ލަންޑަން (ޖޫން 19) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ އިންގްލެންޑާއި ސްކޮޓްލެންޑް ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެއްޖެ އެވެ.
ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ ފުޓްބޯޅައިގެ ވާދަވެރިންނަކީ ސްކޮޓްލެންޑާއި އިންގްލެންޑް އެވެ. އެންމެ ފަހުން މުބާރާތެއްގައި ވާދަވެރި މެެޗެއްގައި މި ދެ ޓީމު ނުކުތީ މީގެ 25 އަަހަރު ކުރިން އިންގްލެންޑްގައި 1996 ވަަނަ އަހަރު ބޭއްވި ޔޫރޯގަ އެވެ. އެއީ އެންމެ ފަހުން ސްކޮޓްލެންޑް ޔޫރޯ ކުޅުނު ފަހަރުވެސް މެ އެވެ. އެ ފަހަރު 2-0 އިން މޮޅުވީ އިންގްލެންޑް އެވެ. ަ
މިރޭގެ މެޗުން މޮޅުވެގެން އިންގްލެންޑަށް އަނެއް ބުރުގެ ޖާގަ ކަށަވަރު ފުރުސަތު އޮތް ނަމަވެސް އެއްވަރުވުމުން އެ ޓީމަށް ޖެހިފައިވަނީ އިތުރު އިންތިޒާރެއް ކުރާށެވެ.
ގްރޫޕް ޑީގެ އެއް ވަނައިގައި ޗެކް ރިޕަބްލިކް އޮތީ ދެ މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އިންގްލެންޑަށް ވެސް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ކްރޮއޭޝިއާ އާއި އެންމެ ފުލުގައި އޮތް ސްކޮޓްލެންޑަށް ވަނީ އެއް ޕޮއިންޓް ލިބިފަ އެެެވެ.
ގްރޫޕްގެ ފަހު މެޗުތައް އެއް ގަޑިއެއްގައި ކުޅޭއިރު، އަންނަ ބުދަ ދުވަހު އިންގްލެންޑް ކުޅޭނީ ޗެކް ރިޕަބްލިކާ އެވެ. އަދި ސްކޮޓްލެންޑް ބައްދަލުކުރާނީ ކްރޮއޭޝިއާއާ އެވެ. މި ގްރޫޕްގައި އަދި ހަތަރު ޓީމަށް ވެސް ދެ ވަނަ ބުރުގެ ފުރުސަތު އެބައޮތެވެ.
ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން ހަތަރު ވަނަ މިނިޓްގައި އިންގްލެންޑްގެ އޭރިއާތެރެއިން ސްކޮޓްލެންޑްގެ ފޯވާޑް ޗޭ އެޑަމްސް އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އަރިމަތިން ސްކޮޓްލެންޑްގެ ކަނާތު ފުލްބެކް ސްޓެފެން އޯޑޮނެލް ނަގައިދިން ހުރަހަކުން އެޑަމްސް ޖެހި ޝޮޓް އިންގްލެންޑްގެ ޑެކްލަން ރައިސް ސަލާމަތްކުރި އެެވެ،
ފުރަތަމަ ހާފުގައި އިންގްލެންޑަށް ލަނޑެއް ޖަހައިދިނުމާ އެންމެ ގާތަށް ޖެހިލީ ފަހަތަށް ކުޅޭ ޖޯން ސްޓޯންސް އެވެ. ކޯނަރަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅަ މުޅިން ހުސްކޮށް ހުރެފައި ސްޓޯންސް ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެެވެ. އޭގެ އިރުކޮޅެއް ފަހުން އިންގްލެންޑްގެ ރަހީމް ސްޓާލިން އޭރިއާތެރެއިން ހުސްކޮށްލާފައި މޭސަން މައުންޓަށް ދިން ބޯޅަ އޭނާ އަށް އެންމެ ރަނގަޅަށް ފޮނުވައެއް ނުލެވުނެވެ.
ސްކޮޓްލެންޑުން ގޯލާ ސީދާކޮށް ފުރަތަމަ ހަމަލާ ފޮނުވާލީ މެޗުގެ 30 ވަނަ މިނިޓްގަ އެވެ. އިންގްލެންޑްގެ އޭރިއާތެރެއިން އޯޑޮނެލް ވޮލީއަކުން ޖެހި ބޯޅަ އިނގިރޭސި ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މަތަކޮށްފަ އެވެ.
ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ފުރަތަމަ 10 މިނިޓް ތެރޭ އިންގްލެންޑްގެ މައުންޓާއި ރީސް ޖޭމްސް ވަނީ އޭރިއާ ބޭރުން ދެ ހަަމަލާ ފޮނުވާލައިފަ އެވެ. މައުންޓް ފޮނުވާލި ބޯޅަ ސްކޮޓްލެންޑް ކީޕަރު ޑޭވިޑް މާޝަލް ވަނީ މަތަކޮށްފަ އެވެ.
ސްކޮޓްލެންޑްގެ އެޑަމްސް މެޗުގެ 61 ވަަނަ މިނިޓްގައި ޖެހި ޝޮޓް ގޯލު ރޮނގުމަތިން ސަލާމަތްކުރީ ޖޭމްސް އެވެ. އޭގެ ކުރިން އެޑަމްސް އަށް ރަނގަޅު ފުރުސަތެއް ލިބި ބޭނުމެއް ނުކުރެވުނެވެ. އެއީ ބޯޅަ ފޮނުވާލުން ލަސްކޮށްލުމުންނެވެ.
އިންގްލެންޑުން އޭގެ ފަހުން ޖެކް ގްރީލިޝް އާއި މާކަސް ރެޝްފޯޑް ކުޅެން އެރުވި އެވެ. އަދި ސްކޮޓްލެންޑުން ވަނީ ސްޓުއާޓް އާމްސްޓްރޯންް ކުޅެން އަރުވައިފަ އެވެ. ގްރީލިޝް އާއި ރެޝްފޯޑް އަށް ވެސް ލަނޑު ޖަހަން މާ ރަނގަޅު ހަމަލާތަކެއް ފޮނުވާލެވޭ ގޮތެއްނުވި އެވެ.
މިއީ ބޮޑު މުބާރާތެއްގައި (ވޯލްޑް ކަޕާއި ޔޫރޯ) އިންގްލެންޑް ލަނޑެއް ނުޖެހި އެއްވަރުވި 17 ވަނަ މެޗެވެ. އިންގްލެންޑަކީ މި ދެ މުބާރާތުގައި ލަނޑެއް ނުޖެހި އެންމެ ގިނަ މެޗު އެއްވަރުވި ޓީމެވެ.
އިންގްލެންޑުން މިރޭގެ މެޗަށް ނެރުނު ފުރަތަމަ އެގާރައިގެ އެވްރެޖް އުމުރަކީ 25 އަހަރާއި 31 ދުވަހެވެ. މިއީ އިންގްލެންޑުން ބޮޑު މުބާރާތަކަށް މިހާތަނަށް އެރުވި އެންމެ ޒުވާން ފުރަތަމަ އެގާރަ އެވެ.
ސްކޮޓްލެންޑާއި އިންގްލެންޑް އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ނިމުނީ އެއްވަރުވެގެންނެވެ. އެ ފަހަރު ވޯލްޑް ކަޕް ކޮލިފައިންގައި 2017 ވަނަ އަހަރު ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.












