ބެލްޖިއަމަށް އެއް ވަނަ، ޑެންމާކް ތަފާތު ދައްކައި އަނެއް ބުރަށް

Jun 21, 2021, 8:50 PM
ލަނޑު ޖެހުމަށް ފަހު ޑެންމާކްގެ ޑަމްސްގާޑް އުފާފާޅުކުރަނީ.

ލަނޑު ޖެހުމަށް ފަހު ޑެންމާކްގެ ޑަމްސްގާޑް އުފާފާޅުކުރަނީ.

ކޯޕެންހާގެން (ޖޫން 21) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ބެލްޖިއަމުން 2-0 އިން ފިންލެންޑް ބަލިކޮށް ގްރޫޕްގެ އެއް ވަނަ ކަށަވަރުކުރިއިރު، ރަޝިއާ އަތުން 4-1 އިން ބޮޑު މޮޅެއް ހޯދައި ޑެންމާކް މުބާރާތުގެ ދެ ވަަނަ ބުރުން ފުރުސަތު ހޯދައިފި އެވެ.

ފަންސާސް ތިން އަހަރު ތެރޭ ފިންލެންޑް އަތުން ހޯދި ފުރަތަމަ މޮޅާ އެކު ބެލްޖިއަމް ގްރޫޕްގެ އެއް ވަނަ ހޯދީ ނުވަ ޕޮއިންޓާ އެކު އެވެ. ބެލްޖިއަމްގެ މި މޮޅުގެ ފައިދާ ޑެންމާކަށް ވެސް ކުރި އެވެ. ގްރޫޕްގެ ދެ ވަނައިގައި ނިންމި ޑެންމާކާއި ތިން ވަނައިގައި ނިންމި ފިންލެންޑް އަދި އެންމެ ފުލުން ނިންމި ރަޝިއާ އަށް ވެސް ތިން ޕޮޮއިންޓް ލިބުނުއިރު، ލަނޑުގެ ތަފާތުން ޑެންމާކަށް ދެ ވަނަ ލިބުނީ އެވެ.

މި ފަހަރުގެ ޔޫރޯގައި ޑެންމާކް ކުޅުނު ފުރަތަމަ މެޗުގައި ފިންލެންޑާ ދެކޮޅަށް މީގެ ނުވަ ދުވަސް ކުރިން ދަނޑު މައްޗަށް ހިތްހުއްޓިގެން ޑެންމާކްގެ ކްރިސްޓިއަން އެރިކްސަން ވެއްޓުނެވެ. އެ ހާދިސާ ކުރިމަތިވިތާ ދެ ގަޑިއިރު ފަހުން އަލުން އެ މެޗު ހުއްޓާލި ހިސާބުން ފަށައިގެން ފުރިހަމަކުރިއިރު، ފިންލެންޑް އަތުން ޑެންމާކް ބަލިވީ އެވެ. އަދި ދެ ވަނަ މެޗުގައި ޑެންމާކް ލީޑުނަގާފައި އޮއްވައި ފަހަތުން އަރައި ބެލްޖިއަމް މޮޅުވި އެވެ. އެކަމަކު މިރޭ ތަފާތު ހިތްވަރެއް ދައްކައި ޑެންމާކް މި ވަނީ މެޗުން މޮޅުވެ، ބެލްޖިއަމްގެ އެހީއާ އެކު އަނެއް ބުރުން ފުރުސަތު ހޯދައިފަ އެވެ.

ޑެންމާކަކީ ޔޫރޯގެ ތާރީހުގައި ފުރަތަމަ ދެ މެޗުން ބަލިވުމަށް ފަހު އަނެއް ބުރުން ފުރުސަތު ހޯދި ފުރަތަމަ ޓީމެވެ. އެންމެ ފަހުން ޔޫރޯގެ ދެ ވަނަ ބުރުގައި ޑެންމާކް ކުޅުނީ 2004 ވަަނަ އަހަރު އެވެ. އެ ޓީމު 2008 އާއި 2016 ގައި ކޮލިފައިނުވެ އެވެ. އަދި 2012 ވަނަ އަހަރު ކެޓީ ގްރޫޕް ސްޓޭޖުންނެވެ. ޑެންމާކް ދެ ވަނަ ބުރުގައި ކުޅޭނީ ވޭލްސްއާ ދެކޮޅަށެވެ.

ޑެންމާކުގެ ޕާކެން ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން ދެ ޓީމުން ވެސް ލަނޑެއް ޖެހޭތޯ މަސައްކަތްކުރަމުން ދިޔަ އެވެ. ޑެންމާކުގެ ޖޯކިމް މޭލާ އާއި މިލޭލް ޑަމްސްގާޑް ދިޔައީ ކަނާތް ފަޅިން ރަޝިއާ ފަހަތަށް ބާރުބޮޑުކުރަމުންނެވެ.

ފުރަތަމަ ހާފުގެ ކުރީކޮޅުގައި ރަޝިއާގެ އަލެކްސަން ގޮލޮވީން ފޮނުވާލި ހަަމަލާއެއް ޑެންމާކުގެ ގޯލްކީޕަރު ކެޝްޕާ ޝްމައިކަލް މަތަކުރިއިރު، ރަޝިއާގެ ކެޕްޓަން އާޓެމް ޒޫބާ ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. ޑެންމާކުން މެޗުފެ 25 ވަނަ މިނިޓްގައި ލަނޑެއް ޖެހުމާ ގާތަށް ޖެހިލި އެވެ. އެ ޓީމުގެ ޕިއޭ އެމީލް ހޮއިބިއާ އޭރިއާބޭރުން ފޮނުވާލި ބާރު ބޯޅަ ދިޔައީ ތިރިތިރިން ބޭރުންނެވެ.

ޑެންމާކްގެ ފުރަތަމަ ގޯލު ޖެހުމަށް ފަހު ޑަމްސްގާޑް އުފާފާޅުކުރަނީ.

ލަނޑެއް ޖަހަން ޑެންމާކުން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ މެޗުގެ 38 ވަނަ މިިނިޓްގަ އެވެ. އޭރިއާ ބޭރުން ޑަމްސްގާޑް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. އޭނާ އަކީ ޑެންމާކަށް ޔޫރޯގައި ގޯލެއް ޖަހައިދިން އެންމެ ހަނގު ކުޅުންތެރިޔާ އެވެ. ލަނޑު ޖެހިއިރު، އޭނާގެ އުމުރަކީ 21 އަހަރު 353 ދުވަހެވެ. މިއީ 2004 ވަަނަ އަހަރުގެ ޔޫރޯގައި ޔޮން ދާލް ތޮމަސަން އޭރިއާ ބޭރުން ގޯލެއް ޖެހިފަހުން ޑެންމާކުް ބޮޑު މުބާރާތެއްގައި އޭރިއާ ބޭރުން ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.

މެޗުގެ 59 ވަނަ މިނިޓްގައި ރަޝިއާގެ ރޯމަން ޒޮބްނިން ފަހަތަށް ދިން ބޯޅައެއް ހޯދައި ޔޫސުފް ޕޯލްސަން ވަނީ ޑެންމާކުގެ ލީޑުފުޅާކޮށްދީފަ އެވެ. އެކަމަކު މެޗުގެ 70 ވަަނަ މިނިޓްގައި ރަޝިއާ އިން އާޓެމް ޒޫބާ ކާމިޔާބުކުރި ޕެނަލްޓީއާ އެކު އުއްމީދެއް ހޯދި އެވެ. މިއީ ޑެންމާކުގެ ޔަނިކް ވެސްޓެގާޑް އޭރިއާތެރެއިން ރަޝިއާގެ އަލެކްސަން ސޮބޯލޭވަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.

އެކަމަކު ޑެންމާކުން ތިން މިނިޓް ތެރޭ ދެ ގޯލު ޖަހައި ތަފާތު ބޮޑުކޮށްލި އެވެ. ޑެންމާކުގެ ތިން ވަނަ ގޯލު ޖެހީ 79 ވަނަ މިނިޓްގައި އޭރިއާބޭރުން އަންދްރެއަސް ކްރިސްޓެންސަން އެވެ. ކްރިސްޓެންސަން ޖެހި ބާރު ބޯޅަ އަމާޒުވީ ގޯލުގެ މަތީ ދާގަނޑަށެވެ. މެޗުގެ 81 ވަނަ މިނިޓްގައި މޭލާ ވަނީ ކައުންޓަ އެޓޭކެއްގައި ތިރިތިރިން ގޯލުގެ ތެރެއަށް ބޯޅަ އަމާޒުކޮށްލައިގެން ހަތަރު ވަނަ ގޯލެއް ޑެންމާކަށް ޖަހައިދީފަ އެވެ.

މިއީ 1998 ވަަނަ އަހަރުގެ ވޯލްޑް ކަޕްގައި ނައިޖީރިއާ ކޮޅަށް ހަތަރު ގޯލު ޖެހި ފަހުން ބޮޑު މުބާރާތެއްގައި ޑެންމާކުން ހަތަރު ގޯލު ޖެހި ފުރަތަމަ ފަހަރެވެ.

ލަނޑު ޖެހުމަށް ފަހު ބެލްޖިއަމް ކުޅުންތެރިން އުފާފާޅުކުރަނީ.

ބެލްޖިއަމް މިރޭގެ މެޗަށް ނުކުތްއިރު ވެސް ނޮކައުޓް ބުރުގެ ޖާގައެއް ކަށަވަރުވެފައިވާތީ، އެ ޓީމުން ނުކުތީ ފުރަތަމަ އެގާރަ އަށް ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ. އަމާޒަކަށް ވެފައި އޮތީ މެޗުން މޮޅުވެ، ގްރޫޕްގެ އެއް ވަނަ ކަށަވަރުކުރުމެވެ. އެ ޓީމުން އެކަން ހާސިލްކުރީ ދެ ވަނަ ހާފްގެ ގޯލުތަކާ އެކު އެވެ.

ފުރަތަމަ ހާފުގައި ލަނޑެއް ޖެހޭ ވަރަށް ބެލްޖިއަމުން ފުރުސަތުތައް ތަނަވަސްކުރި އެވެ. ރޮމެލޫ ލުކާކޫ އާއި ޖެރެމީ ޑޮކޫ އަދި ލެއަންޑްރޯ ޓްރޮސާޑް ޖެހި ޝޮޓްތައް ދިޔައީ އަރިމަތިން ބޭރުންނެވެ. އެކަމަކު ޑޮކޫ ފަހުން ވަނީ ގޯލާ ސީދާކޮށް ޝޮޓެއް ޖަހައިފަ އެވެ. އެ ބޯޅަ ހުއްޓުވީ ފިންލެންޑްގެ ކީޕަރު ލޫލަސް ރަޑޭޗީ އެވެ.

މެޗު 65 ވަނަ މިނިޓްގައި ބެލްޖިއަމްގެ ލުކާކޫ ވަނީ ގޯލެއް ޖަހައިފަ އެވެ. އެކަމަކު ކެވިން ޑި ބްރޭނާ ބޯޅަ ދިންއިރު، ލުކާކޫ ހުރީ އޮފްސައިޑް ކަމަށް ބަލައި އެ ގޯލު ބަލައިނުގަންނަން ނިންމި އެވެ. އެ ގޮތަށް ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެވެ.

ބެލްޖިއަމުން ލަނޑު ޖެހީ މެޗުގެ 74 ވަނަ މިނިޓްގަ އެވެ. ޑިބްރޭނާ ނެގި ކޯނަރަކުން ތޯމަސް ވަމައެލަން ބޮލުން ޖެހި ބޯޅަ ދަނޑީގައި ޖެހިފައި ގޯލަށް ވަނީ ކީޕަރު ރަޑޭޗީ އަތުގައި ޖެހިފަ އެވެ. މެޗުގެ 81 ވަަނަ މިނިޓްގައި ޑި ބްރޭނާ ދިން ބޯޅައެއް އޭރިއާތެރެއިން ކޮންޓްރޯލް ކުރުމަށް ފަހު ލުކާކޫ ވަނީ ބެލްޖިއަމަށް ދެ ވަަނަ ގޯލެއް ޖަހައިދީފަ އެވެ.

މި މެޗުން ބަލިވި ނަމަވެސް ފިންލެންޑް އަދި މި މުބާރާތުން ނުކަޓަ އެވެ. ތިން ވަނައިގައި ނިންމާލުމުން ފިންލެންޑަށް އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ އަށް ދާ ޓީމުތަކުގެ ތެރެއިން އަނެއް ބުރުން ފުރުސަތު ލިބިދާނެ އެވެ. މި ވަގުތު އެ ރޭންކިންގެ ހަތަރު ވަނައިގައި ފިންލެންޑް އޮތްއިރު، އެ ޓީމަށް އަނެއް ބުރަށް ދެވޭކަން އެނގޭނީ ހުރިހާ ގްރޫޕެއްގެ މެޗުތައް ނިމުމުންނެވެ. މިއީ ފިންލެންޑް ޔޫރޯގައި ކުޅޭ ފުރަތަމަ ފަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލްގައި 10 އަހަރު ހަމަވާ ގޮތަށް އާޓެޓާ ކޮންޓްރެކްޓް އާކޮށްފި

