ރިޔާސަތާއި ނިޒާމީ މައްސަލަތަކުން ނަފްރަތުގެ ބިލުގެ ބަހުސަށް ހުރަސް!

އޮންލައިންކޮށް ކުރިއަށް ގެންދާ ޖަލްސާއެއްގެ ރިޔާސަތު ހަސަން އަފީފް ބަލަހައްޓަވަނީ. -ފޮޓޯ: މަޖިލިސް

އޮންލައިންކޮށް ކުރިއަށް ގެންދާ ޖަލްސާއެއްގެ ރިޔާސަތު ހަސަން އަފީފް ބަލަހައްޓަވަނީ. -ފޮޓޯ: މަޖިލިސް

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ފަދަ ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން އުޅޭ އިސްލާހުގެ ބަހުސަށް, ސަރުކާރު ހިންގާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނިޒާމީ މައްސަލަތައް ނަގައިގެން ހުރަސްއަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި އިސްލާހުގައި ވަނީ ގާނޫނުލްއުގޫބާތަށް ނަފްރަތުގެ އަމަލު ހިންގުމުގެ ކުށުގެ މާއްދާއެއް އިތުރުކުރަން ހުށަހަޅާފަ އެވެ.

ހިޔާލުތަފާތުވުން އިންތިހާއަށް ބޮޑުވެފައިވާ އެ ބިލުގެ އިބްތިދާއީ ބަހުސް މިއަދުގެ ޖަލްސާ ފެށުމާއެކު އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ވަނީ އެ ބިލަށް ތާއީދުކުރައްވާކަން ހާމަކުރައްވައިފަ އެވެ.

ބިލެތްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހަލީމް ވިދާޅުވީ އާއްމުކޮށް ރާއްޖޭގައި ކަން ހިނގާ އުސޫލުން، ބިލު ރަނގަޅަށް ނުކިޔައި، ސިޔާސީ މަގުސަދަށްޓަކައި ފިތުނަ އުފައްދަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން، ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީގެ އިތުރުން ޖުމްހޫރީ ޕާޓީން މި ބިލާ ދެކޮޅަށް، ރައްޔިތުންނަށް އޮޅޭ ގޮތަށް ބަޔާންތައް ނެރެފައިވާކަން އޭނާ ވިދާޅުވި އެވެ.

"ކޯލިޝަނުގެ ޕާޓުނަރުން މިފަދަ ކަންކަން ކުރެއްވީމަ ވަރަށް ބޮޑަށް ފިތުނަ އެބައުފެދޭ. އެހެންވީމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަޅުގަނޑު ގޮވާލަން މިއަދުން މިއަދަށް ކޯލިޝަން ސަރުކާރުން ވަކިވެވަޑައިގަންނަވަން،" އަހުމަދު ހަލީމް ވިދާޅުވި އެވެ.

އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވީ ދީނާ ހިލާފު މީހެއް ކަމަށް މަގުމަތިން ހުކުމްކޮށް، މަގުމަތިން ތަންފީޒު ކުރުމަކީ ފުރުސަތު ދެވިގެންވާނެ ކަމެއް ނޫން ކަމަށެވެ.

ނަމަވެސް، ސިޔާސީ ބޭނުމަށްޓަކައި ސިޔާސީ ވާދަވެރިން ދައްކާ ވާހަކަތަކުގައި ޖެހި، ބައެއް ކައުންސިލުތަކުން ވެސް ޖެހިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"މި ބިލުގެ ބޭނުމަކީ ވަކި ބަޔަކު ހިތްހަމަނުޖެހޭ މީހަކާ ދިމާއަށް ކާފަރެކޭ ބުނެ އެމީހާ މަރަން މަގުމަތިން ހުކުމް ކުރުން ހުއްޓުވުން،" ޝިފާއު ވިދާޅުވި އެވެ.

އަދި ރާއްޖޭގައި ތިއްބެވި ދީނީ އިލްމުވެރިން ވެސް ބިލުގައި އޮތް އެއްޗެއްގެ މާނައޮޅޭ ގޮތަށް ވާހަކަ ދެއްކުމަކީ ނުރައްކާތެރި ކަމެއްގެ ގޮތުގައި ސިފަކުރައްވަމުން އެކަމާ އޭނާ ކަންބޮޑުވުންފާޅު ކުރެއްވި އެވެ.

ނިޒާމީ މައްސަލަތަކުން އިދިކޮޅަށް ހުރަސް، ރިޔާސަތުން ބަހުސްގެ ތެރެއަށް

މަޑުއްވަރީ ދާއިރާގެ މެމްބަރު އިދިކޮޅު މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ނަފުރަތު އުފެއްދުމަކީ މިހާރު ވެސް ހެދިފައި ހުރި ގާނޫނުތަކުން މަނާކޮށްފައިވާ އަދި ދީނާ ހިލާފު ކަމެއް ކަމަށެވެ.

އެހެންކަމުން މި ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ ދީނަށް ފުރައްސާރަކޮށް ހަޖޫޖަހައި މީހުންނަކީ ދީނާ ދެކޮޅު މީހުންކަމަށް ބުނުން ހުއްޓުވަން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

އެއާއެކު އެމްޑީޕީގެ މެމްބަރުން ވަނީ ތަކުރާރުކޮށް ނިޒާމީ މައްސަލަތައް ނަގައިގެން ޝަރީފްގެ ވާހަކަތަކަށް ހުރަސްއަޅައިފަ އެވެ.

އަދި މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވެސް ވަނީ ބަހުސްގެ ތެރެއަށް ވަދެވަޑައިގެންފަ އެވެ.

ހަސަން އަފީފް ވިދާޅުވީ މި ބިލުގައި އިސްލާމް ދީނާ ހިލާފު އެއްވެސް ވާހަކައެއް ނޯންނާނެ ކަމަށާއި، ސިޔާސީ ބޭނުމަށްޓަކައި މި ބިލުގެ މާނައޮޅޭ ގޮތަށް މެމްބަރުން ވާހަކަ ދައްކަވާނަމަ ހުއްޓުވާނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ.

އެކަމަށް ރައްދު ދެއްވައި އާދަމް ޝަރީފް ވިދާޅުވީ ބަހުސްގައި ބިލަކާމެދު ވާހަކަ ދައްކާނެ ރޫހު ރިޔާސަތެއް ކަނޑަނޭޅޭ ކަމަށެވެ.

ވާހަކަ ކުރިއަށް ގެންދަވަމުން އާދަމް ޝަރީފް އިތުރަށް ވިދާޅުވީ މި ބިލުގެ ސަބަބުން އިސްލާމް ދީނުގެ ދިފާއުގައި ވާހަކަ ދައްކާ މީހަކު ޖަލަށް ދާންޖެހިދާނެ ކަމަށާއި، މައިގަނޑު ކަންބޮޑުވުމަކީ އެއީ ކަމަށެވެ.

"މީގެ ސަބަބުން އިސްލާމީ ތަރުބިއްޔަތު ދިނުމަށް ވެސް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވޭ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

މި ބިލަކީ ބޭރުގެ ނުފޫޒާއެކު "ސެކިއުލާ" ވިސްނުން ރާއްޖެއަށް ގެންނަން ކުރާ މަސައްކަތެއް ކަމަށް ތުހުމަތު ކުރައްވަމުން، މި ބިލު ފާސްކުރިޔަސް، އެ ބިލު ތަސްދީގު ނުކުރެއްވުމަށް އޭނާ ރައީސް ސޯލިހަށް ގޮވާލެއްވި އެވެ.

އާދަމް ޝަރީފްގެ ފަހުން އިދިކޮޅުން ވާހަކަ ދެއްކެވި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާގެ އިތުރުން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދަށް ވެސް ނިޒާމީ މައްސަލަތައް ނަގައިގެން އެމްޑީޕީގެ މެމްބަރުން ވަނީ ވަރަށް ބޮޑަށް ހުރަސްއަޅައިފަ އެވެ.

އަދި ނިޒާމީ މައްސަލަތަކުގެ ދެމެދުން، ހަސަން އަފީފް ވެސް ވަނީ އެކި ފަހަރު މަތިން އެ ބިލުގެ ދިފާއުގައި ވާހަކަ ދައްކަވައިފަ އެވެ.

ރިޔާސަތުން އަމަލުކުރި ގޮތާ ދެކޮޅަށް ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު ވިދާޅުވީ ނިޒާމީ މައްސަލަތަކަށް ރިޔާސަތުން ފުރުސަތު ދީގެން އެހެން މެމްބަރުންގެ ވާހަކަތަކަށް ހުރަސްއެޅުމަކީ މަޖިލީހުގެ ގަވައިދާ ހިލާފު ކަމެއް ކަމަށެވެ.

އަދި ރިޔާސަތުގައި އިންނަވާ ބޭފުޅަކަށް ވެސް ބަހުސްގައި ބައިވެރިވެ، މެމްބަރުންގެ ވާހަކަތައް ރައްދު ދިނުމަކީ މަޖިލީހުގެ ގަވައިދުގެ ތެރެއިން ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ ރައްދުގައި ހަސަން އަފީފް ވިދާޅުވީ ރިޔާސަތަށް ނިސްބަތްކޮށް މެމްބަރުން ވާހަކަ ދެއްކެވުމުން އެކަމާމެދު އެއްޗެއް ވިދާޅުވެވޭނެ ކަމަށެވެ.

މިހާތަނަށް ބަހުސްގައި ވާހަކަ ދެއްކެވި އެމްޑީޕީގެ މެމްބަރުންގެ ތެރެއިން އެ ބިލާ ފާޅުގައި ދެކޮޅު ހެއްދެވީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ބިލުގެ ސަބަބުން ރާއްޖޭގައި އިސްލާމް ދީން ފަތުރަން ވެސް ހުރަސްއެޅޭ ކަމަށެވެ. އެހެންކަމުން މި ބިލު އަނބުރާ ގެންދަން ސަނީފް ވަނީ ސަރުކާރަށް ގޮވާލައްވައިފަ އެވެ.

ސަނީފް ދެއްކެވި ވާހަކައިގެ ތެރެއިން ވެސް އެމްޑީޕީ މެމްބަރުން ވަނީ ނިޒާމީ މައްސަލަތައް ނެންގެވެމުން އޭނާ ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ބިލުން ގެންނަނީ ކޮން ބަދަލެއް

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލުގައި އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް ނޫނީ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި، މީހެއްގެ އިސްލާމީ އަގީދާއާ ގުޅުވައި އެ މީހަކާމެދު ނަފްރަތު އުފެއްދުމުގެ އިތުރުން، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި އެކަމުގައި ބައިވެރިވުމަކީ ކުށެއްގެ ގޮތުގައި އެ އިސްލާހުގައި ވަނީ ކަނޑައަޅައިފަ އެވެ.

އެއީ ޖުނަހުގެ އެއް ވަނަ ދަރަޖައިގެ ކުށެއް ކަމަށް އެ އިސްލާހުގައި ބުނެފައިވާއިރު، ގާނޫނުލްއުގޫބާތުގެ ދަށުން އެ ދަރަޖައިގެ ކުށަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ އެއް އަހަރުގެ ދުވަހުގެ ޖަލު ހުކުމެވެ.

އަދި އެފަދަ އަމަލެއް ހިންގުމާއެކު މީހަކާ ދެކޮޅަށް އަނިޔާވެރިވާން ގޮވާލުމާއި، ހިތްވަރު ދިނުމުގެ އިތުރުން ބައިވެރިވުމަކީ ވެސް ކުށެކެވެ.

މީގެ އިތުރުން، މީހެއްގެ ސިޔާސީ ފިކުރަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި ބައިވެރިވުމާއި އެފަދަ ކަމެއް ރޭވުން ވެސް ވަނީ ކުށަކަށް ހަދަން ހުށަހަޅާފަ އެވެ.

އެ ކުށުގެ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޖިނާޔަތުގެ ހަތަރެއް އަދި ފަސް ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގަ އެވެ. އޭގެ މާނައަކީ އެފަދަ ކުށެއް ސާބިތުވާ މީހަކަށް ދެ އަހަރާއި ހަތަރު އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މީގެ އިތުރުން، މީހެއްގެ ނަސްލަށާއި، އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި، ބައިވެރިވުމާއި ރޭވުމަކީ ވެސް ކުށެއް ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.

އެފަދަ އަމަލެއް ހިންގައިގެން މީހެއްގެ ފުރާނަ ގެއްލިއްޖެނަމަ، އެ މީހަކަށް މަރުގެ އަދަބު ނޫނީ އުމުރަށް ޖަލަށް ލުމުގެ އަދަބު އެ އިސްލާހުގައި ވަނީ ކަނޑައަޅައިފަ އެވެ.

އަދި، އޭގެ ތެރެއިން ކުށެއް ކުރީ މީހަކު ރަހީނުކޮށްގެން، ޖިންސީ އަނިޔާ ދީގެން ނޫނީ މަރާލާނެ ކަމުގެ އިންޒާރު ދީގެން ނަމަ، އަދަބެއްގެ ގޮތުގައި 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ނަފްރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހަދަން ހުށަހަޅާފައިވަނީ، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ޓެރަރިސްޓު ހަމަލާ ދިނުމަކީ އެމަނިކުފާނާ މެދު ނަފްރަތު އުފައްދަން ކުރާ މަސައްކަތުގެ ނަތީޖާ ކަމަށް މަޖިލީހުގައި އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން ވިދާޅުވަމުންދާ ދަނޑިވަޅެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox