މިދިޔަ މާޗް މަހު ޖަރުމަނުގެ ކޯޗު ޔަކީމް ލޯ މި ފަހަރުގެ ޔޫރޯ އަށް ފަހު އެ ޓީމުގެ ކޯޗުކަން ދޫކޮށްލާނެކަން އިއުލާނުކުރީ ދުރާލާ ޓީމު އެކަމަށް ތައްޔާރުވާން އަދި ދެން ހަވާލުވާ ކޯޗަކަށް މި ފަހަރުގެ ޔޫރޯ އިން ޓީމު ދަސްކުރަން ފަސޭހަކޮށްދިނުމުގެ ގޮތުންނެވެ. އަދި މުސްތުބަލާ މެދު ގޮތެއް ނުނިމި އަނެއްކާ ވެސް ބޮޑު މުބާރާތަކަށް ނުކުންނަން ބޭނުންނުވާތީ 15 އަަހަރަށް ފަހު ލޯ މަގާމު ދޫކޮށްލަން ނިންމީ އެވެ.
"ޔޫރޯގައި ސަޕޯޓަރުން އުފާވާނެ ވަރުގެ ކާމިޔާބެއް ހޯދަން އަހަންނަށް ކުރެވުނުހާ މަސައްކަތެއް ކުރާނަން،" މިދިޔަ މާޗް މަހު ޖަރުމަނު ދޫކޮށްލަން ނިންމުމަށް ފަހު ފުރަތަމަ ފަހަރަށް މީޑިއާ އަށް ދިން އިންޓަވިއުގައި ލޯ ބުންޏެވެ.
ލޯ ހުރީ ގައުމީ ޓީމަށް ތިން މުބާރާތް ކާމިޔާބު ކޮށްދިނުމަށް ފަހު ޓީމު ދޫކޮށްލަން އަމާޒު ހިފައިގެންނެވެ. އޭނާ ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2017 ވަނަ އަހަރުގެ ކޮންފެޑެރޭޝަން ޖަރުމަނަށް ކާމިޔާބުކޮށްދީފަ އެވެ.

ޖަރުމަނުގެ ކޯޗު ލޯ ވޯލްޑް ކަޕް ޓްރޮފީ ހިފައިގެން.
ޔޫރޯގައި ލޯގެ ރެކޯޑަށް ބަލާއިރު 2008 ވަނަ އަހަރުގެ ފައިނަލުން ސްޕެއިން އަތުންވީ ބައްޔެވެ. އޭގެ ފަހުން 2012 ވަނަ އަހަރުގެ ޔޫރޯގެ ސެމީ ފައިނަލުގައި އިޓަލީ އަތުން ބަލިވިއިރު، 2016 ވަނަ އަހަރުގެ ޔޫރޯގެ ސެމީން ޕޯޗުގަލް އަތުން ކެޓީ އެވެ.
"އެ ހުރިހާ ފަހަރަކު ވެސް ވަރަށް ނަސީބު ދެރަކޮށް އަހަރެމެންނަށް ދިމާވީ. ވަރަށް ކުޑަ ފަރަގަކުން އަހަރެމެން އަތުން މެޗު ގެއްލިފައި ހުރީ،" އެ މެޗުތަކަށް އިޝާރާތްކޮށް ލޯ ބުންޏެވެ.
މި ފަހަރުގެ ޔޫރޯގައި ޖަރުމަނު ހިމެނެނީ މަރުގެ ގްރޫޕްގަ އެވެ. އެއީ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް އާއި މީގެ ކުރިން ދެ ފަހަރެއްގެ މަތިން ތަށި އުފުލާލި ފްރާންސްގެ އިތުރުން ޔޫރަޕް ފުޓްބޯޅައިގެ ކުރީގެ ވަރުގަދަ ބާރު ހަންގޭރީ އެވެ.
ލޯ ބުނީ ވިސްނާނީ މެޗަކަށް ފަހު މެޗެއް ނެގުމަށް ކަމަށާއި އެ ގޮތުން އެންމެ ފުރަތަމަ ތައްޔާރުވާނީ ފްރާންސް އަތުން މޮޅުވާން ކަމަށެވެ. އަދި އެއީ އުނދަގޫ ކަމެއް ވިޔަސް ޖަރުމަނަށް ނުކުރެވޭނެ ވަރުގެ ކަމެއް ނޫން ކަމަށް ލޯ ބުންޏެވެ.
"ފްރާންސަކީ އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަން. މި ވަގުތު އެންމެ ފޯމުގައި އޮތް އެއް ޓީމަކީ ފްރާންސް. އެ ހުރިހާ ކަމެއް ސިކުނޑީގައި ބަހައްޓައިގެން މި މެޗަށް ނުކުންނާނީ. އަހަރެމެންނަށް ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފުން މީގެ އޮތީ،" ލޯ ބުންޏެވެ.
ޖަރުމަނު ޓީމުގައި ރަނގަޅު ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ލޯ ޓީމު ދޫކޮށްލަން ނިންމުމަކީ އަމިއްލަ ނިންމުމެކެވެ. އެއީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓުމާއި ނޭޝަންސް ލީގުގެ ފުރަތަމަ މުބާރާތުގައި ޖަރުމަނުން ނެރުނު ދަށް ނަތީޖާތަކުގެ ސަބަބުންނެވެ.
ލޯގެ ކޮންޓްރެކްޓް އަންނަ އަހަރުގެ ނިޔަލަށް ހަމަވާގޮތަށް އޮތް ނަމަވެސް އޭނާ އޭގެ ކުރިން ޓީމު ދޫކޮށްލީ ޓީމުގެ ކުރިމަގަށް ވިސްނާފައި މިއީ ބަދަލެއް އަންނަން ޖެހޭ ވަގުތު ކަަމަށް ގަބޫލުކުރެވޭތީ އެވެ.
"އަހަންނަށް މިހާރު ހަމަނިދި އެބަލިބޭ. އެއީ މި ކުޅުންތެރިން ކާމިޔާބު ހޯދަން ފެންބޮވައިފެންފައި ހުރި މިންވަރު ފެންނާތީ. އެއީ މި މުބާރާތަށް ނުކުންނައިރު އޮތް ބޮޑު ޕޮޒިޓިވް އެއް،" މި ވަަގުތު އޮތް ޖަރުމަނުގެ ސްކޮޑުގެ ރޫހާ ބެހޭގޮތުން ލޯ ބުންޏެވެ.
ލޯ އަށް ފަހު ދެން ޖަރުމަނު ޓީމާ ހަވާލުވާނީ ލޯގެ އެސިސްޓަންޓަކަށް ކުރިން މަސައްކަތްކުރި އަދި ބަޔާން މިއުނިކްގެ ކުރީގެ ކޯޗު ހަންސީ ފްލިކް އެވެ. މި ފަހަރުގެ ޔޫރޯގައި ވެސް ފްލިކް ވަނީ ލޯ ބޭނުންވެއްޖެނަމަ އެހީތެރިވެދޭނެ ކަމަށް ބުނެފަ އެވެ.
ބައިނަލްއަގުވާމީ ބޮޑު މުބާރާތްތަކުގައި މިހާތަނަށް ފްރާންސާއި ޖަރުމަނު ވަނީ ހަ ފަހަރު ބައްދަލުކޮށްފަ އެވެ. ޖަރުމަނާއި ފްރާންސް ކޮންމެ ޓީމެއް ދެ މެޗުން މޮޅުވިއިރު، އަނެއް ދެ މެޗު ނިމުނީ އެއްވަރު ވެގެންނެވެ. މިރޭގެ މެޗަކީ ބޮޑު މުބާރާތެއްގެ ގްރޫޕް ސްޓޭޖުގައި މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުމެވެ.
ޖަރުމަނުގެ އަލިއާންޒް އެރީނާގައި 14،500 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅޭ މިރޭގެ މެޗަށް ނުކުންނައިރު، ޖަރުމަނަށް ފްރާންސް އަތުން އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް މޮޅެއް ނުލިބެ އެވެ. ޖަރުމަނުގައި މި ދެ ޓީމު އެންމެ ފަހުން ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މިރޭގެ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 12 ޖަހާއިރު އެވެ.