އާސެނަލްގެ ކޯޗުކަމުގައި 10 އަހަރު ހަމަވާ ގޮތަށް، މިކޭލް އާޓެޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި. މި އާ ކޮންޓްރެކްޓާއެކު އޭނާގެ މުސާރަ އަހަރަކު 15 މިލިއަން ޑޮލަރަށް ބޮޑުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން އާސެނަލުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން.

އޭޝިއަން ގޭމްސްގައި ރިހާން ގައުމީ ރެކޯޑެއް އާ ކޮށްފި

ޖަޕާނުގައި ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި، ރާއްޖޭގެ ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް މުހައްމަދު ރިހާން ޝިހާމް އާކޮށްފި. ރިހާން މި ރެކޯޑް އާކުރީ 05:06.92 އިން ރޭސް ނިންމައިގެން ކަމަށްވާއިރު، މިއީ އޭނާ ކުރިން ހަދާފައިވާ ރެކޯޑަށްވުރެ ކުރިއެރުމެއް.

ސުޒެއިރުގެ މައްސަލަ ބަލަމުން ދަނިކޮށް ނިއު އިން ފުލުހަށް

ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުމުގައި، ނިއުގެ އެސިސްޓަންޓް ކޯޗަށް ހަމަލާދިން ކަމަށް ބުނާ މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒޭރުގެ މައްސަލަ އެފްއޭއެމް އިން ބަލަން ފަށައިފި. އެފްއޭއެމް އިން މި މައްސަލަ ބަލަމުންދަނިކޮށް، ނިއު ރޭޑިއަންޓުން ވަނީ މި މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައި

ނެދަލެންޑްސް އަށް ކުޅުން ކުރިއަށްގެންދަން ވެން ޑައިކް ނިންމައިފި

ނެދަލެންޑްސްގެ ގައުމީ ޓީމުން ރިޓަޔާކުރަން އުޅުނު ޑިފެންޑަރު ވާޖިލް ވެން ޑައިކް، އެ ޓީމުގެ އާ ކޯޗު ޒަވީއާ މަޝްވަރާކުރުމަށްފަހު 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް ކުޅުން ކުރިއަށްގެންދަން ނިންމައިފި. ޒަވީގެ ޕްލޭންތަކާ މެދު ހިތްހަމަޖެހިގެން ވެން ޑައިކް މިގޮތަށް ނިންމިއިރު، އޭނާ ދެން އެންމެ އަވަހަށް ކުޅޭނީ ކުރިއަށް އޮތް ނޭޝަންސް ލީގުގެ މެޗުތަކުން

ޕްރެޝަރު ބޮޑުވަމުންދާތީ އިންފަންޓީނޯގެ ރާގު ބަދަލުވެއްޖެ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު، އިތުބާރު ހޯއްދެވުމުގެ ގޮތުން ފީފާގެ އިދާރީ އޮނިގަނޑު އިސްލާހުކޮށް ބޭރުގެ ފަރާތްތަކުން ރިވިއުކުރުމަށް މަރުހަބާ ކިޔާނެކަމަށް އޭނާ ވަނީ ވިދާޅުވެފައި

ކެރިއަރުގެ ފަހުކޮޅުގައި ސާއިދު ފަސް ވަނަ އޭޝިއަން ގޭމްސް އަށް

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އޭނާގެ ކެރިއަރުގެ ފަސްވަނަ އޭޝިއަން ގޭމްސްގައި ވާދަކުރަމުންދާއިރު، މިއީ އޭނާގެ ކެރިއަރުގެ ފަހުކޮޅު. 2010 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކުރަމުންދާ ސާއިދު ބުނިގޮތުގައި، ގައުމީ ޒިންމާ އެންމެ މަތީ ފަންތީގައި އަދާކުރުމަކީ އޭނާއަށް ލިބޭ ބޮޑު ފަހުރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

Newsletter

Get the latest news delivered straight to your inbox