ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިންގްލެންޑުން މިހާތަނަށް ކުޅުނު ދެ މެޗުގެ ތެރެއިން މޮޅުވީ ފުރަތަމަ މެޗުގައި ކްރޮއޭޝިއާ އަތުންނެވެ. ދެ ވަނަ މެޗުގައި ރޭ ސްކޮޓްލެންޑާ ލަނޑެއް ނުޖެހި އެއްވަރުވިއިރު، ދެ މެޗުގައި އިންގްލެންޑްގެ އެޓޭކުގައި ކަންބޮޑުވާ ގިނަ ކަންތައްތަކެއް ފެނުނެވެ. ދެ މެޗުން ވެސް ހުނަރުވެރި ވިންގް ޖޭޑަން ސަންޗޯ އަށް ފުރުސަތެއް ނުދެ އެވެ. އިނގިރޭސި ސަޕޯޓަރުންނާއި އެނަލިސްޓުން އަދި ނޫސްވެރިން ވެސް އަންނަނީ ސަންޗޯ އަށް އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް ފުރުސަތު ނުދޭ މައްސަލައިގައި ސުވާލުކުރަމުންނެވެ. އެކަމަކު އެ އަށް އަދި އޮތީ ސީދާ ޖަވާބެއް ނުލިބެ އެވެ.
ފުރަތަމަ މެޗުގައި ކްރޮއޭޝިއާ އަތުން 1-0 އިން އިންްގްލެންޑް މޮޅުވި މެޗަށް ނެގި 23 ކުޅުންތެރިންގެ ސްކޮޑުގައި ވެސް ސަންޗޯ ނެތެވެ. މި ސީޒަނުގައި ބޮރޫޝިއާ ޑޯޓްމަންޑަށް 38 މެޗުން 16 ގޯލު ޖަހައި 20 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން ސަންޗޯ އަށް ސްކޮޑުން ވެސް ޖާގަ ނުދޭތީ ނޫސްވެރިން ސުވާލުކުރި އެެވެ.
"އެންމެ އުނދަގޫ ކަމަކީ ޓީމަށް ނާރާ ކުޅުންތެރިން ގާތުގައި އެ ވާހަކަ ބުނުން. ވަރަށް ދެރަ މީގެ އަހަރެމެންނަށް 26 ކުޅުންތެރިންގެ ސްކޮޑެއް އޮތަސް މެޗަށް ނެގެނީ 23 ކަމަށްވާތީ،" މިއީ ކްރޮއޭޝިއާ މެޗުގައި ސަންޗޯ އަށް ސްކޮޑުން ފުރުސަތު ނެތުމުން ކުރި ސުވާލަށް ސައުތުގޭޓް ދިން ޖަވާބެވެ.
ރޭ ސްކޮޓްލެންޑާ އެއްވަރުވި މެޗުގައި ސަންޗޯ ސްކޮޑުގައި ހިމަނާފައިވެ އެވެ. މެޗު ނިމެންދެން އިނީ ބެންޗުގަ އެވެ. އިންގްލެންޑް ޓީމުގައި އެޓޭކިން މަގާމުތަކަށް ބަލާއިރު އިނގިރޭސި ޕްރިމިއާ ލީގު ނޫން ލީގެއްގައި ކުޅޭ ހަމައެކަނި ކުޅުންތެރިއަކަށް އިނީ ސަންޗޯ އެވެ. ދެން ތިބީ ސެންޓްރަލް މިޑްފީލްޑަރު ޖޫޑް ބެލިންހަމް (ބޮރޫޝިއާ ޑޯޓްމަންޑް) އާއި ކިއެރަން ޓްރިޕިއޭ (އެތުލެޓިކޯ މެޑްރިޑް) އެވެ. މި ދެ ކުޅުންތެރިން ވެސް ރޭގެ މެޗުގައި ނެތެވެ.
ރޭގެ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ވެސް ސަންޗޯ އަށް ފުރުސަތު ނެތީ ކީއްވެތޯ ނޫސްވެރިއަކު ސުވާލުކުރުމުން މި ފަހަރު ވެސް ސީދަލަށް ޖަވާބުދޭން ސައުތުގޭޓް ބޭނުމެއްނުވި އެވެ.
"އަހަންނަށް އެނގޭ ކޯޗެއްގެ ގޮތުގައި އަހަރެން ހުރީމަ ތި ސުވާލުތައް އަހަންނަށް އަންނަން ޖެހޭކަން. އަހަރެން ކުރަން ޖެހޭ ކަމެއް ނަތީޖާ ނެރުން އެއީ. މި ޓީމުގައި ތިބި ކުޅުންތެރިންނަކީ އަހަރެމެންނަށް އެކަމުގައި އެހީވެދޭނެ ކުޅުންތެރިން. އަހަރެމެން އަދިވެސް މި އޮތީ މި މުބާރާތުން އަނެއް ބުރަށް ކޮލިފައިވެވޭ ހިސާބުގައި. ހިނގާ އެންމެން އެކަމަށް ފޯކަސް ކުރަމާ،" ސައުތުގޭޓް ބުންޏެވެ.
އިނގިރޭސި ފުޓްބޯޅަ އެނަލިސްޓުންގެ ނަޒަރުގައި ސަންޗޯ އަށް ފުރުސަތު ނުދީ އޮތް އެންމެ ބޮޑު ސަބަބަކީ ސައުތުގޭޓް އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުންތެރިންނަށް ހާއްސަ ކަމެއް ބެހެއްޓުމެވެ. އަދި މެންޗެސްޓާ ސިޓީގެ ރަހީމް ސްޓާލިން ބަދަލުނުކޮށް އޭނާ އަށް މާ ގިނައިން ފުރުސަތު ދެނީ ކީއްވެތޯ އިނގިރޭސި މީޑިއާ އިން އަންނަނީ ސުވާލު އުފައްދަމުންނެެވެ.
އިންގްލެންޑަށް 2017 ވަނަ އަހަރު ބޭއްވި 17 އަހަރުން ދަށުގެ ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދައިދޭން އެހީވި އުމުރުން 21 އަހަރުގެ ސަންޗޯ ވަނީ އިންގްލެންޑް ޓީމަށް މިހާތަނަށް 19 މެޗުން ތިން ގޯލު ޖަހައިދީ ފަސް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ގްރޫޕް ސްޓޭޖުގައި އިންގްލެންޑް ކުޅޭ ފަހު މެޗުގައި އަންނަ ބުދަ ދުވަހު ކުޅޭނީ ޗެކް ރިޕަބްލިކާ އެވެ.












