މޮރާޓާގެ ދިފާއުގައި ސްޕެއިންގެ ކޯޗު އެންރީކޭ

Jun 19, 2021, 8:06 AM
ސްޕެއިންގެ މެޗެއްގެ ތެރެއިން މޮރާޓާ (ކ) އާއި އެންރީކޭ.-- ފޮޓޯ: އޭއެފްޕީ

ސްޕެއިންގެ މެޗެއްގެ ތެރެއިން މޮރާޓާ (ކ) އާއި އެންރީކޭ.-- ފޮޓޯ: އޭއެފްޕީ

ސެވިލް (ޖޫން 19) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްޕެއިން ކުޅުނު ފުރަތަމަ މެޗުގައި ސްވިޑެންއާ އެއްވަރުވިއިރު، އެ މެޗުގައި ލަނޑު ޖަހަން ލިބުނު ފުރުސަތުތައް ނަގާލި ފޯވާޑް އަލްވާރޯ މޮރާޓާގެ ދިފާއުގައި ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ތެދުވެއްޖެ އެވެ.

ސްވިޑެންއާ ލަނޑެއް ނުޖެހި އެއްވަރުވި މެޗުގައި މޮރާޓާ އަށް ވަނީ ގޯލު ޖަހަން މުޅިން ހުސްކޮށް ފުރުސަތުތަކެއް ލިބިފަ އެވެ. އޭގެ ތެރެއިން ފުރަތަމަ ހާފުގައި އޭރިއާތެރެއިން މުޅިން ހުސްކޮށް ލިބުނު ފުރުސަތު ހިމެނެ އެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި 1996 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް މޮޅެއް ނުލިބި ފުރަތަމަ ދެ މެޗު ނިންމާލަން ސްޕެއިނުން ބޭނުމެއްނުވެ އެވެ. އެހެންވެ، މިރޭގެ މެޗުގައި ޕޮލެންޑާ ދެކޮޅަށް ފުރަތަމަ އެގާރައިގައި މޮރާޓާގެ ބަދަލުގައި ވިޔަރެއާލްގައި މި ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ފޯވާޑް ޖެރާޑް މޮރޭނޯ ކުޅުވަން ސްޕެއިނުގެ ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ. އެކަމަކު އެންރީކޭ ބުނީ މޮރާޓާ ޕޮލެންޑާ ދެކޮޅަށް ކުޅޭނެ ކަމަށެވެ.

"އަހަރެން މި ބުނަނީ އޭނަ (މޮރާޓާ) އާއި އިތުރު 10 ކުޅުންތެރިން ކުޅޭނެ (ފުރަތަމަ އެގާރައިގައި). މިއީ އޭނާ އަށް އޮތް އިތުބާރު ދައްކައިދޭން ކުރާ ކަމެއް. އޭނަ އަސްލު ފޯމުގައި ކުޅެން އެހީވެދޭން. އޭނަ ނުކުޅެވޭއިރު ވެސް ޓީމުގެ ޖާގަ ޔަގީންކަން ދައްކައިދޭން ކުރާ ކަމެއް ނޫން މިއީ،" ޕޮލެންޑާ ދެކޮޅަށް މިރޭ ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންރީކޭ ބުންޏެވެ.

"މޮރާޓާ ވަރަށް ގިނަ ކަންތައްތައް ކުރޭ އެޓޭކް އަދި ޑިފެންސްގައި ވެސް. ގައުމީ ޓީމަށް 41 މެޗު ކުޅެދީގެން މޮރާޓާ އަށް ވުރެ ގިނަ ގޯލު ޖެހި އުޅެނީ އެންމެ ކުުޅުންތެރިއެއް. އެއީ ޑޭވިޑް ވިޔާ. މިސާލަކަށް އަހަރެމެންގެ އެ ފަދަ ދެ ވަަނައެއް ނެތް ފޯވާޑުން ކަމަށްވާ ރައުލް އާއި ފެނާންޑޯ ޓޯރޭޒް ވެސް 41 މެޗު ކުޅުނުއިރު ޖެހީ މޮރާޓާ އަށް ވުރެ މަދު ގޯލު،"

ޔޫރޯ 2016 ވަނަ އަހަރުގެ މުބާރާތަށް ފަހު ސްޕެއިނަށް އެންމެ ގިނަ ގޯލު ޖަހައިދިނީ މޮރާޓާ އެވެ. އޭނާ ވަނީ އޭގެ ފަހުން 32 މެޗުން 16 ގޯލު ޖަހައިފަ އެވެ.

މި ފަހަރުގެ ޔޫރޯ އަށް ސްޕެއިން ތައްޔާރުވަމުން ދަނިކޮށް ކޮވިޑް-19 އަށް ޕޮޒިޓިވްވި އެ ޓީމުގެ ކެޕްޓަން ސާޖިއޯ ބުސެކްޓްސް މިރޭގެ މެޗުގައި ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް އެންރީކޭ ވަނީ ބުނެފަ އެވެ. މުބާރާތުގައި ސްޕެއިނުން ކުޅުނު ފުރަތަަމަ މެޗުގައި ބުސްކެޓްސްގެ ބަދަލުގައި ސްވިޑެންއާ ދެކޮޅަށް ކެޕްޓަންކަން ކުރީ ވާތު ބެކް ޖޯޑީ އަލްބާ އެެވެ.

ސްޕެއިން ވަނީ ޕޮލެންޑާ ދެކޮޅަށް އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިން އަށް މެޗުން މޮޅުވެފަ އެވެ.

ސްޕެއިނަށް ގެއްލުއްދެވޭނެ ގޮތްތަކެއް އެނގޭ: ޕޮލެންޑް

ސްޕެއިން އަތުން އެންމެ ފަހުން ޕޮޮލެންޑަށް މޮޅެއް ހޯދުނީ މީގެ 40 އަހަރު ކުރިންނެވެ. އެއީ 1980 ވަަނަ އަހަރު ބާސެލޯނާގައި ކުޅުނު އެކުވެރިކަމުގެ މެޗަކުންނެވެ. އެ މެޗުން ޕޮލެންޑް މޮޅުވީ 2-1 އެވެ.

މި ފަހަރުގެ މުބާރާތުގައި ޕޮލެންޑް ކުޅުނު ފުރަތަމަ މެޗުން ވަނީ 2-1 އިން ސްލޮވާކިއާ އަތުން ބަލިވެފަ އެވެ. އެހެންވެ، މިރޭގެ މެޗުން ސްޕެއިން ކައިރިން ނަތީޖާއެއް ނެރުން ޕޮލެންޑަށް ހުރިހާ ގޮތަކުން މުހިއްމެވެ.

ސްވިޑެންއާ ލަނޑެއް ނުޖެހި އެއްވަރުވި މެޗުގައި ސްޕެއިން އިން ވަނީ ޕާސް ޖެހުމުގެ ރެކޯޑެއް ހަދައިފަ އެވެ. އެކަމަށް އިޝާރާތްކޮށް ޕޮލެންޑްގެ ކޯޗު ޕައޮލޯ ސޯސާ ބުނީ ޔަގީނުން ވެސް ޕޮލެންޑަށް ސްޕެއިނަށް ވުރެ ގިނައިން މިރޭގެ މެޗުގައި ޕާސް ޖެހުން ވާނީ އުނދަގޫ ކަމަކަށް ކަމަށާއި އެހެން ނަމަވެސް ސްޕެއިނަށް ގެއްލުންދެވޭނެ ގޮތްތަކެއް އެނގޭ ކަމަށެވެ.

"ސްޕެއިނަށް ގެއްލުންދޭން އަހަރެމެން ވިސްނަންޖެހޭނީ ހަމައެކަނި ކައުންޓަ އެޓޭކުގައެއް ނޫން. އެޓޭކްގެ ޓްރާންސިޝަންތަކުގައި. ދެން ބޯޅަ ހިފަަހައްޓައި ލަނޑު ޖަަހަން ގިނަ ފުރުސަތުތައް ތަނަވަސްކޮށްގެން. މި ބުނީ ސްޕެއިން އިން ބޯޅަ ހިފަހައްޓާ ގޮތަށް ކުރާށޭ އެއް ނޫން. އެއީ ސްޕެއިން އިން އެ ގޮތަށް ކުޅޭތާ 10 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ. އަހަރެެމެން މި ފެށީ މިކަން. އަހަރެމެންނަށް ވެސް ބޯޅަ ހިފަހައްޓައިގެން ކުޅެވޭނެ،" ސޯސާ ބުންޏެވެ.

އަހަންނަށް ފެންނަ ފެނުމުގައި ސްޕެއިނަށް ބޯޅަ ނެތި 3-7 ސިކުންތު ވިޔަސް ޑިފެންސްކުރުމަކީ އުނދަގޫ ކަމެއް. ސްޕެއިނަށް ޑިފެންސްކުރެވެނީ ވެސް ބޯޅަ ހިފަަހައްޓައިގެން - ސޯސާ

މިދިޔަ ޖެނުއަރީ މަހު ޕޮލެންޑްގެ ކޯޗުކަމާ ހަވާލުވެގެން މި ވޭތުވެދިޔަ ފަސް މަހެއްހާ ދުވަހު އޭނާ އެ ޕޮލެންޑް ޓީމުން ބަދަލުކުރަން ބޭނުންވި އެއް ކަމަކީ ފުޓްބޯޅައިގައި ކޮންމެ ކަމެއް ވެސް ހާސިލްކުރެވިދާނެ ކަން ކަމަށް ސޯސާ ބުންޏެވެ.

ފުރަތަަމަ މެޗުގައި ސްލޮވާކިއާއާ ދެކޮޅަށް މެޗުގެ ފަހު ކޮޅުގައި ދެއްކި ރަތް ކާޑެއްގެ ސަބަބުން ކުޅުންތެރިއަކު މަދުވުމުން ޕޮލެންޑްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީގެ ބޭނުން މުޅި މެޗުގައި އެންމެ ރަނގަޅަށް ނުހިފުނު ކަމަށް ސޯސާ ބުންޏެވެ. އެކަމަކު މިރޭގެ މެޗަކީ މި ސީޒަނުގައި ޔޫރަޕްގެ ރަން ބޫޓު ހޯދި ލެވަންޑޯސްކީ ވިދާލަން ލިބޭ ރަނުގެ ފުރުސަތެއްގެ ގޮތުގައި ސޯސާ ގަބޫލުކުރެ އެވެ.

ސްޕެއިންގެ ލަ ކަރްޓޫހާ ސްޓޭޑިއަމްގައި މިރޭ ކުޅޭ މެޗަކީ ބައިނަލްއަގުވާމީ މުބާރާތެއްގައި ސްޕެއިނާއި ޕޮލެންޑްގެ ފުރަތަމަ ކުރިމަތިލުމެވެ. މިރޭގެ މެޗު ފަށާނީ ރާއްޖެ ގަޑިން 00:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox