ކޮލިފައިން އިން ފެނުނު މަންޒަރު: ރާއްޖެ ފިޔަވަޅެއް ކުރިއަށް!

ކޮލިފައިން އިން ފެނުނު މަންޒަރު: ރާއްޖެ ފިޔަވަޅެއް ކުރިއަށް!

ފީފާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން އަށް ރާއްޖެ ނުކުތްއިރު ވެސް އަމާޒަކީ 2023 ވަނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިވުމެވެ. ޖޮއިންޓް ކޮލިފައިންގެ ތެރެއިން ވޯލްޑް ކަޕް ކޮލިފައިން ނިމުނުއިރު، ރާއްޖެ އަދިވެސް މި އޮތީ ދެކެމުން އައި ހުވަފެން ހަގީގަަތަކަށް ހެދޭ ހިސާބުގަ އެވެ. އެއީ އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ހުވަފެެނެވެ.

ކޮލިފައިންގައި ރާއްޖެ އޮތް ގްރޫޕްގައި ސީރިއާ އާއި ޗައިނާ އޮތުމުން ރާއްޖެ ވާދަކުރަން ޖެހުނީ ހަގީގީ ވިސްނުމަކުން ބަލާއިރު، ގްރޫޕްގެ ތިން ވަނަ އަށެވެ. ގްރޫޕްގެ ތިން ވަނަ އަށް ލިބޭ ފުރުސަތަކީ އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުން ޖާގަ ލިބުމެވެ. ރާއްޖެ އަށް ގްރޫޕްގެ ތިން ވަނަ ނުލިބި ހަތަރެއްގައި ނިންމާލުމުން ވެސް މި ވަނީ އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުން ފުރުސަތު ލިބިފަ އެވެ. މާނަ އަކީ މި ގްރޫޕްގެ ތިނެއް ނޫނީ ހަތަރެއްގައި ނިންމައިގެން ވެސް ދެެވެން އޮތީ އެއް ހިސާބަކަށް ކަމެވެ.

ގްރޫޕް އޭގެ މެޗުތައް ނިމުނުއިރު އެއް ވަަނައިގައި ސީރިއާ އޮތީ 21 ޕޮއިންޓާ އެކު އެވެ. އެ ޓީމަށް ވަނީ ސީދާ އޭޝިއަން ކަޕްގެ ގްރޫޕް ސްޓޭޖުން ފުރުސަތު ލިބިފަ އެވެ. ގްރޫޕްގެ ދެ ވަނައިގައި އޮތް ޗައިނާ އަށް ވަނީ 19 ޕޮއިންޓް ލިބިފަ އެވެ. އެ ޓީމަކީ 2023 ވަނަ އަހަރުގެ އޭޝިއަން ކަޕްގެ ހޯސްޓް އެވެ. ގްރޫޕްގެ ތިން ވަނައިގައި ފިލިޕީންސް ނިންމީ 11 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި ނިންމާލި ރާއްޖެ އަށް ލިބުނީ ހަތް ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ގުއާމަށް އެއްވެސް ޕޮއިންޓެއް ނުލިބެ އެވެ.

ރާއްޖެ އަށް ކޮލިފައިން ގްރޫޕް ސްޓޭޖުން މި ފުރުސަތު ލިބުނީ ކިހިނެއް؟

މީގެ ދެ އަހަރު ކުރިން ކޮލިފައިންގެ ފުރަަތަަމަ މެޗަށް ނުކުތްއިރު ހަދާފައިވާ ގަވާއިދަށް ބަލާއިރު، ކޮލިފައިން ދިޔަގޮތުން ފަހު މެޗުން ފިލިޕީންސް އަތުން މޮޅުވެގެން އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖަށް ދިއުމުގެ ފުރުސަތު ރާއްޖެ އަށް އޮތެވެ. އެއީ ކޮލިފައިން ގްރޫޕްގެ ހަތަރު ވަނައިގައި ނިންމި ނަމަވެސް ހުރިހާ ގްރޫޕްތަކުގެ ހަތަރު ވަނައިގައި ނިންމާ ޓީމުތަކުގެ ތެރެއިން ގަދަ ހަތަރެއްގައި ހިމެނިގެންނެވެ. ފިލިޕީންސާ 1-1 އިން އެއްވަރުވުމުން އެ ފުރުސަތު ގެއްލި ރާއްޖެ އޭއެފްސީ ކަޕްގެ ޕްލޭއޮފްގައި ކުޅެން ޖެހޭނެ ކަމަށް ފުރަތަމަ ބެލެވުނެވެ.

