ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސަކަށް ހައި ކޯޓުގެ ފަނޑިޔާރު، އަލްއުސްތާޒު އަބްދުއްރައޫފް އިބްރާހިމް މިއަދު ހޮވިވަޑައިގެންފި އެވެ.
ހިންގާ ކޮމިޓީއަށް އެގާރަ މެމްބަރުން އިންތިހާބުކުރަން ޖެހޭ ޖަމިއްޔާގެ ރައީސަކަށް ކުރިމަތިލެއްވީ ރައޫފް އެކަންޏެވެ. އެކަމަކު އެހެން މަގާމްތަކަށް ގިނަ ބޭފުޅުންތަކެއް ވާދަކުރެއްވި އެވެ.
އޮންލައިންކޮށް ބޭއްވި އިންތިހާބުގައި ނައިބު ރައީސާއި ހަތަރު މެމްބަރަކު ވެސް އިންތިހާބު ކުރި އެވެ.
ފަނޑިޔާރުންގެ ޖަމިއްޔާގެ ހިންގާ ކޮމިޓީ
ހައި ކޯޓު ފަނޑިޔާރު، އަލްއުސްތާޒު އަބްދުއްރައޫފް (ރައީސް)
ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް، އަލްއުސްތާޒު އަހްމަދު އާމިރު (ނައިބު ރައީސް)

ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް، އަލްއުސްތާޒު އަހްމަދު ސައީދު
ތ. ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޒު އަބްދުﷲ ހުސެއިން
ލ. މާވަށު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް، އަލްއުސްތާޒު އިސްމާއިލް މާހިރު
ށ. މިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް، އަލްއުސްތާޒު ހަސަން ޝިޔާމް
ސިވިލް ކޯޓުގެ ގާޒީ، ޒުބައިރު މުހައްމަދު (ސެކްރެޓަރީ ޖެނެރަލް)
އއ. އުކުޅަހު މެޖިސްޓްރޭޓް ކޯޓު އިސް މެޖިސްޓްރޭޓް، އަހްމަދު މުއާވިޔަތު ގާސިމް (އިންތިޒާމް ސެކްރެޓަރީ)
ސިވިލް ކޯޓު ގާޒީ، އާއިޝަތު އަޒްފާ އަބްދުލްޣަފޫރު (ޚަޒާންދާރު)
ރ. ކިނޮޅަހު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް، އިބްރާހިމް ޒާހިރު (ޚަޒާންދާރުގެ އެހީތެރިޔާ)
ކްރިމިނަލް ކޯޓު ގާޒީ، އާދަމް މުހައްމަދު (ތަރުޖަމާން)

ފަނޑިޔާރުންގެ ޖަމިއްޔާގެ އިންތިހާބު މިއަދު ކުރިއަށް ގެންދަނީ: ހިންގާ ކޮމިޓީގައި 11 މެމްބަރުން ތިއްބަވާ.
ޖަމިއްޔާގެ މިހާރުގެ ރައީސްއަކީ ހައިކޯޓުގެ ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އެވެ. ނައިބު ރައީސްއަކީ އަލީ ޝަރީފެވެ. މިހާރުގެ ހިންގާ ކޮމިޓީގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސެއިނާއި ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ވެސް ހިމެނިވަޑައިގެންނެވި އެވެ.
މި ޖަމިއްޔާގެ މަގްސަދަކީ އަދުލު އިންސާފު ގާއިމްކުރުމާއި ޝަރީއަތްކުރުމުގައި ދިމާވާ ދަތިތައް ފާހަގަކޮށް އެކަން ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމެވެ. ފަނޑިޔާރުންގެ ހޭލުންތެރިކަން އިތުރުކުރުމަށާއި ފަނޑިޔާރުންނަކީ އެ މީހުންގެ މަސައްކަތަށް ގާބިލް ބައެއްގެ ގޮތުގައި ދެމިތިބުމަށްޓަކައި އެކިއެކި ޕްރޮގްރާމްތައް ރާވައި ހިންގުމާއި ޝަރުއީ ދާއިރާއާ މެދުގައި އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމާއި އިތުބާރު ދެމެހެއްޓުމަށް މަސައްކަތް ކުރުން ވެސް ހިމެނެ އެވެ.
ފަނޑިޔާރުންގެ ހިމާޔަތާއި މިނިވަންކަމާއި ރައްކާތެރިކަމަށް މަސައްކަތް ކުރުމަކީ ވެސް ޖަމިއްޔާ އިން ކުރަން ޖެހޭ ކަމެކެވެ. މީގެ އިތުރުން ފަނޑިޔާރުންގެ މެދުގައި އެއްބައިވަންތަކަން އުފައްދައި އެކުވެރިކަމާއި އެއްބާރުލުން އިތުރުކޮށް އާލާކުރަން މަސައްކަތް ކުރުން ވެސް ހިމެނެ އެވެ.
މި ޖަމިއްޔާގެ އާއްމު މެމްބަރަކަށް ވެވޭނީ ރާއްޖޭގެ ޝަރުއީ ކޯޓުތަކުގައި ނިޔާ ކަނޑައެޅުމުގެ ވަޒީފާ އަދާކުރައްވާ ފަނޑިޔާރަކަށެވެ.












