ސިންގަޕޫރުގެ އެސްޓްރާ ޒެނެކާ ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ދީފި އެވެ.
މިއާއެކު ރާއްޖޭގައި ބޭނުން ކުރަން ހުއްދަދިން ކޮވިޑް ވެކްސިންގެ އަދަދު މިވަނީ ހަތަކަށް އަރައިފަ އެވެ.
ސިންގަޕޫރުގެ އެސްޓްރާ ޒެނެކާ ވެކްސިންއަށް ރާއްޖޭގައި ހުއްދަ ދީފައިވާއިރު، އަންނަ މަހު އެ ވެކްސިން ރާއްޖެއަށް ލިބޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.
އެމްއެފްޑީއޭން ބުނި ގޮތުގައި، ވެކްސިނަށް ހުއްދަ ދީފައިވަނީ ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު އެވެ. އެ ވެކްސިން ބޭނުން ކުރަން ހުއްދަ ދިނީ މިހާރު އޮތް ހާލަތަށް ބަލައި "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޓްއޭޝަން" ނުވަތަ ކުއްލި ހާލަތުގައި ބޭނުންކުރާށެވެ.
މި ވެކްސިން ކުއްލި ހާލަތުގައި ބޭނުން ކުރަން ޑަބްލިޔުއެޗްއޯއިން ހުއްދަ ކުރުމާ އެކު 115 ގައުމެއްގައި ބޭނުން ކުރަން ވަނީ ފަށައިފަ އެވެ. އޭގެ ތެރޭގައި އެމެރިކާ އާއި ޔޫކޭ އާއި ކެނެޑާ އަދި ދުނިޔޭގެ ބޮޑެތި އެހެން ގައުމުތައް ވެސް ހިމެނެ އެވެ.

މި ވެކްސިނަށް ހުއްދަ ދިން އިރު، އިންޑިއާގެ ކޮވިޝީލްޑް، ޗައިނާގެ ސިނޯފާމް އަދި އެމެރިކާގެ ފައިޒާ އާއި ރަޝިއާގެ ސްޕަޓްނިކްއަށް ރާއްޖޭގައި ވަނީ ހުއްދަ ދީފަ އެވެ.
ރާއްޖޭގައި އެންމެ އާއްމުކޮށް ދެމުން އައި ކޮވިޝީލްޑް ވެކްސިން މަދުވުމުން ސަރުކާރުން އަންނަނީ އިތުރު ވެކްސިން ހޯދަން މަސައްކަތް ކުރަމުންނެވެ. އެގޮތުން އެންމެ ފަހުން އޯޑަރުކޮށްފައި ވަނީ ސްޕަޓްނިކްގެ 200،000 ޑޯޒަށެވެ.
ކޮވިޑް ވެކްސިން ރާއްޖޭގައި ފެށީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި 200،000 ޑޯޒުންނެވެ. ޗައިނާ އިން ވެސް 200،000 ޑޯޒާއި ހެޔޮއެދޭ އެހެން ފަރާތްތަކުން ވެސް ވެކްސިން ލިބުނެވެ. އޭގެ އިތުރަށް ރާއްޖެ އިން ވަނީ ޖުމްލަ 1،000،000 ޑޯޒަށް ފައިސާ ދައްކައިފަ އެވެ. އެއީ ސިންގަޕޫރުގެ އެސްޓްރާ ޒެނިކާ އަށް 700،000 ޑޯޒާއި އިންޑިއާގެ ސިރަމް އިންސްޓިޓިއުޓަށް 300،000 ޑޯޒަށެވެ.
މި ވެކްސިން މި މަހުގެ ތެރޭގައި ލިބޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.