އެއީ ހުރިހާ ގްރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ވަނަ ޓީމުތަކުގެ ތެރެއިން ރޭންކިން ކަނޑައަޅާއިރު، އެ ގްރޫޕެއްގެ އެންމެ ފުލުގައި އޮންނަ ޓީމެއް އަތުން ހޯދާ ޕޮއިންޓްތަކެއް ނުގުނާނެތީ އެވެ. އެ އުސޫލުން ބަލާނަމަ ރާއްޖެ އަށް ރަނގަޅު ނަތީޖާ ނެރޭ ހަަތަރު ވަނަ ޓީމުތަކުގެ ތެރެއިން ލިބެނީ ހަ ވަަނަ އެވެ. ކުރިން އޮތް ކޮލިފައިން ފޯމެޓާ އެއްގޮތަށް ކުރިއަށްދިޔަ ނަމަ ރާއްޖެ ޖެހޭނީ ޕްލޭއޮފްގައި ކުޅޭށެވެ.

ފިލިޕީންސް މެޗަށް ނެރުނު ގައުމީ ޓީމުގެ ފުރަތަމަ އެގާރަ.

އެކަަމަކު އޭއެފްސީން ހުރިހާ ގްރޫޕެއްގެ މެޗުތައް ނިމުމުން ހާމަކޮށްފައިވަނީ އުތުރު ކޮރެއާ ކޮލިފައިން އިން ވަކިވެ، ގަތަރު (2022 ވަަނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓް) އޭޝިއަން ކަޕަށް ކޮލިފައިވުމާއި ގްރޫޕް ތަކުގެ ފުލަށްދާ ޓީމާ ދެކޮޅަށް ދެ ވަނައިގައި ނިންމި ޓީމުތަކާއި ހަތަރު ވަނައިގައި ނިންމާ ޓީމުތަކުން ކުޅުނު މެޗުތަކުގެ ޕޮއިންޓްތައް ނުގުނާ ކަމަށެވެ. މިސާލަކަށް ރާއްޖެ ގްރޫޕަށް ބަލާނަމަ ޗައިނާ އާއި ރާއްޖޭން ގުއާމާ ދެކޮޅަށް ކުޅުނު މެޗުތަކުގެ ޕޮއިންޓްތައް ނުގުނާނެ އެވެ. އެއީ ފައިނަލް ރޭންކިންތައް އެތުރުމުގައި އޭއެފްސީން ގެންގުޅުނު ކަލްކިއުލޭޝަނެވެ.

އެ ގޮތަށް ރޭންކިން ތަރުތީބު ކޮށްގެން ގެނެވުނު ބަދަލުގެ ތެރެއިން ގިނަ ޓީމުތަކަކަށް އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުން ފުރުސަތުން ލިބުނުކަން އޭއެފްސީން އިއުލާނުކުރިއިރު، އޭޝިއާގެ ގިނަ ޓީމުތައް ތިބީ ކޮލިފައިންގައި ދެން އެ ޓީމު ވާދަކުރަން ޖެހޭނެ ހިސާބެއް ސީދާ ކަށަވަރުނުވެ އެވެ. އެއީ ފޯމެޓަށް މިއައި ބަދަލުގެ މައުލޫމާތު ހުރިހާ މެމްބަރު އެސޯސިއޭޝަނަކަށް ރަނގަޅަށް އޮޅުންފިލުވައި ދީފައިނުވާތީ އެވެ.

އޭއެފްސީން ކަނޑައެޅި ރޭންކިން ސިސްޓަމްގެ ތެރެއިން އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުން ފުރުސަތު ލިބުނު ޓީމުތަކުގެ ތެރޭގައި އެންމެ ފަހުން ނިމުނު ގްރޫޕްތަކުގެ ތިން ވަަނައިގެ އިތުރުން ހަތަރު ވަނައިގައި ނިންމި ޓީމުތަކާއި ފަސް ވަނައިގައި ނިންމި ތިން ޓީމެއް ވެސް ހިމެނެ އެވެ. ރާއްޖެ އަށް ކޮލިފައިން ގްރޫޕް ސްޓޭޖުން ފުރުސަތު ލިބުނީ ހަތަރު ވަނައިގައި ނިންމި ޓީމުތަކުގެ ތެރެއިންނެވެ.

ކޮލިފައިން ފެށުމާއި ނިންމުމުގައި ކުރަން ޖެހުނު އުނދަގޫ ތަޖުރިބާތައް

ކޮލިފައިން ފަށަން ރާއްޖެ ޖެހުނީ މިހާތަނަށް ވާދަވެރި މެޗެއް ކުޅެން ރާއްޖޭން ކުރި އެންމެ ދިގު ދަތުރަށް ފަހު އެވެ. އެއީ 2019 ވަނަ އަހަރު ސެޕްޓެމްބަރު މަހު ގުއާމާ ދެކޮޅަށް ކުޅެން ޖެހުނު މެޗަށް އެ ގައުމަށް ދިއުމަށެވެ.

ގުއާމަށް ދިއުމަށް ނަގަން ޖެހުނީ އެމެރިކާގެ ވިސާ އެވެ. އެކަން ކުރުމަށް ގިނަ ގައުމުތަކަށް މީގެ ކުރިން ވެސް ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ. އެމެރިކާ ވިސާ ކުޅުންތެރިންނަށް ހަމަޖައްސަން ފަސޭހައަކަށް ރާއްޖޭން ގުއާމް މެޗުގެ ކުރިން ޓްރެއިނިން ކޭމްޕް ހަމަޖެއްސީ ލަންކާގަ އެވެ. ދަތި އުނދަގޫ އެތައް ކަަމަކަށް ފަހު ގުއާމް ވިސާ ހަމަޖެހި އެންމެ ފަހުން މެޗަށް ގޮސް އެ އުނދަގޫ ތަކުގެ ތެރޭގައި ވެސް ރާއްޖެ 1-0 އިން މޮޅުވި އެވެ. ގުއާމަށް ދާން ކުރަން ޖެހޭ ދިގު ދަތުރާ ހެދި މީގެ ކުރިން ބައެއް ޓީމުތަކަށް އެ ޓީމާ ދެކޮޅަށް ނަތީޖާ ނުނެރެވިފައި ވެސް އެބަހުއްޓެވެ. އަދި ޓާފް ދަނޑެއްގައި މެޗު ކުޅެން ޖެހުން ވެސް އެއީ ނަތީޖާ ނެރުމުގައި ބައެއް ޓީމުތަކަށް ކުރިމަތިވި އުނދަގޫތަކެކެވެ.

މިިދިޔަ އަަހަރު މާޗް މަހު ކުޅެން އޮތް ކޮލިފައިން ފަހު މެޗުތައް ކޮވިޑް-19ގެ ސަބަބުން ތިން ފަަހަރެއްގެ މަތިން ފަސްކުރި އެވެ. ކޮވިޑާ ހެދި އެންމެ ފަހުން އޭއެފްސީން ނިންމީ ގްރޫޕް ސްޓޭޖުގެ ފަހު އަށް މެޗު ސެންޓްރަލައިޒްކޮށް އެއް ގައުމެއްގައި ކުޅޭށެެވެ. ފުރަތަމަ ހުރިހާ މެޗެއް ހޯސްޓްކުރުމުގެ ފުރުސަތު ދިނީ ޗައިނާ އަށެވެ. އެކަމަކު އެ ގައުމަށް ފިލިޕީންސާއި ރާއްޖެ އަދި ސީރިއާ ޓީމު އެތެރެވާން މައްސަލަތަކެއް ޖެހުމުން މެޗުތައް ދުބާއީގައި ކުޅެން ނިންމީ އެވެ.

ކޮލިފައިން މެޗުތަކަށް ޓީމުގެ ސިލެކްޝަން ހަދަމުންދިޔައިރު، ކޮވިޑަށް ޕޮޒިޓިވްވެގެންނާއި އާއިލީ ސަބަބުތަކަށްޓަކައި މި ވަގުތު ބައެއް ކުޅުންތެރިން ކޮލިފައިން މެޗުތަކަށް ދެވޭގޮތް ނުވުން ވެސް އެއީ ޓީމަށް ލިބުނު އުނިކަމެކެވެ.

ހޮޓެލް ޖެންގެ ބޯލް ރޫމުގައި މިދިޔަ މަހު ގައުމީ ޓީމުން ޕްރެކްޓިސް ކުރަނީ.

މިދިޔަ މަހު 13 ވަނަ ދުވަހު ހޮޓެލް ޖެންގައި ގައުމީ ޓީމު ކޭމްޕް ޖަހައިގެން ތިބިިއިރު، ޕްރެކްޓިސް ކުރަން ޖެހުނީ ހޮޓެލް ޖެންގެ ބޯލް ރޫމުގަ އެވެ. މާލޭގައި ކޮވިޑް ކޭސްތައް އޮތްގޮތުން ދަނޑުގައި ޕްރެކްޓިސް ކުރުމުގެ ހުއްދައެއް ނުލިބުނެވެ. މި ފަަހަރު ކޮލިފައިންގައި އެ ގޮތަށް ބޯލް ރޫމެއްގައި ޕްރެކްޓިސް ކުރި ހަމައެކަނި ޓީމަކީ ވެސް ރާއްޖެ އެވެ.

ގައުމީ ޓީމަށް ދަނޑުމަތީގައި ޕްރެކްޓިސް ކުރަން ފުރުސަތެއް ލިިބުނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ދުބާއީ އަށް ދިޔަ ފަހުންނެވެ. ކޮލިފައިން އެއްކޮށް ނިންމާލިއިރު، ވެސް އެކުގައި ކުރެވުނު ޕްރެކްޓިސްގެ އަދަދު ނިސްބަތުން ބަލާއިރު ވަރަށް މަދެވެ.

ދުބާއީގައި ޕްރެކްޓިސްތައް ކުރިއަށް ގެންދަނިކޮށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ޓީމުގެ ދެ ކުޅުންތެރިއަކު ކޮވިޑަށް ޕޮޒިޓިވްވެ އައިސޮލޭޝަނަށް ދާން ޖެހުމެވެ. އެއީ ގައުމީ ޓީމުގެ ތަރި އަލީ އަޝްފާގު (ދަގަނޑޭ) އާއި އަލީ ޝާމިސް (ތޮއްޕޭ) އެވެ. އެ ދެ ކުޅުންތެރިންނަށް ފުރަަތަމަ ސީިރިއާއާ ދެކޮޅަށް ކުޅުނު މެޗު ގެއްލުނެވެ.

ސީރިއާއާ ދެކޮޅަށް މި މަހު ހަތަރު ވަނަ ދުވަހު ކުޅުނު މެޗަކީ 563 ދުވަސްތެރޭގައި ގައުމީ ޓީމު ވާދަވެރި މެޗެއްގައި ކުޅުނު ފުރަތަމަ ފަހަރެވެ. އެ މެޗުން 4-0 އިން ބަލިވިއިރު، ސީރިއާ އަކީ ގިނަ ކުޅުންތެރިން އޭޝިއާގެ ބޮޑު ލީގުތަކާއި ޔޫރަޕްގެ ގައުމުތަކުގައި ގަވާއިދުން ކުޅޭ ކުޅުންތެރިން ހިމެނޭ ޓީމެކެވެ. އެ މެޗު ކުޅުނުތާ ހަ ދުވަސް ފަހުން ރާއްޖޭން ޗައިނާއާ ދެކޮޅަށް ކުޅުނުއިރު، އެ ޓީމު އޮތީ ފާއިތުވި އަށް މަސް ދުވަސް ތެރޭ އެ ގައުމުގައި ހަ ޓްރެއިނިން ކޭމްޕް ފުރިހަމަކޮށްފަ އެވެ. ޗައިނާ އަށް ރަށްވެހިކަން ބަދަލުކޮށްގެން އުޅޭ ބްރެޒިލާއި އިނގިރޭސި ކުޅުންތެރިން ވެސް ޗައިނާ ޓީމުގައި ހިމެނޭއިރު، ރާއްޖެ އަތުން 5-0 އިން މޮޅުވި އެވެ.

އެގާރަ ދުވަސް ތެރޭގައި ރާއްޖޭން ކުޅުނު ތިން ވަނަ މެޗުގައި މިދިޔަ އަންގާރަ ދުވަހުގެރޭ ފިލިޕީންސާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުކުރިއިރު، މި މެޗުގެ ދެ ވަަނަ ހާފްގައި ފިޓްނަސް މައްސަލަ ވަރަށް ބޮޑަށް ފެނުނެވެ. އެކަމަކު އެއީ މައްސަލައެއް ކަމަށް ދެކެވެން ނެތް ސަބަބަކީ މިދިޔަ އަހަރުގެ މާޗް މަހުން ފަށައިގެން ރާއްޖޭގެ އެއްވެސް ކުޅުންތެރިއަކަށް ކްލަބް ލެވަލާއި ގައުމީ ޓީމު އެއްކޮށްލައިގެން ވެސް ވާދަވެރި 20 މެޗު ވެސް ކުޅެވިފައިނުވާތީ އެވެ. އެއީ މިދިޔަ އަހަރު ސީޒަން އަވަހަށް ނިންމާލަން ޖެހުނުއިރު، އަށް މަސް ދުވަސް ފަހުން އެންމެ ފަހުން ކުޅުނު ސީޒަން ފެށިތާ ދޮޅު މަސް ތެރޭގައި ހުއްޓާލަން ޖެހުމުންނެވެ.

ކޮލިފައިންގެ ފެށުމާއި ނިމުމުގައި ދިމާވި މި ކަންތައްތަކާއި ކޮލިފައިން މެދުތެރެއިން ކޯޗު ބަދަލުކުރުމާއި މި ހުރިހާ ކަމަކަށް ބަލާއިރު އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުން ފުރުސަތު ލިބުމުން ޓީމުން ކުރި ހިތްވަރު ފާހަގަކުރަން ޖެހޭނެ އެވެ.

ދުނިޔެ ބަލިމަޑުކަމެއްގެ ތެރޭގައި އޮއްވައި ހަމައެކަނި ޕްރެކްޓިހާއި މެޗު ކުޅެލުމުގެ ހުއްދައާ އެކު، ތަކުރާރުކޮށް ގިނަ ޕީސީއާރް ޓެސްޓްތަކެއް ކޮށް އެއް މަސް ދުވަސް އާއިލާއާ ދުރުގައި ހޭދަކުރުމަކީ ފަސޭހަކަމެއް ނޫން ކަމަށް ގައުމީ ކޯޗު މާޓިން ކޫޕްމަން އާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވެސް ފާހަގަކުރައްވާފައިވެ އެވެ.

ސަރަހައްދަށް ބަލާއިރު ރަނގަޅު ކާމިޔާބެއް

މިއީ ރާއްޖޭން ވޯލްޑް ކަޕް ކޮލިފައިންގައި ވާދަކުރި ހަތް ވަނަ ފަހަރެވެ. އެންމެ ފުރަތަމަ މީގެ 24 އަހަރު ކުރިން 1997 ވަނަ އަހަރު ރާއްޖޭން ކޮލިފައިން މެޗަކަށް ނުކުތީ އޭޝިއާގެ ގަދަބާރު އީރާނާ ދެކޮޅަށެވެ. އެ މެޗުން ރާއްޖެ ކޮޅަށް ޖެހި 17 ގޯލުގެ ވާހަކަ އަދިވެސް ދެކެވެ އެވެ. އެކަމަކު އޭގެ ފަހުން ވޯލްޑް ކަޕް ކޮލިފައިންގައި ގަދަފަދަ ކޮރެއާއާ 0-0 އިން އެއްވަރުކުރި ވާހަކަ ދައްކައި އަދިވެސް ރާއްޖެ އަށް ތައުރީފުކުރާ މީހުން މަދެއް ނޫނެވެ.

މި ފަހަރުގެ ކޮލިފައިން އަކީ މިހާތަނަށް ރާއްޖޭން ކޮލިފައިންގައި ޕޮއިންޓުގެ ގޮތުން ބަލާނަމަ ހޯދި އެންމެ ރަނގަޅު ނަތީޖާ އެވެ. މި ފަހަރު ހަތް ޕޮއިންޓް ހޯދިއިރު، މީގެ ކުރިން އެންމެ ގިނައިން ވެސް ހޯދުނީ ހަ ޕޮއިންޓެވެ.

ފްރާންސްގައި 1998 ގައި ބޭއްވި ވޯލްޑް ކަޕް ކޮލިފައިން އިން ރާއްޖެ އަށް ހަ މެޗު ކުޅެގެން ޕޮއިންޓެއް ނުލިބެ އެވެ. ކޮރެއާ އާއި ޖަޕާނުގައި 2002 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖޭން ގްރޫޕްގެ ތިން ވަނަ ހޯދީ ހަ މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ. ޖަރުމަނުގައި 2006 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖޭން ވަނީ ހަ މެޗުން ހަތަރު ޕޮއިންޓް ހޯދައިފަ އެވެ.

ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ކޮލިފައިންގައި ރާއްޖެ ކުޅެން ޖެހުނީ ފުރަތަމަ ބުރުގަ އެވެ. ޔަމަނާ ވާދަކޮށް ރާއްޖެ އަށް އަނެއް ބުރުން ފުރުސަތު ނުލިބުނެވެ. ބްރެޒިލްގައި 2014 ވަަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ކޮލިފައިންގައި ރާއްޖެ ކުޅުނީ ދެ ވަނަ ބުރުގައި އީރާނާ ދެކޮޅަށެވެ. ދެ ލެގުން ވެސް ވީ ބައްޔެެވެ. އަދި އެންމެ ފަހުން 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕް ކޮލިފައިންގައި ފަސް ޓީމު ވާދަކުރި ގްރޫޕްގެ ހަތަރު ވަނަ ރާއްޖޭން ހޯދީ ހަ ޕޮއިންޓާ އެކު އެވެ.

މި ފަހަރުގެ ކޮލިފައިގައި އެއް ޕޮއިންޓް އިތުރުވީ ފަހު މެޗުގައި ފިލިޕީންސްއާ އެއްވަރު ކުރުމުންނެވެ. މިއީ ރަސްމީ ވާދަވެރި މެޗެއްގައި ރާއްޖޭން ފިލިޕީންސް އަތުން ޕޮއިންޓެއް ނެގި ފުރަތަމަ ފަހަރެވެ. ގައުމީ ކޯޗު މާޓިން ކޫޕްމަން ބުނީ ރަނގަޅު ލެވަލެއްގައި ފިޓްނަސް ހުރިނަމަ އެ މެޗުން ފިލިޕީންސް ބަލި ވެސް ކުރެވޭނެ ކަމަށެެވެ. އެކަަމަކު ތައްޔާރީތައް ދިޔަ ގޮތުން އެ ކަމުގެ ވާހަކަ ނުދެއްކޭނެ ކަމަށް ބުންޏެވެ.

ފިލިޕީންސް ކޮޅަށް ގޯލު ޖެހުމަށް ފަހު ގައުމީ ޓީމު ކުޅުންތެރިން އުފާފާޅުކުރަނީ.

ރާއްޖޭން ދެން ތައްޔާރުވަމުން އަންނަނީ މި ވަގުތު އޮތްގޮތުންނަމަ އަންނަ ސެޕްޓެމްބަރު މަހު ބަންގްލަދޭޝްގައި ކުޅެން ރޭވިފައި އޮތް ދެކުނު އޭޝިއާ ސަރަހައްދުގެ ފުޓްބޯޅަ މުބާރާތް ސާފް ސުުޒުކީ ކަޕް އަށެވެ.

އެ މުބާރާތުގެ ކުރިން މި ނިމުނު ވޯލްޑް ކަޕް ކޮލިފައިން ބުރުގެ ދެކުނު އޭޝިއާ ގައުމުތަކުގެ ޓީމުތަކުގެ ނަތީޖާ އެކަނި ހިމެނޭ ތާވަލަށް ބަލާނަމަ އިންޑިއާ އާއި ރާއްޖެ އަށް ވަނީ ވާދަކުރި ގްރޫޕްތަކުން ހަތް ޕޮއިންޓް ލިބިފަ އެވެ. އިންޑިއާ އަށް ލިބުނީ އޮމާނާއި ގަތަރު ފަހަތުން ތިން ވަނަ އެވެ. ރާއްޖެ ނިންމީ ހަތަރު ވަނައިގަ އެވެ. ނޭޕާލަށް ހަ ޕޮއިންޓް ލިބުނުއިރު، ބަންގްލަދޭޝް އަށް ވަނީ ދެ ޕޮއިންޓް ލިބިފަ އެވެ. ސްރީ ލަންކާ އަށް ޕޮއިންޓެއް ނުލިބޭއިރު، ބޫޓާން ކޮލިފައިން ގްރޫޕް ސްޓޭޖުގައި ވާދައެއް ނުކުރެ އެވެ.

އިންޑިއާ އިން ކޮޮލިފައިންގައި ވާދަކުރީ އަފްގާނިސްތާނާއި ބަންގްލަދޭޝްއާ ހިމެނޭ ގްރޫޕެއްގަ އެވެ. އެ ގްރޫޕުން އިންޑިއާ ޓާގެޓްކުރީ ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނިގެން ވޯލްޑް ކަޕް ކޮލިފައިން އަނެއް ބުރަށްދާށެވެ. އެކަމަކު އިންޑިއާ އަށް މުޅި ކޮލިފައިންގައި ވެސް މޮޅުވެވުނީ ބަންގްލަދޭޝް އަތުން އެކަންޏެވެ. ހަތަރު މެޗުން އެއްވަރުވިއިިރު، ތިން މެޗުން ވަނީ ބަލިވެފަ އެވެ. ރާއްޖޭން ވަނީ ކޮލިފައިން ދެ މެޗުން މޮޅުވެފަ އެވެ. ނޭޕާލުން ހަ ޕޮއިންޓް ހޯދީ އެ ޓީމު ވާދަކުރި ގްރޫޕްގެ ފުލަށްދިޔަ ޗައިނީސް ޓައިޕޭ އަތުން ހޯދި ދެ މޮޅުންނެވެ. ރާއްޖޭން ބަލިކުރީ ގްރޫޕްގެ ފަހަތުން ނިންމި ގުއާމް އެވެ.

ވާދަކުރަން ޖެހުނު ގްރޫޕަށް ބަލާއިރު ރާއްޖެ އާއި ނޭޕާލުން މި ވަނީ ނިސްބަތުން ކޮންމެ ވެސް ވަރެއްގެ ކުރިއެރުމެއް ހޯދައިފަ އެވެ. ރާއްޖެ ވާދަކުރަން ޖެހުނީ މަތީ މަގާމެއްގައި ނިންމަން ސީރިއާ އާއި ޗައިނާ އަދި ފިލިޕީންސާ އެވެ. ނޭޕާލް ވާދަކުރަން ޖެހުނީ އޮސްޓްރޭލިއާ އާއި ކުވެއިތު އަދި ޖޯޑަންއާ އެވެ.

ގައުމީ ޓީމުގެ ކޯޗު މާޓިން ކޫޕްމަން ވަނީ މި ކޮލިފައިން މި ލިބުނު މެޗުތަކުން ލިބުނު ފިލާވަޅުތަކަށް ބަަލައި ސާފް ޗެމްޕިއަންޝިޕަށް ވަރަށް ރަނގަޅަށް ތައްޔާރުވެވޭނެ ކަމަށް ބުނެފަ އެވެ.

ރާއްޖޭން ވަނީ 2018 ވަަނަ އަހަރުގެ ސާފް ޗެމްޕިއަންކަން ހޯދައިފަ އެވެ. އެފްއޭއެމުން ކޫޕްމަން އަށް ހަވާލުކޮށްފައިވާ އެއް ޓާގެޓަކީ ސާފް ސުުޒުކީ ކަޕްގެ ތަށި ދިފާއުކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox