މީހުން ގިނަ ތަންތަނަށް ދިޔުމުން ދަރިފުޅު ދުރުގައި ފިލާ ހުރޭ ހެއްޔެވެ؟ އާ މީހުންނާ ބައްދަލުވެ، ތައާރަފުވުމުން، އަނގައިން ބުނަން ނުކެރި، އަވަހަށް ދުރަށް ދޭ ހެއްޔެވެ؟ އެފަދަ ކަންކަން ފާހަގަވާ ނަމަ ފަހަރުގައި ދަރިފުޅަކީ ލަދު ގަންނަ ކުއްޖަކަށް ވެދާނެ އެވެ. ބޮޑުވަމުން ދާއިރު ގިނަ މީހުންނާ ބައްދަލުވެ، ވާހަކަދައްކަން ޖެހޭއިރު، ލަދު ގަންނަ ކުއްޖަކަށް ބެލެނިވެރިން އެހީވާނީ ކިހިނެއް ހެއްޔެވެ؟
އެންމެ ފުރަތަމަ ކަމަށް ލަދުގަތުމާއި އެހެން ކަންކަމާ ވަކި ކުރަން ބެލެނިވެރިން ދަސްކުރަން ވާނެ އެވެ. ލަދުގަތުމާއި، "ސޯޝަލީ އޭންޝަސްވުމާއި"، "އިންޓްރޮވާޓްވުމަކީ" މުޅިން ތަފާތު ތިން ކަންތައް ކަމަށް ސައިކޮލޮޖިސްޓުން ބުނެ އެވެ. ދަރިފުޅަކީ ލަދު ގަންނަ ކުއްޖެއް ނަމަ މީހުންނާ ބައްދަލުވާ ހާލަތްތަކުގައި ހާސްވެ، ކަންކަން ކުރަން ޖެހިލުންވެދާނެ އެވެ. އެއީ "ނެގެޓިވް ޖަޖްމަންޓް" ނުވަތަ ނުބައިކޮށް ދެކިދާނެ ކަމަށް ހީވާތީ އެވެ.
އެއާ ހިލާފަށް ސޯޝަލް އެންޒަޔަޓީއަކީ އާދަޔާ ހިލާފަށް ބޮޑަށް ލަދުގަތުމެވެ. މިއީ ސައިކޮލޮޖިސްޓެއް ކައިރިއަށް ގޮސްގެން ޑަޔަގްނޯޒް ކުރެވޭނެ ނަފްސާނީ މައްސަލައެކެވެ. ސޯޝަލް އެންޒަޔަޓީ ހުންނަ ނަމަ އެހެން މީހުންގެ ނަޒަރު ކުއްޖާއަށް ހުއްޓުމާއި، އެހެން މީހުން ދެކޭ ގޮތާ މެދު އާދަޔާ ހިލާފަށް ކުއްޖާ ކަންބޮޑުވެ، އޭގެ ސަބަބުން އާއްމު ދިރިއުޅުމަށް ބުރޫއަރާނެ އެވެ.
ލަދުގަތުމާއި ސޯޝަލް އެންޒަޔަޓީއާ ހިލާފަށް "އިންޓްރޮވާޓްވުމަކީ" ކުއްޖާގެ ޝަހުސިއްޔަތުގައި ހުންނަ އަމިއްލަވަންތަ ސިފައެކެވެ. އެއީ ގިނަ ވަގުތު އެކަނި އުޅެން ނުވަތަ މަދު ބަޔަކާއެކު އުޅެން ކުއްޖާ އަމިއްލައަށް އިހްތިޔާރު ކުރުމެވެ. އެފަދަ ކުދިންނަކީ އެކަނި ގިނަ ވަގުތު އުޅެން ލޯބިކުރާ އަދި މަޑުމައިތިރިކޮށް އުޅެން ލޯބިކުރާ ކުދިންނެވެ.
ލަދުގަންނަ ކުއްޖެއްކަން ދެނެގަތުމަށް ފަހު، އެއީ މުޅި އުމުރުށް ދެމި އޮންނާނެ ކަމެއް ނޫންކަން ބެލެިނވެރިން ވިސްނަން ޖެހެ އެވެ. ސައިކޮލޮޖިސްޓުން ބުނާ ގޮތުގައި ބޮޑުވާ ވަރަކަށް މީހުންނާ ބައްދަލުވުން އިތުރުވެ، ކަންކަން ކުރާނެ ގޮތް ދަސްވެ، ކުދިން ލަދު ގަންނަ މިންވަރު ކުޑަވެ އެވެ. ދިރިއުޅުމަށް އަންނަ ބަދަލުތަކާ އެއްކޮށް އުޅެން ކުދިން ދަސްކުރެ އެވެ.

ބެލެނިވެރިން ވިސްނަން ޖެހޭ އަނެއް ކަމަކީ ލަދުގަތުމަކީ ކުއްޖާގެ ކެރެކްޓާ ބަލިކަށިވާ ކަމެއްގެ ގޮތުގައި ނުދެކުމަށެވެ. ލަދު ގަންނަނީ އާ ކަންކަމާއި އާ މީހުންނާ ދިމާވުމުންނެވެ. އާ ތަނަކަށް ދެވިއްޖެ ނަމަ ލަދު ގަންނަ ކުދިން މުޅި ތަން ރަނގަޅަށް ބަލައި ދަސްކުރާނެ އެވެ. އާ މީހަކާ ބައްދަލުވުމުން ވެސް ހަދަނީ އެހެންނެވެ.
އެހެންވެ ލަދުގަންނަ ކުދިންނަކީ އޮބްޒާވް ކުރަން ނުވަތަ ވަށައިގެންވާ މާހައުލާއި މީހުންގެ ސިފަތައް ދެނެގަންނަން މޮޅު ކުދިންނެވެ. އޭގެ ސަބަބުން އެ ކުދިންނަކީ އެހެން މީހުންގެ އިހުސާސްތައް ފަސޭހައިން ދެނެގަނެވޭ ކުދިންނެވެ.، ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ލަދުގަންނަ ކުދިންގެ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމުގެ ބާރު ގަދަ އެހެން ކުދިންނާ އަޅާ ބަލާއިރު ބޮޑެވެ.
ދަރިފުޅު ލަދު ގަންނަ ނަމަ އެފަދަ ހާލަތްތަކުން ރައްކާތެރި ކުރަން ނޫޅޭށެވެ. ޕާޓީއަށް ދާން ލަދުގަންނަ ނަމަ، ދެން ދާން ނުޖެހޭނެ ކަމަށް ނުބުނާށެވެ. އޭރުން އެ ހާލަތު އޮބްޒާވްކޮށް، ލަދުގަތުމުން އަރައިގަތުމަށް ދަސްވާން ޖެހޭ ކަންކަން ދަސްކުރުމަށް އޮތް ފުރުސަތު ގެއްލެނީ އެވެ. ހަމަ އެގޮތަށް ލަދު ގަންނަ ކަންކަން ގަދަކަމުން ނުކުރުވާށެވެ. އޭރުން އަމިއްލައަށް ދަސްވުމުގެ ބަދަލުގައި މަޖުބޫރު ކުރުމުން އެންޒަޔަޓީ ފަދަ ކަންކަމަށް މަގުފަހިވުމުގެ ފުރުސަތު ބޮޑުވެ އެވެ.
ބެލެނިވެރިން ވާނީ ކުދިންގެ އިހުސާސުތަކާ އެއް ގޮތަށް ކުދިންނަށް ހިތްވަރު ދޭށެވެ. އެކި ކުދިން ލަދުގަތުން ފަހަނައަޅައި ދިޔުމުގައި ކުރި ހޯދާނީ އެކި ދުވެލީގަ އެވެ. އެހެންވީމާ ދަރިފުޅުގެ ދުވެލި ދެނެގަނެ، އެއާ އެއް ވަރަށް ކަންކަން ކުރާށެވެ. އޭގެ އިތުރުން ލަދު ގަންނަ ކަމެއް ކުރަން ތައްޔާރުވާ ނަމަ، ކުރީ ބައިގައި ދަރިފުޅާއެކު ތައްޔާރުވާށެވެ. މިސާލަކަށް ޕާޓީއަކަށް ދާ ނަމަ، އެތަނުގައި ތިބޭނެ މީހުންނާއި ކުރާނެ ކަންކަން ކިޔައިދީ ހަދާށެވެ.
އާ ކުދިންނާއި މީހުންނާ ބައްދަލުވުމުން ތައާރަފުވާނެ ގޮތް ތަކުރާރުކޮށް ގޭގައި ކިޔައިދޭށެވެ. އެކަން ހަގީގަތުގައި ކުރާ ވަގުތު ދަރިފުޅު ކައިރީގައި ހުންނާށެވެ. އަދި ފަހުން ހިތްވަރު ދޭށެވެ. ބެލެނިވެރިން އެންމެ އިސްކަމެއް ދީގެން ވިސްނަން ޖެހެނީ ލަދުގަތުމަކީ މައްސަލައެއްގެ ގޮތުގައި ނުދެކުމަށެވެ. ނަމަވެސް ލަދުގަތުމުގެ ސަބަބުން އާއްމު ދިރިއުޅުމަށް ބުރޫއަރާ ނަމަ ޑޮކްޓަރަކަށް ދައްކައި ފަރުވާ ހޯދަން ވާނެ އެވެ.
titledesc










