ހިޔާގެ ދެބަސްވުންތަކާއެކު މޭޔަރާއި މިނިސްޓަރު އެއް މޭޒަކަށް

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމާއި މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ: ހިޔާއާ ގުޅޭ ކަންކަމުގައި ހިޔާލު ތަފާތު

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމާއި މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ: ހިޔާއާ ގުޅޭ ކަންކަމުގައި ހިޔާލު ތަފާތު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ބޭފުޅުންނާއި މިހާރުގެ ސަރުކާރުގެ ބޭފުޅުންނާ ދެމެދު އެންމެ ބޮޑު ދެބަސްވުމެއް އުފެދި، ބަހުގެ ހަމަލާތައް އަމާޒުވެފައިވާ މައްސަލައަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓްތަކެވެ؛

ރައްޔިތުންނަށް ދިމާވެފައިވާ އޮތް އެންމެ ބޮޑު މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމަށް ހައްލު ހޯދުމަށް އެޅި 7،000 ފްލެޓް ދޫކުރި މީހުންނާއި ކެޓެގަރީތަކާއި އަގުތައް ވެސް މި ސަރުކާރަށް ކަމުނުދިޔައިރު، އެ ތަނުގެ ސައިޒާއި ޑިޒައިން ވެސް ކަމުނުދިޔަ އެވެ.

އެހެންކަމުން، ކުރީ ސަރުކާރުގެ އެންމެ ފަހު ދުވަސްވަރު ވުޖޫދަށް ގެނައި ފްލެޓްތައް ވެގެން ގޮސްފައިވަނީ މި ސަރުކާރަށް ބުރައަކަށެވެ.

އެ ބުރައާއެކު، ޕްލޭނިން އަދި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އެކި ފަހަރު ދައްކަވާ، ވާހަކަތައް ދޮގު ކުރައްވައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު ރައްދު ދެއްވަމުން ގެންދެވި ނަމަވެސް، މިއަދު ދެ ބޭފުޅުން ވަނީ އެ މައުލޫގައި އެއް މޭޒަކަށް ވަޑައިގެންފަ އެވެ.

ފްލެޓްތަކުގެ އަގު؛ ހިސާބު ޖެހުން ގޯސް، ގޯހެއް ނޫން

މި ސަރުކާރުން ނިންމާފައި އޮތީ ހިޔާ ފުލެޓުތަކަށް ފައިސާ ދައްކާ ހަލާސްކުރުމަށް ހަމަޖެހިފައިވަނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެން، އިންސްޓޯލްމަންޓުގެ ގޮތުގައި މަހަކު 7،500 ރުފިޔާ ދައްކާ ގޮތަށެވެ. އަދި ފުލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1,000 ރުފިޔާ ނަގާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

އެހެންކަމުން، މިހާރު ސަރުކާރުން ކަނޑައަޅާފައިވާ ގޮތުން، ހިޔާ ފްލެޓަކަށް މަހަކު 8،500ރ. ދައްކަން ޖެހެ އެވެ.

ނަމަވެސް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ ކަމާގުޅޭ ސެކްޝަނާއި ހައުސިން މިނިސްޓްރީ އަދި އެޗްޑީސީން ހެދި ހިސާބުން ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ 5،600ރ. ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރު މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މިއަދު ބޭއްވި ބައްދަލުވުމަށްފަހު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ކުލީގެ ގޮތުގައި ހިޔާ ފްލެޓްތައް އަޅާފައިވަނީ ލޯނެއް ނަގައިގެން ކަމުން، އެ ލޯނު ދެއްކުމަށް ފައިސާ ބޭނުންވާނެ ކަމަށާއި ކުލި ކަނޑައަޅާފައިވަނީ އެކަމަށް ރިއާޔަތްކޮށްގެން ކަމަށެވެ.

އެގޮތުން ކަނޑައެޅި 7،500 ރުފިޔާގެ ހިސާބު އެޗްޑީސީން ޖެހި ގޮތް މާލޭ ސިޓީ ކައުންސިލަށް ސާފުކޮށްދީފައިވާނެ ކަމަށާއި ނަމަވެސް، އެ ބޭފުޅުން ބޭނުން ވަނީ އެ ހިސާބުތައް އަމިއްލައަށް ދިރާސާ ކުރެއްވުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެ ބޭފުޅުންނަށް އެ ހިސާބު ބައްލަވާފައި ޖައްސަވާފައި، ވެރިފައި ކުރުމުގެ ފުރުސަތު އެބަ އޮތް، މިކަމަކީ މިއަދުގެ މަޝްވަރާއިން ނިމިގެންދާނެ ކަމެއް ނޫން، އަދި މިކަމުގައި ވާހަކަ ދެކެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ، މިހާރު ޖަހާފައި އޮތް އަގަކީ ޖެހެން އޮތް އެންމެ ކުޑަ އަގު ކަމަށާއި މިހާރު ވެސް ވަރަށް ގިނަ ގޮތްގޮތުން އަގު ކުޑަކުރަން މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. އެހެންވިޔަސް އަދިވެސް އަގު ކުޑަ ކުރާނަމަ، އެކަން ކުރާނެ ގޮތަކާއި އެކަމަށް ސަރުކާރުން ކުރަން ޖެހޭނެ ހަރަދުތައް ދައުލަތުގެ ހުރިހާ އިދާރާއަކަށާއި ރައްޔިތުންނަށް އެނގިފައި އޮންނަން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މޭޔަރު މުއިއްޒު ވިދާޅުވީ ފްލެޓްތަކުގެ އަގު ބޮޑު ކަމުގެ ޝަކުވާ ރައްޔިތުން ކުރަމުންދާ ކަމަށާއި އެހެންވެ، އެ ކަންބޮޑުވުންތައް ހިއްސާކޮށްފައިވާނެ ކަމަށެވެ. މުއިއްޒު ވިދާޅުވީ، ކުރިން ޖަހާފައިވާ ހިސާބުތަކަކީ ރައްޔިތުންނަށް އަތް ފޯރާވަރުގެ އަގެއް ކަމަށާއި އެ އަގުގެ ތަފްސީލު މިއަދު ވެސް މިނިސްޓްރީއާ ހިއްސާ ކުރައްވާފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލު ކުރަނީ ރައްޔިތުންނަށް އިޖުތިމާއީ ބޯހިޔާވަހިކަމުގެ ދަށުން މި ފްލެޓްތައް ދެވެން ވާނީ އަތްފޯރާފަށުގައި ކަމަަށް، 5،600ރ. އަށް ނުވަތަ އެހާކަށްވަރަށް ކުޑަވެގެން ދިޔުމަކީ ރައްޔިތުން އެ އުޅެމުންދާ ނިކަމެތި ހާލަށް ބަލާއިރު ވަރަށް މުހިންމު ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، އުއްމީދު ކުރައްވަނީ މަޝްވަރާތަކުގެ ނަތީޖާއަކަށް ވާނީ މިހާރު ކަނޑައަޅާފައި އޮތް އަގު ކުޑަ ކުރެވިގެން ދިޔުން ކަމަށެވެ.

"ސަރުކާރާއެކު އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނަން، އިރާދަކުރެއްވިޔާ ރަނގަޅު ނަތީޖާއެއް ލިބިގެންދާނެ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ނޫސްވެރިންގެ ބައްދަލުވުމުގައި: ހިޔާއާ ގުޅޭ ކަންކަމުގައި ހިޔާލު ތަފާތު
މުއިއްޒު ނޫސްވެރިންގެ ބައްދަލުވުމުގައި: ހިޔާއާ ގުޅޭ ކަންކަމުގައި ހިޔާލު ތަފާތު

މުއިއްޒު ނޫސްވެރިންގެ ބައްދަލުވުމުގައި: ހިޔާއާ ގުޅޭ ކަންކަމުގައި ހިޔާލު ތަފާތު

މިނިސްޓަރު އަސްލަމް ވިދާޅުވީ، ކުރިން ހިސާބުތައް ބަލާލީމަ އެ ޖަހާފައިވަނީ ގޯސްކޮށްކަން ވަރަށް ސާފު ކަމަށެވެ. އެހެންވެ އެކަން މުއިއްޒަށް މިއަދު ތަފްސީލްކޮށް ދެއްވާފައިވާނެ ކަމަށެވެ. ނަމަވެސް، މުއިއްޒުގެ ވިސްނުން ތަފާތެވެ.

މުއިއްޒު ވިދާޅުވީ އޭރު ހިސާބުތައް ޖެހިއިރު މަސައްކަތް ކުރީ ތިން މުއައްސަސާއެއް އެކުވެގެން ކަމަށާއި އެހެންކަމުން އެ ހިސާބަކީ ރަނގަޅަށް ޖަހާފައި އޮތް ހިސާބެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ހިސާބު ޖެހުމުގައި ރިއާޔަތް ކުރަން ޖެހޭ ކަންކަމަށް ބަލާފައިވެސްވާނެ ކަމަށެވެ. އެހެންވެ، އެ އަދަދަށް ކުޑަ ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އެއް ކޮޓަރިން ވެސް ދެބަސްވުމެއް

ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރުގެ ކުންފުނިތަކުން އަޅާ ފްލެޓްތަކުގައި އެއް ކޮޓަރީގެ ފްލެޓްތަކެއް ހަދަން ހަވާލުކޮށް، އަލަތު ކައިވެނީގެ ކެޓަގަރީ ކުރީ ސަރުކާރުން ތައާރަފުކުރި އެވެ. އަދި، އެއަށް ކުރިމަތިލީ އެންމެންނަށް ފްލެޓް ދޭން ނިންމާފަ އެވެ.

ނަމަވެސް، މި ސަރުކާރުން ވަނީ އެ ކެޓަގަރީ އުވާލާފަ އެވެ. އެކަން ކުރީ ކުންފުނިތަކުގެ ގިނަ މަޝްރޫއުތައް ކުރިއަށް ނުދާތީ އާއި ބައެއް ކުންފުނީގެ ފްލެޓްތައް އެ ތަނުގެ މުވައްޒަފުންނަށް ދޭން ބޭނުންވާތީ އެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވާ ގޮތުގައި އެއް ކޮޓަރީގެ ފްލެޓް އެޅުމަކީ މި ސަރުކާރުން އެއްވެސް ގޮތަކުން ގެންގުޅޭނެ ވިސްނުމެއް ނޫން ކަމެވެ. އެއީ، ސޯޝަލް ހައުސިންގެ ތެރޭގައި ގެންގުޅެން ރަނގަޅު މޮޑެލެއް ނޫން ކަމަށް ފާހަގަ ކުރެއްވި އެވެ.

"އެއް ކޮޓަރީގެ އެޕާޓްމެންޓް އެއީ ސަރުކާރުގެ ހައުސިން މަޝްރޫއުއެއްގެ ތެރޭގައި އިސްކަން ދީގެން ކުރިއަށްގެންދާނެ ކަމެއް ނޫން، އެތަނުގައި ސިންގަލް މީހަކަށް އުޅެވިދާނެ، އެކަމަކު އާންމުކޮށް މީހަކު ސިންގަލްކޮށް މާގިނަ ދުވަހަކު ނުހުންނާނެ، އާއިލާއެއް ބިނާކުރާނެ،" އަސްލަމް ވިދާޅުވި އެވެ.

މި ސަރުކާރުން އެއް ކޮޓަރީގެ އެޕާޓްމެންޓްގެ ކެޓަގަރީ އުނިކުރަން ނިންމީ އެހެންވެ ކަމަށާއި އަދި، މި ސަރުކާރުން ދެން އިތުރަށް ކުރިއަށް ގެންދާ ހައުސިންގެ މަޝްރޫއުއެއްގައި ވެސް އެއް ކޮޓަރީގެ އެޕާޓްމެންޓް ނަހަދާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

މިހާރު ސަރުކާރުން އިއުލާން ކޮށްފައިވާ މަޝްރޫއުތަކުގައި ވެސް މުޅިން ވެސް ހިމެނެނީ ތިން ކޮޓަރި އާއި ދެ ކޮޓަރީގެ އެޕާޓްމެންޓްތަކެވެ.

