ތާނައިގެ ވިހި ވަނަ އަކުރު އަހަރެންނަށް ބޭވަފާތެރިވެއްޖެ އެވެ. އެ ދުވަހު ދަރިފުޅާއެކު "ބަސް ބާޒީ" ކުޅެން ފެއްޓީ އެއީ ތުއްތު ކުއްޖެއްކަން ދަނެގެން، އޭނާ މޮޅުވާނޭހެން ދޫދީގެން ކުޅެން ހިތުލައިގެންނެވެ. އެހެންނަމަވެސް "ޓ"އިން ފެއްޓޭ ހަ ވަނަ ލަފުޒާ ޖެހުނު ހިސާބުން މަގޭ މަތީ-ތަޢުލީމީ ފެންވަރުގެ ބަސްކޮށާރު ހުލިވެއްޖެ އެވެ. ޓަވިޔަނިން ދެން ކިޔެން މިއުޅޭ ލަފުޒަކީ ޙަޤީޤަތުގައި ވެސް މައް ދިވެހި ލަފުޒެއްތޯ ނުވަތަ ބޮރޯކޮށްފައިވާ ލަފުޒެއްތޯ ސުވާލު އުފެދޭ ހިސާބަށް ގޮސްފައިވަނިކޮށް، ދަރިފުޅު ދިހައަކަށް ގުނާ، އޭނާ މޮޅުވީކަން އިޢުލާންކޮށްފި އެވެ. ދަރިފުޅާއެކު މަޖަލުގައި ބައިވެރިވީ ނަމަވެސް ފުރާ ފުރިހަމަ ވެފައިހުރި ދިވެހި ބަހުން ބަސްމޮށެން ދަންނަ މީހަކަށް ޓަވިޔަނިން ފެށޭ ހަ ލަފުޒު ނޭނގުނީތީ އަހަރެން ހުރީ މާޔޫސްވެފަ އެވެ.
"ޓ" ވާނީ ދިވެހި ބަހަށް މާފަހުން ތަޢާރަފުވީ ބޮރޯޑް ލަފުޒު ގިނަ އަކުރަކަށް ކަމަށް ބުނެ އަމިއްލަ ނަފުސު ލޮއްސާލީމެވެ. އެހެން ނަމަވެސް ދިވެހިންގެ އަކުރާ ގުޅޭ ލިޔެކިޔުންތައް ބަލާލުމުން، "ޓ" އަޑާއި އަކުރަކީ އިސްދޫ ލޯމާފާނުގެ ނުވަތަ އެވޭލާ އަކުރުގެ ޒަމާނުއްސުރެ ދިވެހިން ގެންގުޅޭ އަޑަކާއި އަކުރެއްކަން އެނގުމުން، އަމިއްލާ ޖާހިލުކަމާ މެދު ލަދުވެތިވާ ހާލު، "ޓ"ގެ ރަދީފުގެ އެހީ ހޯދަން ހިތުއެޅީމެވެ.
ދިވެހި ބަސްފޮތުގެ ޞަފުޙާ ނަންބަރު 1150 ހުޅުވާލީ އަލިމަގެއް ފެނޭތޯ އެވެ. އަހަރެންގެ ގާތުގައި ދިވެހި ބަސްކޮށާރުގެ ޓިކާނާ ނެތެމުންދާ މައްސަލައަށް ހައްލެއް ހޯދޭތޯ އެވެ. ފުރަތަމަ ލަފުޒަކަށް ފެނުނީ "ޓަނު" މި ލަފުޒެވެ. އިނގިރޭސިން ބޮރޯކޮށްފައިވާ ލަފުޒެއްކަމަށް ޔަޤީންކުރީމެވެ. މާނައަށް ބަލާލުމެއް ނެތި، އެއީ ބަރުދަން ބަލާ މިންވަރެއްކަމަށް ޔަޤީންކޮށްލުމާއެކު ވެސް އެ ލަފުޒުގެ ފަސް މާނަ އޮތްކަމަށް ފެނުމުން، އަލުން އެ ދިމާލަށް ނަޒަރު ހިންގާލީމެވެ. އަސްތާ ކަމަކުދާކަށް ނެތެވެ! އަހަރެންނަށް އޭރު ހުރެވުނީ ލަފުޒުގެ ހަތަރު ވަނަ މާނަ އާއި ފަސް ވަނަ މާނަ ދުށް ތަނުގައެވެ! ޓަނަކީ ތޯ އެވެ؟ މުދަލުން ނަގާ ނާލުގައި ކޮޑި ފޫޓުގެ މިންވަރެވެ. ރާއްޖޭގެ ފުރާދުއްވާ އުޅަނދުފަހަރުގެ ތެރެއިން މުދަލާއި މީހުން އުފުލާ އުޅަނދުފަހަރަށް ދީފައިވާ ރަޖިސްޓަރީޔޯލަ އެވެ. ޓަނުނެގުމަކީ ކަސްޓަމަށް ދައްކާފައިވާ ޓަނު އަތުލުމޯލަ އެވެ. ޓަނުބޭލުމަކީ އުޅަނދުފަހަރެއް ފުރިޔަނުދީ ރަޖިސްޓަރީ ހިފެހެއްޓުމޯލަ އެވެ. އަހަރެންނަކީ ކަސްޓަމްސް ދާއިރާގެ މީހެއް ނޫންކަމުން މި ލަފުޒު މަށަށް އަލީ ތޯއްޗެކެވެ.
ދެން އެ ޞަފުޙާއިން ލޮލުގައި އަޅައިގަތީ "ޓަކި" އެ ލަފުޒެވެ. ވަރަށް ޢާއްމު ލަފުޒަކެވެ. އެންމެންވެސް ދަންނަ މާނައެކެވެ. އެހެންޏާ! އަހަރެމެން އެންމެންނަކީ ވެސް ދޮރު ދޮރުގައި ޓަކިދޭ މީހުން ވިއްޔާ އެވެ. އެކަމަކު މި ލަފުޒުގެ ދެވަނަ މާނައެއް އެބައޮތްކަމަށް ބަސްފޮތް އެބަ ބުނެ އެވެ. ހަށިގަނޑުގެ ތަނަކަށް ކުއްލިއަކަށް އަރާ ތަދޯލަ އެވެ. މިސާލެއް ވެސް އެބައޮތެވެ. "މި އުޅެނީ އުނަގަނޑަށް ޓަތްކެއް އަރައިގެންނެވެ." ކުއްލި ކުއްލި އަށް އަރާ ތަދަށްވެސް ދިވެހި ބަހުގައި ލަފުޒެއް އެބައޮތްތާ ދޯއެވެ. ހިތާ ހިތުން ހިނިތުންވެލެވުނީ ދިވެހި ބަހާ މެދު އަނެއްކާ ވެސް ފަޚުރުވެރިކަމުގެ އިހުސާސް ކުރެވީނީތީއެވެ.
ދެން އެ ޞަފުޙާއިން މުޅީންވެސް ފެނުނީ "ބޮރޯ"ކޮށް ދިވެހިވެފައިވާ ލަފުޒުތަކެކެވެ. އެހެންނަމަވަސް ޖެހިގެން އޮތް ޞަފުޙާއިން އަނެއްކާ ވެސް ދަންނަ ލަފުޒެއް އެހެން މާނައެއްގައި ފެނިއްޖެ އެވެ. "ޓައްކިޔުން" ދަންނަމު ހެއްޔެވެ؟ ޢާއްމުކޮށް އެ ލަފުޒު އަހަރެމެންނަށް ގުޅުވާލެވެނީ "ޓައް" އެ އަޑާއެވެ. އެހެނަސް ޓައްކިޔުމަކީ "ރަށެއްގެ އެންމެ ރީތި އަންހެނުންގެ ތެރޭގައި ހިމެނިގެން ވަކި އަންހެނެއްގެ ނަން މަޝްހޫރުވުން"ކަމަށް ނުވަތަ "ރީތިކަމަށް އަންހެނެއްގެ ނަން މަޝްހޫރުވުން"ކަމަށް ބަސްފޮތް އެބަ ބުނެ އެވެ. މި ލަފުޒާ ގުޅުވައިގެން "ޓައްކިޔާ"، "ޓައްކިޔާފައިއިން" މި ނަންއިތުރުތައް ވެސް ބޭނުންކުރެވެ އެވެ.

"ޓ"ގެ ރަދީފު ބަލަމުން ދިޔަ ވަރަކަށް މިއީ ކަނޑުދަތުރުފަތުރާ ވަރަށް އެކުވެރި އަކުރެއްކަން ފާހަގަކުރެވިގެންދިޔަ އެވެ. "ޓަފު" އެ ލަފުޒު ފެނުމާއެކު އިނގިރޭސި ލަފުޒު “TOUGH” އަހަރެންގެ ހިތަށް ސިފަވެ، މިއީވެސް ދިވެހިކުރަންވީ ލަފުޒެއްތޯ ހިތައް އަރައި ބޯހޫރާލެވުނެވެ. އެކަމަކު ކަމަކު ދާކަށް ނެތެވެ. މިއީ ޒާތެއްގެ ނަނަކަށް ކިޔާނަމެއް ކަމަށް ބަސްފޮތް ބުނެތްޕެވެ. "ކަނޑުދަތުރުކުރާ އުޅަނދެއް ދުވާވަރު ބަލަން ގޮށްޖަހާފައި ދޫކުރާ ނަނެއް"ކަމަށެވެ. އިނގިރޭސިބަހުން ނަމަ “TERM KNOT”ޖަހާފައި ހުންނަ ނަނެކެވެ. މި ނަނު ދޫކުރާއިރު ވަގުތު ބެލުމަށް ޚާއްޞަ ދަންފުޅިއެއް ގެންގުޅެ އެވެ. މި ދަންފުޅިއަށް ކިޔަނީ "ޓަފުފުޅި" އެވެ. އުޅަނދުގެ ދުވެލި ބަލަނީ ޓަފުފުޅިން ވަގުތު ހަމަވާއިރު އެ ނަނުން ދޫވާ ގޮށުގެ އަދަދަށް ބަލައިގެން ހިސާބު ހަދައގެންނެވެ. މިސާލަކަށް އެ ވަގުތު ތެރޭ ނަނުން 15 ގޮށަށް ވާހާ ދިދުމިން ދޫވެއްޖެނަމަ އެއީ 15 ނޯޓިކަލް މޭލު ކަމަށެވެ. ފަހުމުވެއްޖެ ހެއްޔެވެ؟ އަހަރެމެންގެ ކާބަފައިން ވަރަށް "ޓަފު" ދޯ އެވެ!
މިހާރުވެސް ބައެއް ގޭގެގައި، ޚާއްޞަކޮށް ބޮޑެތި އެޕާޓްމަންޓް ކޮންޕްލެކްސްތަކުގައި ސިޓީބިޓީ ވައްޓާލަން ފޮށި ފޮށި ހުންނަ މަންޒަރު ފެނެ އެވެ. މި ޒަމާނުގައި އަހަރެމެން އެއަށް ކިޔައި މި އުޅެނީ އޭގެ އިނގިރޭސި ލަފުޒު "ލެޓަރބޮކްސް" އެވެ. އެހެން ނަމަވެސް ޓަވިޔަނި މާކުރިން އޮތީ އޭގެ ނަން އަހަރެމެންނަށް އަންގައިދީފައެވެ. އެއަށް ކިޔައި އުޅެނީ "ޓަޕާލު" އެވެ.
ޙަޤީޤަތުގައި ދިވެހި ބަސްކޮށާރު މުއްސަންޖެވެ. އަހަރެމެންނަށް ބަސްފޮތް ބަލާލަން ނުކެރެނީ އެވެ. ހާދަހާ ކަވި ކަންކަކަމަށްވެސް ޚާއްޞަކޮށް ލަފުޒު ހަދާފައި އެބަހުއްޓެވެ. އެއްކަލަ ތިލަފަތުގައި ބޮރޯކޮށްފައިވާ ލަފުޒުގެ ކޮޅަށް ބަރު އަކުރު "ޓ"ގައިވެސް މެ އެވެ. "ޓުކުނި" މިއީ މިފަދަ ލަފުޒެކެވެ. ބޭކާރު އަނގަތަޅާ ނުވަތަ ދެބަކުޓުވާ މުސްކުޅި އަންހެނުންކުރެ އަނގައިން ދަތް ފައިބާފައި ތިބޭމީހުންނެވެ. އެހެންނަމަވެސް، "ޕޮލިޓިކަލީ ކަރެކްޓް" މި ޒަމާނުގައި މި ލަފުޒު ބޭނުންކުރަންވާނީ ވަރަށް ފަރުވާތެރިކަމާއެކުގަ އެވެ.
ކޮންމެއަކަސް "ޓ"ގެ ރަދީފު މިއަދު މި ލައްޕާނަނީ އަހަރެންގެ ހިތުގައި ދިވެހި ބަހަށް އޮތް އިތުބާރާ މެދު ހިތްހަމަޖެހިގެންނެވެ. ދެން ދުވަހަކުން ޓަވިޔަންޏާ ޖައްސާ، ދަރިފުޅަކަސް، އެހެންމީހަކަސް އަހެރެން ބަސްބާޒީން ބަލިނުކުރެވޭނެކަމުގެ ކޮންމެވެސް ވަރެއްގެ ޔަޤީންކަމާއެކުގަ އެވެ.







