ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށްފަހު ވެރި ރަށް މާލޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެން ފެށުމުން އެކަމާ އެންމެ ހާސްވެ، ކަންބޮޑުވި އެކަކަކީ ތ. ވިލުފުށި، ދެކުނުގޭ، ފާތިމަތު އަފްސާ ފައިސަލް، 7، ގެ މަންމަ އަމީމާ އަލީ އެވެ.
އަފްސާއަކީ އުމުރުން 12 މަހުން ފެށިގެން ކިޑްނީގެ ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ ކުއްޖެކެވެ. ކޮންމެ ދެ މަހަކުން އެއް މަހަކު މުހިންމު ފަރުވާއެއް ހޯދަން ކޮންމެހެން ވެސް މާލެ އަންނަންޖެހެ އެވެ. މިދިޔަ މެއި، މަހު އަފްސާ މާލެ އައީ ފަރުވާ ނުހޯދާ ދެ މަސް މަޑުކުރުމަށްފަހު އިތުރު ގޮތެއް ނެތިގެންނެވެ.
"ވަރަށް ބޮޑަށް ދުޅަވެފަ ހުރީ ރަށުން އައި އިރުވެސް، މޫނާ، ބަނޑާ، ފަޔާ ތަންތަންވެސް،" އަފްސާގެ ހާލަތު ކިޔައިދެމުން އޭނާގެ މަންމަ ބުންޏެވެ.
އަމީމާގެ ރިހެއި ފައި މައްޗަށް ފޮތް ވެއްޓުނީ މާލެ އައިތަނުން އަފްސާއަށް ކޮވިޑް ޖެހުމުންނެވެ. އަމީމާގެ އާއިލާ މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ދަރިފުޅު އޭނާއާ ބައްދަލުވެފައިވާތީ ޓެސްޓު ކުރިއިރު އަފްސާއަށް ވެސް ހުރީ ކޮވިޑު ޖެހިފަ އެވެ.


އައިޖީއެމްއެޗް: ވެންޓިލޭޓަރުގައި ފަރުވާދިން 7 އަހަރު ކުއްޖާގެ ވާހަކަ-- ފޮޓޯ: އަދަދު
އަފްސާ ކޮވިޑަށް ޕޮޒިޓިވްވުމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުން ގުޅައި، އާއިލާ އެންމެންގެ ހާލު ބެލި އެވެ. އަދި އަފްސާއަކީ ހައިރިސްކު ކުއްޖަކަށް ވާތީ އެޗްޕީއޭ އިން ކޮންމެ ދުވަހަކު ވެސް ހާލު ބަލަން ގުޅި ކަމަށް އަމީމާ ބުންޏެވެ.
އޭނާ ބުނިގޮތުގައި ބައްޔަށް ޕޮޒިޓިވްވުމަށްފަހު ވެސް އަފްސާގެ ހާލު އާދައިގެ ގޮތަކަށް ރަނގަޅެވެ.
"ދެން އެހެން ހުރެފަ ހުން އައީ. ދެން ވަރަށް ކެއްސަން ފެށީ. އާންމުކޮށް މި [ކިޑްނީ] ބަލީގަ އުޅޭ އިރުވެސް ވަރަށް ކެއްސާނެ. ރޯގާއެއް ޖެހި ކެއްސިޔަސް ވަރަށް ބޮޑުވަރު ވާނެ. ކެއްސަން ފެށިމަ ދެން މާ ބޮޑަށް ދުޅަވީ،" އަމީމާ ބުންޏެވެ.
އެ ހިސާބުން އާއިލާގެ ފަރާތުން މަސައްކަތް ކުރީ ވީ އެންމެ އަވަހަކަށް އަފްސާ ޑޮކްޓަރަށް ދެއްކޭތޯ އެވެ. ޝީ ބިލްޑިންގަށް ގޮސް އަފްސާ ޑޮކްޓަރަށް ދެއްކޭނެ ގޮތް އެޗްޕީއޭގެ ފަރާތުން ހަމަޖެއްސި އެވެ. އެތަށް ދިޔުމުން ބުނީ އަފްސާގެ އިތުރު ޓެސްޓުތަކެއް ހަދަންޖެހޭ ކަމަށެވެ. އަދި އެކަން ކުރަން އަފްސާ އައިޖީއެމްއެޗަށް ބަދަލު ކުރި އެވެ.
އެރޭ ނުވައެއް ޖަހަނިކޮށް ގެންދިޔައީ އައިޖީއެމްއެޗަށް. [ހޮސްޕިޓަލަށް ގޮސް] އޮކްސިޖަން ޗެކްކޮށް ހެދިއިރު އެނގުނީ ވަރަށް ބޮޑަށް ދަށްވެފައިކަން ހުރީ،" އެ ބިރުވެރި ވަގުތު ކަން ހިނގައިދިޔަ ގޮތް އަމީމާ ކިޔައިދިނެވެ.
އަފްސާ އެނދުމަތިކޮށްގެން ފަރުވާ ދިނުމަށް އައިޖީއެމްޗުގެ ޑޮކްޓަރުން އެރޭ ނިންމި އެވެ. އެކަމަކު ކުޑަކުދިންގެ ވޯޑުގައި ބާއްވައިގެން ފަރުވާ ދެމުން އައި އަފްސާގެ ހަލު ދިޔައީ މަޑުމަޑުން ދެރަވަމުންނެވެ. އެގޮތަށް ގޮސް މެއި، 27 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އަފްސާއަށް ނޭވާލާން ވަރަށް އުނދަގޫވެ، ހަށިގަނޑުގެ އޮކްސިޖަން ލެވެލް ދަށްވެ، މެޝިނުން ނޭވާ ލެއްވުމަށްޓަކައި ވެންޓިލޭޓަރު ގުޅި އެވެ.
ވެންޓިލޭޓަރު ގުޅުމަށްފަހު އަފްސާގެ ހާލު ރަނގަޅުވާންފެށީ ދެ ދުވަސް ފަހުންނެވެ.