އަސްލަމް ނޫސްވެރިންގެ ބައްދަލުވުމުގައި: ހިޔާއާ ގުޅޭ ކަންކަމުގައި ހިޔާލު ތަފާތު
އަސްލަމް ނޫސްވެރިންގެ ބައްދަލުވުމުގައި: ހިޔާއާ ގުޅޭ ކަންކަމުގައި ހިޔާލު ތަފާތު

އަސްލަމް ނޫސްވެރިންގެ ބައްދަލުވުމުގައި: ހިޔާއާ ގުޅޭ ކަންކަމުގައި ހިޔާލު ތަފާތު

ނަމަވެސް، ކުރީގެ ހައުސިން މިނިސްޓަރުގެ ހިޔާލު އެކަމުގައި ތަފާތެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އަލަށް ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް އެއީ މުހިންމު އެއްޗެކެވެ. މުއިއްޒު ވިދާޅުވި ގޮތުގައި، އެ ޒުވާނުންގެ ހައްގުތައް މި ސަރުކާރުން ސިޔާސަތަށް ގެނައި ބަދަލަކުން ގެއްލިގެން ދިޔުމަކީ ކަންބޮޑުވުމެއް ކަމެވެ.

"ސަރުކާރު ބަދަލުވިޔަސް ސަރުކާރަކުން ރައްޔިތުންނަށް ގެދޮރު ފޯރުކޮށްދިނުމަށް ކަނޑައަޅާފައި އޮތް ސިޔާސަތެއް ބަދަލުވުމަކީ ކޮށްގެން ވާނެ ކަމެއް ނޫން، ބަދަލު ކުރަން ޖެހިއްޖެނަމަވެސް އެކަށީގެންވާ ހައްލެއް ލިބެންވާނެ،" މުއިއްޒު ވިދާޅުވި އެވެ.

މާލޭ ސިޓީގެ މޭޔަރު މުއިއްޒު ވިދާޅުވި ގޮތުގައި، ކުރީ ސަރުކާރުން އެއް ކޮޓަރީގެ އެޕާޓްމެންޓް ލިބޭނެ ކަމަށް ލިސްޓް ނެރެފައިވާ 1،000 މީހުން އެބަތިބި ކަމަށާއި އެމީހުންގެ ކަންބޮޑުވުންތައް އޭނާއާ ހަަމައަށް އައިސްފައިވާ ކަމަށެވެ.

"އޭގެ ބައެއް މީހުންނަށް ދަރިން ލިބި ބޮޑުވެފައި އެބަތިބި މިހާރު، އެމީހުންގެ ހައްގަށް އެކަށީގެންވާ ގޮތެއްގައި ރިއާޔަތްކުރެވެން ވާނެ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، އެ ފަރާތްތަކަށް މިހާތަނަށް އެހެން ގޮތެއް ސަރުކާރުން ހޯދައިދީފައިނުވީ ނަމަވެސް، އުއްމީދު ކުރަނީ އެމީހުންނަށް އެހެން ފުރުސަތުތަކެއް ހޯދައިދޭނެ ކަމަށް ކަމަށެވެ.

"އުއްމީދު ކުރަނީ މިކަންކަން ވެސް ބަދަލުވެގެންދާނެ ކަމަށް، އެ ފަރާތްތައް މަގުމަތި ވެގެންދާނެ ކަމަކަށް ގަބޫލެއް ނުކުރަން،" މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް، މުއިއްޒުގެ އެ ވާހަކަތަކާ ގުޅިގެން މިނިސްޓަރު އަސްލަމް ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ. އެ ފަރާތްތަކަށް އެހެން ފުރުސަތެއް ދެއްވުމުގެ ސިޔާސަތެއް ގެންގުޅުއްވާ ކަމެއް ނުވަތަ ނޫން ކަމެއް ވެސް ވިދާޅެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox