ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހަރާކޮށްލަން ދިން ހަމަލާގެ އިންކުއަރީ މި މަހުގެ ނިޔަލަށް ނިންމަން އަމާޒުހިފާފައި ވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދެ ވަނަ ދައުރު އިތުރުކުރަން މިއަދު ނިންމައިފި އެވެ.
މަޖިލީހުގެ ގަވައިދުގައި ބުނާ ގޮތުން މަޖިލީހުގެ ޖަލްސާތައް އަހަރެއްގެ ތެރޭގައި ބެހިގެންދާނީ ތިން ދައުރަކަށެވެ.
އެގޮތުން ފުރަތަމަ ދައުރު ފެބުރުއަރީ މަހުގެ ފުރަތަަމަ ދުވަހުން ފެށީގެން އެޕްރީލް މަހުގެ ނިޔަލަށެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން ކޮންމެ އަހަރެއްގެ އޯގަސްޓު މަހަށް އެޑިޔުކޭޝަން މިނިސްޓްރީން ބަދަލު ކުރުމާ ގުޅިގެން، މަޖިލީހުގެ ޗުއްޓީއާ ދިރާސީ އާ އަހަރުގެ ޗުއްޓީއާ ދިމާކުރުމަށް މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި މަޖިލީހުން އޮތީ ނިންމައިފަ އެވެ.
މިގޮތުން، މަޖިލީހުން ބަދަލުގެނެސްފައި ވަނީ މަޖިލީހުގެ ދެވަނަ ދައުރާއި ތިންވަނަ ދައުރު ހިނގާ ދުވަސްތަކަށެވެ.

އެ އިސްލާހުގައި ވާގޮތުން މަޖިލީހުގެ ދެވަނަ ދައުރު ދެން ހިނގާނީ މޭ މަހުގެ 17 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ.
އަދި ތިންވަނަ ދައުރު ހިނގާނީ އޯގަސްޓު މަހުގެ 16 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ކަމަށް ވަނީ ނިންމައިފަ އެވެ.
ނަމަވެސް، މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، މި ދައުރުގެ ތެރޭގައި ނިންމަންޖެހޭ މަސައްކަތްތަކެއް ހުރުމުން، ދައުރުގެ މުއްދަތު އަންނަ މަހުގެ އަށަކަށް އިތުރުކުރަން ހުށަހަޅުއްވާ ކަމަށެވެ.
އެގޮތުން، ބައެއް ކޮމިޓީތަކުގެ މަސައްކަތްތައް ވެސް ނިންމަން އިތުރު ހަފްތުއާއެއްހާ ދުވަސް ބޭނުންވާކަމަށް އެދިފައިވާކަން އީވާ ފާހަގަކުރެއްވި އެވެ.
އެއާއެކު، ރިޔާސަތުން ހުށަހެޅި ގޮތަށް މަޖިލީހުގެ ދައުރު ޖުލައި 8 އާ ހަމައަށް އިތުރުކުރަން އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 38 މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.
މާލެ ސަރަހައްދުގައި ކޮވިޑުގެ ހާލަތު އިންތިހާއަށް ގޯސްވުމާ ގުޅިގެން މިދިޔަ މެއި މަހުގެ ފަހުކޮޅުން ފެށިގެން މަޖިލީހުގެ ޖަލްސާތަކުގެ އިތުރުން ކޮމިޓީތަކުގެ ގިނަ ބައްދަލުވުންތައް ބާއްވަމުން އަންނަނީ އޮންލައިންކޮށެވެ.
އެކަމުގެ ސަބަބުން މަޖިލީހުގެ މަސައްކަތްތައް މަޑުޖެހި، އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދެ އެވެ.
މަޖިލީހުގެ ދެވަނަ ދައުރުގެ މުއްދަތު އިތުރުކޮށްފައިވަނީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ޕާލިމަންޓު އިންކުއަރީއެއް ހިންގަމުންދާ ދަނޑިވަޅެއްގަ އެވެ.
ރާއްޖޭގެ ތާރީހުގައި މުޅި މަޖިލިސް އިގުރާރުވެގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީން އިސްވެ ކުރިއަށް ގެންދާ އެ އިންކުޔަރީއަކީ މި ދައުރުގެ ތެރޭގައި އެންމެ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެވެ.
އެ އިންކުޔަރީއަށް ސަލާމަތީ ބާރުތަކާއި ކަމާގުޅޭ އިދާރާތަކުން އިސްވެރިން ހާޒިރުކޮށް މައުލޫމާތު ސާފުކުރަމުންދާއިރު، އެ އިންކުޔަރީގެ ރިޕޯޓު މި މަހުގެ ނިޔަލަށް ނިންމަން ކޮމިޓީން ވަނީ އަމާޒުހިފައިފަ އެވެ.
މަޖިލީހުގެ ދައުރު މިއަދު އިތުރުކޮށްފައިވަނީ ޗުއްޓީއަށް ދިޔުމުގެ ކުރިން އެ މަސައްކަތް ނިންމުމަށްކަމަށް އެނގިފައިވެ އެވެ.
މިދިޔަ މަހުގެ ހަ ވަނަ ދުވަހު ބޮމެއް ގޮއްވާލައިގެން ދިން ހަމަލާގައި ލިބުނު ޒަހަމްތަކަށް އިތުރު ފަރުވާ ހޯއްދަވަން ނަޝީދު ހުންނެވީ ޖަރުމަނުގަ އެވެ.












