"އެންމެން ވެސް ބޭނުންވަނީ ކާންޓޭ"

Jun 15, 2021, 11:18 AM
"އެންމެން ވެސް ބޭނުންވަނީ ކާންޓޭ"

"ކޮންމެ މީހެއް ވެސް ބޭނުންވަނީ ކާންޓޭ. ކާންޓޭ ބޭނުން ނުވާނެ ޓީމެއް ނުހުންނާނެ،"

މިއީ 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ފްރާންސް ހޯދި މެޗަށް ފަހު ބޭއްވި އުފާފާޅުކުރުމުގެ ތެރެއިން ހުނަރުވެރި މިޑްފީލްޑަރު އެންގޯލޯ ކާންޓޭއާ ބެހޭގޮތުން ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނި ވާހަކަ އެކެވެ.

މިއީ ހަމައެކަނި ޑެޝޯމްޕްސް ދެއްކި ވާހަކައެއް ނޫނެވެ. މި ވާހަކަ ދެއްކި ކޯޗުންގެ ލިސްޓެއް ހަދާނަމަ ވަރަށް ދިގުވާނެ އެވެ. މަޝްހޫރު ނަންތަކަށް އެކަނި ބަލާނަމަ ޑެޝޯމްޕްސްގެ އިތުރުން ދެން ހިމަނަން ޖެހޭ ކޯޗުންނަކީ ލެސްޓާ ސިޓީގެ ކުރީގެ ކޯޗު ކްލައުޑިއޯ ރަނިއޭރީ، ޗެލްސީގެ ކޯޗުންގެ ގޮތުގައި ކާންޓޭ އަށް އިރުޝާދުދިން އެންޓޯނިއޯ ކޮންޓޭ، މައުރީޒިއޯ ސާރީ، ފްރޭންކް ލަމްޕާޑް އަދި ތޯމަސް ޓުޗެލް ހިމެނެ އެވެ.

Advertisement

ރަޝިއާ ވޯލްޑް ކަޕްގެ ތެރެއިން ކަންޓޭ (ކ) އާއި ފްރާންސްގެ ރައީސް މެކްރަން.

މި ލިސްޓަށް ކޯޗެއްގެ ހައިސިއްޔަތުން ނޫން ގޮތަށް އަރަން ޖެހޭ ފަރާތްތަކެއް ވެސް އެބަހުއްޓެވެ. އޭގެ ތެރޭގައި ފްރާންސްގެ ރައީސް އެމަނުއަލް މެކްރަން ވެސް ހިމެނިވަޑައިގަންނަވަ އެވެ. ދާދި ފަހުން މެކްރަން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ކާންޓޭގެ ދައުރާ އެކު ފްރާންސް އިން މި ފަހަރުގެ ޔޫރޯގެ ޗެމްޕިއަންކަން ހޯދައިފިނަމަ ކާންޓޭ އަަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ފްރާންސް ފުޓްބޯލް އިން ދޭ "ބެލޮންޑިއޯ އެވޯޑް" ލިބެން ޖެހޭނެ ކަމަށެވެ.

"ކީއްވެ ނުލިބެންވީ. ކާންޓޭ އަކީ އެންމެން ވެސް ގަޔާވާނެ ކުޅުންތެރިއެއް،" މެކްރަން ވިދާޅުވި އެވެ.

މިދިޔަ ޖެނުއަރީ މަހު ޗެލްސީއާ ހަވާލުވި ކޯޗު ޓުޗެލް، އެ ޓީމު ގޮވައިގެން ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދިއިރު، ސެމީ ފައިނަލުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު ދެ މެޗާއި ފައިނަލުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ކާންޓޭ އެވެ.

"އެންމެން ކާންޓޭ ދެކެ ލޯބިވޭ. މިހާރު އަހަރެންގެ އާއިލާ އިން ވެސް އެންމެ ލޯބިވާ މީހުންގެ ތެރޭގައި ކާންޓޭ ހިމެނޭ،" ޗެމްޕިއަންސް ލީގުގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ޓުޗެލް ބުންޏެވެ.

ކާންޓޭ ދެކެ މީހުން ގަޔާވާ ސަބަބުތަކާއި ތަފާތު ވާހަކަތައް

ފްރާންސްގެ ޕެރިހަށް ހިޖުރަކުރި ރެފިއުޖީންގެ ތެރެއިން މާލީގެ މުސްލިމް އާއިލާ އަކަށް އުފަން ކާންޓޭ އެންމެ ޒުވާން އުމުރުން ފެށިގެން ވެސް މަސައްކަތް ކުރަން ޝައުގުވެރިވެ އެވެ. އެ ގޮތުން ކާންޓޭ ވަނީ ޒުވާން އުމުރުގައި ބައްޕައާ އެކު މަސައްކަތަށް ނުކުމެފަ އެވެ. އެއީ ކާންޓޭގެ އާއިލާ މެމްބަރުން އޭނާ އަށް އެހާ ބޮޑު ލޯތްބެއް ޖެހުނު ސަބަބެވެ.

އިސްކޮޅުން ކުރުވުމުގެ ސަބަބުން ފްރާންސްގެ އެންމެ ބޮޑު ފުޓްބޯޅަ އެކެޑަމީ ކްލެއާފޮންޓެއިން އިން ކާންޓޭ އަށް ޖާގަ ނުލިބުނެވެ. އެކަމަކު ކާމިޔާބު ފުޓްބޯޅަ ކުޅުންތެރިއަކަށް ވުމުގެ އުއްމީދު ދޫކޮށްނުލައި ކާންޓޭ އެންމެ ފުރަތަމަ ކުޅުނީ އޭނާ ދިރިއުޅޭ ސަރަހައްދުގެ ޓީމަށް އުމުރުން އަށް އަހަރުގަ އެވެ. އެ ޓީމުގެ ނަމަކީ ޖޭއެސް ސުރެސްނެސް އެވެ. އެ ޓީމުގައި ކާންޓޭގެ ކުޅުން ފެނިގެން 2010 ވަނަ އަހަރު ބޮލޯން ރިޒާވް ޓީމުން ލިބުނު ފުރުސަތުގެ ބޭނުންހިފި އެވެ. އެ ޓީމުގައި ކެނޑިނޭޅި ކުރަމުން އައި މަސައްކަތަށް ފަހު ކާންޓޭ އަށް ޓީމަށް ރަނގަޅަށް މެޗުތަަކުގައި ކުޅެލުމުގެ ފުރުސަތު ލިބުނީ 2011 ވަނަ އަހަރު ކާންޓޭގެ އުމުރުން 19 އަހަރުގަ އެވެ.

"ކަމެއް ދަސްކުރަން. ދޭ އިރުޝާދެއް އަޑުއަހަން ކާންޓޭ ދުވަހަކު ވެސް ނޫނެކޭ ނުބުނާނެ. މާ ގިނަ ވާހަކައެއް ނުދެއްކިޔަސް ކުރަން ޖެހޭ ކަމެއް ބަރާބަރަށް ކުރާނެ،" ކާންޓޭއާ ބެހޭގޮތުން އޭނާ އަށް އެންމެ ފުރަަތަމަ ކޯޗުކޮށްދިން ޕިއޭ ވީލް ބުންޏެވެ.

ބޮލޯންގައި ދެ އަހަރު ދެއްކި ކުޅުމުން 2013 ވަނަ އަހަރު ކާންޓޭގެ ސޮއި ހޯދީ ކާއެން އިންނެވެ. އެ ޓީމުގައި ވެސް ރަނގަޅު ކުޅުމެއް ދައްކަމުން ދަނިކޮށް ކާންޓޭ ގެންދަން ޝައުގުވެރިވީ އިނގިރޭސި ޕްރިމިއާ ލީގުގެ ލެސްޓާ ސިޓީންނެވެ. ލެސްޓާ އިން ވަނީ 2015 ވަނަ އަހަރު 10 މިލިއަން ޑޮލަރު ދިނުމަށް ފަހު ކާންޓޭގެ ގެންގޮސްފަ އެވެ.

ލެސްޓާ އިން ގިނަ ބަޔަކު ހައިރާންކޮށްލުމަށް ފަހު 2015-2016 ވަނަ އަހަރުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދިއިރު، ޓީމުގެ މެދުތެރޭގައި ކާންޓޭ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެެވެ. އެ ފަހަރު އޭނާ ދެއްކި ކުޅުމުގެ ސަބަބުން ޗެލްސީގެ ކޯޗަކަށް އޭރު ހުރި ކޮންޓޭ އެ ކްލަބްގެ މެނޭޖްމަންޓުގައި އެދުނީ ކާންޓޭ ގަނެދޭށެވެ.

ފްރާންސް ޓީމުގެ ކޭމްޕެއްގެ ތެރެއިން ކާންޓޭ ބައިސްކަލް ދުއްވަނީ

"ޗެލްސީން ހުށަހެޅުން ލިބުމާ އެކު ކާންޓޭ ފުރަތަމަ ވެސް ގުޅީ އަހަންނަށް. ވަރަށް ހިތްހެޔޮ ކަމާ އެކު ބުނެލީ ޗެލްސީން ލިބުނު ފުރުސަތު ދޫކޮށްލަން ބޭނުންނުވާ ކަމަށް. ކޯޗުގެ ކޮންމެ ނިންމުމަކަށް ވެސް އިހުތިރާމް ކުރާނެ ކަމަށް. އެއީ ކްލަބްގައި (ލެސްޓާގައި) ކާންޓޭ އަހަންނާ އެގޮތަށް އެންމެ ދިގުކޮށް ވާހަކަ ދެއްކި ފަހަރު. ކާންޓޭ އެހާ ސީދަލަށް ބުނީމަ އަހަރެން ބޭނުންވީ އޭނާ އެދޭ ގޮތް ހަދައިދޭން،" ލެސްޓާގެ ރަސްމީ ވެބްސައިޓަށް ރަނިއޭރީ 2016 ވަނަ އަހަރު ފަހުކޮޅު ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

"އަހަރެން އަބަދުވެސް ފުުރިހަމަ އިހުތިރާމެއް ކުރާނެ ކުޅުންތެރިއެއް ކާންޓޭ އަކީ"

ލެސްޓާ އިން ޕްރިމިއާ ލީގު ޗެމްޕިއަން ހޯދި ގޮތުގެ ވާހަަކަ ކިޔައިދޭން ލިޔެފައިވާ ފޮތެއްގައި ގާޑިއަންގެ ނޫސްވެރިޔާ ޑެނިއަލް ޓޭލާ ބުނެފައިވަނީ އެ ސީޒަނުގެ ބައެއް މެޗުތަކަށް ތައްޔާރުވާން ލެސްޓާގެ ޕްރެކްޓިހަށް ބައެއް ފަހަރު ދުވެފައި ކާންޓޭ ގޮސްފައިވާ ކަމަށާއި އޭނާ ބޭނުންކުރަނީ އަބަދުވެސް އެއް މޮޑެލްއެއްގެ އާދައިގެ ކާރެއް ކަމަށެވެ.

"ލެސްޓާ އިން ފަހުގެ ބްރޭންޑެއްގެ ކާރެއް ދޭން ނިންމި ނަމަވެސް ކާންޓޭ އެދުނީ އޭނާ އަބަދު ވެސް ބޭނުންކުރަމުން އައި ކާރުގައި އުޅެން،" ޓޭލާ ބުންޏެވެ.

ޗެލްސީ އަށް ބަދަލުވުމަށް ފަހު ވެސް ކާންޓޭ ބޭނުންކުރީ އެ ކާރެވެ. އަދި 2018 ވަނަ އަހަރު ލީގު ކަޕްގައި އާސެނަލާއި ޗެލްސީ ކުޅުނު މެޗަށް ކާންޓޭ އެ ކާރުގައި ދަނިކޮށް ކުޑަ އެކްސިޑެންޓެއްވި އެވެ. ކާންޓޭ އެ މެޗުގަައި އާސެނަލާ ދެކޮޅަށް 90 މިނިޓް ކުޅުނެވެ. އާސެނަލް މެޗުގެ ކުރިން ކަންޓޭ އެކްސިޑެންޓްވި ކަން އެނގުނީ މެޗު ކުޅުނުތާ ދެ ދުވަސް ފަހުން ޓްރެއިނިން އަށް ދިޔައިރު ކާންޓޭގެ ކާރުގެ ލޯގަނޑު ޓޭޕުން ތަތްކޮށްފައިހުރިއިރު، ފުރޮޅުގެ ވީލް އާރްކް ނެތުމުން ކުޅުންތެރިން ސުވާލު ކުރުމުންނެވެ.

ކަންޓޭ އޭނަގެ ކާރުގައި.

"ކާންޓޭ ދޮގެއް ނުހަދާނެ. ކާންޓޭ ބޭނުންވީ (އާސެނަލް) މެޗު ކުޅެން. އެހެންވެ އެކްސިޑެންޓްވި ވާހަކަ (މެޗުގެ ކުރިން) ނުބުނީ. ކަންޓޭ ބޭނުންނަމަ އޮޅުވާލުމުގެ ފުރުސަތު އޮތް. އެކަމަކު އޭނަ އެއީ އެކަން ކުރާނެ މީހެއް ނޫން،" ކާންޓޭގެ ކާރު ހާދިސާއާ ބެހޭގޮތުން ހަޒާޑް ބުނެފައިވެ އެވެ.

ފަހުން ކާންޓޭ ގެންގުޅޭ ކަހަލަ ކާރެއް ހާޒާޑް ވެސް ވަނީ ގަނެފަ އެވެ.

ލަންޑަނުގައި ހުންނަ މިސްކިތަށް ނަމާދަށް ދިއުމަށް ފަހު ދިމާވާ މީހުންނާ އެކު ފޮޓޯ ނެގުމަށް ފަހު ކާންޓޭ އެ މީހުންނާ އެކު ވާހަކަ ވެސް ދައްކަ އެވެ. އެ ގޮތުން 2018 ވަަނަ އަހަރު އާސެނަލްގެ ސަޕޯޓަރެއް މިސްކިތް ކައިރިން ކާންޓޭއާ ބައްދަލުކޮށް ފޮޓޯއެއް ނެގުމަށް ފަހު އެ ހަފްތާގައި އާސެނަލާއި ޗެލްސީ މެޗު އޮތް ވާހަކަ ބުނެފައި ޗެލްސީ ދެކެ ރުޅި އަންނަ ކަމަށް ބުނުމުން ކާންޓޭގެ ހަމައެކަނި ޖަވާބަކީ "ސޮރީ" އެވެ.

ކާންޓޭ ވަނީ މިސްކިތުން ދިމާވާ ބައެއް ރައްޓެހިންގެ ގެޔަށް ގޮސް އެ މީހުންނާ އެކު ފީފާ ގޭމް ކުޅުމުގެ އިތުރުން ވަގުތު ހޭދަކޮށް ދިރިއުޅުމުގެ ވާހަަކަތައް ދައްކައިފަ އެވެ. ގިނަ ފަހަރު އޭނާ އެ ގޮތަށް ކަންތައް ކޮށްފައި ހުރީ ވަކި ކްލަބެއްގެ ސަޕޯޓަރުން ކަމެއް ބެލުމެއް ނެތި އެވެ.

ކަންޓޭ (ކ.3) ރައްޓެހި ބައެއްގެ ދައުވަތަކަށް ގެޔެއްގައި.

އޭގެ އިތުރުން ކާންޓޭ ވަނީ ޗެލްސީީގެ ސަޕޯޓަރެއްގެ ދަރިފުޅުގެ ކައިވެނި ޕާޓީ އަށް ގޮސް އޭނަ އަށް ސަޕްރައިޒެއް ވެސް ދީފަ އެވެ. ހަަމައެކަނި ކައިވެނި ކުރާ މީހުންނާ އެކު ފޮޓޯއެއް ނަގަން އެ ޕާޓީ އަށް ދިޔަ ކާންޓޭ ވަނީ އޭނާއާ އެކު ފޮޓޯ ނަގަން އެދުނު އެންމެންނަށް އެކަން ކޮށްދީފަ އެވެ.

ފްރާންސް އިން 2018 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދުމަށް ފަހު ހުރިހާ ކުޅުންތެރިން ތަށްޓާ އެކު ފޮޓޯ ނަަގަމުންދިޔައިރު، ކާންޓޭ ދުރުުގައި ހުއްޓައި ސްޓީވެން އެންޒޮންޒީ ކާންޓޭ އަތަށް ވޯލްޑް ކަޕް ތަށި ދިނުމަށް ފަހު ބުނީ ފޮޓޯއެއް ނަގަން ތަށި ދޭން ބުނަން ކަންޓޭ ހުރީ ލަދުން ކަމަށެވެ.

ފަހުން ނޫސްވެރިއަކު އެ ސުވާލުކުރުމުން ކާންޓޭގެ ޖަވާބުގައި ބުނީ "އެ ތަށި ވަރަށް ބަރު. އެކަމަކު އެ ވަރަށް ވިދާ" މިހެނެވެ.

ޗެލްސީން ކާންޓޭ އަށް 2018 ވަނަ އަހަރު ފަސް އަހަރުގެ ކޮންޓްރެކްޓެއް ދިންއިރު، ވަނީ ބޮޑު މުސާރައެއް ހުށަހަަޅައިފަ އެވެ. އަދި މުސާރައިން ކާންޓޭ ދައްކަން ޖެހޭ ޓެކްސް ޗެލްސީގެ އޮފްޝޯ ކުންފުންޏެއްގެ ތެރެއިން ހަމަޖައްސައިދޭން ހުށަހެޅުމުން ކާންޓޭ އެ ގޮތަށް އެއްބަހެއް ނުވި އެވެ. ބަދަލުގައި ކާންޓޭ ބޭނުންވީ އޭނާ އަމިއްލަ އަށް ޓެކްސްގެ ހުރިހާ ކަމެއް ކުރާށެވެ.

ކާންޓޭގެ އެ ވާހަކައާ ބެހޭގޮތުން ފްރާންސްގެ މިޑްފީލްޑަރު ބްލައިސް މަޓުއިޑީ ބުނީ އެންމެ ފުރަތަމަ އެ ވާހަކަތަކަށް މާ ބޮޑު ސަމާލުކަމެއް ނުދޭ ކަމަށާއި އެކަމަކު ފަހުން ކާންޓޭގެ ކަމެއް ވުމުން އެކަން އޮޅުންފިލުވި ކަމަށެވެ.

"ކާންޓޭ އަކީ ފުރިހަމަ މީހެއް. ކާންޓޭ މަކަރެއް ނުހަދާނެ. ހަމައެކަނި މަކަރު ހަދާނީ ކާޑު (އުނޯ) ކުޅޭއިރު،" މަޓުއިޑީ ބުންޏެވެ.

ފްރާންސްގެ ޓްރެއިނިން ކޭމްޕްތަކާއި ހަފްލާތަކުގައި ގިނަ ކުޅުންތެރިން ސޯޝަލް މީޑިއާ އަށް ފޮޓޯތައް ދޫކޮށްލާއިރު، ކޮންމެ ކުޅުންތެރިއަކު ވެސް އެންމެ ފުރަތަމަ ބޭނުންވަނީ ކާންޓޭއާ އެކު ފޮޓޮއެއް ނަގާށެވެ. އެ ވާހަކަ މީޑިއާ އަށް ހިއްސާކުރީ މިޑްފީލްޑަރު ޕައުލް ޕޮގްބާ އެވެ.

"ކާންޓޭ އަކީ އަހަރެންގެ ބޭބެ. އޭނަ އަކީ އެންމެންގެ ވެސް ފޭވަރިޓް. ކޮންމެ މީހަކު ވެސް އެކުވެރިއަކަށް ކާންޓޭ ބޭނުންވާނެ،" ކާންޓޭއާ ބެހޭގޮތުން ޕޮގްބާ ބުންޏެވެ.

ކަންޓޭ މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ތަށި ހިފައިގެން.

ކާންޓޭ ހުރީ ތަފާތު ރޫހެއްގައި: ޑެޝޯމްޕްސް

ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނީ އުމުރުން 30 އަހަރުގެ ކާންޓޭ މި ވަގުތު ހުރީ ތަފާތު ރޫހެއްގައި ކަމަށާއި އޭނާ އަށް މެދުތެރޭގެ ކޮންމެ މަގާމަކަށް ވެސް ތަފާތު މޮޅަށް ކުޅެވުމަކީ ފްރާންސް ޓީމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

"ކާންޓޭ އެންމެނަށް އެހީވާނެ. މެދުތެރޭގައި ކޮންމެ މަގާމެއްގައި ވެސް އޭނާ އަށް ކުޅެވޭނެ ޗެލްސީގައި ވެސް އެކަން ފެންނާނެ. މި ވަގުތު ކާންޓޭ އެ ހުރީ ފޯމުގައި. އޭގެ ބޭނުންހިފަން އަހަރެން ބޭނުން. މުޅި ޓީމު ވެސް ބޭނުންވޭ ކާންޓޭ އެ މޮޅު ކުުޅުން މި ފަހަރުގެ ޔޫރޯގައި ވެސް ދައްކަން،" ޑެޝޯމްޕްސް ބުންޏެވެ.

ކާންޓޭ އަށް ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ލިބުމުގެ ފުރުސަތު ކުޑަ ކަމަށް ޑެޝޯމްޕްސް އެންމެ ފުރަަތަމަ ބުނީ އާންމު ގޮތެއްގައި އެއީ ގޯލު ޖަހާ އަދި ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދޭ ކުޅުންތެރިއަކަށް ދޭ އެވޯޑެއް ކަމަށްވާތީ އެެވެ. އެކަމަކު ޑެޝޯމްޕްސް ފަހުން ބުނީ ކންޓޭގެ ކުޅުމަށް ބަލާއިރު، އޭނާ އަށް ބެލޮންޑިއޯ ލިބެން ޖެހޭނެ ކަމަށާއި އެކަން ފްރާންސްގައިި ތިބި މަޝްހޫރު ކުޅުންތެރިން ވެސް ގަބޫލުކުރާ ކަމަށެވެ.

މި ފަހަރު ބެލޮންޑިއޯ ހައްގުވާ ކުޅުންތެރިއަކީ ކާންޓޭ ކަމަށް ދާދި ފަހުން ބުނި ފްރާންސްގެ ދެ ކުޅުންތެރިންނަކީ ޕޮގްބާގެ އިތުރުން ބެންޖަމިން ޕަވާޑް އެވެ. ޕަވާޑް ވަނީ ފްރާންސް ކުޅުންތެރިންގެ އެންމެ މޮޅު ކުޅުން ދައްކަން ކާންޓޭ ޓީމަށްޓަކައި އަދާކުރާ ދައުރު ފާހަގަކޮށްފަ އެވެ.

"ކާންޓޭގެ ކިބައިގައި ހަ މީހުން ބުންވަރު ހުރޭ. ކާންޓޭ އަކީ މުޅި ޓީމުގެ މީހެއް،" ކާންޓޭއާ ބެހޭގޮތުން ޕަވާޑް ބުންޏެވެ.

މި ފަހަރުގެ ޔޫރޯގެ އެއް ފޭވަރިޓުން ކަމަށްވާ ފްރާންސް އިން މުބާރާތް ކާމިޔާބު ކުރާނަމަ ކާންޓޭ އެ ޓީމުގައި މުހިއްމު ރޯލެއް ކުޅޭނެ ކަމަށް ފުޓްބޯޅަައިގެ ގިނަ ބަޔަކު އެއްބަސްވާނެ އެވެ.

ފްރާންސް މި ފަހަރުގެ ޔޫރޯގައި ކުޅޭ ފުރަތަމަ މެޗުގައި މިރޭ ރާއްޖެ ގަޑިން 00:00 ގައި ނުކުންނާނީ ޖަރުމަނާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

ރާއްޖޭގެ އީޝާ އާއި މާއިދު ގައުމީ ރެކޯޑު އާކޮށްފި

ޖަޕާނުގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ 10 މީޓަރު އެއާ ރައިފަލް އިވެންޓުން ރާއްޖޭގެ އައިޝަތު އީޝާ ޝަހީދު އާއި އަޙްމަދު މާއިދު މުޙައްމަދު އާ ގައުމީ ރެކޯޑުތަކެއް ގާއިމުކޮށްފި. އީޝާ ރެކޯޑު އާކުރީ 624.1 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މާއިދު ވަނީ 614.5 ޕޮއިންޓް ހޯދައިގެން ފިރިހެނުންގެ ގައުމީ ރެކޯޑު އާކޮށްފައި.

ކުރިމަތިވީ ރެފްރީން ޔުނައިޓެޑް ބަލިވިޔަނުދޭނެ ހާލަތެއް: އާބެލޯއާ

މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ބައްދަލުކުރި މެޗު އެއްވަރުވުމުން، ރެފްރީން ޔުނައިޓެޑް ބަލިވިޔަ ނުދޭން މަސައްކަތްކުރި ކަމަށް ބުނެ ފުލަމްގެ ކޯޗު އާބެލޯއާ ވަރަށް ބޮޑަށް ފާޑުކިޔައިފި. އޭނާ ހިތްހަމަނުޖެހުން ފާޅުކުރީ ޔުނައިޓެޑުން ލަނޑު ޖެހުމުގެ ކުރިން ހެރީ މެގުއާ އަށް ކުރި ފައުލެއް ރެފްރީ ދިނުމާ ގުޅިގެން.

ގައުމީ މުބާރާތުގެ ޓީމު އިވެންޓުގެ ދެ ތަށި ވެސް ރިވައިވަލް އަށް

50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ހުރިހާ އިވެންޓެއް ކާމިޔާބުކޮށް، ރިވައިވަލް ސްޕޯޓްސް ކްލަބުން ތާރީޚީ ކާމިޔާބީއެއް ހޯދައިފި. އެ ކްލަބުން ވަނީ ޓީމު އިވެންޓުގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ތަށި ހޯދުމުގެ އިތުރުން، އޯޕަން އިވެންޓްތަކުގެ ހުރިހާ ވަނަތަކެއްވެސް ކާމިޔާބުކޮށްފައި

މާސޭ ބަލިކޮށް ޕީއެސްޖީ އަށް ލީގުގައި ދެ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ މާސޭ އަތުން 2-1 އިން މޮޅުވެ، ޕީއެސްޖީން މި ސީޒަނުގެ ލީގުގައި ދެވަނަ މޮޅު ހޯދައިފި. ފެރާން ޓޮރޭސް އާއި މާކީނިއޯސްގެ ލަނޑުތަކުން ޕީއެސްޖީ މޮޅުވިއިރު، މި ނަތީޖާއާއެކު އެ ޓީމު މިހާރު އޮތީ ތާވަލުގެ ހަވަނައިގައި

ރަތް ކާޑު ދައްކަންޖެހޭ ކަމަށް ބުނެ މޮރީނިއޯ ފޮޓޯ ދައްކައިފި

އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކަންޖެހޭކަން ސާބިތުކޮށްދިނުމަށް، ރެއާލް މެޑްރިޑްގެ ކޯޗު މޮރީނިއޯ ފައުލްތަކުގެ ފޮޓޯ ޕްރިންޓްކޮށްގެން ނޫސްވެރިންނަށް ދައްކާލައިފި. ރެފްރީގެ ނިންމުންތަކަށް ފާޑުކިޔަމުން މޮރީނިއޯ ބުނީ މިއީ ރެފްރީންގެ ގޯސް ނިންމުމެއް ކަމަށް.

ކީޕަރު އަޝްވާން އާއި އަރީން ގައުމީ ޓީމުގެ ފައިނަލް ސްކޮޑަށް

ފީފާ ބްރޭކުގައި ޗައިނާ، ކިރްގިސްތާން އަދި ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ކީޕަރު އަޝްވާން އާއި އަރީން ހިމަނައިގެން ގައުމީ ފުޓްބޯޅަ ޓީމު ޗައިނާ އަށް ވަނީ ގޮސްފައި. މުހިންމު ބައެއް ކުޅުންތެރިންނަށް އެކި ސަބަބުތަކާ ހުރެ ނުދެވުނު ނަމަވެސް، ކޯޗު އުރްބާނީ ބޭނުންވަނީ މި ފުރުސަތުގައި އާ ކުޅުންތެރިންގެ ފެންވަރު ބަލާލުމަށް

Newsletter

Get the latest news delivered straight to your inbox