ލަންޑަން (ޖޫން 13) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ކްރޮއޭޝިއާ އަތުން 1-0 އިން އިންްްގްލެންޑުން ހަނި މޮޅެއް ހޯދައިފި އެވެ.
މިއީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުން އިންގްލެންޑް މޮޅުވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެ ޓީމު ކުޅުނު ނުވަ މެޗުގެ ތެރެއިން ފަސް މެޗުން އެއްވަރުވިއިރު، ހަތަރު މެޗުން ވަނީ ބަލިވެފަ އެވެ.
ކްރޮއޭޝިއާ އަތުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީ ފައިނަލުން ބަލިވި ފަހުން އެ ޓީމާ ދެކޮޅަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން އިންގްލެންޑް ވަނީ މޮޅުވެފަ އެެވެ. އެއީ ޔުއެފާ ނޭޝަންސް ލީގުގައި ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗާއި މިރޭގެ މެޗެވެ. ނޭޝަންސް ލީގުގައި ވެސް މޮޅުވީ އިންގްލެންޑްގެ ދަނޑުގައި ކުޅުނު މެޗުންނެވެ.
އިންގްލެންޑުން މި މެޗަށް ނުކުތްއިރު ނެރުނު ފުރަތަމަ އެގާރަ އަށް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓުނީ އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑަށް މޮޅު ކުޅުމެއް ދެއްކި ދެ ވާތު ބެކުން ކަމަށްވާ ބެން ޗިލްވެލް އާއި ލޫކް ޝޯ އަށް ފުރުސަތު ނެތުމުންނެވެ. އެ ދެ ކުޅުންތެރިންގެ ބަދަލުގައި ޖާގަ ދިނީ އެތުލެޓިކޯ މެޑްރިޑަށް ކުޅޭ ކިއެރަން ޓްރިޕިއޭ އަށެވެ. ޓްރިޕިއޭ އަކީ އާންމު ގޮތެއްގައި ކަނާތު ބެކަށް ކުޅޭ ކުޅުންތެރިއެއް ނަމަވެސް ވާތު ބެކަށް ވެސް ކުޅެ އެވެ.
ވެމްބްލީ ސްޓެޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން އިންގްލެންޑުން ރަނގަޅަށް ކުޅެ ގޯލެއް ޖެހުމާ ގާތަށް ޖެހިލި އެވެ. މެޗުގެ ފަސް ވަނަ މިނިޓްގައި އިނގިރޭސި ޓީމުގެ އުމުރުން 21 އަހަރުގެ ފިލް ފޯޑެން އޭރިއާތެެރެއިން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އޭގެ ފަހުން އޭރިއާބޭރުން އިންގްލެންޑްގެ ރޮނގުކައިރިން ކަލްވިން ފިލިޕްސް ޖެހި ޝޮޓް ކްރޮއޭޝިއާގެ ކީޕަރު ޑޮމިނިކް ލިވަކޮވިޗް ވަނީ މަތަކޮށްފަ އެވެ.

ކްރޮއޭޝިއާގެ ކޮވަސިޗް (ކ) ކައިރިން އިނގިރޭސި ފޯވާޑް ފޯޑެން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ
ފުރަތަމަ 15 ވަނަ މިނިޓަށް ފަހު ކްރޮއޭޝިއާ އިން މެޗުގެ ތެރެއަށް ވަދެ ރަނގަޅަށް ކުޅެން ފެށި އެވެ. ކްރޮއޭޝިއާގެ ކެޕްޓަން ލޫކަ މޮޑްރިޗާއި ދެން މެދުތެރެއަށް ކުޅުނު މާސެލޯ ބްރޮޒޮވިޗްގެ އިތުރުން މަޓެއޯ ކޮވަސިޗަށް ރަނގަޅަށް ކުޅެން ލިބޭ ޖާގަތަކުގައި ކުރިއަށް ބޯޅަ ކުޅުނު ނަމަވެސް ފޯވާޑުން ކަމަށްވާ އަންދްރޭ ކްރަމަރިޗާއި އަންޓޭ ރެބިޗަށް ރަނގަޅަށް ބޭނުމެއް ނުހިފުނެވެ. މި ހާފުގައި ކްރޮއޭޝިއާގެ ވިންގް އިވާން ޕެރިސިޗް އޭރިއާ ތެރެއިން ލިބުނު ބޯޅައެއް ފޮނުވާލި ނަމަވެސް ދިޔައީ ހުރަސްދަނޑިމަތިންނެވެ.
ގޯލާ ސީދާކޮށް ކްރޮއޭޝިއާގެ ފުރަތަމަ ހަމަލާ ފޮނުވާލީ މެޗުގެ 54 ވަނަ މިނިޓްގަ އެެވެ. މޮޑްރިޗް އޭރިއާބޭރުން ޖެހި ބޯޅަ އިންގްލެންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ އަތަށް ނަަގައިފަ އެވެ. އޭގެ ތިން މިނިޓް ފަހުން އިންގްލެންޑުން ވަނީ ލީޑުނަގައިފަ އެވެ. މެޗުގައި މޮޅު ކުުޅުމެއް ދެއްކި ފިިލިޕްސް ހުސްކޮށްލާފައި ދިން ބޯޅަ ސްޓާލިން ވަނީ ކީޕަރު ލިވަކޮވިޗް އަތުގައި ޖައްސާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
ނަތީޖާ ހަމަހަމަކޮށްދޭން މެޗުގެ 65 ވަނަ މިނިޓްގައި އޭރިއާތެރެއިން ރެބިޗް ފޮނުވާލަން އުޅުނު ބޯޅަ ރަނގަޅަށް ފަޔަށް އަރާގޮތްނުވިއިރު، އެ ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.
އިންގްލެންޑަށް ލީޑުފުޅާކޮށްދޭން މެޗުގެ 74 ވަނަ މިނިޓްގައި ސްޓާލިން އަށް ރަނގަޅު ފުރުސަތެއް ލިބުނެެވެ. އޭރިއާ ތެރެއިން ކޮންޓްރޯލް ކުރުމަށް ފަހު ސްޓާލިން ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
ބަދަލުތަކެއް ގެނެސްގެން ކްރޮއޭޝިއާ އިން ނަތީޖާ ހަމަހަމަ ކުރެވޭތޯ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކާމިޔާބެއްނުވި އެވެ.
މި މެޗުގެ ދެ ވަނަ ހާފުގެ ފަހު ކޮޅުގައި އިންގްލެންޑުން ވަނީ އުމުރުން 17 އަހަރުގެ މިޑްފީލްޑަރު ޖޫޑް ބެލިންހަމް ކުޅެން އަރުވައިފަ އެވެ. މިއާ އެކު އޭނާ ވެފައިވަނީ ޔޫރޯގެ ތާރީހުގައި މެޗެއްގައި ކުޅެން އެރި އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ. އަދި އޭނާ އަކީ ވޯލްޑް ކަޕާއި ޔޫރޯ އެއްގައި އިންގްލެންޑަށް ކުޅެން އެރި އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. ބެލިންހަމްގެ އުމުރަކީ 17 އަހަރާއި 349 ދުވަހެވެ.












