އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގެ މެޗުތައް އަންނަ އަހަރު

Jun 20, 2021, 8:47 AM
މި ފަހަރުގެ ކޮލިފައިންގައި ރާއްޖެ އާއި ޗައިނާ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އައިސީ ފޮޓޯ

މި ފަހަރުގެ ކޮލިފައިންގައި ރާއްޖެ އާއި ޗައިނާ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އައިސީ ފޮޓޯ

އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅެން ޖެހޭ ފުރަތަމަ މެޗު އަންނަ އަހަރުގެ ފެބްރުއަރީ މަހަށް ތާވަލުކޮށްފި އެވެ.

ރާއްޖޭން 2023 ވަަނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ޓާގެޓްގައި މަސައްކަތްކުރަމުން އަންނައިރު، ވޯލްޑް ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުން ވަނީ ރަނގަޅު ތަޖުރިބާތަކެއް ލިބިފަ އެވެ.

އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖު މެޗުތައް އެންމެ ފުރަތަމަ އޮތީ މި އަހަރު ކުޅޭ ގޮތަށެވެ. އެކަމަކު ކޮވިޑާ ހެދި މެޗުތައް ފަސްވީ އެވެ.

މިހާރު އޮތްގޮތުން އޭޝިއަން ކަޕް ކޮލިފައިން ބުރުގެ ފުރަތަމަ މެޗުތައް އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހާއި މާޗް މަހުގަ އެެވެ. ފެބްރުއަރީގައި އެއް މެޗު ކުޅުމަށް ފަހު މާޗް މަހު ދެ މެޗު ކުޅޭނެ އެވެ. ޖޫންގައި ވެސް މެޗެއް ކުޅޭނެ އެވެ. ކޮލިފައިން ފަހު މެޗުތައް އޮތީ ސެޕްޓެމްބަރު މަހު ކުޅޭ ގޮތަށެެވެ. މި ތާރީހުތަކަށް ހާލަތު ކުރިމަތިވާ ގޮތަކުން ބަދަލުތަކެއް އައުމުގެ ފުރުސަތު އެބައޮތެވެ.

ކޮންމެ ގްރޫޕެއްގައި ހަތަރު ޓީމު އޮންނައިރު، މެޗުތައް ކުޅެން ހަމަޖައްސާފައިވަނީ ކުރިއެކޭ އެއްގޮތަށް ހޯމް އެންޑް އަވޭ އުސޫލުންނެވެ.

މެޗުތައް ކުޅެން ނިންމާފައިވާ ތާރީހުތައް

ފުރަތަމަ މެޗު: 1 ފެބްރުއަރީ 2022

ދެ ވަނަ މެޗު: 24 މާޗް 2022

ތިން ވަނަ މެޗު: 29 މާޗް 2022

ހަތަރު ވަނަ މެޗު: 14 ޖޫން 2022

ފަސް ވަނަ މެޗު: 22 ސެޕްޓެމްބަރު 2022

ހަ ވަނަ މެޗު: 27 ސެޕްޓެމްބަރު 2022

ކޮލިފައިންގައި ރާއްޖެ ވާދަކުރަން ޖެހޭ ގްރޫޕެއް އެނގޭނީ ގުރުއަތުލުމަށް ފަހު އެވެ. ގުރުއަތުލުން ކުރިއަށްދާނީ ޕްލޭއޮފް މެޗުތައް ނިމުމުންނެވެ. ޕްލޭއޮފްގައި މިހާރު އޮތްގޮތުން ވާދަކުރަން ޖެހޭ ހަތަރު ޓީމަކީ އިންޑޮނީޝިއާ، ގުއާމް، ޗައިނީސް ޓައިޕޭ އަދި ކެމްބޯޑިއާ އެވެ. މިތަނުން ދެ ޓީމެއް ކޮލިފައިން ގްުރޫޕް ސްޓޭޖެއް ހޮވޭނީ އަންނަ ސެޕްޓެމްބަރާއި އޮކްޓޫބަރު މަހު ކުޅޭ ދެ ލެގަށް ފަހު އެވެ. އެ އަށް ފަހު ކޮލިފައިން ގްރޫޕް ސްޓޭޖުގެ ގުރުއަތުލުން އޮންނާނެ އެވެ.

ކޮލިފައިން ގްރޫޕް ސްޓޭޖަށް ރާއްޖެ ކޮލިފައިވީ ކިހިނެއް؟

އޭއެފްސީން އެންމެ ފަހުން ކުޅެވުނު ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގެ ހުރިހާ ގްރޫޕެއްގެ މެޗުތައް ނިމުމުން ހާމަކޮށްފައިވަނީ އުތުރު ކޮރެއާ ކޮލިފައިން އިން ވަކިވެ، ގަތަރު (2022 ވަަނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓް) އޭޝިއަން ކަޕަށް ކޮލިފައިވުމާއި ގްރޫޕް ތަކުގެ ފުލަށްދާ ޓީމާ ދެކޮޅަށް ދެ ވަނައިގައި ނިންމި ޓީމުތަކާއި ހަތަރު ވަނައިގައި ނިންމާ ޓީމުތަކުން ކުޅުނު މެޗުތަކުގެ ޕޮއިންޓްތައް ނުގުނާ ކަމަށެވެ.

މިސާލަކަށް ރާއްޖެ ގްރޫޕަށް ބަލާނަމަ ޗައިނާ އާއި ރާއްޖޭން ގުއާމާ ދެކޮޅަށް ކުޅުނު މެޗުތަކުގެ ޕޮއިންޓްތައް ނުގުނާނެ އެވެ. އެއީ ފައިނަލް ރޭންކިންތައް އެތުރުމުގައި އޭއެފްސީން ގެންގުޅުނު ކަލްކިއުލޭޝަނެވެ.

އެ ގޮތަށް ރޭންކިން ތަރުތީބު ކޮށްގެން ގެނެވުނު ބަދަލުގެ ތެރެއިން ގިނަ ޓީމުތަކަކަށް އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުން ފުރުސަތުން ލިބުނުކަން އޭއެފްސީން އިއުލާނުކުރިއިރު، ރާއްޖެ އަށް ކޮލިފައިން ގްރޫޕް ސްޓޭޖުން ފުރުސަތު ލިބުނީ ހަތަރު ވަނައިގައި ނިންމި ޓީމުތަކުގެ ތެރެއިންނެވެ.

ގްރޫޕް އޭގެ މެޗުތައް ނިމުނުއިރު އެއް ވަަނައިގައި ސީރިއާ އޮތީ 21 ޕޮއިންޓާ އެކު އެވެ. އެ ޓީމަށް ވަނީ ސީދާ އޭޝިއަން ކަޕްގެ ގްރޫޕް ސްޓޭޖުން ފުރުސަތު ލިބިފަ އެވެ. ގްރޫޕްގެ ދެ ވަނައިގައި އޮތް ޗައިނާ އަށް ވަނީ 19 ޕޮއިންޓް ލިބިފަ އެވެ. އެ ޓީމަކީ 2023 ވަނަ އަހަރުގެ އޭޝިއަން ކަޕްގެ ހޯސްޓް އެވެ. ގްރޫޕްގެ ތިން ވަނައިގައި ފިލިޕީންސް ނިންމީ 11 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި ނިންމާލި ރާއްޖެ އަށް ލިބުނީ ހަތް ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ގުއާމަށް އެއްވެސް ޕޮއިންޓެއް ނުލިބެ އެވެ.

ރާއްޖޭން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2019 ވަނަ އަހަރުގެ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި ކުޅުނުއިރު ވަނީ އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގައި ވާދަކޮށްފަ އެވެ. ރާއްޖެ ހިމެނުނީ އޮމާނާއި ފަލަސްތީން އަދި ބޫޓާނާ އެކު ގްރޫޕް ޑީގަ އެވެ. އެ ކޮލިފައިންގައި ރާއްޖެ ކުޅުނު ހަ މެޗުގެ ތެރެއިން މޮޅުވީ ބޫޓާނާ ދެކޮޅަށް ކުޅުނު ދެ މެޗުންނެވެ. އަނެއް ހަތަރު މެޗުން ވަނީ ބަލިވެފަ އެވެ. އެހެންވެ ރާއްޖެ އަށް 2019 ވަަނަ އަހަރުގެ އޭޝިއަން ކަޕުން ފުރުސަތެއް ނުލިބުނެވެ.

އޭޝިއަން ކަޕް ކޮލިފައިންގެ ކުރިން ރާއްޖެ މިހާރު އޮތްގޮތުން ކުޅޭނީ އަންނަ ސެޕްޓެމްބަރު މަހު ބަންގްލަދޭޝްގައި ބާއްވާ ސާފް ސުޒުކީ ކަޕްގަ އެވެ. ރާއްޖެ އަކީ އެންމެ ފަހުން 2018 ވަަނަ އަހަރު ބޭއްވި މުބާރާތުގެ ޗެމްޕިއަން ޓީމެވެ. ގައުމީ ކޯޗު މާޓިން ކޫޕްމަން އަށް އެފްއޭއެމުން ދީފައިވާ ދެ ޓާގެޓަކީ ސާފް ސުޒުކީ ކަޕް ދިފާއުކުރުމާއި 2023 ވަނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިވުމެވެ.

އޭޝިއަން ކަޕްގެ ކޮލިފައިން ހަ ގްރޫޕުގެ އެއް ވަަނަ ޓީމާއި ހަ ގްރޫޕްގެ ދެ ވަނަ ޓީމުތަކުގެ ތެރެއިން ފަސް ޓީމަށް ޗައިނާގައި 2023 ވަނަ އަހަރު ބާއްވާ އޭޝިއަން ކަޕްގެ ޖާގަ ލިބޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox