ވަށައިގެން ޕްރެޝަރު: ސައުތުގޭޓަށް އިންގްލެންޑާ އެކު މިކަން ވާނެތަ؟

Jun 18, 2021, 11:24 AM
އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް.

އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް.

އަމިއްލަ ގައުމުގައި އިންގްލެންޑުން ކުޅުނު 1996 ވަނަ އަހަރުގެ ޔޫރޯގެ ސެމީ ފައިނަލުން އެ ޓީމު ޖަރުމަނު އަތުން ޕެނަލްޓީ ޖަހައިގެން ބަލިވިއިރު، އިންގްލެންޑްގެ ފަހު ޕެނަލްޓީ ނާކާމިޔާބުވީ މިހާރު އެ ޓީމުގެ ކޯޗަކަށް ހުރި ގަރެތު ސައުތުގޭޓް އަތުންނެވެ. އިންގްލެންޑުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ހަތަރު ވަނަ އަށް ދިޔުމާ އެކު ޒަމާންތަކަކަށް ފަހު އިންގްލެންޑްގެ ސަޕޯޓަރުންނާއި މީޑިއާ މި ވަނީ މި ފަހަރުގެ ޔޫރޯގެ ކުރިން އިންގްލެންޑްގެ ގައިގައި ފޭވަރިޓެއްގެ ޓެގް އަޅުވައިފަ އެވެ.

މީގެ 25 އަހަރު ކުރިން ސައުތުގޭޓް އަތުން ބޭކާރުވި ޕެނަލްޓީ އަކީ ފުޓްބޯޅައިގައި އޭނާ އަށް ލިބުނު އެންމެ ބޮޑު ފިލާވަޅު ކަމަށް އޭނާ މީގެ ކުރިން ވެސް ބުނެފައިވެ އެވެ. އިންގްލެންޑްގެ ކޯޗުކަމުގައި ހުރެ ސައުތުގޭޓް ކުރިމަތިލާ ކޮންމެ މުބާރާތެއްގައި ވެސް ކާމިޔާބު ހޯދަން ބޭނުންވާ އެއް ސަބަބަކީ ފުޓްބޯޅަ ކެރިއަރުގައި ޖެހިފައި އެވާ ލަންގަނޑު ފިލުވާލަން ކުރެވެން ހުރި މަސައްކަތެއް ކުރުމެވެ.

މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި އިންގްލެންޑް ކިޔާ އެންމެ ބޮޑު ސަބަބަކީ އެ ޓީމުގެ ގްރޫޕް ސްޓޭޖު ތިން މެޗު ވެސް އޮތީ އިންގްލެންޑްގައި ކަމަށްވެފައި ސެމީ ފައިނަލާއި ފައިނަލް ވެސް ކުޅެނީ އިންގްލެންޑްގައި ކަމަށްވާތީ އެވެ. ބައެއް ގައުމުތަކުން މިއީ އިންގްލެންޑަށް އޮތް އެޑްވާންޓޭޖެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ..

"އިނގިރޭސި ފުޓްބޯޅައިގެ ފާޑުކިޔުމާއި ސަޕޯޓަރުންގެ އުއްމީދުތަކާ މިހެން ހުންނަ ކަންކަމަކީ ކުޅުންތެރިއެއްގެ ގޮތުގައި ވެސް އަހަރެން ތަޖުރިބާކުރި ކަމެއް. މި ޕްރެޝަރުތައް އަހަންނަށް (އެންމެ ފަހުން ބޭއްވި) ވޯލްޑް ކަޕްގައި ވެސް ކުރިމަތިވެއްޖެ. އޭގެ ކުރިއެރުމެއް ލިބުނު. ދެން މި ފަހަރު މި އޮތީ ޔޫރޯ މީގެ ވެސް ޕްރެޝަރު އަންނާނެ. އަހަރެން މި ހުރީ ކެރިގެން އެކަމަށް ތައްޔާރުވެގެން،" މި ފަހަރު ޔޫރޯ ފެށުމުގެ ކުރިން އިންގްލެންޑްގެ މީޑިއާ އަށް ސައުތުގޭޓް ބުންޏެވެ.

އިންގްލެންޑްގެ ޕްރެކްޓިހެއްގެ ތެރެއިން ސައުތުގޭޓް.

އިންގްލެންޑް ވަނީ ޔޫރޯ ފުރަތަމަ މެޗުގައި ކްރޮއޭޝިއާ 1-0 އިން ބަލިކޮށްފަ އެވެ. އިންގްލެންޑަށް 2018 ގެ ވޯލްޑް ކަޕްގެ ފައިނަލުން ޖާގަ ގެއްލުނީ ސެމީގައި ކްރޮއޭޝިއާ އަތުން ބަލިވުމުންނެވެ. އެހެންކަމުން މިއީ ބަދަލުހިފުމެއްގެ ގޮތުގައި ބައެއް އިނގިރޭސި މީޑިއާތަކުން ސިފަކުރެ އެވެ.

އިނގިރޭސި މީޑިއާތަކުން މިހާރު އަންނަނީ އިންގްލެންޑަށް މުބާރާތް ކާމިޔާބުކުރެވޭނެ ކަމަށް ބުނެ އެކި ސަޕޯޓަރުންގެ ފޯރަމްތަކުގައި ޕޯލް ވެސް ނަގަމުންނެވެ. އަދި މީޑިއާތަކުން ކެނޑިނޭޅި ސައުތުގޭޓް މެޗުތަކަށް ނެރެން ޖެހޭ ފުރަތަަމަ އެގާރަ އަކީ ކަމަށް ބުނެ އަމިއްލަ ޓީމުތަކެއް ދައްކައިގެން އެނަލިސްޓުންގެ މެދުގައި ބަހުސްކުރެ އެވެ.

"އަހަރެން ކޮންމެ ފުރަތަމަ އެގާރައެއް ނެރުނަސް ފާޑުކިޔުން އަމާޒުވާނެ. އެހެެންވީމަ އެ ކަމާ ބެހޭގޮތުން އަހަރެން ވާހަކަ ދައްކަން ނެތިން،" ކްރޮއޭޝިއާ މެޗުގެ ފުރަތަމަ އެގާރައާ މެދު ނޫސްވެރިއަކު ކުރި ސުވާލަށް ސައުތުގޭޓް ބުންޏެވެ.

ދެ ވަނަ މެޗުގައި އިންގްލެންޑް މިރޭ ނުކުންނާނީ އަވައްޓެރި ސްކޮޓްލެންޑާ ދެކޮޅަށެވެ. ސްކޮޓްލެންޑާއި އިންގްލެންޑްގެ މެޗު ސައުތުގޭޓަށް ހާއްސަވާ ސަބަބެއް އެބައޮތެވެ.

އިންގްލެންޑް ކޯޗުކަމުން 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ސޭމް އެލަޑައިސް ވަކިކުރުމަށް ފަހު ސައުތުގޭޓް ގެނައީ ވަގުތީ ކޯޗަކަށެވެ. އޭރު ސައުތުގޭޓް ހުރީ 21 އަހަރުން ދަށުގެ ޓީމާ ހަވާލުވެ އެވެ. ވަގުތީ ކޯޗެއްގެ ގޮތުގައި ހުރެ ސައުތުގޭޓް ވަނީ ފުރަތަަމަ ދެ މެޗުން 2-0 އިން މަލްޓާ ބަލިކޮށް 0-0 އިން ސްލޮވީނިއާއާ އެއްވަރުކޮށްފަ އެވެ.

ސައުތުގޭޓްގެ ތިން ވަނަ މެޗުގައި 3-0 އިން ސްކޮޓްލެންޑްގެ މައްޗަށް ކުރިހޯދި މެޗަށް ފަހު އޭނާ އަށް އިންގްލެންޑްގެ ކޯޗުކަން ދާއިމީ ކޮންޓްރެކްޓެއްގައި ދިނުމުގެ މަޝްވަރާތައް ފެށުނެވެ. ވަގުތީ ކޯޗެއްގެ ގޮތުގައި ހުރެ ނުކުތް ފަހު މެޗުގައި ސްޕެއިނާ 2-2 އިން އެއްވަރުވީ އެވެ. ސައުތުގޭޓް އިންްގްލެންޑާ އެކު އެ ފަހަރު ސޮއިކުރީ ހަތަރު އަހަރުގެ އެއްބަސްވުމެއްގަ އެވެ.

"ތިއީ ވަރަށް ރަނގަޅު ވާހަކައެއް. އަހަރެން މި މަގާމުން ނުފެނުނިސް ކަންނޭނގެ ސްކޮޓްލެންޑް އަތުން އެ މެޗުން މޮޅުނުވިނަމަ. އެ ވަގުތަކީ ސްކޮޓްލެންޑް ފުޓްބޯޅަ ވެސް ޓްރާންޒިޝަނެއްގެ ތެރޭގައި އޮތް ވަގުތެއް. މިހާރު އެ އޮތީ ތަފާތު ޓީމެއް،" މިރޭގެ މެޗުގެ ކުރިން ސައުތުގޭޓް ބުންޏެވެ.

ރޯއީ ހޮޖްސަންގެ ކޯޗުކަމުގައި ކުޅުނު އިންގްލެންޑް 2016 ވަނަ އަހަރުގެ ޔޫރޯގެ ދެ ވަނަ ބުރުން ކެޓީ އައިސްލެންޑް އަތުންނެވެ. އެ ފަހަރު އިންގްލެންޑަށް ކުުޅުނު ކުޅުންތެރިން މި ފަަހަރުގެ ސްކޮޑުގައި ވެސް ހިމެނެ އެވެ.

ސައުތުގޭޓް ބުނީ އެންމެ ފަހުން ބޭއްވި އެ ޔޫރޯ އިން ކަޓައިގެން އެ ކުރިމަތިވި މާޔޫސްކަމުން އަރައިގަނެ 2018 ވަނަ އަހަރު ވޯލްޑް ކަޕްގައި ނަތީޖާ ނެރެފައިވާ ކަމަށާއި އިތުރަށް ކުރިއަށް ދިއުމަކީ މި ފަހަރުގެ މުބާރާތުގެ ހާއްސަ އަމާޒުކަމަށެވެ. އަދި މި ފަހަރުގެ ޔޫރޯ އަކީ އިންގްލެންޑަށް ކާމިޔާބު ކުރެވޭނެ މުބާރާތެއް ކަމަށް ކުރިން މިޑްލްސްބަރާ އަށް ކޯޗުކޮށްދިން ސައުތުގޭޓް ބުނެފައިވެ އެވެ.

ސްކޮޓްލެންޑްގެ ކޯޗު ކްލާކް އެދެނީ ކުޅުންތެރިން ޖަޒުބާތުގައި ނުޖެހެން

ތޭވީސް އަހަރަށް ފަހު ބައިނަލްއަގުވާމީ ބޮޑު މުބާރާތަކަށް ސްކޮޓްލެންޑް ކުރިމަތިލި ފުރަތަަމަ ފަހަރު ވެސް އިންގްލެންޑާ އެއް ގްރޫޕެއްގައި އޮތުމުން ގިނަ ބަޔަކު އެންމެ ފުރަތަަމަ ވެސް މި މެޗަށް ދުވަސް ގުނަން ފެށީ މި ދެ ގައުމުގެ ދެމެދުގައި ފުޓްބޯޅަ އާއި އެހެނިހެން ވާދަވެރިކަން ވެސް ބޮޑުވީމަ އެވެ. އަދި މިއީ 25 އަހަރަށް ފަހު ސްކޮޓްލެންޑް ޔޫރޯގައި ކުޅޭ ފުރަތަމަ ފަަހަރު ކަމަށްވާއިރު، އެ ޓީމު އެންމެ ފަހުން 1996 ވަނަ އަހަރު ވާދަކުރިއިރު ވެސް އޮތީ އިންގްލެންޑާ އެއް ގްރޫޕެއްގަ އެވެ.

މިދިޔަ 23 އަހަރު ތެރޭ ބޮޑު މުބާރާތެއްގައި ނުކުޅެވި ސްކޮޓްލެންޑް ދިޔަ ކޮންމެ ފަހަރަކު ސްކޮޓްލެންޑްގެ ކުޅުންތެރިންނަށް އިނގިރޭސި މީޑިއާ އިން ފާޑުކިޔާފައިވެ އެވެ. އެއީ ގިނަ ކުޅުންތެރިން ކުޅެނީ އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކަށް ކަމަށްވާތީ އެވެ. އެހެންވެ، ސްކޮޓްލެންޑް ކުޅުންތެރިންގެ މެދުގައި ވެސް އިނގިރޭސި މީޑިއާއާ މެދު ނަފްރަތު އޮވެ އެވެ. މީގެ ކުރިން މެޗުތަކުގެ ކުރިން ދީފައިވާ އިންޓަވިއުތަކުން އެކަން ފެނިފައިވެސްވެ އެވެ.

"އަހަރެން އެދެން ކުޅުންތެރިން ޖަޒުބާތުގައި ނުޖެހެން. އަހަރެމެންގެ ފޯކަސް އަކަށްވާން ޖެހޭނީ މެޗުގައި ކުރަން ހުރި ކަންތައްތަކަށް. އަހަރެމެން ވިސްނަންވީ މެޗަަށް. ވަރަށް ބައިވަރު ކަންކަން ދަނޑު ބޭރުން ހިނގާނެ. ކުޅުންތެރިން ޖެހޭނީ މޮޅުވާން ކުރަން ޖެހޭ މަސައްކަތަށް ފޯކަސް ކުރަން،" ސްކޮޓްލެންޑްގެ ކޯޗު ސްޓީވް ކްލާކް ބުންޏެވެ.

އިނގިރޭސި ކޯޗު ސައުތުގޭޓަށް ވަރަށް ބޮޑަށް އިހުތިރާމްކުރާ ކަމަށާއި ކުޅުންތެރިއެއްގެ ގޮތުގައި ނުކުރެވި ހުރި ކަންކަން ކުރަން ކޯޗެއްގެ ގޮތުގައި ފުރުސަތު ލިބޭނީ މަދު މީހަކަށް ކަމަށް ކްލާކް ބުންޏެވެ.

ކޮންމެ ނަތީޖާއެއް ނުކުތަސް ސައުތުގޭޓަށް އިނގިރޭސި މީޑިއާގެ ޕްރެޝަރު އޮންނާނެކަން އެނގޭކަމަށާއި މީގެ ސްކޮޓްލެންޑުން ވިސްނާނީ އަމިއްލަ އަށް ކުރަން ޖެހޭ ކަންތައްތަކަށް ކަމަށް ކުރިން ލިވަޕޫލާއި ޗެލްސީގައި ކޯޗިން މަސައްކަތްތަކެއް ކުރި ކްލާކް ބުންޏެވެ.

"ވާދަވެރި ކޮންމެ ޓީމަކަށް ވެސް އަހަރެން އިހުތިރާމް ކުރާނަން. އިންގްލެންޑަށް ވެސް އޮތީ އެ ގޮތް. އަހަރެމެން މާދަމާ (މިރޭ) ނުކުންނާނީ ކުރެވެން ހުރި ހުރިހާ ކަމެއްކޮށްފައި މޮޅުވާން. ދެން ބޭރުން އެ ހުރި ކަންކަމުގެ ޕްރެޝަރުތައް (މީޑިއާ އާއި ސަޕޯޓަރުންގެ ޕްރެޝަރު) އެއީ އަމިއްލަ ކޮންޓްރޯލުން ބޭރުގައި ހުރިކަންކަން،" ކްލާކް ބުންޏެވެ.

"ދެ ގައުމުގެ ބޯޑަރުގެ ދެ ފަރާތުން ފުޓްބޯޅައިން ބޭރުން އެ ހުރި ކަންކަމާ މެދު ނުވިސްނަން،" ކްލާކް

ސްކޮޓްލެންޑުން މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ވަނީ ޗެކް ރިޕަބްލިކް އަތުން 2-0 އިން ބަލިވެފަ އެވެ. ސްކޮޓްލެންޑުން މި މުބާރާތުގައި އަމިއްލަ ބާރުގައި ކުރިއަށްދާން ބޭނުންނަމަ މިރޭ އިންގްލެންޑް ކައިރީގައި ނަތީޖާ ނެރެން ޖެހޭނެ އެވެ.

އިންގްލެންޑުން 1996 ވަނަ އަހަރުގެ ޔޫރޯގެ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުން ސްކޮޓްލެންޑް އަތުން ވަނީ 2-0 އިން މޮޅުވެފަ އެވެ. ކުރީގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު އެ މެޗުގައި ވެސް ދެ ޓީމުގެ ސަޕޯޓަރުންގެ މެދުގައި ހިތްހަމަ ނުޖެހޭ ކަންތައްތަކެއް ހިނގި އެވެ.

ވެމްބްލީ ސްޓޭޑިއަމް މަރާމާތަށް ފަހު ހުޅުވީ 2007 ވަނަ އަހަރު އެވެ. އަލުން ހުޅުވި ފަހުން ސްކޮޓްލެންޑާ ދެކޮޅަށް ބައިނަލްއަގުވާމީ މުބާރާތެއްގެ މެޗެއްގައި މިރޭ ފުރަތަމަ ފަަހަރަށް ކުޅޭނެ އެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން 00:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox