުރު ދުވަސްތަކެއް ގުނަން ޖެހުނީ އެވެ.
ސްޕެއިން އަތުން މީގެ ކުރިން އެންމެ ގިނައިން ވެސް ޕެނަލްޓީ ނާކާމިޔާބުވެފައި ހުރީ ޖެހިޖެހިގެން ތިން ފަހަރު އެވެ. އެ ގޮތަށް ދެ ފަހަރެއްގެ މަތިން ވަނީ ޖެހިޖެހިގެން ތިން ޕެނަލްޓީ ނާކާމިޔާބުވެފަ އެވެ. އެއީ 2012 އާއި 2013 ވަނަ އަހަރު ރާމޯސް އާއި ފެނާންޑޯ ޓޮރޭޒް އަދި ސެސްކް ފަބްރެގަސް އަތުން ޓަހިޓީ، ފްރާންސް އަދި ބްރެޒިލާ ދެކޮޅަށް ޕެނަލްޓީތައް ބޭކާރުވި ފަހަރާއި 2009 ވަނަ އަހަރު ޑޭވިޑް ވިޔާ އަތުން ތިން ޕެނަލްޓީ ބޭކާރުވެފައި އޮތް ފަހަރެވެ. ވިޔާ އަތުން ބޭކާރުވީ ދެކުނު އެފްރިކާ އާއި ބެލްޖިއަމް އަދި ބޮސްނިއާއާ ކޮޅަށް ޖެހި ޕެނަލްޓީތަކެވެ.
ސްޕެއިން ފުޓްބޯޅައިގައި 1990 ގެ ފަހު ކޮޅުން ފެށިގެން ދަނޑުމަތީގައި އަމަލުކުރަމުން އަންނަ އެއް އުސޫލަށް ބަލާއިރު، ޕެނަލްޓީ ޖަހާނެ ކުޅުންތެރިއަކު ކަނޑައަޅަނީ ޓީމުން ދަނޑުމަތީގައި އަމިއްލަ އަށެވެ.
މިދިޔަ ނޮވެމްބަރު މަހު ރާމޯސް އަތުން އެއް މެޗެއްގައި ދެ ޕެނަލްޓީ ބޭކާރުވި މެޗަށް ފަހު ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ވަނީ ޕެނަލްޓީ ޖެހުމުގެ އިހުތިޔާރު އަބަދުވެސް އޮންނާނީ ކެޕްޓަނާއި މުޅި ޓީމަށް ދޫކޮށްލާފައި ކަމަށް ބުނެފަ އެވެ. އެއީ އެންރީކޭ ކުޅެމުން އައިއިރު ވެސް އަމަލުކުރި ގޮތްކަމަށްވާތީ އެވެ.
މި ވަގުތު ޕެނަލްޓީ ނާކާމިޔާބުވުމުގެ ސިލްސިލާއެއްގައި ސްޕެއިން ދެމި އޮތްއިރު، އެންރީކޭ އެންމެ ފަހުން ވެސް ބުނީ ވަކި ކުޅުންތެރިއަކު ޕެނަލްޓީ ޖެހުމާ ހަވާލުކުރުމުގެ ވިސްނުން އަދިވެސް އޭނާ އިސްނުކުރާނެ ކަމަށެވެ. އަދި ޓީމުން ދަނޑުމަތީގައި ގޮތެއް ކަނޑައަޅައި ޕެނަލްޓީ ޖަހާނެ ކުޅުންތެރިއަކު ލައްވައި އެކަން ކުރުން އެންމެ ރަނގަޅު ކަމަށް އެންރީކޭ ވަނީ ބުނެފަ އެވެ.
މި ފަހަރުގެ ޔޫރޯގެ ދެ ވަނަ ބުރުގައި ސްޕެއިން ކުޅޭނީ އެންމެ ފަހުގެ ވޯލްޑް ކަޕްގެ ރަނަރަޕް ކްރޮއޭޝިއާއާ ދެކޮޅަށެވެ.