އައިޖީއެމްއެޗްގެ ދަރުމަވަނަތަ ހޮސްޕިޓަލް: ވެންޓިލޭޓަރުގައި ފަރުވާދިން 7 އަހަރު ކުއްޖާގެ ވާހަކަ-- ފޮޓޯ: ހުސެން ވަހީދު / އަދަދު
ކޮވިޑު ޖެހުމުން އަފްސާއަށް އެހީތެރިވެދޭނެ ހަމައެކަނި މީހަކަށް ހުރީ އަމީމާ އެވެ. ދެން ހޮސްޕިޓަލުގެ ހިތްހެޔޮ ނަރުހުންނާއި ދަރުމަވެރިންނެވެ.
"އެކަނިމާއެކަނި ހުރީ، އެއްޗެއް އަހާލާކަށްވެސް މީހަކު ނެތް، އެކަމަކު ހުރިހާ ޑޮކްޓަރުންވެސް ވަރަށް ހިތްވަރުދިން. އެއްޗެއް އަހާލަން ބޭނުމިއްޔާ ކޮންމެ މީހެއް ކައިރީވެސް ގުޅާފަ އަހާލާށޭ. ވާހަކަ ދައްކާލަން ބޭނުމިއްޔާ ވާހަކަ ދައްކާލަންވެސް ގުޅާލާށޭ ބުނި،" އަމީމާ ބުންޏެވެ.
އަފްސާއަކީ އަމީމާގެ ދެމަފިރިންގެ ހުރި އެންމެ ހަގު ކުއްޖާ އެވެ. ފުރާނަ ސަލާމަތް ކުރަން ކޮންމެ މަންމައަކާއި ބައްޕައެއް ވެސް އެތައް ގުރުބާނީއެއް ވާނެކަން ޔަގީނެވެ. ދޮށީ ދަރިފުޅު ރަށުގައި ބެހެއްޓުމަށް ފަހު އަފްސާގެ ބައްޕަ މާލެ އައީ 28 ވަނަ ދުވަހު އަފްސާ ވެންޓިލޭޓަރަށްލާން ޖެހުމުންނެވެ. ކުއްޖާ ގާތުގައި މަންމަ އެކަނި ހުރުމުންނެވެ.
ވެންޓިލޭޓަރު ގުޅުމަށް ފަހު އަމިއްލަ ބާރުގައި އަފްސާއަށް ނޭވާލާން ފެށުނީ 11 ދުވަސް ފަހުންނެވެ. ވޯޑަށް ބަދަލުކޮށް މިހާރު އަފްސާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އޭނާ މަންމަ ބުންޏެވެ. އިތުރު ބައްޔަކަށް ބޭސްކުރަމުންދާ ކުއްޖަކަށް ވާތީ 11 ދުވަހު ވެންޓިލޭޓަރުގައި އޮތުމުން ރަނގަޅުވާން ދުވަސް ނަގާނެ ކަމަށް ޑޮކްޓަރުން ވެސް އޮތީ ބުނެފަ އެވެ.

ދަރުމަވަންތަ: ވެންޓިލޭޓަރުގައި ފަރުވާދިން 7 އަހަރު ކުއްޖާގެ ވާހަކަ-- ފޮޓޯ: އަދަދު
އަފްސާ އެޑްމިޓް ކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ރާއްޖޭގެ ސިއްހީ ދާއިރާ ހުރިހާ ތަންތަނަކުން ވެދިން އެހީތެރި ކަމަށް އެ ދެމަފިރިން ޝުކުރު އަދާކުރި އެވެ. އަދި ޑޮކްޓަރުންނާއި ނަރުހުންނާއި ދަރުމަވެރިންގެ ފަރާތުން ލިބުނު ހިތްވަރު އޭނާ އަބަދު ވެސް ހަނދާނުގައި ހުންނާނެ އެވެ.












