ދިގުދެމިގެން ދިޔަ ދިރާސީ އަހަރެއްގެ ކިޔެވުން ނިމި ފުރަތަމަ ފަހަރަށް އަހަރުގެ މެދު ތެރެއިން ދަރިވަރުންގެ ބޮޑު ޗުއްޓީ މިއަދު ފެށިއްޖެ އެވެ.
މާލެ އާއި އަތޮޅުތަކުގެ ސްކޫލްތަކުގައި ކިޔެވުން ނިމި ބައެއް ސްކޫލްތަކުގައި އިއްޔެ ވަނީ ރިޕޯޓް ފޯމް ދީފަ އެވެ. އެކަމަކު އެޑިއުކޭޝަނުން ހަމަޖައްސާފައިވާ ގޮތުން ދަރިވަރުންގެ ޗުއްޓީ ފެށޭނީ މިއަދުން ފެށިގެންނެވެ.
ކޮވިޑާ ގުޅިގެން އެކަޑަމިކް ކަލަންޑަރަށް ބޮޑެތި ބަދަލުތަކެއް މިދިޔަ އަހަރު ގެންނަން ޖެހުނެވެ. އެންމެ ބޮޑު އެއް ބަދަލަކީ ދިރާސީީ އަހަރު މިދިޔަ އަހަރުގެ ފަހުކޮޅަށް ނުނިންމައި، މި އަހަރުގެ ޖޫންއާ ހިސާބަށް އިތުރުކުރުމެވެ. އެއާއެކު، ދެން ކޮންމެ އަހަރެއްގެ ވެސް ބޮޑު ޗުއްޓީ އަހަރުގެ މެދުން ފަށާ ގޮތަށް ހަމަޖެއްސުމެވެ.
މާލޭގެ ސްކޫލްތަކުގައި ކޮވިޑާ ހެދި ދަރިވަރުން މިދިޔަ އަހަރާއި މި އަހަރު ވެސް ކިޔަވަން ޖެހުނީ އޮންލައިންކޮށެވެ. އެކަމަކު، ކޮވިޑު ނުފެތުރޭ ރަށްތަކުގެ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދިޔައީ ސްކޫލްތަކަށް ގޮސްގެންނެވެ.
ގޭގައި އޮންލައިންކޮށް ކިޔަވަން ޖެހުން ވީ ދަރިވަރުންނާއި ޓީޗަރުންނަށް އަދި ބެލެނިވެރިންނަށް ވެސް ގޮންޖެހުންބޮޑު، އުނދަގޫ ތަޖުރިބާއަކަށެވެ. ހާއްސަކޮށް ދަރިވަރުންގެ އިތުރު ހަރަކާތްތައް މިދިޔަ އަހަރާއި މި އަހަރު ގާތްގަނޑަކަށް އޮތީީ ހުއްޓިފަ އެވެ.

ދަރިވަރުންގެ ޗުއްޓީ މިއަދު ފެށުނަސް މާލެ އިން ޗުއްޓީއަށް ރަށްރަށަށް ދިއުން އޮތީ ތާށިކޮށްފަ އެވެ. އެހެންކަމުން، މާލޭގައި ތިބި ދަރިވަރުން ބޮޑު ޗުއްޓީގެ ދޮޅު މަސް އަނެއްކާވެސް ހޭދަކުރަން ޖެހޭނީ ގޭގަ އެވެ.
ކޮވިޑާ ގުޅިގެން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް، ބޮޑު އީދު ފެށެންވާ އިރަށް ލުއި ދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ. ބޮޑު އީދު ޗުއްޓީ ފެށޭނީ އަންނަ މަހުގެ މެދު ތެރޭގަ އެވެ.
ބޮޑު ޗުއްޓީ ނިމި ދިރާސީ އަހަރުގެ ކިޔެވުން ފަށާގޮތަށް ހަމަޖައްސާފައި ވަނީ އޮގަސްޓު، 10 ގަ އެވެ.
މާލެ އާއި އަތޮޅުތަކުގެ ސްކޫލްތަކުގައި 90،000 އަށް ވުރެން ގިނަ ދަރިވަރުން ކިޔަވަ އެވެ. ދިރާސީ އަހަރު ފެށެންވާ އިރަށް ދަރިވަރުންގެ ފޮތްތައް ރަށްރަށަށް ފޮނުވަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ފަށައިފަ އެވެ.













