ލަންޑަން (ޖޫން 24) - ސްކޮޓްލެންޑްގެ ބިލީ ގިލްމޯ ކޮވިޑަށް ޕޮޒިޓިވްވުމުން އޭނާއާ ކޮންޓެކްޓްވި އިންގްލެންޑްގެ ދެ ކުޅުންތެރިން ކަމަށްވާ ބެން ޗިލްވެލް އާއި މޭސަން މައުންޓް ސެލްފް އައިސޮލޭޝަނެއްގައި ތިބިއިރު، އެ ދެ ކުޅުންތެރިންގެ ޓްރެއިނިން ވަކިން ކުރިއަށް ގެންގޮސްފި އެވެ.
މިދިޔަ ހުކުރު ދުވަހުގެރޭ ސްކޮޓްލެންޑާ އިންގްލެންޑް ލަނޑެއް ނުޖެހި އެއްވަރުވި މެޗަށް ފަހު ގިލްމޯއާ ކޮންޓެކްޓްވި މައުންޓާއި ޗިލްވެލް އައިސޮލޭޝަނަކަށް ދިޔައީ ގްރޫޕް ސްޓޭޖުގައި ސްކޮޓްލެންޑުން ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ކުރި ޓެސްޓްތަކުން ގިލްމޯ ޕޮޒިޓިވްވުމުންނެވެ.
ގިލްމޯ ވަނީ އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. ޗެލްސީ އަށް ކުޅޭ އުމުރުން 20 އަހަރުގެ ގިލްމޯ އަށް އެ ކާމިޔާބީ ލިބުމުން އެ މެޗަށް ފަހު އޭނާ އަށް މަރުހަބާ ކިޔަން މައުންޓާއި ޗިލްވެލް ވަނީ އޭނާ ކައިރިއަށް ގޮސް ވަގުތު ހޭދަކޮށްފަ އެވެ. ގިލްމޯ އާއި މައުންޓް އަދި ޗިލްވެލް އަކީ ޗެލްސީ އަށް ކުޅޭ ތިން ކުޅުންތެރިންނެވެ.
އިންގްލެންޑުން ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅުނު މެޗުގެ ސްކޮޑުގައި މައުންޓާއި ޗިލްވެލް ނުހިމެނެ އެވެ. މައުންޓް ވަނީ އިންގްލެންޑުން ފުރަތަމަ ކުޅުުނު ދެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފަ އެވެ. ޗިލްވެލް އަށް އަދި މި ފަހަރުގެ ޔޫރޯ އިން ފުރުސަތެއް ނުލިބެ އެވެ.

ސްކޮޓްލެންޑާއި އިންގްލެންޑް މެޗަށް ފަހު: މައުންޓް (ކ) އާއި ގިލްމޯ (މ) އަދި ޗިލްވެލް.
އިންގްލެންޑުން މިއަދު ބޭއްވި ޓްރެއިނިން ސެޝަންގައި މައުންޓާއި ޗިލްވެލް ސްކޮޑާ އެކު ޓްރެއިނިންގައި ބައިވެރިނުވެ އެވެ. އެ ދެ ކުޅުންތެރިން ޓްރެއިން ކުރީ ވަކިންނެވެ.
ހާއްސަ އުސޫލެއްގެ ތެރެއިން ނަމަވެސް ޓެސްޓް ކޮށްގެން މައުންޓާއި ޗިލްވެލް އަށް ޓީމު ޓްރެއިނިންގައި ބައިވެރިވެވޭނެ ގޮތެއް އޮތްތޯ ބަލަން އިނގިރޭސި އެފްއޭ އިން އަންނަނީ މަސައްކަތް ކުރަމުންނެެވެ. އެކަމަކު ޔުއެފާ ޕްރޮޓޮކޯލްފައިވާ ގޮތުން މައުންޓާއި ޗިލްވެލް އަށް ޓީމު ޓްރެއިނިންގައި ބައިވެރިވެވޭނީ ޕޮޒިޓިވްވި ކުޅުންތެރިއެއްގެ ޑައިރެކްޓް ކޮންޓެކްޓެއްގެ ގޮތުގައި ހުރެފައި އައިސޮލޭޓްވާން ޖެހޭ މުއްދަތު ފުރިހަމަ ކޮށްފަ އެެވެ.
މައުންޓާއި ޗިލްވެލްގެ އައިސޮލޭޝަން މުއްދަތު ހަމަވާނީ އަންނަ ހޯމަ ދުވަހު އެވެ. އެއީ ދެ ވަނަ ބުުރުގައި ޖަރުމަނާ ދެކޮޅަށް އިންގްލެންޑް ކުޅޭ މެޗުގެ އެއް ދުވަސް ކުރިންނެވެ. ޖަރުމަނު އަތުން އަންގާރަ ދުވަހުގެރޭ އިންގްލެންޑް މޮޅުވެއްޖެނަމަ ކުއާޓާ ފައިނަލުގައި ކުޅެން ޖެހޭނީ ދެ ވަނަ ބުުރުގައި ސްވިޑެން އާއި ޔޫކްރެއިން ކުޅެގެން މޮޅުވާ ޓީމަކާ އެވެ.












